26 މާރިޗު 2020 - 13:52
14 ވަނަ އެޕިސޯޑް

==========

އޭރު އައްޑުއަތޮޅުގައި ހުރި އިޔާދުގެ ލޯބިވާ އަނބިމީހާ ގީތާގެ ޙާލަކީތޯއެވެ؟ އިޔާދު ގެއްލުނު ދުވަހުގެ ރެއިން ފެށިގެން ގީތާ ހުންނަނީ ގަނޑުވެފައެވެ. އޭނާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ހީވާކަހަލައެވެ. އެއީ މިހާރު ޗާބީ ދީފައިވާ ރޮބަޓެކެވެ.

އޭނާގެ މަންމަމެން ކިތަންމެ ވާހަކައެއް ދެއްކިޔަސް، އޭނާގެ ޙަރަކާތެއް ނުހުރެއެވެ. ދޭތެރެ ދޭތެރެއިން އިޔާދުގެ ފޮޓޯއަކަށް ބަލަން ހުރެފައި، އޭނާ ރޮއިގަނެއެވެ.

ހުވަދުއަތޮޅުގެ ފަޅުރަށަކުން އިޔާދު ފެނުނު ވާހަކައާއި، އޭނާ މިހާރުވީ އޭނާގެ މަންމަގެ ބެލުމުގެ ދަށުގައި ގައްދޫގައިކަން، ހަމަ އެދުވަހުގެ އެވަގުތު ގައްދޫ އޮފީހުން ސަރުކާރުގެ ކަމާބެހޭ އެހެނިހެން ފަރާތްތަކަށާއި، ގީތާ ދިރިއުޅޭ އަތޮޅުގެ އަތޮޅުއޮފީހަށް އަންގައިފިއެވެ. ނަމަވެސް، އެ ޚަބަރަކީ ތެދު ޚަބަރެއްކަން ޔަޤީންނުވާތީކަންނޭނގެއެވެ. ގީތާހުރީ ހަމަ ގަބުއަރާފައެވެ.

ޝަޒާދާމެން ނުހަނު އުފާވެފައި ތިބެމެ، އެވާހަކަ ދެއްކީމާވެސް އޭނާ އެމީހުންގެ އަޑު އިވޭ ކަމަށްވެސް ނެހެދުނެވެ.

އިޔާދު ހޭއެރީ، އެ އަތޮޅުގައިވެސް ހުރި ކަމަށް ގިނަ ބަޔަކު އެއްބަސްވާ އެންމެމޮޅު ފަންޑިތަ ހަދާ މީހާ ދޮންތުއްތުބޭގެ މަސައްކަތުން ގާތްގަނޑަކަށް ސާޅީހަކަށް މިނެޓް ފަހުންނެވެ.

އިޔާދަށް ދިމާވެފައިވާ ހަންޑި ޙާދިޘާގެ ހުރިހާ ތަފްޞީލެއްވެސް ދޮންތުއްތުބެއަށް ދަލޭކަ ކިޔައިދިނުމަށްފަހު، އޭތީގެ ކިބައިން އިޔާދު މިންޖުކޮށްދިނުމަށް އެދުނެވެ.

ދޮންތުއްތުބެ ބުނީ، އެއީ އެއްވެސް ކަމެއް ނޫން ކަމަށާއި، ދާއިމަށް އެ ހަންޑީގެ ދުވަސް ދުއްވާލަންވެސް ތައްޔާރަށް ހުރި ކަމުގައެވެ.

[ތިޔައީ އެއްވެސް ކަމެއް ނޫން. ބޮޑެތި ކަންތައް ހަމަ ޓަސްލާފައި ނުނިމޭނެ. ކޮންމެވެސް ވަރެއްގެ އިންތިޒާރެއްވެސް ކުރަންވާނެ. އަހަރެން ބުނާ ހުރިހާ ސާމާނުތައް ފުރަތަމަ ހޯދާ....އަހަންނަށް ވަރަށް ޔަޤީންކަން އެބައޮތް، އޭތީގެ ކިބައިން ދަލޭކަގެ ދަރިފުޅު ސަލާމަތް ކުރެވޭނެ ކަމުގެ....]

[އަޅެ...ހަމަ ޔަޤީންތަ، އިޔާދު މިހާރު ކޮބައިތަ؟ އިޔާދުގެ ޙާލު ރަނގަޅުތަ؟] ގަނޑުވެފައިވާ ގީތާ، އިޔާދު ފެނުނު ޚަބަރާއެކު ވާހަކަ ދެއްކިއެވެ. ގީތާއަށް ފުރަތަމަ އެ ޚަބަރު ދިނީ އޭނާގެ މަންމަ ޝަޒާދާއެވެ.

[އަހަރެން ބޭނުން، އިޔާދުގެ ގާތަށް ދާން...އަޅެ އިޔާދުގެ ޙާލު ރަނގަޅުތަ؟] މިހާރު ގީތާ އެރޮނީ އުފަލުންނެވެ.

[އިޔާދުގެ ޙާލު ރަނގަޅު....މިހާރު އިޔާދުގެ މަންމަ، އެ އަތޮޅުގެ މޮޅު ފަންޑިތަވެރިޔަކު ލައްވާ އިޔާދު ރަނގަޅު ކުރުމަށް އެބަ ފަންޑިތަ ހަދާ. އިޔާދު ދެން މިރަށަށް އަންނާނީ، އޭތީގެ ކިބައިން އެކަށް ސަލާމަތްވުމަށްފަހު. މިހާރު ދަރިފުޅުގެ ބައްޕަމެންވީ ދަރިފުޅުގެ ހަށިރައްކަލަކަށް އަޅާނޭ ތަވީދެއް ލިޔުއްވަން ގޮސް. އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.] ޝަޒާދާއާއި ޝާރިޔާ ގީތާގެ ބޮލުގައި ފިރުމާލަމުން ހިތްވަރު ދެމުން ދިޔައެވެ.

އިޔާދު ހޭއެރުމަށްފަހު، އިޔާދު އެއްވެސް މީހަކާ އަނގަޔަކުންވެސް ނުބުނެއެވެ. ދުވަސްތަކަކަށްފަހު، މަންމަޔާ ދިމާވުމުންވެސް އޭނާގެ މޫނުމައްޗަކުން އެ އިޙްސާސެއް ނުފެނެއެވެ.

[ކަލޭމެން ކީއްކުރަންތަ؟ އަހަރެން މިރަށަށް ގެނައީ....ކާކުތީ؟] ބާރަށް ހީގަންނަމުން މަންމަޔާ ދިމާއަށް އިނގިލި ދިއްކޮށްފައި އިޔާދު ވާހަކަ ދެއްކިއެވެ. މިހާރު އޭނާގެ ވާހަކަ ދެއްކުމުގެ ރާގާއި، ޙަރަކާތްތައް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގައިމެވެ. އޭނާގެ ކިބައިން ފަހަރެއްގައިވެސް މިހާރު އެ ފެންނަނީކީ، ސިކުނޑި ހަމަޖެހޭ މީހެއްގެ ޙަރަކާތްތަކެއް ނޫނެވެ.

[ދަރިފުޅާ...މިއީ ދަރިފުޅުގެ މަންމައެއްނު.] ދަލޭކަ ފެންކަޅިވިއެވެ.

[މަންމަޔޭ...ތީ ހަންޑިއެއް...ތީ އަހަރެންގެ މަންމައެއް ނޫން...ދޮގުވެރި މަލަކާ ތީ....] ކުއްލިއަކަށް އިޔާދު ދެލޯ ބޮޑުކޮށްގެން މަންމަޔާ ދިމާއަށް ބަލަން އޮވެފައި ތެދުވެ ދުއްވައިގެންފިއެވެ. ހީވާގޮތުން މަންމަގެ މޫނުމަތިން އޭނަޔަށް ސިފަވަނީ މަލަކާއެވެ.

އޭނާ ދުއްވައިގަތީމާ، އެވަގުތު އެތާނގައި ތިބި ހުރިހާ މީހުންހެން އޭނާގެ ފަހަތުން ދުއްވައިގެންފިއެވެ. ނަމަވެސް، އިޔާދު ދުވެފައި އެދަނީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ.

އިޔާދުގެ ފަހަތުން ދުވަމުންދިޔަ ކޮންމެ މީހަކާ އޭނަޔާ ދެމެދުގައިވެސް ވިއްސަކަށް ފޫޓް، ތިރީހަކަށް ފޫޓްގެ ދުރުމިނެއް ހުއްޓެވެ. ދުވަމުން ދިޔައިރު، އިޔާދު ފަސްއެނބުރި ބަލައިވެސް ނުލައެވެ. ހީވެއެވެ. އޭނާ ދުވެފައި އެދަނީ، އެހެން ކޮންމެވެސް ރޫޙާނީ ބާރެއްގައެވެ. އެމީހުންގެ ފަހަތުން ދޮންތުއްތުބެ އާދައިގެ ވަރަކަށް ދުވެފައި ދިޔައެވެ. އެމީހުނަށް އިޔާދު އަތުލެވުނީ އޭނާގެ ފަހަތުން ދުވާތާ ފަނަރަވަރަކަށް މިިނިޓްވީ ފަހުންނެވެ.

އޭރު ބައެއް މީހުން ވަރުބަލިވެގެން ނުދުވެ މަޑުވެސްކޮށްފިއެވެ.

އިޔާދު އަތުލައިގަތުމަށްފަހު، ދެންވެސް އޭނާ ގެނެވުނީ އޭނާގެ މަންމަގެ ގެޔަށެވެ. ދޮންތުއްތުބޭ ނިންމީ، އޭނަޔާ އަވަލާފައިވާ ޖިންނީގެ ކިބައިން ވަގުތުން އޭނާ ސަލާމަތް ކުރުމަށެވެ.

[މިރޭ ބާރަ ޖަހާއިރު އަހަރެން މަސައްކަތް ފަށާނީ...އެހާއިރު ވަންދެން މީނަ ބަލަހައްޓަން މިގޭތެރޭގައި ކޮންމެވެސް ބަޔަކު ތިބެންވާނެ....އެހާއިރު ވަންދެން ޤުރްއާން ސީޑީއެއް ޖަހާފައި ބަހައްޓާ. ރައްކާތެރި ގޮތަކީވެސް އެއީ. ފިކުރީ އަވަހަށް މަސައްކަތާ އުޅޭ....] ދޮންތުއްތުބޭ ވާހަކަ ދެއްކީ އިޔާދުގެ ދޮންބައްޕަޔާއެވެ. އެއަށްފަހު، މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައިގެން އެބަ އަންނަމޭ ބުނެފައި، ދޮންތުއްތުބޭ ނިކުތެވެ. އިޔާދު ރަނގަޅަށް ހިފެހެއްޓުމަށް ތަކުރާރުކޮށް ބުނެފައެވެ.

އޭނާ ބުނާގޮތުން ދެން އިޔާދު ފިލައިފިއްޔާ، އަތުލަން މާފަސޭހައެއް ނުވާނެއެވެ. ދޮންތުއްތުބޭ އަންނަންދެން، އިޔާދު ހިފަހައްޓާނޭ ކަމުގެ ޔަޤީންކަން ފިކުރީ ދިނީމާ، ދޮންތުއްތުބޭ ދިޔައީ، އޭނާގެ މަސައްކަތަށް ބޭނުންވާނޭ ސާމާނުތައް ބަލައެވެ.

މަސައްކަތް ފެށުނީ އެރޭ ބަރާބަރު ބާރަޖެހި ވަގުތެވެ. ދޮންތުއްތުބޭ ބުނެފައިވަނީ، އިޔާދާ އަވަލައިގެން އުޅޭ ޖިންނީގެ ދުވަސް ދުއްވާލުމަކީ، އޭނާއަށް މާބޮޑު ކަމެއް ނޫން ކަމަށެވެ. ކުރިން އޭނާވަނީ އޭނާގެ މަސައްކަތުން އެރަށުގެ ރައްޔިތުންނަށާއި، އަތޮޅުގެ ރައްޔިތުންނަށް އެކަން ސާބިތުކޮށްދީފައެވެ.

[ކިޔަވަން ތިބޭ އެއްވެސް ކުއްޖަކު ހާސްވެ ކަންބޮޑުނުވާތި...މިފަދަ ކަންކަމަކީ ވަރަށް ބިރުކުޑަވެގެން ކުރަންޖެހޭ ކަމެއް....] މަސައްކަތް ފެށުމުގެ ކުރިން، ދޮންތުއްތުބޭގެ މަސައްކަތުގައި ޝާމިލްވާ ފަރާތްތަކާ އޭނާ މުޚާޠަބު ކުރިއެވެ.

ގަޑިއަށް ބަލަން ހުރެމެ، ބަރާބަރު ކަނޑައެޅިފައިވާ ވަގުތު ދޮންތުއްތުބޭ މަސައްކަތް ފަށައިފިއެވެ. ކިޔެވެލި ކިޔަވަންވެސް ދިހަވަރަކަށް މީހުން އޭނާގެ ވަށައިގެން ތިއްބެވެ.

ދޮންތުއްތުބޭގެ އަތުގައި ވަޅިއަކާއި، ތަފާތު ލިޔުންތަކާއި، ކުރެހުން ސިފަވާ ފާޑުގެ ގަނޑު (ކަރުދާސް)ތަކެއްވެސް ހުއްޓެވެ. އޭނާ ކިޔަވަމުންދާ ވަރަކަށް، ކުރިމަތީގައި އޮތް ފިލާގަނޑެއްގެ މަތީގައި އެއިން ކަރުދާސްގަނޑެއް ބޭއްވުމަށްފަހު، އޭގައި ވަޅިން ޖަހާލައެވެ. އަދި އަނދަ އަނދާހުރި އަލިފާން ދަޅެއްވެސް އޭނާގެ ކުރިމަތީގައި ހުއްޓެވެ.

އޭރު ކުރިމަތީގައި ހުރި އެނދުގައި ދޮންތުއްތުބެއަށް އަތްލެވޭ ހިސާބުގައި އިޔާދު އޮތެވެ. ޖާނުން ވަރުހުރި ހަތަރު މީހަކު އޭނާގެ ހަތަރެސްފައިގައި ހިފަހައްޓާފައިވެއެވެ. އެވެރިންގެ ކިބައިން ސަލާމަތްވާން އިޔާދު ވަރަށް މަސައްކަތް ކުރެއެވެ.

[އަހަރެންގެ ގައިން ދޫކުރޭ...އަހަރެން ބޭނުމީ ރަށަށް ދާން...] އިޔާދު ތެޅިފޮޅެނީއެވެ.

[އިޔާދުގެ ބަލި ރަނގަޅުވީމަ ރަށަށްވެސް ދެވޭނެ. ރީތިކޮށް ބަސްއަހައިގެން އޮވޭ.] ދޮންތުއްތުބޭ މިހެން ބުނެފައި، އަނެއްކާވެސް ކިޔަވަން ފަށައިފިއެވެ.

[ކާކުތަ އަހަރެން ބަލިވާހަކަ ބުނީ. ކަލޭ ތީކާކު އަހަންނާ ވާހަކަ ދައްކަން...] އިޔާދު އެއޮތްގޮތަށް އޮވެ ނިކަން ބާރަށް ހީގަތެވެ. ހީވަނީ އެހެން މީހެއްގެ ބާރުގައި އޭނާ ކުރި ކަމެއްހެންނެވެ. އޭނާގެ އަޑުވެސް ތަފާތެވެ.

[މިއީ ކޮއްކޮއަށް ހެޔޮއެދޭ މީހެއް....އަވަހަށް ބުނޭ، ކާކުތަ ތީ...؟] ލަކުޑިފިލާ މަތީގައި ނިކަން ބާރަށް ވަޅިން ޖަހަމުން ދޮންތުއްތުބޭ އެއްސެވެ.

[އަހަންނަކީ ކޮންމެ މީހަކަސް ކަލެއަށް ކީއް...ނުބުނާނަން....ކަލޭމެން މިތަނުން ދާންއުޅޭ....ލޯތްބަށް ހުރަސްއެޅުމުގައި ކަލެއަކަށްވެސް، އެއްވެސް ޙައްޤެއް ނޯންނާނެ.] ދޭތެރެ ދޭތެރެއިން ހަށިގަނޑަށް ވާންކޮށް، އަތް ފޮޅުވާލަން މަސައްކަތް ކުރަމުން، އިޔާދު ވާހަކަ ދެއްކިއެވެ. އޭނާ އޮތީ ދެލޯމަރައިގެންނެވެ.

[ތިޔައީ ކާކުކަން އޮޅުންފިލުވައި، މިއޮތް ނިކަމެތި އިންސާނާ، ކަލޭގެ ކިބައިން ސަލާމަތް ކުރުމުގެ ބާރު އަހަންނަށް ލިބިގެންވޭ...އެކަމަކު އަހަރެން ފުރަތަމަ ބޭނުންވަނީ، ކަލެޔަށް ނަޞޭޙަތްދީގެން، މިކަމަށް ޙައްލެއް ގެންނަން....ހަމަ މިހާރު ބުނޭ، ކަލޭތީ ކާކު؟ ކަލޭ އިޔާދާ އަވަލައިގެން އުޅެނީ ކީއްވެ؟] ކުރިޔާ ޚިލާފަށް، މިފަހަރު ދޮންތުއްތުބެ ވާހަކަ ދެއްކީ ތަންކޮޅެއް ހަރުކަށި ރާގަކަށެވެ.

އެއީ ޖިންނިއަށް މާބޮޑަށް ދޫދިނީމާ، އޭތި މާ ބޮޑާވެދާނެތީއެވެ.

[އަހަރެން ކުޑަކޮށްވެސް ބިރެއްނުގަނޭ....ތިޔަކަހަލަ ކިތަންމެ މަޅިއަކުން އަހަރެން މިހުރީ ސަލާމަތްވެގެން. އަހަރެންގެ ދުވަސް ދުއްވާލަން ކަލެއަށް ވުރެން މާ މޮޅެތި މީހުންވެސް މަސައްކަތްކުރި.....] މިފަހަރު އަޑުއައީ މުޅިން ތަފާތުކޮށެވެ. ހީވީ އަންހެނަކު ބަރު އަޑަކުން ވާހަކަ ދެއްކީ ހެންނެވެ.

[މައްސަލައެއް ނެތް....އަހަރެން ދެން ކަލެއަކަށް ނަޞޭޙަތެއް ނުދޭނަން...] މިހެން ބުނެފައި ދޮންތުއްތުބޭ ކަރުދާސްގަނޑެއް އަލިފާންގަނޑުތެރެއަށް ލުމަށްފަހު، އަލިފާންގަނޑުވެސް އިތުރަށް ވަރުގަދަކޮށްލިއެވެ.

[ދެން އެއްވެސް ވައްތަރެއް ނުޖެއްސޭނެ. ހުރިހާ ކަމަކަށް އެއްބަސްވާން މަޖުބޫރު ކުރުވާނަން.] އޭރުވެސް ކިޔެވެލި ކިޔަވާ މީހުން، އަޑުން އަޑުނަގާފައި ކިޔަވަމުންދެއެވެ.

[ދެންވެސް ބުނޭ! ކާކު ކަލޭތީ؟ ކަލޭ މިއޮތް ނިކަމެތި ސޮރާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ ކީއްވެ؟ ހަމަ މިހާރު ބުނޭ....ސަލާމަތްވާން ބޭނުމިއްޔާ ބުނޭ...] ދޮންތުއްތުބޭ ފިސާރި ހަރުކައްޓެވެ.

[އަހަންނަކީ މަލަކާ.... އަހަރެންގެ ނަސްލުގެ ޖިންނިއަކާ ގުޅިގެން، ނުލާހިކު ރަނގަޅަށް އުޅެމުން ދަނިކޮށް، ކަށިކެޔޮގަނޑެކޭ ހީކޮށް، އަހަރެންގެ އަތް ބުރިކޮށް، ނުކުޅެދޭ މީހަކަށް ހަދައި، ނިކަމެތިކޮށްލީ ސީދާ މި އިޔާދު. އަހަރެން ފުރަތަމަ އޭނާގެ ފަހަތުން އަޅުވާލީ، އަހަރެންގެ އަތް ބުރިވީމާ، އަހަރެންގެ ބައިވެރިޔާ އަހަރެންގެ ލޯބީގައި ކޮޅުފައިން ޖަހާފައި ދިޔައިމާ. އަހަރެން އިޔާދު ގާތު އެދުނީ، އަހަންނާ ދެއަންބަށްވިޔަސް އިނުމަށް...އެކަމަކު، އުޅެއުޅެ އިޔާދު އެކަމަކަށް އެއްބަހެއްނުވި. އިޔާދު އަހަންނަކަށް ހަމްދަރުދީއެއްނުވި....] މަލަކާގެ ރާގު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ވެދާނެއެވެ. މަރުދެކެ ބިރުގަތީއެވެ. ކުރިމަތިވާން އުޅޭ ނުރައްކާތެރިކަން އޭއްޗަށް ފެންނަން ފެށިއެވެ.

[ބަލަ އިންސާނުންނާ ރޫޙާނީ އެއްޗެއް ގުޅިގެން ނޫޅެވޭނެކަން ކަލެއަކަށް ނޭނގޭތަ؟ ކިތަންމެ ބޭނުންވިޔަސް، ތިޔަކަމެއް ނުވާނެ. އިންސާނުން ގޮސް އުޅޭ ރަށެއްގައި، އިންސާނުންގެ ލޯތަކަށް ކަށިކެޔޮގަނޑެއްގެ ގޮތުގައި ފެނުން އެއީ އަމިއްލައަށް ބުއި ބޮނޑިއެއް. އޭގެ ޒިންމާ އިޔާދުގެ ބޮލުގައި އަޅުވާކަށް ނުޖެހޭނެ. ޤަޞްދުގައި އިޔާދު ކަލޭގެ އަތް ބުރިކޮށެއްނުލާ.] އިޔާދަށް ކުރިމަތިވެފައިވާ ޙާދިޘާ، އިޔާދުގެ މަންމަ ކުރިން ކިޔައިދީފައިވާތީވެ، އެ މަޢުލޫމާތުގެ އަލީގައި ދޮންތުއްތުބޭ ވާހަކަ ދެއްކިއެވެ.

[އިންސާނުން ހާދަ ރަޙުމްކުޑައޭ....ތިޔަ ބުނަނީ އަހަރެން ކޮންމެފަދަ ޙާލެއްގައި އުޅެން ޖެހުނަސް ވަރިހަމައޭތަ؟] މިފަހަރު މަލަކާގެ އަޑުގައި ވަނީ އިންތިހާއީ ހިތާމައިގެ އަސަރެވެ.

[އާނ...ދެނެއް ކަލެޔަކަށް ފުރްޞަތެއް ނުދޭނަން. ކަލޭގެ ސަބަބުން މި ނިކަމެތި ސޮރަށް ޖެހިފައި މިވަނީ ކޮންފަދަ ޙާލެއް....އަހަންނަކަށް ހިޔެއްނުވޭ، ކަލެއަކީ ސަލާމަތް ބޭނުންވާ މަޚްލޫޤެއްހެނެއް....ކަލޭ ދެން ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ.] ދޮންތުއްތުބޭ ނިކަން ސާބިތުކަމާއެކު، މަލަކާއާ ކުރިމަތިލައިފިއެވެ.

[ނޫން...ބޭބޭ...އަހަރެން ސަލާމަތްކުރޭ....އަހަރެން ދެން އެއްވެސް އިންސާނަކަށްވެސް އުނދަގުލެއް ނުކުރާނަން. ބޭބެގެ ކޮންމެފަދަ ޝަރުޠަކަށްވެސް އަހަރެން އެއްބަސް....އާދޭސްކުރަން. އަޅެ އަހަރެން ސަލާމަތްކުރޭ....] ދޮންތުއްތުބޭގެ ކުރިމަތީގައި ފުރަތަމަފަހަރަށް މަލަކާ ހަތިޔާރު ބެހެއްޓިއެވެ.

[އެންމެ ރަނގަޅު....ކަލެޔަށް ކެރޭނެތަ، އަހަރެންގެ ކުރިމަތީގައި ޝަހާދަތް ކިޔުމަށްފަހު އިސްލާމްވާން.] ދޮންތުއްތުބޭ ފުރަތަމަ ޝަރުޠު ކަނޑައެޅިއެވެ.

[އާނ، އިސްލާމްވާންވެސް ތައްޔާރު. އޭރުން އަހަރެން މިނިވަން ކުރާނަންތަ؟] މިހާރު މަލަކާގެ އަޑުވެސް ވަނީ މޮޅިވެފައެވެ.

އެއަށްފަހު ދޮންތުއްތުބޭ ޝަހާދަތް ލައިދިނުމަށްފަހު، ހަންޑި އާދެ! މަލަކާ އިސްލާމްކޮށްފިއެވެ. އަދި އެގޮތުގައި ސާބިތުވެ ހުރުމަށް އޭނާ ލައްވާ ހުވާވެސް ކުރުވައިފިއެވެ. އޭގެފަހުން ދޮންތުއްތުބޭ ޤަޞްދުކުރީ، އިޔާދުގެ ޙަޔާތުން އެކަށް މަލަކާ ފޮހެލާށެވެ. އެއީ ކުރީ ފަހަރެއްގައިވެސް މަލަކާ ވަޢުދު އުވާލާފައިވާ ކަމަށް އޭނާއަށް މަޢުލޫމާތު ލިބިފައިވާތީއެވެ.

[ބޭބެ ދާދި ދެންމެއެއްނޫންތަ ވަޢުދުވީ، އަހަރެން ދޫކޮށްލުމަށް. ބޭބެއަށް އަހަރެން ޔަޤީންކަންދެން، ދެން ދުވަހަކުވެސް އަހަރެން އިޔާދަށް އުނދަގުލެއް ނުކުރާނަން...އެއްވެސް އިންސާނަކަށްވެސް އަހަރެންގެ ފަރާތުން އުނދަގުލެއް ކުރިމައްޗެއް ނުވާނެ. އަހަރެން ސަލާމަތްކުރޭ....] މިފަހަރު މަލަކާގެ އަޑުގައިވަނީ، ކުރިއަށް ވުރެންވެސް ހިތާމަވެރި އަސަރެވެ. ނަމަވެސް، ދޮންތުއްތުބޭ އޭނާގެ މަސައްކަތަކަށް ކުޑަ ހުއްޓުމެއްވެސް ނުގެނައެވެ.

[އަޅެ އާދޭސްކުރަން ބޭބޭ...އަހަރެން ސަލާމަތްކުރޭ...އަހަންނާ އިޔާދުގެ ދަރިފުޅުގެ ޙައްޤުގައިވެސް އަހަރެން ސަލާމަތްކުރޭ....] މަލަކާ ބެލީ އޭނާގެ މަންމަ ބަލަހައްޓަމުން އަންނަ، އޭނާއާއި އިޔާދުގެ ދަރިކަމަށް ބުނާ، އޭނާގެ ނަސްލު އެކަނި ޙިއްޞާކުރާ ކުއްޖާގެ ވާހަކަ ދައްކައިގެން، ދޮންތުއްތުބޭގެ މަސައްކަތް ހުއްޓުވާށެވެ. ނަމަވެސް، ދޮންތުއްތުބޭގެ ހިތުގައި ކުޑަވެސް ރަޙުމެއް ނުއުފެދެއެވެ. އޭނާ ނިންމީ، އޭތި (ހަންޑީގެ) ދުވަސް ދުއްވާލާށެވެ.

މަލަކާ ހަދާފައިވާ ދޮގުތަކެއް ސާބިތުވެފައިވާތީއެވެ. އިޔާދާއި އޭނާގެ ލޯބިވާ އަނބިމީހާ ގީތާގެ ޢާއިލާވެސް ބޭނުންވަނީ، މަލަކާގެ ކިބައިން ދާއިމަށް މިންޖުވެ، އެދެމަފިރިންނަށް ދާއިމީ ހަމަޖެހުމެއް ލިބުމެވެ.

[ދޮންތުއްތުބޭ...ތިއެއްޗަކު ކިތަންމެ އާދޭސް ކުރިޔަސް ދޫނުކުރާތި...] ކޮޓަރީގެ އެއްފަރާތެއްގައި ހުރި އިޔާދުގެ މަންމަ ބުންޏެވެ. ވުމާއެކުވެސް މެއެވެ. ދޮންތުއްތުބޭ މަލަކާގެ އަޑެއް ނޭހިއެވެ. އޭނާ މަސައްކަތްކުރީ، ސީދާ މަލަކާގެ ދުވަސް ދުއްވާލާށެވެ.

އާދަޔާ ޚިލާފު ބިރުވެރި ކަމަކާ، އެތާނގައި ތިބި މީހުނާ ދިމާވީ، ދޮންތުއްތުބޭ ކިޔެވެލި ކިޔަވަމުން މަސައްކަތް ކުރާތާ ވިއްސަކަށް މިނިޓްވީ ފަހުންނެވެ.

ކުއްލިއަކަށް އިޔާދު ތެޅިފޮޅެން ފަށައިފިއެވެ. އާދަޔާ ޚިލާފު ބާރަކާ އެކުގައެވެ. ދެން ފެނުނީ އިޔާދުގެ ހަށިގަނޑުގެ ތެރެއިން އާދަޔާ ޚިލާފު ދުންތަކެއް ނިކުންނަން ފެށި ތަނެވެ. އެއީ އޮލަ ދުންތަކެކެވެ. ބެލެވޭ ގޮތުގައި، އިޔާދުގެ ހަށިގަނޑުތެރެއިން އޭތި ނިކުންނަނީއެވެ.

ވީވެސް އެހެންނެވެ. އެ ދުންތަކުގެ ތެރެއިން ދެން އެ ފާޅުވީ މަލަކާއެވެ. އޭނާގެ އެއް އަތް ވަނީ ބުރިވެފައެވެ. އިރުކޮޅެއްނުވެ، އަތްބުރިވެސް މަލަކާގެ ފައިދަށުން ކަހަލަ ގޮތަކަށް ފާޅުވެއްޖެއެވެ.

[އަހަރެން ސަލާމަތްކުރޭ....] އޭނަޔަށް ދެއްކޭނޭ މާބޮޑު ބާރެއް ނެތުމާއެކު، މަލަކާ ސަލާމަތަށް އެދި ރޮމުން ދަނީއެވެ.

ނަމަވެސް، ދޮންތުއްތުބޭގެ ހިތަކަށް ކުޑަވެސް ރަޙުމެއް ނުވަދެއެވެ. ކިޔަވަން ތިބި މީހުނަށް، އަތުގެ އިޝާރާތުން އޭނާ އެންގީ، ކިޔެވެލި ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށެވެ.

މާގިނައިރުތަކެއްނުވެ ދެން ފެނުނީ، މަލަކާ، އާދެ! ހަންޑީގެ ގައިގައި އަލިފާން ރޯވިތަނެވެ. އަލިފާން ރޯވުމާއެކު، ހަޅޭއްލަވަމުން އޭތި ދުއްވައިގަންނަން އުޅުނުވެސްމެއެވެ. ނަމަވެސް، އޭތި އެވަނީ ދޮންތުއްތުބޭގެ ބާރުގައި ކަސްތޮޅު އަޅުވާފައެވެ. ސަލާމަތްވުމަށް އޭއްޗަށް އެއްވެސް ބާރެއް ދެއްކޭކަށް ނެތެވެ. އަނދަމުންދިޔަ އަލިފާންގަނޑުގެ ތެރެއިން އޭތި ސަލާމަތަށް އެދި ހަޅޭއްލަވަމުން ދިޔައެވެ. ނަމަވެސް، އަލިފާންގަނޑުތެރެއަށް އޭތި ނިމިދިޔައީ، އެންމެން ބަލަން ތިއްބައެވެ.

މަލަކާގެ ކިބައިން ސަލާމަތްވުމަށްފަހު، އިޔާދު ގޮވައިގެން އޭނާގެ މަންމައާއި ދޮންބައްޕަ އައްޑުއަށް ދިޔައެވެ. އެވެރިންނަށް އައްޑުއަށް ދެވުނީ، އޭގެ އެއްދުވަސް ފަހުންނެވެ. އޭރު އިޔާދުވަނީ މުޅިން ހަމަޔަކަށް އެޅިފައެވެ. ނަމަވެސް، ހިސާބަކަށް އޭނާ ބިރުން އުޅެއެވެ.

[އިޔާ....ކޮންތާކު އުޅެފަތަ ތިއައީ....އަހަރެން އެކަނި ކޮށްލާފައި، ދެން އެއްވެސް ތާކަށް ނުދައްޗޭ.] އިޔާދު ފެނުމާއެކު، ކެތްތެރިކަން ކޮޅުންލާފައިވާ ގީތާ އިޔާދުގެ ގައިގައި އޮޅުލައިގަތެވެ.

[ދެރަނުވޭ ގީތު....އަހަރެމެންގެ ލޯބިވެތި ދިރިއުޅުމަށް ހުރަސްއަޅާކަށް ދެނެއް އޭއްޗަކަށް ނާދެވޭނެ...ދޯ މަންމާ...؟] ގީތާގެ ދެލޮލުން ފައިބަމުންދިޔަ އުފާވެރިކަމުގެ ކަރުނަތައް އިޔާދު ފުހެލަދެމުން މަންމައަށް ދޯދިނެވެ.

ހިނިތުންވެލުމަށްފަހު، މަންމަވެސް ބޯޖަހާލިއެވެ.

މިހާރު އެ ޢާއިލާއަށް ވަނީ ހަމަޖެހުން އައިސްފައެވެ. އަތްބުރިވި ހަންޑީގެ ފުށުން އެ ޢާއިލާ ސަލާމަތްވެ، އުފާވެރި ދާއިމީ ދިރިއުޅުމެއް ފަހިވިއެވެ. އޭތީގެ ސަބަބުން އެތައް ތުރާތަކެއް ތަޙައްމަލް ކުރުމަށްފަހުގައެވެ.

ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، މުޅި ޢާއިލާ އެއްފަހަރާހެން [الحمد الله ޝުކުރު] އޭ ބުނެވުނެވެ.

ގީތާއާއި އިޔާދުގެ އުންމީދަކީ، ދެން ދުވަހަކުވެސް އެފަދަ ބިރުވެރި ކަމަކާ ކުރިމަތިނުވުމެވެ. އެ ޔަޤީންކަން ދޮންތުއްތުބޭބެ ވަނީ އެ ޢާއިލާއަށް ދީފައެވެ.

(ނިމުނީ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން