ގިނައިރު އެއްގޮތަކަށް އިށީނދެއިދެ މަސައްކަތް ކުރާނަމަ، ލުއި ކަސްރަތެއް ކޮށްލުން ރަނގަޅު
ގިނައިރު އެއްގޮތަކަށް އިށީނދެއިދެ މަސައްކަތް ކުރާނަމަ، ލުއި ކަސްރަތެއް ކޮށްލުން ރަނގަޅު
ކޮންމެ ދުވަހެއްގެވެސް ހެނދުނު 8 ކުން 4 އޮފީހަށްގޮސް ކޮމްޕިއުޓަރު ދޮށުގައި އިށީނދެއިނދެ ގިނައިރު ސްކްރީނަށް ބަލައިގެން މަސައްކަތް ކުރަންހެއްޔެވެ؟ އަބަދުހެން އެއްގޮތަކަށް އިށީނދެއިނދެ މަސައްކަތްކުރުމަކީ ޞިއްޙީގޮތުން ހަށިގަނޑަށް ގެއްލުން ހުރި ކަމަކަށްވާއިރުވެސް މިގޮތަށް ކޮމްޕިޓަރުން ދޮށުގައި މަސައްކަތް ކުރަން ހަރަކާތްތެރިކަމެއް ނެތި އެއްތަނެއްގައި އަބަދު އިންނަންޖެހުމަކީ ދިރިއުޅުމުގެ މި ވައްޓަފާޅިއަށް މީހާ ހާނުވާވެސް ކަމެކެވެ.

ކަންމިހެން ހުރީ މިހެންކަމުގައިވިޔަސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިމާ ދެމިހުރުމަށް ހަށިގަނޑުގެ މަސްތަކާއި ކަށިތަކުން މަސައްކަތް ކުރުވަންޖެހެއެވެ. އެހެންކަމުން އަބަދު އިށީނދެ އިންނަ މީހާގެ ހަށިގަނޑުގައި ހަރަކާތްތެރިކަމެއް ނެތި ހުރުމުން ހަށިގަނޑުގައި އިތުރަށް ހުންނަ ފެޓްސް ބަނޑަށް ޖަމާވެ ބަނޑުލާގޮތް ދިމާވެއެވެ. އަދި ލޭގެ ޕްރެޝަރު މަތިވުމާއި ބްލަޑް ޝުގަރ ލެވަލް އިތުރުވެ ހަކުރުބަލި ޖެހެންވެސް މެދުވެރިވެއެވެ.

ޞިއްޙީ މާހިރުން ވިދާޅުވާގޮތުގައި ކޮންމެ 30 މިނެޓަކުން ނުވަތަ ގަޑިއިރަކުންވިޔަސް ތެދުވެލުމުން މެޓަބޮލިޒަމް ރަނގަޅުވެ އޮފީހުގައި ގިނަވަގުތު މިގޮތަށް ހޭދަކުރުމުން ހަށިގަނޑަށް ލިބިދާނެ ގެއްލުމުން ރައްކާތެރިކޮށްދެއެވެ. އަދި މިގޮތަށް އޮފީސް މޭޒުދޮށުގައި ނުވަތަ ކޮމްޕިޓަރު ދޮށުގައި ގިނަވަގުތު ހޭދަކުރެވޭނަމަ، އެވަގުތުތަކުގައި، ތިމާ ފުރިހަމަ ޞިއްޙަތެއްގައި ދެމިހުރުމަށް ކުރެވިދާނެ ހަތަރު ކަމަކަށް ބަލާލާނަމެވެ.



1. ސްޓޭންޑިން ޑެސްކެއް ހޯދުން:

ގޭގައި މަސައްކަތް ކުރާމީހުންނަށް މިގޮތަށް ސްޓޭންޑިންގ ޑެސްކެއް ހޯދިދާނެއެވެ. އޭރުން ގިނައިރު އިށީނދެ އިނުމުގެ ބަދަލުގައި ބައެއްފަހަރު ސްޑޭންޑިންގ ޑެސްކު ކައިރީގައި ހުރެ ކޮޅަށް ހުރެ މަސައްކަތްކޮށްލެވޭނެއެވެ.

2. ސްޓްރެޗް ކުރުން:

އިށީނދެ އިންނަ އިރުވެސް ދެމިލައި ސްޓްރެޗް ކުރެވިދާނެއެވެ. އޭރުން ކަށިތަކާއި އަތާއި މެދުހަށީގެ މަސްތަކަށް ވާންވެ ކޮންމެވެސް ވަރަކަށް އެތަންތަނުގެ މެޓަބޮލިޒަމް ރަނގަޅުވާނެއެވެ.

3. ފުންކޮށް ނޭވާލުން:

ބައެއްފަހަރު ޑީޕް ބްރީތިންގ ޓެކްނިކްސް ބޭނުންކޮށްގެން ނޭވާ ހިފަހައްޓާލައި ނޭވާ ދޫކޮށްލައި ނޭވާލުމުގެ ކަސްރަތުތައް ނުވަތަ ބްރީތިންގ އެކްސަސައިޒް ކުރެވިދާނެއެވެ. އޭރުން ހަށިގަގަނޑުގައި ޖަމާވެފައިހުންނަ ބޭކާރު ވައިގެ ބައި ބޭރުކޮށްދީ އޮކްސިޖަން ލެވަލް ރަނގަޅުކޮށް ޑައިފްރާމް ވަރުގަދަ ކޮށްދޭނެއެވެ.

4. ބްރޭކް ނެގުން:

ކޮންމެ 30 މިނެޓަކުން ނުވަތަ ގަޑިއއިރަކުން ސްކްރީނާއި ދުރަށް ޖެހިލައި ތެދުވެލާށެވެ. މިނެޓަކަށް ނުވަތަ 30 ސިކުންތައްނަމަވެސް މިގޮތަށް ކަންތައް ކޮށްލުމުން ހަށިގަނޑަށް ފައިދާ ކުރާނެއެވެ.



މީގެއިތުރުން ލޮލުގެ ފެނުމަށް ނޭދެވޭ އަސަރު ކުރުމުން ރައްކާތެރިވުމަށްޓަކައި މޭޒުމަތިގައި ފެހި ގަހެއް ބަހައްޓާށެވެ. އަދި ދޭތެރެއަކުން ލޮލަށް ބްރޭކެއްދީ ގަހަށް ބަލާލާށެވެ. އަބަދު ކައިރިއަށް ބަލައިގެން އިނދެފައި ތަންކޮޅެއް ދުރަށް މިގޮތަށް ބެލުމުން ލޮލުގެ މަސްތައް ރިލެކްސްވެ، ކައިރީގައި ހުންނަ އެއްޗެއްސަށް ފޯކަސް ކުރުމުން ލޮލުންގެ މަސުލްތަކަށް ލުއިކަން ލިބޭނެއެވެ. މީގެ އިތުރުން ފޮތްކިޔާ އައިނު ބޭނުން ކުރުމާއި ބްރައިޓްނަސް އެހައި މަތިކޮށްފައި ނުބެހެއްޓުމަކީވެސް ކުރެވިދާނެ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން