މަރިޔަމް ލަމްޙާ ރަޝީދު   4 މޭ 2023 - 13:0
ދުވަން ބޭނުންކުރާ ބޫޓު އެންމެ ދިގު މުއްދަތަކަށް ބޭނުންކުރެވޭނީ 6 މަސް ވަންދެން
ދުވަން ބޭނުންކުރާ ބޫޓު އެންމެ ދިގު މުއްދަތަކަށް ބޭނުންކުރެވޭނީ 6 މަސް ވަންދެން
ދޮޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ދުވުމާއި ކަސްރަތުކުރުން ތާވަލުކޮށްގެން ކުރިއަށް ގެންދިއުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. ވަކީން ޚާއްސަކޮށް ހިތުގެ މައްސަލަތައް ހުންނަ މީހުންނަށް ދުވުމާއި ކަސްރަތުކުރުމުގެ މުހިއްމުކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.



އާއްމުގޮތެއްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ކަސްރަތު ކުރުމަކީ މުހިންމުކަމަކަށް ވީއިރު ކަސްރަތު ކުރުމަށް ބޭނުންކުރާ ބޫޓު ވާންޖެހޭނީ ބާރަށް ދުވެވޭ، ފަޔަށް ހެޔޮވަރު އަދި ފަސޭހަ އެއްޗަކަށެވެ.

ދުވުމަށް ޚާއްސަ އެކިއެކި ވައްތަރުގެ ބޫޓު ފިހާރަތަކުގައި ލިބެންހުރެއެވެ. އަދި އާއްމުކޮށް ދުވުމަށް ބޭނުންކުރާ ރަނިން ބޫޓަކީ ހެޔޮ އަގެއްގައި ލިބެން ހުންނަ އެއްޗެއްވެސް ނޫނެވެ. އެހެންކަމުން މިލިޔުމުގައި ހިމަނާލާފައިވާނީ ދުވުމަށް އެންމެ އެކަށީގެންވާ ބޫޓު ގަތުމުށް އިންޑިއާގެ މުންބައިގެ ފޯޓިސް ހޮސްޕިޓަލުގައި ޚިދުމަތްދެއްވާ އާތުރޮސްކޮޕީ އާއި ސްޕޯޓްސް މެޑިސިންއަށް ޚާއްސަ ޑޮކްޓަރެއްކަމުގައިވާ ސަނޭޝް ޓުޓޭޖާ ދެއްވާފައިވާ އިރުޝާދުތަކެވެ.

ދުވުމަށް އެންމެ ރަނގަޅު ބޫޓަކީ ކޮބާ؟

ދުވުމަށް ޚާއްސަ ބޫޓުތައް ތައްޔާރު ކުރެވިފައިވަނީ ބާރަށް ދުވެފުމެހެދިޔަސް އަވަހަށް ހަލާކުނުވާ ގޮތަށެވެ. އަދި މިބޫޓުތައް އުފައްދާފައިވަނީ ޝޮކް އެބްޒޯބްކޮށް ބެލެންސް ހިފަހައްޓައި ދުވުމުގައި ނަތީޖާ ނެރެވޭ ގޮތަށެވެ. އަދި އާދައިގެ ބޫޓަށްވުރެ މިފަދަ ބޫޓުތައް ލުއިވެފައި ފައިތިލައަށް ފަސޭހަކުރުމަށް ގިނައިން ސްޕަންޖުފަދަ އެއްޗެއް ބޭނުންކޮށް ފައިތިލައަށް 'ކުޝަން' ކޮށްފައި ހުންނާނެއެވެ. މީގެ އިތުރުން މިބޫޓުތައް ތައްޔާރުކޮށްފައިވާ މެޓީރިއަލްއަކީ ވައިދައުރުކޮށްދޭފަދަ ބްރީތަބަލް މެޓިރިއަލްއަކަށް ވުމުން ގިނަވަގުތު ލައިގެން އުޅެން ޖެހުނަސް ފަޔަށް ފިނިކަން ގެނުވައިދޭނެއެވެ.

ދުވާ ބޫޓެއް ގަންނައިރު ބަލަންވީ ކޮންކަމަކަށް؟

ދުވާ ބޫޓެއް ގަންނަ އިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވާނީ ފަޔަށް ހެޔޮ ވަރުތޯއާއި ފަޔަށް ފަސޭހަތޯ އަދި ބޭނުންވާވަރަށް ފައިތިލަ ހުންނަ ބައި މަޑުތޯއެވެ. މިފަދަ ބޫޓެއް ފައިގައި ރަނގަޅަށް ޖެހިފައި ހުންނަށް ވާނެއެވެ. އަދި ކުޝަނިން ތިމާގެ ފަޔަށް ރަނގަޅުތޯ ބެލުމަށް ފައިގައި އުފުލިފައި ހުންނަ އާޗް ބައިގައިވެސް ބޫޓު ރަނގަޅަށް ޖެހޭތޯ ބަލާށެވެ. އެހެންނަމަވެސް އެންމެ މުހިންމުކަމަކީ ޝޮކް އެބްޒޯބްޝަންއެވެ. ދުވަމުން ދާއިރު ފައިތިލައިގެ ހަރަކާތްތަކާއި އެއްކޮށް ބޫޓުގެ ކުޝަނިން ފައިތިލައިގައި ޖެހެންވާނެއެވެ.

ކުޅިވަރުކުޅޭ މީހުން ބޭނުންކުރަން އެންމެ ރަނގަޅީ ކޮންކަހަލަ ބޫޓެއް؟



ދުވުމުގައި ތަޖުރިބާކާރު އެތުލީޓުންނާއި ކުޅިވަރު ކުޅޭ މީހުން ދުވުމުގައި މިނިމަލިސްޓު ބޫޓު ބޭނުންކުރުން އެންމެ ރަނގަޅުވާނެއެވެ. މިނިމަލިސްޓު ބޫޓުތަކުގައި އެތެރޭގައި އޮންނަ ސޯލްބައި ތުނިވާނެއެވެ. އެއީ ބޫޓު ލުއިކޮށްދީ އަދި ބިންމަތީގައި ފައިތިޖެހޭކަމުގެ އިހުސާސެއް ގެނުވައިދިނުމަށެވެ. އަދި ބައެއް ބޫޓުތަކަކީ ފުންނާބަށް ތިރިކޮށް އިނގިލިތަކާއި ދިމާލަށް އުސްކޮށް ހުންނަ ލޯހީލް ޓު ޓޯހައިޓު ހުންނަ ހައިރައިޒް ބޫޓެވެ. މިބޫޓުތަކުން ދުވާމީހުންނަށް ބާރު ސްޕީޑަށް ދުވަން ފަސޭހަވެއެވެ. އެހެންނަމަވެސް، މަޑުމަޑުން ފަޔަށް ފަސޭހަވާވަރަކަށް ބަލައިގެން ނޫނީ މިވައްތަރުގެ ބޫޓަށް ބަދަލު ނުކުރާށެވެ.

އާތުރައިޓިސް ހުންނަ މީހުން ގަންނަންވީ ކޮންކަހަލަ ބޫޓެއް؟

އާތުރައިޓިސް ހުންނަ މީހުންވެސް އެމީހުންގެ ފައިގެ އުސްބައި ހުންނަ ދިމާލަށް ބޮޑަށް ކުޝަނިން ހުންނަ ބޫޓެއް ޚިޔާރު ކުރުން މުހިންމެވެ. އަދި ފްލެޓްކޮށް ހުންނަ ފައިތިލަތަކަށް މޯޝަން ކޮންޓްރޯލް ބޫޓެއް ރަނގަޅުވާނެއެވެ. މިބޫޓުތަކުން ފައި މާބޮޑަށް ބެންޑުވުމުން ސަލާމަތް ކޮށްދޭނެއެވެ.

ދުވާ ބޫޓޫ ބަދަލު ކުރާނީ ކިތައް ދުވަހުން؟

މިއީ ވަރަށް އަގުބޮޑު އިންވެސްޓްމެންޓަކަށްވުމުން ބޫޓު ބަދަލު ކުރާނީ ކޮންއިރަކުތޯ ދެނެގަންނަށް ޖެހެއެވެ. އާއްމުގޮތެއްގައި ރަނިން ޝޫއެއް ގެންގުޅެވޭނީ 1000 ކިލޯމީޓަރަށް ދުވެވެންދެންނެވެ. ކޮންމެ ބޫޓެއް އުފެއްދި ކުންފުޏަކުންވެސް އެބޫޓު ގެންގުޅެވޭނެ މުއްދަތު ލިޔެފައި ހުރެއެވެ. މިގޮތަށް ބޭނުންކުރެވޭ މުއްދަތު ހުންނަނީ ދުވާ ޑިސްޓެންސް ނުވަތަ ރާސްތާގެ ދުރުމިނަށް ބަލާފައެވެ. އާއްމުގޮތެއްގައި ދުވާ ބޫޓެއް ގެންގުޅެވޭނީ ދެމަހާއި 6 މަހާއި ދެމެދުއެވެ.

ބޫޓު ދެން ނުލެވޭނެކަމަށް ނިންމާނީ ކޮންއިރަކު؟

ބޫޓުގެ އެތެރެ ބައި ތުނިވެ ފަޔަށް ބޭނުންވާ ރައްކާތެރިކަން ގެއްލުމުގެ އިހުސާސްކުރެވި ދުވުމުގެ ހަރަކާތްތަކުން ފަޔަށް ތަދުވާންފެށުމަކީ ބޫޓޫ ބަދަލު ކުރަންވެއްޖެކަމަށް ނިންމަންވީ ސަބަބެކެވެ. އަދި ބޫޓުގެ އެތެރޭގައި އޮންނަ ސޯލް ތުނިވުމުން ފައިން ބޫޓު ބޭލި ދޫވުމަކީވެސް ބަދަލުކުރަންވެއްޖެ ކަން އަންގައިދޭ ކަމެކެވެ. އާއްމުގޮތެއްގައި ބޫޓު ބަދަލު ކުރާނީ ފަޔަށް ލިބެންޖެހޭ ކޮމްފޯޓް ނެތުމުންނެވެ. އަދި މެރެތޮންއަށް ދާމީހުންގެ ބޫޓުގެ އުންތައް ބޮޑަށް ފަޔަށް ވަންނަހެން ހީވާނަމަ ދެމަހަށްވުރެ ކުޑަ މުއްދަތެއްގައިވެސް ބޫޓު ބަދަލުކުރަން ޖެހިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން