މަރިޔަމް ލަމްޙާ ރަޝީދު   16 އޭޕްރީލު 2023 - 15:58
އިސްތަށިގަނޑުގައި ކުލަ ޖައްސައި ބަދަލުތައް ގެނައުމަކީ މީހާއަށް ހިތްހަމަ ޖެހުން ލިއްބައިދީ 'ކޮންފިޑެންސް' އިތުރުކޮށްދޭ ކަމެކެވެ
އިސްތަށިގަނޑުގައި ކުލަ ޖައްސައި ބަދަލުތައް ގެނައުމަކީ މީހާއަށް ހިތްހަމަ ޖެހުން ލިއްބައިދީ 'ކޮންފިޑެންސް' އިތުރުކޮށްދޭ ކަމެކެވެ
އިސްތަށިގަނޑުގައި ކުލަ ޖައްސައި ބަދަލުތައް ގެނައުމަކީ މީހާއަށް ހިތްހަމަ ޖެހުން ލިއްބައިދީ 'ކޮންފިޑެންސް' އިތުރުކޮށްދޭ ކަމެކެވެ. އާއްމުކޮށް އިސްތަށިގަނޑުގައި ކުލަ ޖައްސާ މީހުންނަށް މާބަނޑުއިރުވެސް ކުލަ ނުޖައްސައި ހުރުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. ޕާމަނަންޓް އަދި ސެމީ ޕާމަނަންޓް ކުލަތައް ބާޒާރުގައި ލިބެން ހުންނަ އިރު މާބަނޑު ދުވަސްވަރުގައި ބޮލުގައި ކުލަ ޖެއްސުމަކީ ރައްކާތެރި ކަމެއްތޯ ބަލަން ޖެހެއެވެ.

އިސްތަށިގަނޑު ޑައި ކުރުމުގައި ހަށިގަނޑަށް 'އެބްޒޯބް' ނުވަތަ އެތެރެވާ ކެމިކަލްއަކީ މިޑައިތަކުގައި ހިމެނޭ ކެމިކަލްގެ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް ބައެއް ދިރާސާތަކުން ދައްކާގޮތުގައި ބޮލުގައި ކުލަ ޖައްސާއިރު ނުވަތަ ހެއަރ ޑައިކުރާއިރު އެއެއްޗެއް ގިނައިން ބޭނުންކޮށްފިނަމަ ހަށިގަނޑަށް ގެއްލުންވާ ކެމިކަލްތައް އެކުލެވިގެންވެއެވެ.

މާބަނޑު ދުވަސްވަރުގައި ބޮލުގައި ކުލަ ޖެއްސުމާއިމެދު ގިނަ އަންހެނުން ވަރަށް ކަންބޮޑުވެއެވެ. ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި އޭގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް، އާއްމުގޮތެއްގައި ހެއަރ ޑައި އަކީ މާބަނޑު ދުވަސްވަރުގައިވެސް ބޭނުން ކުރުން ރައްކާތެރި އެއްޗެކެވެ.

ސަބަބަކީ ހެއަރ ޑައިގައި އެކުލެވޭ ކެމިކަލްތަކަކީ ހަންގަނޑުގެ ތެރެއަށް ގޮސް ދަރިފުޅަށް އެކެމިކަލްތައް ފޯރައި ގެއްލުން ވާނެ އެއްޗެއް ނޫނެވެ. ވަކިން ޚާއްސަކޮށް މާބަނޑު ދުވަސްވަރު ބޯ ޑައި ކުރުމުން ދަރިފުޅަށް ގެއްލުންވާކަމުގެ އެއްވެސް ދިރާސީ ހެއްކެއް ނުވަތަ ސައިޓިފިކް ހެކިތަކެއް ނެތްކަންވެސް ފާހަގަކުރެވެއެވެ.

އެހެންނަމަވެސް، އެމެރިކަން ޕްރެގްނެންސީ އެސޯސިއޭޝަން އިން ލަފާދެނީ މާބަނޑުވުމަށްފަހު ބޮލުގައި ކުލަ ޖައްސާ މީހުންވެސް ބަނޑަށް ތިންމަސް ހަމަވަންދެން މަޑުކޮށް ލުމަށެވެ. ސަބަބަކީ، ސައިންޓިފިކް ހެކިތަކެއް ނެތް ކަމުގައި ވީނަމަވެސް، ދަރިފުޅުގެ ހަށިގަނޑުގެ މައިގަނޑު ހުރިހާ ގުނަވަންތަކެއް ފުރިހަމަ ވަންދެން މަޑުކުރުމުން ދަރިފުޅަށް ލިބިދާނެ ނުރައްކަލަކުން ސަލާމަތް ވެވޭނެތީއެވެ.

މީގެ އިތުރުން ބޮލުގައި ކުލަ ޖެއްސުމުގައިވެސް ހަމުގައި ނުހޭކޭގޮތަށް އަންގިއެއްފަދަ އެއްޗެއް ބޭނުން ކުރުމަށް އެމުވާސަސާއިން އިރުޝާދުދެއްވައެވެ.

މާބަނޑު މީހުން ބޭނުންކުރުން އެންމެ ރަނގަޅީ ކޮންކަހަލަ ހެއާ ޑައިއެއް؟

މާބަނޑު މީހުން ބޮލުގައި ކުލަ ޖައްސަން ބޭނުންނަމަ، ޕާމަނަންޓް ނޫން ވައްތަރެއް ޚިޔާރު ކުރުން މުހިންމެވެ. މިގޮތުން ސެމީ ޕާމަނަންޓް ޑައިއާއި މަލުން ނުވަތަ ތަރުކާރީ އިން ތައްޔާރުކޮށްފައި ހުންނަ ޑައިތައް ބޭނުންކުރެވިދާނެއެވެ. ޕާމަނަންޓް ވައްތަރުތަކަށްވުރެ، މިވައްތަރުތަކުގައި ހިމެނޭ ކެމިކަލް މަދުވާނެއެވެ. މީގެ އިތުރުން އެއްކޮށް ބޮލުގައި ކުލަ ޖެއްސުމުގެ ބަދަލުގައި ހައިލައިޓް އާއި ލޯލައިޓް އެކަނި ކޮށްލެވިދާނެއެވެ. އޭރުން ބޮލުގެ ހަންގަނޑުގައި ޑައި ނުހޭކޭނެއެވެ.

އަދި ހަމައެއާއެކު، ބޮލުގައި ކުލަ ޖެއްސުމުގެ 24 ގަޑިއިރު ކުރިން 'ޕެޗް' ޓެސްޓެއް ހެދުމަކީ ވަރަށް މުހިންމުކަމެކެވެ. އޭރުން ހަންގަނޑު އެލާޖިކް ވޭތޯ ޓެސްޓު ކުރެވޭނެއެވެ. އަދި ފަހުން ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ވެވޭނެއެވެ. މީގެ އިތުރުން އެމޯނިއާ އާއި ޕަރަބެން ކިޔާ މާއްދާއެއް ނުހިމެނޭ ޑައިއެއް ބޭނުން ކުރުން މުހިންމެވެ. މިއީ ދިގު މުއްދަތެއްގައި ބޭނުން ކުރުމުން އިސްތަށިގަނޑުގެ ދިލުން ގެއްލި އިސްތަށިގަނޑު ފުސްވާން މެދުވެރިވާ ކެމިކަލްތަކެކެވެ.

އެހެންކަމުން، މާބަނޑު ދުވަސްވަރު އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ އާއްމުގޮތެއްގައި ރައްކާތެރި ކަމެއް ކަމުގައިވީނަމަވެސް، ގެއްލުމެއް ލިބިދާނެ ކަމަށް ބަލައި ޑައި ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ. އަދި އިތުރަށް ރައްކާތެރިވުމުގެ ގޮތުން 'ނެޗުރަލް ' ނުވަތަ 'ހާބަލް' ފަދަ ލޭބަލްތައް ހުންނަ ހެއަރ ޑައިތައް ބޭނުން ކުރެވިދާނެއެވެ. އަދި މާބަނޑު އަންހެނުން ބޮލުގައި ކުލަ ޖައްސަން ބޭނުން ނަމަ ފުރަތަމަ ޓްރައިމެސްޓަރ ނިމެންދެން މަޑުކުރުމަކީވެސް މުހިންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން