ފަތްކެޔޮ ގަހުގެ މަދު: އެތައް ބައްޔެއްގެ ފަރުވާއެއް
ފަތްކެޔޮ ގަހުގެ މަދު: އެތައް ބައްޔެއްގެ ފަރުވާއެއް
އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް އެނގިފައި އޮންނަ ގޮތުން ފަތްކެޔޮ ގަހުން އަޅުގަނޑުމެންގެ ސިއްޙަތަށް އެންމެ ފައިދާލިބެނިވި އެއްޗަކީ އެގަހުގައި އަޅާ މޭވާއެވެ. އާދެ، ދޮންކޭލެވެ. ދެން މީހުންނަށް އެނގިފައި އޮންނަނީ އެގަހުގެ ބޯއްޓެވެ. އެއީވެސް ދޮންކޭލާ އެއްވަރަށް ބޭނުން ނުކުރިޔަސް ތެލުލައިގެންނާއި، މަސްހުންޏާއި ސަޓަނި ފަދަ އެއްޗެތި ހަދައިގެން ދިވެހީން ކައިއުޅޭ މީރު އެއްޗެކެވެ. މި ދެ ބާވަތުގެ އިތުރުން ފަތްކެޔޮ ގަހުގައި ސިއްހީގޮތުން ގިނަގުނަ ފައިދާ ލިބިދޭ އެހެން ބާވަތެއްގެ އެއްޗެއް ވެއެވެ. އާދެ، އެއީ ފަތްކެޔޮގަސްގަނޑުގެ އެތެރޭގައި، އޮންނަ ގަހުގެ މަދެވެ.

ހުދުކުލައިގައި ހުންނު މިމަދަކީ ތަފާތު ބަލިތަކަށްވާ ފަރުވާއެކެވެ. ތަފާތު ބަލިތައް ތަހައްމަލްކުރާ މީހުންނަށް ލުއިތައްކެއް ލިއްބައިދޭ އެއްޗެކެވެ. މިކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިއްތައް މީހުންނަށްހެއްޔެވެ؟ ގިނަ ދިވެހީންނަށް މިކަން އެނގޭނަމަ، ދޮންވާ ކެޔޮގަނޑު ކެނޑުމަށްފަހު، ފަތްކެޔޮ ގަހުގެ ބޭނުމެއްނެތި އުކާ ނުލާނެއެވެ. އުކާނުލައި އޭގެއިން ފަހަރަކު ފަށަލައެއް ނައްޓަމުން ގޮސް އެންމެ މެދުގައިވާ މަދުވަކިކޮށް އޭގެ ބޭނުންހިފާނެއެވެ. މިމަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ އަދި އެކިވައްތަރުގެ ކާނާ ތައްޔާރު ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ.

ފަތްކެޔޮގަހުގެމަދުން ލިބޭ ޞިއްޙީފައިދާ:



1. ބަރުދަން ލުއިވުކުރުމަށް އެހީތެރިވޭ:

ފަތްކޭލު މަދުގައި ފައިބަރު ގިނައިން ހުރުމުން އަވަހަށް ބަނޑު ފުރި، ބަނޑުހައިވުމުގެ އިހުސާސްވުން ކުޑަވެ ކާނާއަށް ޝައުގުވެރިކަން ކުޑަވެއެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނަށް މިއީ ރަނގަޅު ކެއުމެކެވެ.

2. ބަނޑުހަރުވުމުން ސަލާމަތްކޮށްދޭ:

ފަތްކޭލު މަދުގައި ހިމެނޭ ފައިބާގެ ސަބަބުން ހަމައެކަނި އެހީތެރިވެދެނީ ބަރުދަން ލުއިކުރުމަށް އެކަންޏެއް ނޫނެވެ. އެއީ ބަނޑު ހަރުވުމުގެ މައްސަލައަށްވެސް ހައްލެކެވެ. ހަށިގަނޑަށް އެންމެ ފައިދާ ކުރާނެ ގޮތަކީ މަދުގަނޑުގައި ހިމެނޭ ދިޔަ ނަގައި އެދިޔަ ބުއިމެވެ.

3. ހަކުރު ކޮންޓްރޯލް ކޮށްދޭ:

ފަތްކެޔޮ ގަހުގެ މަދުން ނަގާ ދިޔައިން ތައްޔާރުކުރާ ޖޫހަކީ ހަކުރުބަލި ހުންނަ މީހުންނަށް ވަރަށް ރަނގަޅު ބުއިމެކެވެ. ވަކިން ޚާއްސަކޮށް އޭގައި އެކުލެވޭ ގްލައިސީމިކް އިންޑެކްސް މަދުވުމުން މިއީ ހަކުރު ބަލީގެ މީހުންގެ ކެއުމުގައި ހިމަނާލެވިދާނެ އެއްޗެކެވެ.

4. ޑިޓޮކްސިފިކޭޝަން:

ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނުވަތަ ޓޮކްސިންތައް ހަށިގަނޑުން ބޭރުކުރުމަށް ފަތްކޭލު މަދުގައި ހުންނަ ދިޔައިން އެހީތެރިވެދެއެވެ.

5. ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރި ކޮށްދިނުން:

ފަތްކެޔޮ ގަހުގެ މަދުގައި ހިމެނޭ ޕޮޓޭސިއަމްއަކީ ކިޑްނީގައި ހިލަ އުފައްދާ ކެލްސިއަމް ހަރުވެ ކްރިސްޓަލައިޒް ނުވަތަ ހިލައަށް ބަދަލުވުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. ކިޑްނީގައި ހިލަ އުފެދުމުން ދިފާއުކުރުމަށް ކޮތަނބިރިއާއި އެއްކޮށްގެން ބުއިމުން މީގެ ފައިދާ މާ ބޮޑެވެ.

6. ހައިޕަރ އެސިޑިޓީއިން ރައްކާތެރިކޮށް ދިނުން:

ހައިޕަ އެސިޑިޓީގެ ސަބަބުން ގޭހުގެ އުނދަގޫތައް ދިމާވެއެވެ. މިގޮތުން މޭ އެންދުމާއި މެޔަށް ތަދުވުންފަދަ ކަންކަން ދިމާވެއެވެ. ފަތްކޭލު މަދުގެ ސަބަބުން ހަށިގަނޑުގައި ބަނޑުގައި އެސިޑް އުފެދޭ މިންވަރު ދަށްކޮށްދީ ހަށިގަނޑުގެ އެސިޑިޓީ ލެވަލް ބޭނުންވާ މިންވަރަށް ގެނެސް 'ބެލެންސް' ކޮށްދެއެވެ. އެސިޑިޓީ ދަށްކުރުމަށް ހަފްތާއަކު 3 ފަހަރު މިމަދު ބޭނުން ކޮށްލާށެވެ.

7. އެނީމިއާ ޖެހުމުން ރައްކާތެރިކޮށްދިނުން:

ފަތްކެޔޮގަހުގެ މަދުގައި އެނީމިއާ ދަށްކޮށދީ ހިމަގްލޯބިން އިތުރުކޮށްދޭ މާއްދާތައް ހިމެނެއެވެ. މިގޮތުން މީގައި އަޔަންއާއި ވިޓަމިން ބީ ގިނަ އަދަދަކަށް ހުރުމުން މިއީ އެނީމިއާ ޖެހޭ މީހުން ބުއިމަށްވެސް ވަރަށް ރަނގަޅު އެއްޗެއް ކަމުގައި ވެއެވެ.

8. ޔޫރިން އިންފެކްޝަންތަކުން ދުރުކޮށްދިނުން:

ޕޮޓޭސިއަމްއާއި ވިޓަމިން ބީ އަދި ޑައިރެޓިކް މާއްދާތައްވެސް ފަތްކެޔޮގަހުގެ މަދުން ލިއްބައިދެއެވެ. މިއީ ހަށިގަނޑުންނާއި ކުޑަކަމުދާ ނިޒާމުގެ ތެރޭގައި ހުންނަ ހަށިގަނޑަށް ގެއްލުންވާ މާއްދާތައް ބޭރުކޮށްދިނުމަށް އެހީވެދޭ މާއްދާތަކެކެވެ.

9. ލޭގެ ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައި ދިނުން:

މަތީގައި ބުނެވިދިޔަ ޕޮޓޭސިއަމް އާއި ވިޓަމިންބީ މާއްދާގެ ސަބަބުން ލޭގެ ޕްރެޝަރުވެސް އެއްވަރެއްގައި ހިފަހައްޓައި ރެގިއުލޭޓްކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން ކޮލެސްޓްރޯލް ލެވަލް ދަށް ކުރުމަށްވެސް ފަތްކޭލު މަދުން އެހީތެރިވެދެއެވެ.



ފަތްކެޔޮގަހުގެ މަދު ޖޫސް ތައްޔާރު ކުރާނެ ގޮތް:

ފަތްކެޔޮގަހުގެ މަދުން ޖޫސް ގިރުމަށް، މަދުގައި ހުންނަ ކަޅު ތަންތަނާއި ހަރުބައި ނަގާލާށެވެ. އެއަށްފަހު މިކްސަރަށް އަޅައި އެއް ޖޯޑު ފެނާއިއެކު ގިރާށެވެ. އެއަށްފަހު ފުރާނާލާއި އޭގައި ހުންނަ ދިޔަ ވަކިން ނަގާށެވެ. ކުޑަ ހަކުރުކޮޅެއް ބޭނުންނަމަ އަޅައިގެންވެސް މިޖޫސް ބޮވިދާނެއެވެ.

މިޖޫސް ގިރަން މާގިނަ ވަގުތެއްވެސް ނުނަގައެވެ. އެހެންކަމުން ދޮންކެޔޮގަނޑު ކަނޑާލާ ކޮންމެ ފަހަރަކު އެކޭލުގެ މަދުވަކިކުރާށެވެ. ޖޫސް ނޫނީ އެހެނިހެން ތަފާތު ބުއިންމެއް ތައްޔާރު ކުރާށެވެ. ކެއުމުގައި ހިމަނާލުމަށް އެކިއެކި ރެސިޕީތައް ބަލައިގެން އެމަދު ބޭނުން ކުރާށެވެ. އަދި އެއިން ލިބޭ ފައިދާތައް ލިބިގަންނާށެވެ. މިއީ ޢާއިލާގެ ކުދި ބޮޑު އެންމެނަށްވެސް ޞިއްޙީގޮތުން ފައިދާކުރަނިވި އެއްޗެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން