ޞާދިރު ޢަލީދީދީ   2 ޖުލައި 2020 - 14:25
ސަރާ
ސަރާ
އެޕިސޯޑް 13

...............

ބޭސްފަރުވާއަށް ރައްޒާޤު އިންޑިޔާއަށް ގެންދެވުނީ އެރެއެވެ. އިންޑިޔާއަށް ފުރުމުގެ ކުރިން އޭނާ ޢަޒުމް ކަނޑައެޅިއެވެ. ފަރުވާއަށްފަހު ފުރިހަމަ މީހެއްގެ ގޮތުގައި މާލެއައިސް މަލަކާއާ ބައްދަލުކުރުމަށެވެ.

މިހާރު އޭނާ ގަބޫލު ކުރެއެވެ. މަލަކާއަކީ ބޮޑު ޚިޔާނާތްތެރިއެކެވެ. މަލަކާ އެއުޅެނީ ޢިމްރާނަށްވެސް އޮޅުވާލައިގެންނެވެ. އޭނާ އެނބުރި އައިސް އެހުރިހާ ކަމެއް ފަޅާއަރުވާލާނެއެވެ. މިހާރު އޭނާގެ ހިތުގައިވަނީ ބަދަލު ހިފުމުގެ ރޫޙު އަށަގެންފައެވެ.

އެދުވަހު މަންމަ ފަހީމާ ޢިމްރާންގެ ބޮލަށް މާބޮޑަށް ސަވާރުވުމުގެ ސަބަބުން ޢިމްރާނާއި ސަރާގެ ގުޅުމުން ވަރަށް ބޮޑަށް ހީނަރުވިއެވެ. ފަހީމާ ޢިމްރާންގެ ކުރިމަތީގައި މާބޮޑަށް ދެރަވެ ރުއިމުގެ ސަބަބުން އެރުޅިވެސް ޢިމްރާން ބޭލީ ސަރާއަށެވެ. އެކަމާ ވަރަށް ގިނައިރު ވަންދެން ސަރާ ރުޔެވެ. އޭނާ ދައްކާ އެފަދަ ވާހަކައެއް މިހާރު ދެން ޢިމްރާން ގަބޫލު ނުކުރާނޭކަންވެސް ސަރާއަށް އެނގެއެވެ.

އެދުވަހުގެ ފަހުން މަންމަ ފަހީމާގެވެސް ބާރާއެކު ޢިމްރާން ގިނަވަގުތު ހޭދަކުރަންފެށީ މަލަކާއާ އެކުގައެވެ. އުފަންވާން އުޅޭ ދަރިފުޅުގެ ޙައްޤުގައޭ ބުނަމުންނެވެ. އެކަން މާގިނަ ދުވަސްތަކެއްނުވެ ޢިމްރާންގެ ރަޙްމަތްތެރިޔާ ނިޔާޒަށް ފާހަގަކުރެވި، އޭނާ އެކަމާ ބެހޭގޮތުން ސީދާ ސަރާޔާ ސުވާލު ކުރިއެވެ.

[ދޮގު ނަހަދާތި....ބުނެބަލަ...މިހާރު ޢިމްރާން ސަރާ ވަރަށް ދުރުކޮށްލައިފިދޯ؟] ނިޔާޒް ސަރާއާ ވާހަކަ ދެއްކީ ގޭގައި އިތުރު މީހަކު ނެތި ސަރާ އެކަނި ހުއްޓައެވެ.

[ނޫން..ނޫން..އިމޫ ވަރަށް ރަނގަޅު....] ހިތާމަތައް ފޮރުވަން މަސައްކަތް ކުރަމުން ސަރާ ދޮގު ހެދިއެވެ.

[ނޫން...ސަރާ ތިހަދަނީ ދޮގު...ޢިމްރާން ކުރިންހެން މިހާރު ސަރާއަކަށް އަޅައެއްނުލާ...ދޮގުނަހަދާ ބުނެބަލަ....ޢިމްރާން ރަނގަޅުތަ؟] ނިޔާޒް ބޭނުންވީ ސަރާއަށް ލުޔެއް ހޯދައިދޭށެވެ.

[ދޮގެއް ނޫން...އިމޫ ވަރަށް ރަނގަޅު...އަހަރެންގެ ހިތަށް ކިތަންމެ ދަތިވިޔަސް އޭނާ މަލަކާއަށް އަޅާލުން އެއީ އޭނާގެ ވާޖިބެއް. އެކަމާ އަހަރެން ހިތާމަ ކުރުމަކީ އަހަރެންގެ ނުކުޅެދުންތެރި ނަފްސަށް ދެވޭ އަނިޔާއެއް. ހުރިހާވެސް މައްސަލައަކީ އަހަރެން..އަހަންނަށް މާބޮޑަށް ލޯބިވެވުނުކަން...] ސަރާ އޭނާގެ ދެލޮލުން ފޭދުނު ކަރުނަތައް އަތުގެ ނުފުށުން ފޮހެލައިފިއެވެ.

[ޢިމްރާންވެސް ސަރާދެކެ ނިކަން ލޯބިވެއެއްނު. ހީވާގޮތުން އޭނަ މަލަކާއަށްވުރެން މާބޮޑަށް ސަރާދެކެ ލޯބިވޭ....] ޢިމްރާންގެ ރައްޓެއްސަކަށްވާތީއާއި ސަރާއަކީ އެރަށު ކުއްޖަކަށްވާތީ، ނިޔާޒް ބޭނުންވަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކައިގެން ސަރާގެ ހިތްހަމަޖައްސައިދޭށެވެ.

[ލޯތްބެއްނުވޭ..ޔަޤީން..ޢިމްރާނަކަށް އަހަރެންގެ ހިތުގައި ޢިމްރާނަށްޓަކައި އަށަގެންފައިމިވާފަދަ ލޯތްބެއްވާކަށް ނުވެސް އެނގޭނެ. ޢިމްރާން އަހަރެންދެކެ ލޯބިވާނަމަ، އަހަންނަށް މިހިތްދަތިކަމެއް ނުލިބުނީސް.] އިޚްތިޔާރުން ބޭރުގައި ސަރާގެ ހިތުގެ އުދާސްތައް ބޭރުވެއްޖެއެވެ. އޭރު ޢިމްރާން އައިސް ދޮރުމަތީގައި ހުއްޓެވެ. ސަރާގެ އެޖުމްލަތަކުގެ އަޑު އިވުނީމާ އޭނާ ވަރަށް ހިތްހަމަނުޖެހުނެވެ. ސީދާ އޭނަގެ ކުރިމަތީގައި ކުރަންޖެހޭ ޝަކުވާތައް އެހެން މީހެއްގެ ކުރިމަތީގައި ކުރުމަކީ އޭނާ ވަރަށް ނުރުހޭ ސިފައެކެވެ. ދޮރުމަތީގައި ހުރި ޢިމްރާން ސަރާއަށް ފެނުނީވެސް ކުއްލިއަކަށެވެ. ސަރާއަށް ވަގުތުން އިސް ޖަހާލެވިއްޖެއެވެ. އެވަގުތު ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް ޢިމްރާން އެކަން ނިޔާޒަށް ދައްކާކަށް ބޭނުމެއް ނުވެއެވެ.

[ނިޔާޒް...ކޮންއިރަކު އައީ؟] އެތެރެއަށް ވަދެ ނިޔާޒް އިން ސޯފާގައި އިށީންނަމުން ޢިމްރާން ވާހަކަ ދެއްކިއެވެ.

[އިރުކޮޅެއްވެއްޖެ...މިއީ ދެން ޢިމްރާންވެސް އަންނަ ގަޑިއަށްވީމާ ގުޅާނުލީ...] ނިޔާޒްބުންޏެވެ.

[އޮފީހަށް ނުދަންތަ؟] އިމްރާން އެއްސެވެ.

[އުނހު...ހުރިހާ ރިސޯޓަކަށްވެސް ސަޕްލައި ހަމަޖައްސާފައި މިއައީ. މިހާރު އަހަރެމެންގެ ހުރިހާ ރިސޯޓެއްވެސް އޯވަރބުކްވެފައި އެއޮތީ. މިދަނޑިވަޅުގައި އާ ރިސޯޓް ހުޅުވޭގޮތްވިނަމަ ވަރަށް ކާމިޔާބުވީސް.] އެވަގުތު އޮފީހުން ނިޔާޒަށް ގުޅިއެވެ. އޮފީހުން އެންގީ ބައެއް ކަންތައްތައް އަދި ހަމަނުޖެހޭ ކަމަށާއި، ނިޔާޒް އޮފީހަށް އައުމަށެވެ.

[ދާންޖެހުނީއޭ...އޮފީހުން އެގުޅީ. ދަނީއޭ.] ނިޔާޒް ދާން ހިނގައިގަތެވެ. ނިޔާޒް ދިޔުމާއެކު ޢިމްރާން ގޮސް ވަނީ ކޮޓަރިއަށެވެ. ޢިމްރާންގެ ފަހަތުން ސަރާވެސް ކޮޓަރިއަށް ވަނެވެ.

[އަހަރެންގެ ލޯތްބާ ދޭތެރޭ ސަރާއަށް އިތުބާރު ނެތަސް، އެހެން މީހުން ގާތު އެވާހަކަ ދައްކާނޭ ކަމަކަށް ކުރިން އަހަރެން ހިއެއް ނުކުރަން...] އޭރު ސަރާ ހުރީ ވަރަށް މާޔޫސްވެފައި ޢިމްރާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އިސާހިތު ސަރާގެ ލޮލުން ކަރުނަ ފާޅުވާން ފަށައިފިއެވެ.

[އަޅެ...އެހެން ކަންފަތަކަށް އަހަރެންގެ ހިތްދަތި އަޑު ނީއްވާ ކިހިނެއްތެ ކުޑަވެސް ހިތްހަމަޖެހުމެއް މިހިތަށް ލިބޭނީ...އަހަރެން ނިޔާޒްގާތު ދެއްކިހާވެސް ވާހަކައަކީ ޢިމްރާން އަހަރެންދެކެ ލޯބިވާނަމަ އަހަރެން މިކުރާ ހިތާމަތައް ކުރަން ނުޖެހުނީހޭ. އެހެން ބުނުން ކުށަކަށްވާނަމަ، އިމޫގެ މަޢާފް އަހަރެން ބޭނުން.] ސަރާއަށް ރޮވިއްޖެއެވެ.

[ސަރާ ތިހެން ބުނީތީ އަހަރެން ވަރަށް ދެރަވެއްޖެ...ހިތަށްއަރާ ކީއްވެބާވައޭ އަހަރެން ސަރާދެކެ ލޯބިވާ މިންވަރު ސަރާއަށް އިޙްސާސް ނުކުރެވެނީ.] ޢިމްރާން އެނދުގައި އިށީނެވެ. އޭރު ސަރާއަށް ރޮވެނީއެވެ.

[ސޮރީ....އަހަރެން މާބޮޑަށް ހިތުގައި ޖެހިފައި ހުރީމަ ނިޔާޒް ސުވާލުތައް ކުރަން ފެށީމަ އެހެން ބުނެވުނީ. އިމޫގެ ލޯތްބާ ދޭތެރޭ އަހަރެން ޝައްކެއް ނުކުރަން.] ސަރާ ޢިމްރާންގެ ގާތުގައި އިށީނދެ ޢިމްރާންގެ ކޮނޑުގައި ބޯއަޅާލިއެވެ. ޢިމްރާން ސަރާގެ ބޮލުގައި ފިރުމާލިއެވެ. ވަރަށް ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ.

[ސަރާ މަންމައާ ގުޅިގެން ރަނގަޅަށް އުޅެވޭތޯ މަސައްކަތް ކުރާތި....އެޢުމުރުގައި އަހަރެމެންވެސް މަސައްކަތް ކުރަން ޖެހޭނީ މަންމަގެ ރުހުންވެސް ލިބޭނޭގޮތް ބަލައިގެންތާ...ޑޮކްޓަރ ޝަހީދު ރޭގައވެސް ބުނީ މަންމަ ވަރަށް ބައްޔޭ....މަންމައާ ދޭތެރޭ ވިސްނާށޭ.....] ޢިމްރާން ސަރާ އޭނާގެ މެޔާލާ ބޮނޑިކޮށްލަމުން ވާހަކަ ދެއްކިއެވެ. މައިދައިތައާ ގުޅިގެން ނޫޅެވޭނެކަން އެނގިހުރެމެވެސް ސަރާ އެކަމަށް އެއްބަސްވީ ފިރިމީހާއަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.

އެވަގުތެވެ. ފަހީމާއާއި މަލަކާ ބާޒާރަށް ދާން ނިކުތީ މަލަކާ ވިހަންވާއިރަށް ބޭނުންވާނޭ ސާމާނު ގަތުމަށްޓަކައި ބޭބީ ތަކެތި ވިއްކާ ފިހާރައަށް ދިޔުމަށެވެ. އެމީހުނާއެކު އެގޭގައި ގެންގުޅޭ މީހާ ރުމާލީއާއި މަލަކާގެ އެކުވެރިޔާ މީޝާވެސް ގެންދިޔައެވެ.

[މަންމާ އަހަންނަށް ފެންނަނީ މިއަދު އިހަށް ހުރިހާ ފިހާރަތަކަށް ވަދެ ބަލައިލަން. ގަންނަން ވަކި ދަތުރެއް ރާވާނީ...އެގޮތް ކިހިނެއްވާނެ.] ކާރު މަޖީދީމަގުގައި ހުރި ބޭބީ ސާމާނު ވިއްކާ ފާހަރައެއްގެ ދޮރުމައްޗަށް މަޑުކޮށްލުމާއެކު މަލަކާ ބުންޏެވެ.

[ހިތްހަމަޖެހޭ އެއްޗެއް ދިމާވެއްޖިއްޔާ އެންމެ ބުއްދިވެރި ގޮތަކީ ގަނެގެންދިޔުން. ކޮންމެ ކޮންމެ ދުވަހަކު ބާޒާރަށް ނުކުތުމަކީވެސް މާފަސޭހަ ކަމެއްވެސް ނޫނެއްނު.] ފަހީމާ ބުންޏެވެ. ވުމާއެކު އެއްބަސްވެވުނީ ބޭނުންވާނޭ ގިނަ ސާމާނު ގަނެގެންދާށެވެ. މަލަކާ ވިހާ ދުވަސްވެސް ކައިރިވެފައިވުމާއެކުގައެވެ.

ފަހީމާއާއި މަލަކާ ކާރުން ފައިބައިގެން ފިހާރައަށް ވަންނަން ހިނގައިގަތީ ޑްރައިވަރު ގާތު ކާރު ޕާކްކޮށްފައި އައުމަށް އިޝާރާތް ކޮށްފައެވެ.

ޒަމާންތަކަކަށްފަހު ފަހީމާގެ ރައްޓެއްސެއް ކަމުގައިވާ ބަޝީރާއާ ދިމާވީ އެފިހާރަ ތެރެއިންނެވެ. ފުރަތަމަ އައިސް ވާހަކަ ދެއްކީ ބަޝީރާއެވެ.

[ފަހީމާ...] ފަހަތުން އައިސް ފަހީމާގެ އަތުގައި ހިފާލަމުން ބަޝީރާ ވާހަކަ ދެއްކިއެވެ.

]އަނހަ....ބަޝީރާ...މިއޮއްހާ ދުވަހު ކޮންތާކު އުޅުނީ.....ދިމާނުވާތާ ތިންއަހަރުވީ؟] ދުވަސްވީ ރަޙްމަތްތެރިޔާއާ ދިމާވުމުން ފަހީމާ ވަރަށް އުފާވިއެވެ.

[ފިރިމީހާއަށް ދިވެހިބޭސް ކުރަން ފިރިމީހާގެ ރަށުގައި މަޑުކޮށްލީ....މިހާރު އެރަށުގައި ދިރިއުޅެން މާފަސޭހަވެސްމެ...މާލެއާ ޚިލާފަށް އުޅެން ނުލާހިކު ފަސޭހަ.] ބަަޝީރާ ކިޔާދިނެވެ.

[ނަޖީބަކީ މާލޭ މީހެއް ނޫންތަ؟] ކުރިން ފަހީމާ ހީކުރީ ބަޝީރާގެ ދެމަފިރިންނަކީ މާލޭ ބައެއް ކަމަށެވެ.

[އާނ...ނަޖީބަކީ ހއ. އިހަވަންދޫ މީހެއް. މިހާރު ކުދިންކޮޅުވެސް ރަށު ސްކޫލަށް ވައްދައިގެން އެރަށުގައި އުޅެނީ. އެކަމަކު އަހަރެމެން ދެމަފިރިން އަބަދުހެން މިއުޅެނީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި. ހައްތާވެސް ނަޖީބްގެ ގައިގެ ރިއްސުމަށް ލުޔެއް ލިބޭތޯ. ބޭސްކުރަން އިންޑިޔާގައި ފަސްމަސް ވަންދެން އުޅެލާފައި އައިތާވެސް އަދި ނުވާނެ ދެމަސްދުވަސް. ފަހީމާގެ ޢާއިލާ މިހާރު ކިހިނެއް...މިއީ ކޮން ކުއްޖެއްތަ؟] ބަޝީރާ ބަލައިލީ މަލަކާއަށެވެ.

[މިއީ އަހަރެންގެ ދަރިފުޅު ޢިމްރާންގެ އަނބިމީހާ....އިހަވަންދޫއޭ ބުނީމާ ހަނދާންވީ..ތިރަށުގައި އުޅޭ ސަރާ ކިޔާ ކުއްޖަކު ދަންނަންތަ؟] ބަޝީރާ ދިރިއުޅެނީ ސަރާގެ ރަށުގައިކަން އެނގުމުން ސަރާގެ ފުރިހަމަ މަޢްލޫމާތު ހޯދުމަށް ފަހީމާ ބޭނުންވިއެވެ.

[އާނ...އެއީ ކުރިން ވަރަށް ނިކަމެތި ކުއްޖެއް..އޭނަގެ މަންމަ ނަޖްމާ ވަރަށް ނިކަމެތި ޙާލުގައި އޭނާ ބަލައި ބޮޑުކުރީ...އަހަރެން އިންޑިޔާއިން އައިއިރު އޭނާ މާލޭ ކޮންމެވެސް މުއްސަނދި ކުއްޖަކާ އިނދެގެން މާލެ އަތުވެއްޖެ. އެމަންޖެ މިހާރު އުޅެނީ މިރަށުގައި. ކުރިން ހުރި ފަން ޖިފުޓިގަނޑު މިހާރުވަނީ ތިންބުރި ޢިމާރާތަކަށް ބަދަލުކޮށްފައި. ފަހީމާ އެމަންޖެގެ ވާހަކަ ތިއަހަނީޔޯ؟] ބަޝީރާ އޭނާއަށް އެނގިހުރިގޮތަށް ސަރާގެ މަޢްލޫމާތު ދިނުމަށްފަހު އެއްސެވެ.

[ސަރާގެ ބައްޕަ ކޮބާތަ؟] ބަޝީރާއަށް ޖަވާބު ދިނުމެއްނެތި އަނެއްކާވެސް ފަހީމާ އެއްސެވެ.

[ސަރާގެ ބައްޕައޭ!؟] އެއީ ކާކުކަން އެނގޭނީ ނަޖްމާއަށް. ނަޖުމާ އެއްވެސް މީހެއްގެ ގާތު އޭނާގެ ދަރިފުޅުގެ ބައްޕައަކީ ކާކުކަމެއް ނުބުނޭ....ޚުދު ސަރާއަކަށްވެސް ނޭނގޭނެ އެއީ ކާކު ކަމެއް. ތިހުރިހާ މަޢްލޫމާތު ތިހޯދަނީ އަނެއްކާ ސަރާއާ ކޮން ގުޅުމެއް އޮވެގެންތަ؟] ބަޝީރާގެ ވާހަކަތަކުން ފަހީމާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާގެ ދަރިފުޅު އެނގިހުރެ އެފަދަ އަންހެނަކާ އިނދެފާނޭ ކަމަކަށް ފަހަރެއްގައިވެސް އޭނާ ހިތަކަށް ނާރައެވެ.

[މާނައަކީ ސަރާއަކީ ނަހަލާލު ދަރިއެކޭ؟] ޢިމްރާން އެއީ ކޮންކަހަލަ ކުއްޖެއް. އެނގިހުރެ އެފަދަ ކައިވެންޏެއް އޭނަ އެކުރީ. ބަޝީރާ މިވަގުތު އަހަރެން ގެއަށްދަނީ...މަލަކާ...އަތްދަބަހުން މަންމަގެ ކާޑު ބަޝީރާއަށްދީ...ބަޝީރާ ގުޅައްޗޭ....މިހާސްކަމުގައި އަހަރެން ބޭނުމީ ގެއަށްދާން....] ފަހީމާ ރުޅިއައިސް ތުރުތުރު އަޅަން ފަށައިފިއެވެ. އޭނާ އިތުރަށް އެންމެ ހިނދުކޮޅަކަށްވެސް އެތާނގައި ހުންނާކަށް ބޭނުމެއް ނޫނެވެ.

އޭނާ ބޭނުންވަނީ ސީދާ ސަރާގެ ކުރިމަތީގައި ޢިމްރާނާ ދިމާއަށް އެއްޗެހި ކިޔާށެވެ. ފަހަރެއްގައިވެސް އެފަދަ ނިކަމެތި ކުއްޖަކު އޭނާގެ ޤަދަރުވެރި ޢާއިލާގެ ތެރެއަށް އައުމަކީ އޭނާއަށް ހަޖަމް ކުރެވޭނޭ ކަމެއް ނޫނެވެ.

ފަހީމާމެނަށް އެނބުރި ގެއަށް އާދެވުނުއިރު ސިޓިންގރޫމްގައި ޢިމްރާން އޭނާ ކިޔަވަން އުޅުނުއިރު އެކުގައި އުޅުނު ކުއްޖެއް ކަމަށްވާ ފަރުހާދާ ވާހަކަ ދައްކަން އިނެވެ. ސަރާވީ އެވެރިންނަށް ކޮފީ ގިރަން ބަދިގެފަރާތުގައެވެ.

[ޢިމްރާން..ސާބަސް ޢިމްރާނަށް. ފަހަރެއްގައިވެސް މަންމަ ހިތަކަށްނާރާ ތިވަރުގެ ކަމަކަށް ދަރިފުޅު އޮޅުވާލާނޭ ކަމަށް...މިގޭ ހަތަރުފާރުން އެތެރޭގައި އެފަދަ މުޑުދާރު އަންހެނަކު ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ...އޭނަވެސް ވާނީ އޭނާގެ މަންމަހެން. މާގަދައަށް ރުޅި އައުމުގެ ސަބަބުން ފަހީމާގެ ދެފައި ބިމުގައި ހަރުލަނީވެސް ކިރިޔާއެވެ. އޭރު އެއަޑު އަހަން މާދުރު ނޫން ހިސާބެއްގައި ހުރި ސަރާގެ ހިތަށް ކުރި އަސަރުން އިސާހިތު ސަރާ ފަކީރުގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.

[މަންމާ...ސަރާގެ ކުށަކީ ކޮބާ؟] ސަރާގެ ދިފާޢުގައި ޢިމްރާން ތެދުވީ ސަރާ ކިތަންމެ ނިކަމެއްޗަސް އޭނާ ޙަޤީޤީ ލޯބިވާ މީހަކީ ސަރާ ކަމުގައިވާތީއެވެ.

[އޭނަގެ ކުށަކީ ފެންވަރު އޮޅުނުކަން.] ފަހީމާ ރޮއިގަތެވެ.

[ޢިމްރާން ތީ އަމިއްލަ ނަފްސަށް ކުޑަކޮށްވެސް އިޙްތިރާމް ކުރާ މީހެއްނަމަ އެފަދަ ކައިވެންޏެއް ނުކުރީސް.] ފަހީމާ ރޮމުން ނިކަން ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

އެހިނދު ޚުދު ސަރާގެ ހިތަށްވެސް އަރަމުން ދަނީއެވެ. އޭނާގެ ކުށަކީ ކޮބައިބާއެވެ. ގައިމެވެ. ޢިމްރާނާ އިނީ އޭނަ އަމިއްލައަށް މަތިންބައިން ޖެހިގެނެއް ނޫނެވެ. އޭނާގެ ގާތު އާދޭސްކޮށް އޭނާގެ ލޯބި ހޯދައި އޭނާއާ ކައިވެނިކުރީ ޢިމްރާނެވެ. ފަހަރެއްގައިވެސް މިފަދަ ބޮޑު ހިތްދަތިކަމެއް ބަރުދާސްތު ކުރަން ޖެހިދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ.

ރުމާލީ ކޮފީ ތަބައް ހިފައިގެން އައިސް ދިއްކޮށްލަމުން ސަރާ ރޯންހުރި ވާހަކަ ޢިމްރާން ގާތު ބުނީމަ ޢިމްރާން އެތަނުގައި ހުރި ރަޙްމަތްތެރިޔާގެ އިޒުނަ ހޯދައިގެން ބަދިގެފަރާތަށް ދިޔައެވެ.

އޭރު ސަރާ ރޮއިރޮއި ހަލާކުވަނީއެވެ.

[ނުރޮއި މަންމައަށް އަދި ވިސްނޭނެ. ހިނގާ ކޮޓަރިއަށް.] ޢިމްރާން ސަރާގެ ދެކޮނޑުގައި ހިފާ ނެގިއެވެ.

[މިހިތްދަތިކަމުގައި މާގިނަ ދުވަހު އުޅޭންވެއްޖިއްޔާ އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެ.] ސަރާ ކުރިއަށްވުރެންވެސް ބާރަށް ރޮއިގަނެވުމާއެކު ޢިމްރާންގެ މޭގައި ބޯއަޅާލިއެވެ.

[މަންމަ..އެވަރަށް ނުރުހޭއިރު...ކިހިނެއްތަ އަހަރެން މިގޭގަ އުޅޭނީ...އެކަމަކު މިދިރިއުޅުން ނާކާމިޔާބުވެގެން އެނބުރި އަހަރެން ރަށަށް ދިޔުމަކީ އަހަރެންގެ....މަންމަޔަށް ވަރަށް ހިތްދަތި އަސަރުތަކެއް ކުރާނެ ކަމެއް. މިގެއަށް ފުރަތަމަ އައި ދުވަހުން ފެށިގެން މިހިތްދަތިކަން އަހަރެން މިއަންނަނީ ބަރުދާސްތު ކުރަމުން......] ސަރާގެ އަނގަ ބެދިއްޖެއެވެ. ޢިމްރާން ސަރާ އަތުލަފިކޮށްގެން ގޮސް ކޮޓަރިއަށް ވަނެވެ. ސަރާއަށް އެތައް ހިތްވަރެއް ދިނުމަށްފަހު ޢިމްރާން ބޭރަށް ނުކުތީ ސިޓިންގރޫމްގައި ފަރުހާދު އިނީތީއެވެ.

[މިވަގުތު ދެން ދަނީ....] ފަރުހާދު ދެތިން ކޯވަރުން ކޮފީތަށި ބޮއި ހުސްކޮށްލުމަށްފަހު ރުމާލީ ގެނައި ފެންތަށި އެއްކޯވަރުން ދަމާލުމަށްފަހު ނުކުމެގެން ހިނގައިގެންފިއެވެ.

އެދުވަހު އިރުއޮއްސިގެން ދިޔައިރުވެސް ސަރާ ކޮޓަރިއަކުން ނުނިކުމެއެވެ. ރޮއިރޮއި އޮވެ އޭނާ ވިސްނީ އެހިތްދަތިކަމުން މިންޖުވާނޭ ގޮތަކާ ދޭތެރޭގައެވެ.

އެންމެފަހުން އޭނާ ނިންމީ ޢިމްރާންގެ މަންމައާ ދެކޮޅަށް އެގޭގައި ނޫޅެ އެހެން ކޮންމެވެސް ތާކަށް ދިޔުމަށެވެ. ގައިމެވެ. އޭނާއަށްވެސް އަމާން މަންޒިލެއްވާނެއެވެ. އެމަންޒިލް އަތުޖެހޭތޯ މަސައްކަތް ކުރުމަކީ އޭނައަށް ކުރެވިދާނޭ ކަމެކެވެ.

ދަންވަރެވެ. މާލޭގެ ހަލަބޮލި މަގުތައްވެސް ވަނީ ދަންވަރު ހިމޭންސާލު ލައިގެނެވެ. ދުވަސްވަރަކީ މާލޭގައި ހިނގާދިޔަ ސިޔާސީ އަދި މަދަނީ ހަމަނުޖެހުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާނު ކުރައްވާފައިވާ ދުވަސްވަރަކަށްވުމުން ކަމަށްވެސް ވެދާނެއެވެ. މަގުމަތިވަނީ މުޅިން ފަޅުވެފައެވެ. އެއްވެސް ވެހިކަލެއްވެސް ދަތުރުކުރާތީއެއް ނުފެނެއެވެ.

ދުވަސްވަރަކީ ނަލަ މޫސުމީ ދުވަސްވަރަކަށްވެސް ނުވުމާއެކު، ދުނިޔެމަތިވަނީ ވިއްސާރައިގެ ތެތްކަމުގައެވެ.

ހެނދުނު ވެހުނު ވާރޭގެ އަސަރު މަގުމަތިން އަދިވެސް ފިލައިގެނެއް ނުދެއެވެ. އުޑުމަތި ބަނަވެފައި ބޯވިއްސާރައިގެ އިންޒާރު ދެމުންދާކަހަލައެވެ.

ދޭތެރެއަކުން ވިދާ ގުގުރާލައެވެ. ސަރާގެ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތީކަންނޭނގެއެވެ. ނޫނެކެވެ. ބިރުވެސްގަނެއެވެ. ނަމަވެސް ސަރާއަށް ލިބިފައިއެވާ ހިތްދަތިކަން މާބޮޑެވެ. އޭނާ ހިނގަމުންދަނީ ކޮންމެހެން ދާނެ ވަކި މަންޒިލެއް އޮވެގެނެއް ނޫނެވެ. އާ މަންޒިލެއް ހޯދާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ޢިމްރާނާ ކައިވެނިކުރީ ކައިވެންޏަށްފަހު އުފާވެރި މަންޒިލަކަށް ވާސިލްވެވުނީ ކަމަށް ހީކޮށްފައެވެ. ނަމަވެސް އެއީ ކުށް ހީކުރުންތަކެކެވެ. އެދިރިއުޅުމުން އޭނާއަށް ލިބެމުން އައީ އިންތިހާއީ ހިތްދަތިކަމެވެ. މިހާރު ޢިމްރާންވެސް ބޮޑަށް ފަރުވާ ބަހައްޓަނީ ހަގުއަނބީގެ ކަންތައްތަކުގައެވެ. ސަރާއަކީ އެގޭތެރޭގައި އެއްވެސް މީހެއް ނޫނެވެ.

ދަންވަރުގެ ހިމޭންކަމާއި ނާމާންކަމުގެ ތެރޭގައި ސަރާ އެކަނިމާއެކަނި ހިނގަމުން އެދަނީ އޭނާގެ ބަދުނަޞީބު ޙަޔާތާ ބެހޭގޮތުން ވިސްނައި ހިތާމަ ކުރަމުންނެވެ. ބޭރަށް އަޑު ނީވުނު ކަމުގައިވިޔަސް، އޭނާގެ ހިތް އެބަ ގިސްލައެވެ.

މާގިނައިރުތަކެއްނުވެ ވިއްސާރައިގެ އިންޒާރު ދެމުންދިޔަ އުޑުމަތިން ވާރޭގެ ކަނިތައް ޖަހަން ފަށައިފިއެވެ. އެއަށްފަހު ހިމަފޮދުވާރެއެވެ. ހިމަފޮދުވާރެއަށްވެސްވީ އިރުކޮޅެކެވެ. ވާރޭ ބޯކޮށްލައިފިއެވެ. މިހާރު ސަރާގެ ރީތި ރީތި ހަށިގަނޑުގެ ވަނާތައް އެނގޭވަރަށް އޭނާ ލައިގެންހުރި ރީނދޫކުލައިގެ ޕާކިސްތާނު ހެދުން ތަތްލައިފިއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


23

ސަނާ

02-Jul-2020

އަޅެ މަ ރޮއްވާލައިފި ވަރަށް ވަރަށް ރީތި


21

ޝަމާ

02-Jul-2020

ވަރަށް އަސަރު ކޮށްފި މީ ވަރަށް މޮޅު ރީތި ވާހަކަ އެއް



ޓްރެންޑިން