ރީތިވާއިރު އާއްމުކޮށް ގިނަ މީހުން ފަރުވާކުޑުކުރާ އެއްކަމަކީ ފައިތިލައަށް ބޭނުންވާ ހައިޑްރޭޝަން، ނުވަތަ ތެތްކަން ގެނުވައިދިނުމެވެ. ލޯޝަން ލުމުގައިވެސް ފައިތިލަ ދޫކޮށްލައެވެ. މިހެންވުމުން ފައިތިލަ ހިކި ފައި ފަޅައިގެން ދާގޮތް މެދުވެރިވެއެވެ. ފައި ފަޅައިގެން ދިއުމަކީ ވަރަށް އުނދަގޫވާ އަދި ބައެއް ހާލަތްތަކުގައި ވަރަށް ވޭންއަޅާކަމެއްވެސް މެއެވެ.

ހަމުގެ ޚާއްސަ ޑޮކްޓަރ ޑޮކްޓަރ ގީތާ މިތަލްގެ އިންސްޓަރގްރާމް ބްލޮގް ޕޯސްޓެއްގައި ބުނެދެއްވާފައިވާ، މިކަމަށް ގޭގައި ކުރެވިދާނެ ކަންކަން ހިއްސާކޮށްލާނަމަވެ.

1. މޮއިސްޗުރައިސް ކުރުން:

ފައިގެ ހަންގަނޑދު ތެތްކޮށް ބެހެއްޓުމަށް ޤަވައިދުން މޮއިސްޗަރައިސް ކުރުން މުހިންމެވެ. މިގޮތުން ދުވާލަކު ދެފަހަރު މޮއިސްޗަރައިޒަރއެއް ބޭނުން ކުރުމަށް ޑޮކްޓަރ އިރުޝާދުދެއްވާފއިވެއެވެ. މީގެ ތެރެއިން އެއްފަހަރަކީ ނިދުމުގެ ކުރިން ކަމުގައި ހަދަންވާނެއެވެ. އަދި ތެތްކަން ގިނައިރު ބެހެއްޓުމަށްޓަކައި ލޯޝަނެއް ލުމަށްފަހު ވެސްލިން ކަހަލަ ޕެޓްރޯލިއަމް ޖެލީގެ ބާވަތެއް ފައިގައި ހާކާފައި ބެހެއްޓުމަށްވެސް އޭނާ ވަނީ ބްލޮގް ޕޯސްޓުގައި އިރުޝާދުދެއްވާފައެވެ.

2. މޮއިސްޗަރައިޒިން އިސްޓާކީނު ބޭނުން ކުރުން:

ފައިފަޅައިގެން ދިއުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އިސްޓާކީނު ބާޒާރުގައި ވިއްކަން ހުންނާނެއެވެ. މި އިސްޓާކީނަކީ އެލޮވީރާއާއި، ވިޓަމިން އީ އަދި ޝިއާ ބަޓަރ އެކުލެވޭގޮތަށް ތައްޔާރުކޮށްފައި ހުންނަ އިސްޓާކީނަށްވުމުން ފައިތިލަ އަބަދުވެސް ތެތްކޮށް ބަހައްޓައި ދިނުމަށް އެހީތެރިވެދޭނެއެވެ.

3. ފައި ފެނަށްލައިގެން ބެހެއްޓުމަށް ޚާއްސަ ފުޓް ސޯކް ބޭނުން ކުރުން:

ފައިތިލަ ތާފަނާ ފެނަށްލައިގެން ބެހެއްޓުމަކީ ހަންގަނޑު މަޑުވެ ސާފުކޮށްދޭ ކަމެކެވެ. މިގޮތަށް ފެނަށް ލައިގެން ފައި ބެހެއްޓަމަށް ފެނާއި އެއްކޮށްގެން ބޭނުންކުރެވޭ ފުޓް ސޯކްތައް ގިނަ މީހުން ބޭނުންކޮށް އުޅެއެވެ. ފައިފަޅައިގެންދާ މީހުންނަށް ޚާއްސަ ފުޓް ސޯކެއް ބޭނުންކޮށް ފައި ފެނަށް ލައިގެން މިގޮތަށް ބަހައްޓައި ކުޑަކޮށް ފައި އުނގުޅާލުމުން މަރުވެފައި ހުންނަ ހަންތައް ނައްތާލެވޭނެއެވެ. ފުޓް ސޯކްގެ ބަދަލުގައި މާމުޔާއި ކިރު އެއްކޮށްގެންވެސް ބޭނުން ކުރެވިދާނެއެވެ. އަދި ނިމުމަށްފަހު ފައިގައި ލޯޝަންލައި ހައިޑްރޭޓް ކުރަންވާނެއެވެ.

މިފާހަގަކުރެވުނު ކަންކަން ޤަވައިދުން ކުރުމުންވެސް ބަދަލެއް ނާންނަނަމަ، ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރ ގީތާ އިރުޝާދު ދެއްވައެވެ. މިގޮތަށް ކަންތައް ކުރުމުންވެސް ރަނގަޅު ނުވެއްޖެނަމަ އެއީ ފަންގަލް އިންފެކްޝަންއެއް ކަމުގައި ވެދާނެ ކަމަށް އޭނާ ބުނެދީފައިވެއެވެ. އަދި މަރުވެ ހިކިފައި ހުންނަ ހަންތައް އަމިއްލަޔަށް ނުނެއްޓުމަށްވެސް އޭނާ ވަނީ އިރުޝާދުދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން