އެޕިސޯޑް 15
...............
އެއީ ދިވެހި އަންހެން ކުއްޖެކެވެ. އިންޑިޔާގައި މެޑިސިން ހަދަމުންދާ މާލޭގެ ތަނަވަސް ޢާއިލާއެއްގެ އަންހެން ކުއްޖެކެވެ. އާދެ! ޝީކާގެ ފަރާތުން އޭނައަށް އޯގާތެރިކަން ލިބެއެވެ. ނަމަވެސް މަލަކާ ފަދައިންނެއް ނޫނެވެ. ޝީކާއަކީ ޢިއްފަތްތެރި ކަމަށް ލޯބިކުރާ ކުއްޖެކެވެ. ކައިވެނީގެ ކުރިން ކޮށްގެން ނުވާނޭ ކަންތަކުގެ ތާވަލު އަބަދުވެސް އޭނާގެ ސިކުނޑީގައި ހަރުލާފައިވެއެވެ. މައިންބަފައިން ދުނިޔޭގައި ނެތް ކަމުގައިވިޔަސް، އޭނާ ބަލައި ބޮޑުކުރީ އޭނާގެ ބޮޑުދައިތަ ފަހީމާ އޭނާ ތަރުބިއްޔަތު ކޮށްފައިވަނީ އުފަންދަރިއެކޭ އެއްފަދައިން ނުހަނު ރަނގަޅަށެވެ.
މިހާރު މަލަކާވެސް ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ. ސަރާގެ ޚަބަރެއްނުވާތީ މޮޅިވެފައި ހުންނަ ޢިމްރާނުގެ މޫނުމަތިންވެސް މިހާރު ހިސާބަކަށް ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވަމުންދެއެވެ.
[މިދަރިފުޅު ޢިމްރާނަކާ އެއްވެސް ވައްތަރެއްނޫން.] ދަރިފުޅު ދެކެލުމަށްޓަކައި މަލަކާގެ ކޮޓަރިއަށް ވަދެ ދަރިފުޅު ނަގާ ލޯބިކޮށްލަމުން ނިޔާޒް ޢިމްރާނާ ދިމާކޮށްލިއެވެ.
[ނިޔާޒް އެހެން ބުނީމަ މަލަކާއަށް ތެޅިގަނެވުނެވެ. އޭނައަށް ހީވީ ނިޔާޒަށް ޙަޤީޤަތް އެނގުނީ ކަމުގައެވެ.
[ތިހާ ކުޑައިރަކު ވައްތަރެއް ނޭނގޭނެދޯ ޢިމްރާން.] ހަމައަކަށް އެޅެން މަސައްކަތް ކުރަމުން މަލަކާ ބުންޏެވެ. ޢިމްރާން ބޯޖަހާލިއެވެ.
[ނިޔާޒް....ބޭބީ ބާއްވާފައި އަހަންނާއެކު އައިސްބަލަ.] ޢިމްރާން ކޮޓަރިން ނިކުތެވެ. ބޭބީ ބޭއްވުމަށްފަހު ނިޔާޒްވެސް ނުކުތެވެ.
[ނިޔާޒް އަހަންނަށް ހާދަ އުނދަގޫވެޔޭ ސަރާއާނުލާ އުޅެން. ސަރާ އުޅޭ ތަނެއް ހޯދައިދީބަލަ. ހިތަށްއަރާ ސަރާ މަންމައަށް ގުޅައިގެން އޮޅުންފިލުވަންވީޔޭ.] ދެމީހުން ވާހަކަ ދައްކަމުން ގެއިންވެސް ބޭރަށް ނިކުތެވެ.
[އަހަރެން ނަޖްމާއްތާއާވެސް ގުޅައިފިން. ނަޖުމާއްތަ ބުނީ ސަރާ މާލޭގަ އެބައުޅެއޭ. އެހެން ނަމަވެސް އުޅޭތަނެއް ނޭނގެޔޭ.] ނިޔާޒް ދޮގުހެދިއެވެ.
[އަޅެ ހިނގާބަލަ ސަރާ ފެނޭތޯ ހޯދާލަމާ. ސަރާދިޔަފަހުން އަހަންނަށް އެއްވެސް ހަމަޖެހުމެއް ނުލިބޭ.] ޢިމްރާން އެރީ ގެއާ ދިހަވަރަކަށް ފޫޓް ދުރުގައި ޕާކް ކޮށްފައި އޮތް އޭނާގެ ކާރަށެވެ.
[އެއީ ކީއްވެ؟ ހަމަޖެހުމެއް ނުލިބެންވީ؟ ޢިމްރާން ބުނާގޮތުން ސަރާއަށް ކުއްޖަކުވެސް ލިބެނީކީނޫން. މަލަކާ އެއޮތީ ފިސާރި ލޯބި ފުށްގަނޑެއް ވިހާފަ.] ނިޔާޒް ވަށްބަހުން ޢިމްރާނަށް މަލާމާތް ކުރިއެވެ.
[އަހަރެން އަޞްލު ހީކުރިން މަލަކާ ވިހެއީމަ އަހަންނަށް ހަމަޖެހުން އަންނާނޭ ކަމަށް.] ޢިމްރާން ކާރު ދުއްވާލައިފިއެވެ. އޭނާ ބޭނުންވަނީ ސަރާ ފެނޭތޯ މާލޭ އެކި ސަރަޙައްދު ދުއްވައި ހޯދާށެވެ.
އެވަގުތެވެ. ބޯއަނބުރާތީ ސަރާ ގޮވައިގެން ނިމާލް އަންހެނުންގެ ޚާއްޞަ ކްލިނިކެއް ކަމުގައިވާ ގައިނީ މެޑިކަލް ސެންޓަރަށް ދިޔުމަށްޓަކައި ގެއިން ނިކުންނަނީއެވެ.
ގައިނީ މެޑިކަލް ސެންޓަރަކީ ދާދިފަހުން ހުޅުވުނު ތަނެއް ކަމުގައިވިޔަސް، އެވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ވަރަށްބޮޑު މަޝްހޫރު ކަމެއް ހޯދާފައވިާ ސެންޓަރެކެވެ. އެތަނުން ދެވެންނެތް އެއްވެސް ޚިދްމަތެއް މާލޭގެ ބޮޑު އެއްވެސް ކްލިނިކަކުން ނުލިބޭ ކަމަށްވެއެވެ. ޚިދްމަތްތަކުގެ އަގު އެހެން ތަންތަނަށްވުރެން ކުޑަކޮށް ބޮޑުނަމަވެސް، ތަނުން ދެވޭ ޚިދްމަތް މީހުން ބަލައިގެންފައިވަނީ ވަރަށްއަވަހަށެވެ.
ބޮލަށް އެނބުރުން އަރައި ހޮޑުލަވާގޮތްވާތީ ސަރާ އެކްލިނިކަށް ދައްކަން ޚިޔާރުކުރީ ކުރެވޭ އުންމީދީ އިޙްސާސެއްގެ ސަބަބުންނެވެ.
[ޢިމްރާން އަހަރެން ބާކީކޮށްލީ އަހަންނަށް ކުއްޖަކު ނުލިބުމުންކަންނޭނގެ. އެހެންވެ މަޔަކަށްވުމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތް.] ކްލިނިކް ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ސަރާ ބުންޏެވެ. ނިމާލްވެސް ކާރު ޕާކްކޮށްލުމަށްފަހު ފައިބައިފިއެވެ.
[ހިތާމަނުކުރޭ ސަރާ، އިރާދަކުރެއްވިއްޔާ ސަރާގެ އުންމީދުތައް ފުރިހަމަވާނެ.] ސަރާއާއެކު ކްލިނިކަށް ވަންނަމުން ނިމާލް ސަރާއަށް ހެޔޮދުޢާ ކުރިއެވެ.
ނިމާލް އޮތީ މާކުރިން ނަންބަރު ނަގާފައިކަމުން އެމީހުން އެތަނަށް ވަން ވަގުތަކީ އެމީހުންގެ ނަންބަރުވެސް ޖެހުނު ވަގުތެވެ. ނިމާލް ކޮޓަރި ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. މެމޯކޮޅު ހިފައިގެން ސަރާ އެތެރެއަށް ވަނެވެ.
ޑޮކްޓަރުގެ ކުރިމަތީގައި އިށީނދެ އެންމެ ފުރަތަމަވެސް ސަރާ އެދުނީ އޭނާ ބަނޑުބޮޑުތޯ ބަލައިދިނުމަށެވެ. އެއަށްފަހު އޭނައަށްވާ ގޮތްތައްވެސް އޭނާ ޑޮކްޓަރަށް ކިޔާދީފިއެވެ.
އޭގެފަހުން ޑޮކްޓަރ ޝިމާންތީ ސަރާއާ ދެއްކި ވާހަކަތަކަށްފަހު ޔޫރިން ޓެސްޓެއް ހަދަން ލޔެދީފިއެވެ.
]ނަތީޖާ މިހާރު ލިބޭނެތޯ؟] ހިތް އަވަސްވެފައި ހުރި ސަރާ އެއްސެވެ.
[ބައިގަޑިއިރުތެރޭ ލިބޭނެ. އެކަމަކު އެއީ ދިގު ކިޔުއެއް އޮތިއްޔާ. އެހެން ނޫނީ ދިހަވަރަކަށް މިނެޓްތެރޭ ހަމަޖެހޭނެ.] ޑޮކްޓަރ މިހެން ބުނީމާ ވަރަށް ހިތްހަމަޖެހިފައިހުރެމެ ސަރާ އެތަނުން ނުކުތެވެ.
ނަޞީބުވެރި އިއްތިފާޤެކޭ ސަރާގެ ހިތަށް އެރިއެވެ. އޭނާ ދިޔައިރު އިތުރު އެއްވެސް ޕޭޝަންޓަކު ނެތުމާއެކު، ދިހަވަރަކަށް މިނެޓްތެރޭ ނަތީޖާ ލިބިއްޖެއެވެ.
އޭނާ ހަމަ އެހާ އަވަހަށް ޑޮކްޓަރ ޝިމާންތީގެ ކޮޓަރި ދޮރުގައި ޓަކިޖަހާލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ. ޝިމާންތީ ހިނިއައިސްފައި ރިޕޯޓް އަތުލިއެވެ.
[މަރްޙަބާ...ޕޮޒިޓިވް....] ރިޕޯޓް ބަލާލުމަށްފަހު އުފާވެރި ޚަބަރު ޑޮކްޓަރު ދިނެވެ. އެހިނދު ސަރާއަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ.
[އަލްޙަމްދުﷲ] ލިބުނު އުފަލާއެކު ސަރާއަށް މޫނުގައި ދެއަތް އަޅާލެވުނެވެ.
އެއީ ފަހީމާވެސް ބަނޑަށް ތަދަށް އަރައިގެން ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިސް އެތަނަށް ވަން ވަގުތެވެ. ސަރާ ޑޮކްޓަރ ޝިމާންތީގެ ކޮޓަރިން ނިކުތްތަން ފެނިފައި ފަހީމާގެ ދެލޯ ބޮޑުވިއެވެ. އޭނާ ބޮޑަށް ޢަޖައިބުވީ ސަރާއާ ދާދި ކައިރީގައި ޒުވާން ފިރިހެނަކު ހުއްޓަތީއެވެ. ވަގުތުން އޭނާގެ ބޮލުގައި ރިއްސާލިއެވެ. ސަރާ މާބަނޑު މީހުންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކަންވީ ކީއްވެބާއޭ އޭނާގެ ހިތަށްއެރިއެވެ.
މިޚިޔާލުގައި ހުރެމެ ފަހީމާ ސަރާއަށް ނުފެންނާނޭހެން އެއްފަރާތަށް ޖެހިލިއެވެ.
ވަރަށް އުފަލާއި ހިތްހަމަޖެހުން ޙިއްޞާ ކުރަމުން ސަރާ ނިމާލާއެކު އެތަނުން ނިކުތުމާއެކު ސަރާ ނިކުތް ކޮޓަރިއަށް ފަހީމާ ވަދެއްޖެއެވެ.
ޑޮކްޓަރ ޝިމާންތީއަކީ ދާއިމީކޮށް އޭނާ ދައްކަމުން އަންނަ ޑޮކްޓަރަކަށްވާތީ، އެދެމީހުންގެ މެދުގައި ޚާއްޞަ ގުޅުމެއް އުފެދިފައިވާތީ، އޭނާ އެތަނަށް އެވަނީ ނަންބަރުވެސް ނުޖެހެނީހެވެ.
[ދެންމެ އެދިޔަ އަންހެން މަންޖެ އެއީ ކޮންކަހަލަ ބައްޔަކަށް ދައްކަން އައި ކުއްޖެއްތަ؟] އިށީންނަމުން ފަހީމާ އެއްސެވެ.
[އެކުއްޖާ އައީ ޕްރެގްނަންސީ ޓެސްޓް ހަދަން. ކިހިނެއްވީ؟ ތިގޭ ކުއްޖެއްތަ އެއީ؟] ޑޮކްޓަރ ޝިމާންތީ އިނގިރޭސި ބަހާއި ދިވެހިބަސް މަސްހުނިކޮށްގެން ވާހަކަ ދެއްކިއެވެ.
[އެއީ އަހަރެންގެ ދަރިފުޅުގެ އަނބިމީހާ. ކޮބައިތަ އޭނަ ހެދި ޓެސްޓްގެ ނަތީޖާއަކީ؟] ފަހީމާގެ ހިތް އަވަސްވިއެވެ.
[ނަތީޖާ ލިބި އެހިފައިގެން އޭނަ ދިޔައީ. އޭނަ ބަނޑު ބޮޑު.] ޑޮކްޓަރ ޝިމާންތީގެ އެޖުމްލަ ހީވީ ފަހީމާގެ ސިކުނޑީގައި އަޅާލި ބާރު ބޮނޑިއެއް ހެންނެވެ.
[އޭނަ ބަނޑުބޮޑޭ. އަހަރެން އެބަ އަންނަން.] ފަހީމާ ނިކަން ބާރަށް އެތަނުން ނުކުމެއްޖެއެވެ. އޭނާ ނިންމީ ސަރާ ބަލިވެ އިނދެގެން އުޅެނީ ޢިމްރާންގެ ދަރިއަކަށް ނޫން ކަމަށެވެ. ޢިމްރާންގެ ދަރިއެއް ސަރާގެ ބަނޑުން އުފަންވުމަކީ ފަހަރެއްގައިވެސް އޭނައަށް އެދެވޭނެ ކަމެއް ނޫނެވެ.
އޭނާ ބޭނުންވަނީ ވަގުތުން ގެއަށްގޮސް ސަރާ ހިލޭ ފިރިހެނަކާއެކު ޕްރެގްނަންސީ ޓެސްޓް ކުރަން ގޮސް ހުއްޓާ ފެނުނު ވާހަކަ ބުނެ ސަރާގެ އަގު އިތުރަށް އެޢާއިލާގެ ތެރޭގައި ދައްކޮށްލާށެވެ. އޭނާ ހެދީވެސް އެހެންނެވެ. ނަމަވެސް އޭނާ ވާހަކަ ދެއްކީ ފެނުނު މަންޒަރަށްވުރެން ބޮޑުކޮށްގެނެވެ.
[އަހަރެން ބުނި މަންޒަރުތައް ފެންނަން ފަށައިފި. ކުރިންވެސް އަހަރެން ބުނީމެއްނު، ކުޑަސޯބު އެނބުރޭނީ މައި ސޯބް އެނބުރޭ ގޮތަށޭ. އަހަރެންގެ ދަރިފުޅުގެ ލޯބިވާ އަނބިގޮއްޔެ ހިލޭ ފިރިހެނަކާއެކު މާބަނޑު މީހުންގެ ކްލިނިކުން ފެނުނީމަ އަހަރެންގެ ހިތަށް އެރި ސަހަރޯއޭ، އެގޮއްޔެ އެފިރިހެން މީހާގެ ގައިގަ ތަތްލާފައި ހުރިއިރު ހީވަނީ ގެއްލިދާނެތީ އުޅޭހެން. މިގެއިން ނިކުމެގެން ދިޔަތާ އަދި ކިރިޔާ މަސްދުވަސްވީ. މިހާރު އެއިނީ ނަހަލާލަށް ބަލިވެ.] ފަހީމާ ނިކަން ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އެވާހަކަ އަޑުއަހަން އިމްރާނާއި މަލަކާ ތިއްބެވެ.
[ސަރާ ބަނޑުބޮޑޭ؟ އަޅެ މަންމައަށް އެނގޭތަ ސަރާދިޔަތަނެއް.] ޢިމްރާންގެ ދެލޯ ބޮޑުވިއެވެ.
[އޭނަދާ ތަނެއް މަންމަ ކީއްކުރަންތަ ބަލަންވީ. ހިތާވެގެން އުޅޭ މީހާއާއެކު އޭނަގެ ގެއަކަށްނު ދާނީ...މިހެން ބުނެފައި ގޮސް ފަހީމާ މަލަކާގެ ދަރިފުޅާ ލޯބިކޮށްލިއެވެ. މާމަގެ ރަނާއޭ ކިޔަމުންނެވެ.
[މަންމަ ސަރާގެ ބޮލުގައި ތިކަހަލަ އިލްޒާމް ނާޅުވާ. ސަރާ އަހަރެން ނޫން އެހެން މީހަކަށް ކުއްޖަކު ނުވިހާނެ. އެއީ ތެދުވެރި ވަފާތެރި އަންހެން ކުއްޖެއް.] ސަރާއަށް ތަޢުރީފު ކުރަމުން ޢިމްރާން ކޮޓަރިން ނިކުތެވެ. މަންމަގެ ވާހަކަތަކުން ސަރާ ހުރިތާކުން ހޯދުމުގެ ޝައުޤު މާބޮޑަށްވެސް އިތުރުވެއްޖެއެވެ. އެކަމަކު ފަހީމާ އެވާހަކަ ދެއްކީ އޭނާ ހިތުން ޢިމްރާން ސަރާމަތިން ފޫހިވާނޭހިތައެވެ.
އޭގެ ބަދަލުގައި ޢިމްރާންގެ ހިތުގައި ސަރާގެ ޝައުޤު އިތުރަށް ބޮޑުވީއެވެ. ވުމާއެކު އޭނާ ބޭނުންވަނީ ސަރާ ހުރިތާކުން ހޯދައިގެން އަނެއްކާވެސް އޭނާގެ ޙިމާޔަތަށް އޭނާގެ ގާތަށް ގެންނާށެވެ.
[އަހަރެން ނުދާނަން..އިންސާނުންނަށް ހިތާމައާއި ހިތްދަތިކަން ބަރުދާސްތު ކުރެވޭނީވެސް ވަކިވަރަކަށް. އެގެއަށް ދިޔުމަށްވުރެން މިގޮތްވެސް އަހަންނަށް މާހިތްހަމަޖެހޭ. އެކަމަކު ވަރަށް ޢިމްރާން މަތިން ހަނދާންވޭ...ދެކޭހިތްވެސްވޭ....] ސަރާ ވާހަކަ ދެއްކީ ނިޔާޒާއެވެ. ނިޔާޒްގެ ކޮއްކޮ ނިމާލްގެ ގޭގައި ހުރެއެވެ.
ނިޔާޒް ކޮންމެ ދުވަހަކުވެސް ސަރާގެ ޙާލު ބެލުމަށްޓަކައި އެގެއަށް އާދެއެވެ. އައިސް ޢިމްރާން ސަރާ ހޯދަން ކުރާ މަސައްކަތުގެ ވާހަކަވެސް އޭނާ ސަރާއަށް ކިޔާދެއެވެ.
[ޢިމްރާންގެ ދަރިފުޅު ކިހިނެއް؟ ޙާލު ރަނގަޅުތަ؟] ސަރާ އަހާލިއެވެ.
ރަނގަޅުހެން ހީވަނީ. ޢިމްރާން އުފާނުވިޔަސް ޢިމްރާންގެ މަންމައާއި މަލަކާ ފެންނަނީ ވަރަށް އުފާވެފައި. ސަރާ އައީމާ މަލަކާއަށް ކިހާބޮޑު ފުރްޞަތެއް އެހުޅުވުނީ. އަހަރެންނަށް ފެންނަނީ އަލުން ސަރާ އެނބުރި އެގެއަށް ދާން. އެހެންނޫނީ ތިހެން އެކަނިވެރިކޮށް އުޅުމުގެ މާނައެއް ނެތް. އަމުދުން މާބަނޑުދުވަސްވަރު އެހެން މީހުންގެ އަޅާލުންވެސް ވަރަށް ބޭނުންވާނެ. ޚާއްޞަކޮށް، މައިންބަފައިންގެ އޯގާތެރިކަން ވަރަށް މުހިންމުވާނެ.] ނިޔާޒް އުޅުނީ ސަރާއަށް ވިސްނައިދޭށެވެ.
[ނިޔާޒް އަހަރެންގެ ނިކަމެތި ޙާލު ބަލާކަށް މަންމައަށް ކުޅަދާނައެއް ނުވާނެ.] ސަރާއަށް ރޮވިއްޖެއެވެ.
[އެކަމަކު ސަރާ އަމިއްލަ ނަފްސަށް ތިހާބޮޑު ކެއްސެއްދޭކަށް ނުވާނެ.] ނިޔާޒް އަބަދުވެސް ސަރާގެ ޙާލަތާމެދު ހަމްދަރުދީވެއެވެ.
[އެކަނިމާއެކަނި އިތުރު އެއްވެސް މީހެއްގެ އެހީތެރިކަމަކާނުލާ މަންމަ އަހަރެން ބަލާބޮޑުކޮށްފައިވަނީ އަހަންނާ ދޭތެރޭ ހާދަ ފޮނި އުންމީދުތަކެއް ކޮށްފައޭ. ކައިވެންޏެއް ނުކޮށް، އެމަންމަގެ ޒުވާން ޢުމުރު ނަގާލާފައިވަނީ އަހަރެންގެ ޙައްޤުގައި. އެފަދަ މަޔަކަށް އަހަރެންގެ ސަބަބުން އިތުރު ހިތްދަތިކަމެއްދޭކަށް އަހަރެން ބޭނުމެއްނޫން. ނިޔާޒަށް އެނގޭތަ، އަހަރެންގެ ޙާލަތު ކުޑަކޮށްވެސް އެނގިއްޖިއްޔާ މަންމަ ރޮއިރޮއި ހަލާކުވެދާނެ.] ސަރާގެ އަޑު ބެދުނެވެ.
[ނަޖްމާއްތައަށް ނާންގަންޏާ އަހަރެން ޢިމްރާން ގާތު ބުނާނަން...ދެގޮތުން ކޮންމެވެސް އެއްގޮތް ސަރާއަށް ޚިޔާރު ކުރެވޭނީ.] ނިޔާޒް ވާހަކަ ދެއްކީ ވަރަށް އޯގާތެރި ރާގުގައެވެ.
[ނޫން...ނޫން...ނިޔާޒް...އާދޭސްކުރަން...އަދި އަހަންނަށް ދުވަސްކޮޅެއްދީ.] ރޮއިރޮއިފައި ސަރާ އާދޭސްކުރިއެވެ. ނަމަވެސް އެދުވަހު ނިޔާޒް އެގެއިން ނުކުމެގެން ދިޔައީ ސަރާ އެހިތާމަތަކުން މިންޖު ކުރުވާނޭ ކަމުގެ ޔަޤީންކަން ދެމުންނެވެ.
މިހާރު ބޭސްފަރުވާއަށްފަހު ކުރީގެ ޙާލަތަށް ބަދަލުވުމަށްފަހު ރައްޒާޤު މާލެ އައުމަށް ތައްޔާރުވަމުންދަނީއެވެ. އެއީ ދެވަނަ ސެމިސްޓަރއަށްފަހު ލިބުނު ކުރު ޗުއްޓީގައި މިހާރު އޭނާގެ ބައިވެރިޔާ ޝީކާވެސް މާލެ އައުމަށް ތައްޔާރުވަމުންދާ ދުވަސްވަރެވެ.
[ޝީކާ އަހަރެން ހިތަށްއަރާ ޑޮކްޓަރަކަށްވުމަށްފަހު ޝީކާ އަހަންނާ ހަމަޔަށް އަރާނޭބާއޭ.] ރައްޒާޤު މިހާރު އެއްވެސް އަންހެނަކަށް އިތުބާރެއް ނުކުރެއެވެ.
[ރައްޒާޤު ތިޔަހެން ހިތަށް އަރުވަން ހެޔޮވެސް ނުވާނެ. އަހަރެން މިހާރު ރައްޒާޤު ދެކެ ވަރަށް ވަރަށް ލޯބިވަން. ފެންވަރުގެ ތަފާތަކުން މިދެމެދަކަށް އެއްވެސް ހުރަހެއް ނޭޅޭނެ.] ޝީކާ ރައްޒާޤުގެ މޭގައި ބޯއަޅާލިއެވެ.
ރައްޒާޤުގެ މަޤްޞަދުތަކެއްވެއެވެ. މަލަކާގެ ފުށުން ބަދަލު ހިފުމަށްޓަކައި އެގެއަށް ވަދެ ނިކުމެވުމަށް އޭނާ ބޭނުންކުރާނޭ ހަތިޔާރަކީ ޢިމްރާންގެ ބޮޑުދައިތަގެ ދަރިފުޅު ޝީކާއެވެ. ޝީިކާގެ ލޯބިވެރިއެއްގެ މަގާމާއެކު ރައްޒާޤު އެގެއަށް ވަދެ ނިކުމެވުމަކީ މަލަކާއަށް ލިބޭނޭ ބޮޑު ޝޮކަކަށްވާނެއެވެ.
އެކަން ހަޖަމް ކުރަންވެސް އޭނައަށްވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ޙަޤީޤަތުގައި އޭނާގެ ދިރިއުޅުމަށް އަލުން ރައްޒާޤު ފާޅުވެއްޖެނަމަ، އޭނައަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.
ނަމަވެސް މިހާރަކު ރައްޒާޤު އެނބުރި އޭނަގެ ދިރިއުޅުމަށް އަތުވެދާނޭ ކަމަކަށް މަލަކާ ނުވިސްނައެވެ. އޭނާ ގަބޫލުކުރަނީ ރައްޒާޤަކީ ދާއިމީ ނުކުޅެދުންތެރިއަކަށް ވެފައިވާ މީހެއް ކަމަށެވެ. ރައްޒާޤުގެ ފުށުން އަތުވެދާނޭ ނުރައްކަލަކަށް އޭނާ ނުވިސްނަނީ އެހެން ވެގެންކަން ގައިމެވެ.
މަލަކާގެ ސިކުނޑީގައި މިހާރު އެނބުރެމުންދަނީ ޢިމްރާން އަބަދަށް އޭނާގެ މީހެއްގެ ގޮތުގައި ބެހެއްޓުމުގެ ވިސްނުމެވެ.
ސަރާގެ ހިޔަނިވެސް އެދިރިއުޅުމަށް އެޅިޔަދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ޢިމްރާންގެ މަންމަ ދިން ޚަބަރަކުން މިހާރު އޭނަ އެވަނީ ހިސާބަކަށް މާޔޫސްވެފައެވެ. ސަރާގެ ބަނޑުން ޢިމްރާންގެ ދަރިޔަކު އުފަންވުމަކީ އޭނަ އެދޭ ކަމެއް ނޫނެވެ. އެކަމަށް އޭނައަށް ވަންޏާ އޭނާ ހުރަސްއަޅާނެއެވެ. އޭނާ ޑޮކްޓަރ ޝަހީދަށް އެކަމާ ބެހޭގޮތުން މަޝްވަރާ ކުރިއެވެ.
[ޝަހީދު އަޅެ ދެން ކިހިނެއްތަ ހަދާނީ...ސަރާ ބަނޑުބޮޑޯ. އަހަރެންގެ ބޯހަލާކުވެއްޖެ. އުންމީދުތައް ވެއްޔާ މޮޑެވިއްޖެ ކަމުގެ އިޙްސާސްތައް ކުރެވެން ފަށައިފި.] މަލަކާ ވާހަކަ ދެއްކީ ވަރަށް މާޔޫސީ ރާގެއްގައެވެ.
[އަދި އުންމީދު ގެއްލުވާނުލާބަލަ. އޭނަގެ ބަނޑަށް ތިންމަސްވުމުގެ ކުރިން އިންޖެކްޝަނެއް ޖަހާލާނެ ފުރްޞަތު އަހަންނަށް ލިބިއްޖިއްޔާ އަހަރެން މަލަކާ އުފާކޮށްދޭނަން. އެކަމަކު މަލަކާވާނެ އެކަން ދަންނަން....] ޝަހީދު ބުންޏެވެ. ޝަހީދު އެހެން ބުނީމާ މަލަކާގެ މޫނުމަތި ހިސާބަކަށް އަލިވެގެންދިޔައެވެ.
[ކިހާވަރެއް ބޭނުންވަނީ.] މަލަކާގެ ހިތް އަވަސްވިއެވެ.
[ޢަދަދު ކިޔާނެ ކަމެއްނެތް. މަލަކާއަށް ފެންނަވަރެއް ދިނީމާ ރަނގަޅުވާނެ.] އެއީ ޝަހީދުގެ އާދައެވެ.
ފަހަކަށްއައިސް އޭނާ އެދަނީ ފުރްޞަތުގެ ބޭނުން ހިފަމުންނެވެ. އޭނާ ކިތަންމެ ބައިވަރެއް ބުންޏަސް މަލަކާ އެހުންނަނީ ހަމަދޭގޮތަށެވެ.
ސަރާ ނިކަމެތިކޮށްލުމަށްޓަކައި އޭނާ ކިތަންމެބޮޑު ހޭދައެއްވެސް ކޮށްފާނެއެވެ.
ސަރާ އޭނާގެ ފިރިމީހާ ޢިމްރާންގެ ދަރިފުޅަކަށް ބަލިވެއިން ކަމުގައިވިޔަސް، ނިމާލު ސަރާއަށް ކުރަމުން އައި އިޙްތިރާމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މިހާރު ނިމާލްގެ ހިތަށްއަރައެވެ. ކޮންމެވެސް ދުވަހަކުން އެމަލުގެ ވަހުން އޭނާއަށް ހަމަޖެހުން ލިބޭނެއެވެ. އެމަލުގެ ޙަޤީޤީ ޙައްޤުވެރިޔަކަށް ވާންވާނީ އެމަލަށް އޯގާތެރިވާނޭ ބައިވެރިއެކެވެ. މަލުގެ ފިޔަތަކުގެ ނާޒުކުކަމާއި ކަރުގަނޑުގެ ނިޔަނެތިކަން ރަނގަޅަށް ދަންނަ ބައިވެރިއެކެވެ. އެމަގާމެއް...ޢިމްރާނަކަށް ޙައްޤެއް ނޫނެވެ. އެއީ މާމެލާމެލީގެ ވަޒަންނުކުރާ ވައިރޯޅިއެއްފަދަ މީހެކެވެ.
ސަރާފަދަ ރީތި އަންހެން ކުއްޖަކާ ދޭތެރޭ އޭނަ ނޫން މީހަކު ފަހަރެއްގައިވެސް އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.
[ސަރާ ސަރާ ގަބޫލު ކުރަންތަ، މަލެއްގެ އަގު ވަޒަންނުކުރާ މީހަކު މަލުގެ ޙައްޤުވެރިއަކަށްވާނޭ ކަމަށް.] ފުރަތަމަފަހަރަށް ނިމާލް އޭނާގެ ހިތުގެ ޝުޢޫރު ފާޅުކުރިއެވެ. ނަމަވެސް ސީދާ ބަހުންނެއް ނޫނެވެ.
[ނުކުރަން. ނުވާނެދޯ އަޞްލު؟] ސަރާ ދިނީ ނިމާލް ބޭނުންވި ޖަވާބެވެ. ވުމާއެކު އެއީ އޭނާއަށް ލިބުނު ކާމިޔާބީ ސިގްނަލެއް ކަމުގައި އޭނާ ދުށްޓެވެ.
[އާނ ނުވާނެ. އެފަދަ މީހަކަށް މާތްރަސްކަލާނގެ ކިތަންމެބޮޑު ނިޢްމަތެއް ދެއްވިޔަސް ބަލައިގަންނާކަށް ނޭނގޭނެ. އެކަހަލަ ކަމެއް ސަރާގެ ދިރިއުޅުމަކީވެސް.]
[ނޫން..ޢިމްރާން...އަހަރެންދެކެ ވަރަށް ލޯބިވޭ. އޭނަ އަހަންނަށް ވަރަށް އަޅާލާ...ހުރިހާވެސް މައްސަލައަކީ އިމޫގެ މަންމަ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު