މިފަދަ ޕްލެޓް ފޯމްތައް ފަސޭހައަކަށް ބޭނުންކުރިނަމަވެސް، މީގައިވެސް ކުށް ހުރެދާނެކަމަށް ޤަބޫލުކުރަންވާނެ
މިފަދަ ޕްލެޓް ފޯމްތައް ފަސޭހައަކަށް ބޭނުންކުރިނަމަވެސް، މީގައިވެސް ކުށް ހުރެދާނެކަމަށް ޤަބޫލުކުރަންވާނެ
ޗެޓް ޖީޕީޓީ އަކީ މެޝިން ލާނިންގ ނުވަތަ އިންޕުޓްކުރާ މައުލޫމާތުތަކަކުން އިންސާނުންނެކޭ އެއްފަދައިން އެބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ސިކުންތު ކޮޅެއްގެ ތެރޭގައި ދެވޭ އަދި އެހެން އިންސާނަކާއި ވާހަކަ ދައްކާފަދައިން ސުވާލުކޮށް ވާހަކަ ދެކެވޭ ފީޗަރތަކެއް ހިމެނޭ އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ޗެޓް ބޮޓެކެވެ. މިއީ މިފަހުން ވަރަށް ގިނަ ބައެއްގެ ތެރޭގައި މަޤުބޫލުކަން ލިބެމުން އަންނަ އޮންލައިން ޕްލެޓްފޮމެއްވެސް މެއެވެ.

ނިއު ޑެލީ އިން ރިޕޯޓް ކޮށްފައިވާގޮތުގައި އެހެން ފީލްޑްތަކުގައި މިޗެޓް ބޮޓަކީ ނުހަނު ކާމިޔާބު އެއްޗަކަށް ވީނަމަވެސް އެކައުންޓިންގ ދާއިރާގައި އިންސާނުންނާއި ގާތަށްވެސް މިޗެޓް ބޮޓްއަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.

މައިކްރޯ ސޮފްޓް އިން ލޯންޗު ކޮށްފައިވާ މިޗެޓް ބޮޓް އިން އާއްމު މީހުންގެ ވާހަކަ ދެއްކުމުގައި ގެންގުޅޭ އުސޫލުތައް ދަސްކޮށް އަދި އެގޮތަށް ޖަވާބު ދިނުމުގެ ޤާބިލުކަން ހޯދައިފައިވީއިރު ބާރ އިމްތިހާނަކުން 90 އިންސައްތައިގެ މާކުސް ޗެޓް ޖީބީޓީ ބޭނުންކޮށްގެން ހޯދިފައިވެއެވެ. މީގެ ތެރޭގައި 15 އެޑްވާންސްޑް ޕްލޭސްމަންޓް ޓެސްޓް ތަކުގެ ތެރެއިން 13 ޓެސްޓުން ފާސްވެފައިވުމާއި ޖީ.އާރު. އީ ވާބަލް ޓެސްޓުތަކުން %100 އާއި ގަތްކުރާ މާކުހެއް ހޯދިފައިވާކަން ފާހަގަ ކުރެވެއެވެ.



'މި ޕްލެޓް ފޯމަކީ ހުރިހާ ކަމަކަށް ބޭނުން ކުރެވޭ އެއްޗެއް ނޫން، އަދި ހަމައެކަނި ޗެޓް ޖީބީޓީ އަށް ބަރޯސާވެގެން ކިޔެވުމަކީ މޮޔަކަމެއް ކަމަށް އެމެރިކާގެ ބްރައިހެމް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމުގައިވާ ޖެސިކާ ވުޑު ސިފަކުރަމުން ކިޔައިދިނެވެ.

އެކައުންޓިންގ ދާއިރާގައި މިޕްލެޓްފޯމްގެ ކާމިޔާބީތައް ދެނެގަތުމަށް އެމެރިކާގެ ބްރައިހެމް ޔުނިވަރސިޓީއާއި އިތުރު 186 ޔުނިވަރސިޓީއެއް ގުޅިގެން ވަރަށް ފަހުން ވަނީ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި އެންމެ އިސްކޮށް އުޅުއްވާ ބްރައިހެމް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑޭވިޑް ވުޑް ވިދާޅުވާގޮތުގައި އެމީހުންގެ މިދިރާސާގެ ބޭނުމަކީ، ކިޔަވައިދިނުމުގައި މި ޕްލެޓްފޯމްގެ ބޭނުން ހިފޭނެގޮތްތަށް ބެލުމާއި ކިޔަވާ ދަރިވަރުންނަށް މިފަދަ ޕްލެޓްފޯމްތަކުން އެންމެ ފައިދާކުރާނެ މައުލޫމާތުތައް ލިބޭތޯ ދެނެގަތުމެވެ. އެހެން ނަމަވެސް މިދިރާސާއަށްފަހު މިޕްލެޓް ފޯމައަކީ މިދާއިރާގައި ބޭނުން ހިފިދާނެ އެއްޗެއް ކަމާއިމެދު ޝައްކު އުފެދޭކަމަށް އޭނާ ބުނެއެވެ.

މިދިރާސާގައި ދަރިވަރުންނާއި ޗެޓް ޖީޕީޓީގެ ޖަވާބުތައް ހިމެނޭހެން ޓެސްޓު ހައްދަމުން ދިޔައިރު މި ޕްލެޓްފޯމުގެ ނަތީޖާ ރަނގަޅު ނަމަވެސް، ދަރިވަރުން ހޯދި ނަތީޖާ އެވަރެޖުކޮށް މާރަނގަޅުކަމަށް ފާހަގަ ކުރެވެއެވެ. މިގޮތުން ދަރިވަރުންގެ އެވަރެޖު ހުރީ 76.7 އިންސައްތައިގައެވެ. ނަމަވެސް، ޗެޓް ޖީބީޓީގެ ނަތީޖާއަކީ 47.4 އިންސައްތައެވެ.

އެހެންނަމަވެސް، މި އިމްތިހާނުގެ %11.3 ކަމަށްވާ އެކައުންޓިންގ އިންފޮމޭޝަން ސިސްޓްމްސް އާއި އޮޑިޓިންގ ހިމެނޭ ސުވާލުތަކަށް ދަރިވަރުންނަށްވުރެ ރަނގަޅަށް ޖަވާބު ދީފައި ހުރީ މި ޕްލެޓް ފޯމުން ޖެނަރޭޓް ކުރި ޖަވާބުތަކުންނެވެ. ނަމަވެސް، ޓެކުހާއި ފައިނޭންޝިއަލް އެންޑް މެނޭޖީރިއަލް އެސްޕެކްޓް ބައިން ޗެޓް ޖީޕީޓީ ވަނީ ގިނަ ޖަވާބުތަކެއް ގޯސްކޮށް ދީފައެވެ. އެކައުންޓިންގ އެޑިއުކޭޝަންގައި ނެރެފައިވާ ޖާނަލްއެއްގައި ލިޔެފައިވާ ގޮތުންނަމަ ހިސާބުގެ ބައިތަކަށް މި ޕްލެޓްފޯމް އެހައި ފަރިތައެއް ނޫނެވެ. އަދި ޓެސްޓުގައި ދީފައިވާ ސުވާލުތަކަށް ބަލާއިރު 'އާއެކޭ ނުވަތަ ނޫނެކޭ' ޚިޔާރު ކުރުމަށް ހުރި މަލްޓިޕަލް ޗޮއިސް ސުވާލުތަކުގައި ޗެޓް ޖީޕީޓީގެ މަސައްކަތް ފުރިހަމަ ނަމަވެސް ކުރު ޖަވާބު ލިޔުމަށް ހުރި ސުވާލުތަކުގައި މި ޕްލެޓް ފޯމްގެ ޖަވާބުތައް އެހައި ރަނގަޅު ނޫންކަމަށްވެސް އެދިރާސާގައި ފާހަގަ ކުރެވެއެވެ.



މީގެ އިތުރުން ހިސާބުގެ ބައިތަކުގައި އެއްކުރުމާއި ގެއްލުމާއި ގުނަކުރުމުގެ ބައިތަކުން ހަމަނުޖެހޭ ޖަވާބުތަކެއް ދީފައި ހުރިކަން ފާހަގަވާކަމަށްވެސް މިދިރާސާއިން ދައްކައެވެ. މިސާލަކަށް ކަނޑަން ޖެހޭ ޖަވާބެއްގައި އެއްކޮށްފައި ހުރުމާއި ނުބައިކޮށް ހިސާބު ހަދާފައިހުރިކަން ފާހަގަ ކުރެވިފައިވެއެވެ.

ބައެއް ފަހަރު ދީފައި ހުރި ޖަވާބުތަކުގެ އިތުރު މައުލޫމާތު އޮޅުން ފިލުވައިދިނުމަށް ލިޔުމުން ޖަވާބު ނުބައި ނަމަވެސް ހަމަނުޖެހޭ މައުލޫމާތުތަކެއް ދީފައި ހުރުމާއި ރަނގަޅަށް މައުލޫމާތު ދީފައި ނުބައި ޖަވާބު އިޚްތިޔާރުކޮށްފައި ހުރިކަންވެސް ފާހަގަވާކަމަށް މިދިރާސާއިން ދައްކައެވެ.

އަދި ބައެއްފަހަރު ހަޤީގަތާއި ޚިލާފް ކަންތައްތައް 'ފެކްޓްސް'ގެ ގޮތުގައި ކިޔައިދިނުމާއި ނުބައި ރެފަރެންސް ދިނުމާއި ވުޖޫދުގައިވެސް ނެތް މީހުން ލިޔުންތެރިންނަށް ހަދައި ރެފަރެންސް ދީފައިވާކަށްވެސް މިދިރާސާގައިވަނީ ފާހަގަވެފައެވެ.

އެހެންކަމުން، ކިޔަވާ ކުދިން މިފަދަ ޕްލެޓް ފޯމްތައް ފަސޭހައަކަށް ބޭނުންކުރިނަމަވެސް، މީގައިވެސް ކުށް ހުރެދާނެކަމަށް ޤަބޫލުކުރަން ވާނެއެވެ. އަދި މިޕްލެޓް ފޯމްތަކަކީ މައުލޫމާތުތައް އެއްކޮށް ރެގިއުލަރައިޒް ކުރެވިފައިނުވާ ޕްލެޓް ފޯމަކަށް ވުމުން މީގެއިން ލިބޭ މައުލޫމާތުތައް ބޭނުން ކުރުމުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން