އުމުރުން ދުވަސްވީ މައިންބަފައިންނަށް އަޅާލުން: ދަރިންނަށް އެންމެ ބޮޑު ޒިންމާ
އުމުރުން ދުވަސްވީ މައިންބަފައިންނަށް އަޅާލުން: ދަރިންނަށް އެންމެ ބޮޑު ޒިންމާ
ރިޓަޔަވެ ބައްޕަގޭގައި ހުންނަ އިރު ނުވަތަ މަންމަވެސް އާއްމުކޮށް އެދާ ވަލަށް ދިއުމާއި ރޯނު ވެށުމުގެ މަސައްކަތްތައް ކުރުމުގައި ބިޒީ ނުވުމަށް ޑޮކްޓަރު އެންގުމުން ގޭތެރޭގައި، އެހެންމީހުން ވަޒީފާއަށް ދިއުމުން އެކަނި އިންނަންޖެހެއެވެ. މިއީ އެމީހުންގެ ސިކުނޑިއާއި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އަދި މިގޮތަށް ދިމާވުމުން ދެން އެމީހުން ދަރިންގެ ކަންކަމުގައި މާބޮޑަށް ބެހި އަނގަގަދަވާތަން އާދެއެވެ.

އެހެންނަމަވެސް، އެމީހުންނަށްވެސް ދިރިއުޅުމުގައި ކަންތައްތަކެއް ރޭވިފައިވާނަމަ، އަބަދު މަސައްކަތުގައި އުޅުނު ބެލެނިވެރިން މުސްކުޅިވުމުން ކުރާނެ ކަމެއް ނެތިފައި ފޫހިވެފައި ހުންނާކަށް ނުޖެހޭނެއެވެ. ތިރީގައިވާ ކަންކަން ކުރުމަށް ގޭގައި ތިބޭ މައިންބަފައިންނަށް ހިއްވަރުދީ އެމީހުން އެކަންކަމަށް ޝައުއުޤުވެރިކުރުވާށެވެ. އޭރުން އެމީހުންގެ ދިރިއުޅުން އުޖާލާވެ އަނެއްކާވެސް ވަކި ޝެޑިއުލެއްގައި އެމީހުންގެ ދުވަސް ހިތްހަމަޖެހިގެން ކުރިއަށް ދާނެއެވެ.

1. ދީނީ ކަންކަމަށް ފަރުވާތެރިވުން:

ދިރިއުޅުމުގައި ބިޒީވެގެންނަމަވެސް ޒުވާން އުމުރުގައި ގިނަ ނަމާދުތަކެއް ނުކޮށް ދޫކޮށްލެވިފައި ހުންނާނެއެވެ. އެހެންކަމުން މުސްކުޅިވުމުން ގޭގައި ހުންނަން އެ ލިބޭ ގިނަވަގުތުގެ ފައިދާ ހެޔޮގޮތުގައި ހިފަންވާނެއެވެ. އަދި ދަރީންވެސް، މައިންބަފައި ގޭގައި ތިބޭއިރު، އެމީހުންގެ މަސައްކަތަކީ ހަމައެކަނި ތިމާމެންގެ ދަރީން ބެލުން ކަމުގައި ނުދެކި، މައިންބަފައިންނަށް އަޅުކަމުގައި އުޅެވޭނެ މާހައުލެއް ހޯދައިދީ، އަދި އެމީހުން އެމީހުންނަށް އަޅުކަމުގައި ހޭދަކުރުމަށް ވަގުތު ވިޔަދޭންވާނެއެވެ. ހަމައެހެންމެ އަޅުކަމަށްވުރެ ބޮޑަށް ގޭތެރޭގައި އެހެން ކަންކަމައިގެން އުޅޭނަމަ، މައިންބައިން އެހާބުރަކޮށް ކަންކަމާ ނޫޅެ ދީނުގެ ކަންކަމަށް ވުގުތު ދިނުމަށް ނަސޭހަތްތެރިވާން ވާނެއެވެ. ދޫކޮށްލެވިފައިވާ އަޅުކަންތައް އުމުރުގެ ފަހުބައިގައި އަދާހަމަކުުމަށް ގަދައަޅައި މަސައްކަތްކޮށް ﷲ އަށް ކުށްތަންވެ މަރަށް ތައްޔާރުވުމަކީ ދީނީގޮތުން މިއުމުރުގެ މީހުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމެކެވެ. މިގޮތުން ފަރުޟުތައް އަދާކުރުމަށްފަހު ސުންނަތްތައް އަދާކޮށް ސަދަޤާތްކުރުން އިތުރުކުރެވިދާނެއެވެ.

2. ކަސްރަތުކުރުން:

ކަސްރަތު ކުރުމަކީ ދޮށީ އުމުރަށް އެޅުމުން ކުރުން ކޮންމެހެންވެސް މުހިންމުކަމެކެވެ. މިއީ މިއުމުރަށްދިއުމުން ހަށިގަނޑަށް ނުރައްކާވާ ހިތުގެ މައްސަލަތަކާއި ހަކުރުބަލި އަދި ކަށީގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ވަރަށް މުހިންމުކަމެކެވެ. އެހެންކަމުން ކަސްރަތު ކުލާސްތަކާއި ކުޅިވަރުތަކުގައި އެމީހުން ބައިވެރިވުމަށް ހިއްވަރުދީ އެފަދަ ކަންކަމުގައި ފުރުސަތު ހުޅުވާލާށެވެ. އަދި މީގެ އިތުރުން ދުވާލުގެ ކޮންމެވެސް ވަގުތަކު ބޭރަށް ނުކުމެލައި ހިނގާލައި ސްޓްރެޗްކޮށްލުންފަދަ ކަންކަންވެސް ކޮށް ދުވަހުގެ ތާވަލުގެ ތެރެއަށް މިއިންކަމެއް ލެވިދާނެއެވެ.

3. އެހެންމީހުންނާއި ބައްދަލުކުރުން:

މައިންބަފައިން އަބަދުހެން ގޭތެރޭގައި އިރުގެ އަވި ނުފެނި އުޅެންޖެހުމުން ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވޮ މާޔޫސްވެއެވެ. މިކަމުގެ ސަބަބުން އެމީހުންނަށް ޑިޕްރެޝަންއާއި އެންޒައިޓީފަދަ ނަފްސާނީ މައްސަލަތައް ދިމާވެއެވެ.އެހެންކަމުން ވަޒީފާގެ ގޮތުން ކޮންމެ ދުވަހަކު ބޭރަށް މަންމަމެން ގޮވައިގެން ނުދެވޭނަމަ، ސްމާޓްފޯނެއް ދީ އޭގެއިން ވައިބާ ފަދަ އެޕްތަކުން މީހުންނަށް ގުޅަން ދަސްކޮށްދޭށެވެ. އޭރުން އެމީހުންނަށްވެސް އެމީހުންގެ އެކުވެރިންނަށް ގުޅައި ހެދުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން އެމީހުން ގޮވައިގެން ޕާކުތަކާއި މީހުން އުޅޭ ތަންތަނަށް ދިއުމަކީވެސް ކުރެވިދާނެ ކަންކަމެވެ.

4. 'ހޮބީ'ތައް އާލާކުރުން:

ހޮބީއަކީ ކުރާހިތުން ހުސްވަތުގައި ކުރާ އެކިކަހަލަ ކަންކަމެވެ. މިފަދަ ކަންކަމުގެ ސަބަބުން ގޭގައިވެސް ކޮންމެވެސް ކަމެއް ފޫހިނުވެ ކުރެވޭނެއެވެ. މީގެ ތެރޭގައި ބަގީޗާ ހެއްދުމާއި ފެން ކުލަ ޖެއްސުމާއި، ވިޔުމާއި ޓީވީ ބެލުން ކަހަލަ ކަންކަން ހިމެނެއެވެ. އެހެންކަމުން އެމީހުން ބޭނުންވާ ހޮބީއެއް ދިރުވުމަށްޓަކައި ކޯސްތަކުގައިވެސް ބައިވެރިކޮށް ފެހުންފަދަ ހުނަރުތައް ތަރައްޤީ ކުރެވިދާނެއެވެ. މިއީ މީހާގެ ސިކުނޑި ތާޒާކޮށްދީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމަކަށް ވުމުން މައިންބަފައިންނަށް މިފަދަ ކަންކަމަށް ފަގުފަހިކޮށްދީ އެފަދަ ކަމެއް ކުރުމަށް ހިއްވަރުދޭށެވެ.

5. ގޭމު ކުޅުން:

ފޯނުގައި ހުންނަ ގޭމްތައް ނޫނަސް އެހެން ގޭމުތައްވެސް ކުޅުމަކީ ސިކުނޑި ތާޒާކޮށްދޭ ފޫހިކަން ފިލުވައިދޭނެ ކަންކަމެވެ. މިގޮތުން ރާޒުވާއާއި ކެރަމް އަދި އޮށްވަޅުގޮނޑިފަދަ އެމީހުން ކުޅެން ބޭނުންވާ ގޭމުތަކަށް ބޭނުންވާ އެއްޗެހި ހޯދަދޭށެވެ. އަދި އެމީހުންގެ އެކުވެރިން ގެއަށް އައިސް އެމީހުންނާއި އެކު މިފަދަ ކުޅިވަރުތައް ކުޅުމަށް ބާރުއަޅައި މިފަދަ ކަންކަން އަމިއްލަޔަށްވެސް ކުރާށެވެ. އަދި އަމިއްލަ ދަރިންނާއި ފިރިމީހާ ނުވަތަ އަނބިމީހާއާއި އެއްކޮށް މަންމަމެންނާއިއެކު މިގޮތަށް ޑިގު ކަހަލަ އެއްޗެއް ކުޅުމުން އެންމެންގެ މެދުގައި އެކުވެރިކަމާއި ލޯބި އާލާވެގެންވެސް ދާނެއެވެ.

6. ދަސްކުރުން:

އެކިކަންކަން ދަސްކުރުމަކީ ވިސްނުންތަނަވަސްވާ ކަމެއްގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮ ކަމަށާއި ހަނދާންނެތުމުގެ ބަލިން ރައްކާތެރވުމަށް އެހީވެދޭ ކަމެކެވެ. އެހެންކަމުން އެމީހުން ބޭނުންވާފަދަ ދީނީ ފޮތްތަކާއި މައުލޫމާތު ލިބިދޭ ފޮތްތައް ގެނެސްދީ ފޮތް ކިޔުމަށް ހިއްވަރުދޭށެވެ.

މައިންބަފައިންނަކީ އަހަރުމެން ބަލާބޮޑުކުރި މީހުން ކަމުގައިވުމުން އެމީހުން މުސްކުޅިވުމުން ބެލުމަކީ އަހަރުމެންގެ ޒިންމާއެކެވެ. ގޭގައި މަންމަ އާއި ބައްޕަ ބަހައްޓާފައި ވަޒީފާއަށް ގޮސް އެމީހުންނަށް ޚަރަދު ކުރުމުން ވާޖިބު އަދާވީކަމުގައި ނުދެކޭށެވެ. އެމީހުންނާއިމެދު އޯގާތެރިވެ އެމީހުންގެ ކަންކަން ބަލައި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދޭ ފަދައިން އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ސަމާލުކަން ދޭށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން