ބުޅާ: ރާއްޖޭގައި އެންމެ ގިނައިން އޮޅުކޮށްގެން ގެންގުޅޭ އެކައްޗަކީ ބުޅަލެވެ
ބުޅާ: ރާއްޖޭގައި އެންމެ ގިނައިން އޮޅުކޮށްގެން ގެންގުޅޭ އެކައްޗަކީ ބުޅަލެވެ
މިހާރަކަށް އައިސް ގޭގައި އޮޅު ޖަނަވާރު ގެންގުޅޭ މީހުން މަދެއް ނޫނެވެ. ބުޅަލާއި އެކި ވައްތަރުގެ ދޫނި އެކިމީހުން އޮޅުކޮށްގެން ގެންގުޅެއެވެ. މިފަދަ ޖަނަވާރެއް ގޭގައި ހުރުމުން ފޫހި ފިލައި ގޭގެ މާހައުލަށް އުފާވެރިކަން ގެނެސްދެއެވެ.

އެހެންނަމަވެސް ބައެއް މީހުން ގޭގައި ގެންގުޅޭ ޖަނަވާރުތަކަށް އެހައި ބޮޑަށް ސަމާލުކަމެއް ނުދޭކަން ފާހަގަ ކުރެއެވެ. ތިރީގައިވާ ކަންކަމަކީ ބައެއް މީހުން ޖަނަވާރު ގެންގުޅޭއިރު ފަރުވާކުޑަވާ ކަންކަމެވެ.

1. ގްރޫމިން އަދި ސާފުތާހިރުކުރުން:

ބުޅާ ގެންގުޅޭ މީހުން ބުޅާ ކެހެރިތައް ފުނާ އަޅުވައި ސާފުކުރަން ވާނެއެވެ. ޚާއްސަކޮށް ހޫނު ދުވަސްވަރުގައި ބުޅަލަށް ދިމާވެދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް ފުނާއަޅައި ފެންވަރުވަންވާނެއެވެ. އަދި ދޫނި ގެންގުޅޭ މީހުންވެސް ޤަވައިދުން ދޫނި ފެންވަރުވަން ވާނެއެވެ. މިތަކެއްޗަކީ މިނިވަންކޮށް އެތަކެތީގެ އަމިއްލަ މާހައުލުގައި އުޅޭއިރު ކޯރުތަކާއި ކުޅިތަކަށް ތިރިވެ އަމިއްލަޔަށް ފެންވަރާ އެއްޗެއްސެވެ. އެހެންކަމުން ގޭގައި ކޮށްޓަށްލައިގެން ގެންގުޅޭއިރުވެސް ދޫނިތައް ފެންވަރުވަން ވާނެއެވެ.

2. ކާން ދިނުމަށް ސަމާލުކަން ނުދިނުން:

ބައެއް ފަހަރު ގެއިން ބޭރުގައި ގިނަވަގުތު ހޭދަކުރާ މީހުން ގޭގައި ދިރޭ ޖަނަވާރެއް ގެންގުޅޭކަން ހަނދާން ނައްތާލައެވެ. އެހެންނަމަވެސް މިހެން ކަންތައް ކޮށްގެން ނުވާނެއެވެ. ބޭރަށް ދާނަމަ ކާނާ އެޅުމަށްފަހު ދާށެވެ. އަދި ގިނަދުވަހަށް ދާނަމަ ކޮންމެވެސް އެކުވެރިޔަކާއި ނުވަތަ އާއިލާ މީހަކާއި ހަވާލުކޮށްލާށެވެ.

3. އަބަދު ކޮށީގައި ނުވަތަ ގޭގައި ބެހެއްޓުން:

ބުޅާވެސް ކޮންމެވެސް ވަރަކަށް ބޭރަށް ގެންދަންޖެހޭނެއެވެ. އަބަދު އެއްމާހައުލެއްގައި އެހެން ގެންގުޅުމަކީ ރަނގަޅުކަމެއް ނޫނެވެ. ހަމަމިގޮތަށް ކޮށްޓަށްލައިގެން ގެންގުޅޭ ދޫނި ކޮށިން ނެރެލައި އުދުހުމަށް ފުރުޞަތު ދޭންވާނެއެވެ. އެހެންނޫނީ ދޫނި ފަލަވެ ބަލިޖެހުމަށް މެދުވެރިވެދާނެއެވެ.

4. ބަލި ވުމުން އަޅާނުލުން:

ގެންގުޅޭ ޖަނާވާރަކީވެސް ފުރާނަ ހުރި އެއްޗެކެވެ. އަދި ގޭގައި ބަންދުކޮށްގެން މިގޮތަށް ގެންގުޅޭއިރު ބަލިވެއްޖެނަމަ، ޖަނަވާރުގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކައި ފަރުވާ ހޯދަންވާނެއެވެ. އަދި ބޭސްދީ އަމިއްލަޔަށް ނުކާނަމަ ކާންދޭންވާނެއެވެ.

އިސްލާމް ދީނުގައިވެސް ޖަނަވާރުންނަށް އަޅާލުމަށް ބާރުދޭ ހަދީޘްތައް ވާރިދުވެފައި އެބަހުއްޓެވެ. އަދި ބުޅަލެއް ގައިދުކޮށްގެން އަނިޔާދީ ކާންދިއުމަށް ދޫކޮށްލި އަންހެނެއް ނަރަކައަށް ދާންޖެހުނުވަހަކަވެސް އަހަރުމެން އެންމެނަށް އެނގެއެވެ. އެހެންކަމުން ތިމާގެ ލައިފްސްޓައިލް ހުންނަގޮތުން ގެންގުޅޭ ޖަނަވާރަށް އަޅާނުލެވޭނަމަ އަވަހަށް ކޮންމެވެސް އެހެން މީހަކަށް ހަވާލުކުރާށެވެ.

އޮޅުކޮށްގެން ގެންގުޅޭ ޕެޓް ބަލިވުމުން އެއަށް އަޅާނުލެވިއްޖެ ނަމަ ދެން ފެންނާނީ މަރުވެފައި އޮތްވައެވެ. ހަމައެހެންމެ, ގޭތެރެއަށް އޮޅުވެފައިވާ މިތަކެތި އަޅާނުލައި ގެއިންނެރެ ދޫކޮށްލުމުންވެސް އެއެއްޗަށް ބޭރުތެރޭ އުޅެން ނޭނގި އެކްސިޑެންޓެއްވެ މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން