ސްޓްރެސް ކުޑަކުރުމަކީ އިއްދައިން ކެނޑުމުން ހަންގަނޑަށް އަންނަ ބަދަލުތަކާއެކު ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ކުރުން މުހިންމުކަމެއް
ސްޓްރެސް ކުޑަކުރުމަކީ އިއްދައިން ކެނޑުމުން ހަންގަނޑަށް އަންނަ ބަދަލުތަކާއެކު ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ކުރުން މުހިންމުކަމެއް
މެނަޕޯޒް ނުވަތަ އިއްދައިން ކެނޑުމަކީ އަންހެނާ ދަރިމައިވުން ނިމުމަކަށް އަންނަ ހިސާބެވެ. އަދި އެއީ ބިސްރަވައިގައި އަންހެނާއަށް ދަރިމައިވުމަށް ބޭނުންވާ ބިސް ހުސްވެ މައްސަރުކަންތައް އެއްކޮށް ހުއްޓޭ ހިސާބެވެ. މިކަމާއި ގުޅިގެން މުޅި ހަށިގަނޑަށް ބަދަލުތަކެއް ގެނުވައެވެ. ހޯމޯންގެ ބަދަލުތައް ނުލައިވެސް ހަށިގަނޑުގެ ބޭރުފުށުން ސީދާ ފެންނަން ހުންނަ ކަންތައްތަކަށްވެސް މިކަމާއި ގުޅިގެން ބަދަލު އާދެއެވެ.

އިއްދައިން ކެނޑުމުގެ ސަބަބުން ހަންގަނޑު ތުނިވެ، ކުރަކިވެ އަދި ހަންގަނޑު ދޫވާން ފަށައެވެ. މީގެ ސަބަބުން ހަންގަނޑުގައި ރޫޖެހި މަސްތައް އެލޭގޮތް ދިމާވެއެވެ. މިލިޔުމުގައި މިވަނީ މިހާލަތުގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ހަމުގެ ޚާއްސަ ޑޮކްޓަރުން ލަފާދޭ ކަންކަމެވެ.



1. އިރުގެ ދޯދިން ހަންގަނޑު ރައްކާތެރިކުރުން:

އިރުގެ ނުރައްކާތެރި ދޯދިތަކުން ހަންގަނޑަށް ވަރަށް ގެއްލުން ލިބެއެވެ. އިރުގެ ހޫނުން ބޭރުކުރާ އަލްޓްރާ ވައިލެޓް އަކީ ހަންގަނޑު އަނދައި ހަމުގެ ޕިގްމަންޓުތައް ހަލާކުވުމަށް މެދުވެރިކުރުވާ އައްޔެކެވެ. މީގެ ސަބަބުން ހަންގަނޑުގައި މާއަވަހަށް ރޫޖެހި މުސްކުޅިވާގޮތް ދިމާވެއެވެ. އެހެންކަމުން އިއްދައިން ކެނޑުމަށް ފަހު، އަވަށް ބޭރަށް ނުކުންނަ ނަމަ އަބަދުވެސް އެސް.ޕީ.އެފް +30 އަށްވުރެ މަތީގެ ސަންސްކްރީން ނުވަތަ ސަންލޯޝަން ބޭނުން ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި އަވީގައި އުޅޭއިރު އަތް ދިގު ހެދުމާއި ތޮފި އެޅުމަކީވެސް އިރުގެ ދޯދިން ލިބޭގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ.

2. ހަންގަނޑު 'ހައިޑްރޭޓް' ކުރުން:

އިއްދައިން ކެނޑުމުން ހަންގަނޑުގެ ފެންހިކި ކުރަކިވާގޮތް ދިމާވެއެވެ. އެހެންކަމުން ހަންގަނޑު ތެތްކޮށް ބެހެއްޓުން ނުވަތަ ހައިޑްރޭޓް ކުރުމަކީ މުހިންމުކަމެކެވެ. މިގޮތުން ހަންގަނޑުގައި މޮއިސްޗުރައިޒާ ބޭނުން ކުރެވިދާނެއެވެ. މޮއިސްޗުރައިޒާއެއް ޚިޔާރުކުރުމުގައި ހައިލުރޯނިކް އެސިޑް ހުންނަ މޮއިސްޗުރައިޒަރއެއް ޚިޔާރުކުރާށެވެ. އޭގެ ސަބަބުން ހަންގަނޑު އަލިވެ ހަންގަނޑުގައި ރޫޖެހޭ މިންވަރު މަދުކޮށްދޭނެއެވެ.

3. ނާޒުކު ހަމަށް ޚާއްޞަ ޕްރޮޑަކްޓް ބޭނުންކުރުން:

މިދުވަސްވަރުގައި އަންހެނުންގެ ހަންގަނޑު މާބޮޑަށް ނާޒުކުވެފައި ތުނިވާނެއެވެ. އެހެންކަމުން ރީތިވާ އެއްޗެހި ޚިޔާރުކުރުމުގައި އަލްކަހޯލް އާއި ބާރުގަދަ ކެމިކަލްސްއާއި ވަސްގަދަ އެއްޗެހި ބޭނުންކުރުން ދޫކޮށްލާށެވެ. އަދި ސެންސިޓިވް ސްކިންއަށް ޚާއްސަ ނުވަތަ މެނަޕޯޒަލް ސްކިންއަށް ޚާއްސަ ޕްރޮޑަކްޓްތައް ޚިޔާރުކުރާށެވެ.

4. ރަނގަޅު ކާނާ ބޭނުންކުރުން:

ކެއުމުގައި ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހިމެނުމަކީ މިއުމުރަށް ދިއުމުން ވަރަށް މުހިންމުކެމެކެވެ. ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކެއުމުގައި ގިނައިން މޭވާ އާއި ތަރުކާރީ، ލީން ޕްރޮޓީންސް ހެލްތީ ފެޓްސް އަދި ލޯފެޓް ޑައިރީ ޕްރޮޑަކްޓްތައް ހިމަނާށެވެ. އަދި ހަކުރާއި ތައްޔާރީކާނާ ކެއުން މަދުކޮށްލާށެވެ.

5. ކަސްރަތު ކުރުމާއި ގިނައިން ފެންބުއިން:

ކަސްރަތު ކުރުމާއި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންބުއިމާއިއެކު ނިދިހަމަކުރުމަކީވެސް ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމެވެ. އަދި އަބަދު ކުނިމޫނު ހަދައިގެން ނުހުރެ ގިނައިން ހިނިތުންވެ ހުރުމަކީވެސް ސްޓްރެސް ފިލުވާލައިދީ އަދި އިއްދަ ކެނޑުމުން ހަންގަނޑަށް އަންނަ ބަދަލުތަކާއި އެކު ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ކުރުން މުހިންމުކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން