ގިނައިން ފެންބުއިމުން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާމީހާއަށް އެހީތެރިވެދޭ
ގިނައިން ފެންބުއިމުން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާމީހާއަށް އެހީތެރިވެދޭ
ފެނަކީ ކަރުހިއްކުން ފިލުވައިލުމަށް ފިނިކޮށާއި އަދި ހޫނުކޮށްވެސް ބޭނުންކުރާ އެއްޗެކެވެ. އަދި ދުވާލަކު 8 ތަށި ފެން ބުއިމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

ކެއިންބުއިމުގައި އެކަށީގެންވާ ވަރަށް ފެން ހިމެނުމަކީ ބަރުދަން ލުއިކުރުމުގެ ދަތުރުގައި ތިމާއަށް އިތުރު އެހީއަކަށްވެދާކަމެކެވެ. ހާއްސަކޮށް މިހާރުވެސް ތައްޔާރީ ކާނާއާއި ތެލުލި އެއްޗެހި އަދި ހަކުރު އެކުލެވޭ ކާނާ ލިމިޓްކޮށް ކަރަސްރަތު ކުރަމުންދާ މީހާއަށް، ބޭނުންވާ މިންވަރަށް ފެން ބޯނަމަ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެއެވެ. ނަތީޖާ ފެންނަލެއް އަވަސްވާނެވެސް މެއެވެ.

ފެނުގައި، ހަކުރު އެކުލެވޭ ސޯޑާ ނުވަތަ ފެންސީ ކޮފީ ބުއިންތަކާ ހިލާފަށް ކެލޮރީ، ކާބްސް، ހަކުރު، ލޮނު، އަދި ފެޓް ނުހިމެނެއެވެ. އެހެންކަމުން، އެފަދަ ނިއުޓްރިޝަނަލް ވެލިއުއެއް ނެތް ނުވަތަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުހިމެނޭ ބުއިންތަކުގެ ބަދަލުގައި ފެން ބޭނުން ކުރުން މާރަނގަޅުވާނެއެވެ.



ދިރާސާތަކުން ދައްކާގޮތުގައި ފެން ބުއިމަކީ މެޓަބޮލިކް ރޭޓް އިތުރުކޮށްދޭކަމެކެވެ. އެހެންކަމުން ފެންބުއިމުގެ ސަބަބުން ކަމެއްނުކޮށް ހުންނައިރުވެސް ނުވަތަ އަރާމުކުރާ ހާލަތުގައިވެސް ހަށިގަނޑުން ކެލޮރީ އަންދާލަދެއެވެ. ކާނާ ކެއުމުން ހަށިގަނޑަށް ލިއްބައިދޭ ކެލޮރީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ މިންވަރު މަދުވާނަމަ ބާކީބައި ފެޓްސްގެ ގޮތުގައި ހަށިގަނޑުގައި ޖަމާވެއެވެ.

މެޓަބޮލިކްރޭޓް އިތުރުވުމުގެ މާނައަކީ ހަށިގަނޑުން ކެލޮރީ އަންދާ މިންވަރު ނުވަތަ ހަކަތައިގެ ގޮތުގައި ހަށިގަނޑުން ކެލޮރީ ބޭނުންކުރާ މިންވަރު އިތުރުވުމެވެ. އެހެންކަމުން މިއީ ބަރުދަން ލުއިކޮށްދޭނެކަމެކެވެ.

ހަށިގަނޑު ހަރަކާތްތެރި ނުވާ ވަގުތުތަކުގައިވެސް ފެނުގެ ސަބަބުން ކެލޮރީ އެންދުމަށް އެހީތެރިވެދިނުމުގެ އިތުރުން ސަރުބީ ވިރުވުމުށްވެސް ފެން ބޭނުންވާކަމަށް އިނގިރޭސިވިލާތުގެ ޞިއްހަތާއި ބެހޭ މަޖައްލާއެއް ކަމަށްވާ ފްރޮންޓިއަރސް އިން ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކައެވެ. އެހެންކަމުން ހަށިގަނޑުގައި އިތުރަށް ހުންނަ ސަރުބީތައް ވިރުވައި ހަކަތައަށް ބަދަލުކުރުމަށްޓަކައި ފެން ބޭނުންވާއިރު ހަށިގަނޑަށް އެކަށޭނަ މިންވަރަށް ފެން ނުލިބޭނަމަ، ސަރުބީ ނައްތާލައި ހިކެން އުނދަގޫވާނެއެވެ.



ބަރުދަން ލުއިކުރުމަށްޓަކައި ބޯން ޖެހޭ ފެނުގެ މިންވަރު ބިނާވަނީ މީހާގެ ބަރުދަނާއި ކަސްރަތު ކުރާ މިންވަރާއި އަދި ދާހިއްލާ މިންވަރަށެވެ. އާންމު ގޮތެއްގައި ދުޅަހެޔޮ ފިރިހެނުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 15.5 ތަށި (3.7 ލީޓަރު) ގެ ފެން ބޭނުންކުރެވޭތޯ ބަލަންޖެހޭނެއެވެ. އަދި އަންހެނުން ދުވާލަކު ގާތްގަނޑަކަށް 11.5 ތަށި (2.7 ލީޓަރު) ގެ ފެން ބޭނުންކުރުމަށް އެމެރިކަން އިންސްޓިޓިއުޓް އޮފް މެޑިސިން އިން ބުނެ އެވެ. މިއީ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ވަކި ހައިޑްރޭޓިން ނުވަތަ ފެން ގިނައިން ހިމެނޭ ކަރަލާއި ކިއުކަންބާފަދަ ކާނާ ކެއުމުން ލިބޭ ފެން، ހިމެނޭ ގޮތަށް ހިސާބުކޮށްފައިވާ އަދަދެކެވެ.



ފެން ބުއިމުން ބަރުދަން ލުއިކުރެވޭ ނަމަވެސް، ގިނައިން ފެން ބުއިމުން ފެންނާނެ ނަތީޖާއާއިމެދު ޤަބޫލުކުރާގޮތް 'ރިއަލިސްޓިކް' ނުވަތަ ބުއްދި ޤަބޫލުކުރާ މިންވަރަކަށް ވާންޖެހޭނެއެވެ. ހަމައެކަނި ފެން ބޮއެގެން ބަރުދަން ލުއިކުރުމަށް ވިސްނައިގެން ނުވާނެއެވެ. ބަރުދަން ލުއިކުރުމަށްޓަކައި މިދެންނެވި މިންވަރަށް ފެން ބޭނުންކުރުމާއިއެކު ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ކެއުމާއި އަދި ނިދި ހަމަކުރުމަށްވެސް ފަރުވާބަހައްޓަން ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން