ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް އަރބަންކޯގެ ފަރާތުން ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިކަމަށް އަރބަންކޯއިން ހާމަކޮށްފިއެވެ.

އަރބަންކޯއިން ބުނީ ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައިގެން އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަވެފައިވާކަމަށެވެ. އަދި މިކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ އެކަމުގެ ޝަކުވާވެސް އެކުންފުންޏަށް ލިބިފައިވާކަމަށް ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އަރބަންކޯއިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައިގެން ޚިދުމަތްދެމުން އަންނަކަން ފާހަގަވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަދި މިކަން ހައްލުކުރުމަށްޓަކާއި، ގޮނޑިއާއި މޭޒު އެތަންތަނުން ނެގުމަށް ވިޔަފާރި ހިންފާ ފަރާތްތަކަށް މިހާރު އަންގާފައިވާނެކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަމެވެ. އެގޮތުން ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތަކަށް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތައް ބައްޓަންކުރުމަށް އަރބަންކޯއިން އެދިފައިވެއެވެ.

އަރބަންކޯއިން ބުނީ ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ޚިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައިކަމަށެވެ. އަދި ކެފޭތަކާއި، މިފަދަ ޚިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުވެސް ފަހިކޮށްދިނުމަށް އަރބަންކޯއިން މަސައްކަތްކުރަމުން ދާކަމަށް އެކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ހުޅުމާލޭގެ މާހައުލަކީ އެންމެނަށް ވެސް ފަސޭހަ އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް އަރބަންކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ހުޅުމާލޭގެ މަގުތަކަށް ބަލައިފި ނަމަ މަގުތަކުގެ ބޭނުން އާންމުންނަށް އެންމެ އެކަށީގެންވާނެ ގޮތަށް ކުރެވޭނެ މަގުފަހިކުރުމަށް އަރބަންކޯއިން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މަގުތައް ހިޔާވާނެ ހެން ގަސް އިންދުމާއި، އެކްސެސިބިލިޓީގެ ގޮތުން ބެލިނަމަވެސް، އާންމުންނަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ބައްޓަން ކުރުމަށް ގިނަ ކަންތައްތަކެއްވެސް ކޮށްފައިވެއެވެ. އަރބަންކޯގެ ފަރާތުން ކުރަމުން އަންނަ މި މަސައްކަތަށް އެންމެންގެ އެއްބާރުލުން ދިނުމަށް އެކުންފުނިން އަބަދުވެސް ދަނީ އެދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން