ދަރިފުޅު އުމުރާނުގުޅޭ ގޯސްބަހެެއް ބުނެފިނަމަ އެބުނި އެއްޗެއްގެ މާނަ އަހައި  އޮޅުންފިލުވައިދިނުން މުހިއްމު
ދަރިފުޅު އުމުރާނުގުޅޭ ގޯސްބަހެެއް ބުނެފިނަމަ އެބުނި އެއްޗެއްގެ މާނަ އަހައި އޮޅުންފިލުވައިދިނުން މުހިއްމު
ކޮންމެ ބެލެނިވެރިޔަކުވެސް އެދޭނީ ދަރިފުޅު ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. ދަރިފުޅުގެ ކިބައިގައި އެންމެ ރިވެތި އަޚްލާޤް އަށަގެނުވުމަށާއި މުޖުތަމަޢަށް ބޭނުންތެރި މީހަކަށް ދަރިފުޅުވޭތޯ މަސައްކަތް ކުރުމަށް ބެލެނިވެރިން ރެއާއި ދުވާލު ގަދައަޅައި މަސައްކަތް ކުރެއެވެ.

އެހެންނަމަވެސް، ބައެއްފަހަރު ދިމާވާ މީހުންގެ ފަރާތުން ނުވަތަ ޓީވީ އިންފެންނަ މަންޒަރަކުންނާއި އިވޭއަޑުތަކުން އެކުދިން ނުބައި އާދަތަކެއްގައި ހިފައި ގޯސް ބަހުރުވަ ބޭނުން ކުރާތަން ފެންނުމަކީ ބެލެނިވެރިން ނުހަނު ކަންބޮޑުވާނެ ކަމެކެވެ.

ދަރިފުޅުގެ ފަރާތުން ދަރިފުޅުގެ މަސްމަގު ހުންނަގޮތުންނާއި ގޭތެރޭގައި އުޅޭއުޅުމުން ނޭދެވޭ އެއްވެސް އާދައެއް ފެންނަނަމަ އެކަމެއް ހުއްޓުވުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެހެންކަމުން ތިރީގައިމިވަނީ އެފަދަ ކަންކަން ކުރުމުން ދަރިފުޅަށް ރަނގަޅުގޮތް ބުނެދިނުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

1. ވަގުތުން ހުއްޓުވުން:

ދަރިފުޅުގެ އަނގައިން އުމުރާއި ނުގުޅޭ ނުވަތަ އާއްމު ހާލަތުގައި ބަލައިނުގަނެވޭ ބަހެއް ބޭނުންކުރި އަޑު އިވިއްޖެނަމަ، ތިމާ ކުރާކަމެއް ހުއްޓާލައި ވަގުތުން ދަރިފުޅު ހުއްޓުވާށެވެ. އަދި އެބަސް ބޭނުންކުރުމަކީ ގޯސްކަމެއް ކަމުގައި ބުނެދޭށެވެ. އަދި ދަރިފުޅަށް އެހެން މީހުންގެ ފަރާތުން ތިޔަ ކޮޕީކުރެވުނީ ނުބައި އާދައެއްކަމުގައި ކިޔައިދޭށެވެ. އަދި ގޯސްބަސްތައް ބޭނުން ކުރެވުނަސް އެކުއްޖާއަކީ ގޯސްކުއްޖެއް ނޫންކަން ހަނދާންކޮށްދީ ދެން އެގޮތަށް އަމަލު ނުކުރުމަށް ނަސޭހަތްތެރިވާންވާނެއެވެ. އަދި ގޯސް ބަސްތައް ބޭނުންކުރުމުން އެހެންމީހުންގެ އިހުތިރާމް އެކުއްޖާއަށް ކުޑަވެގެންދާނެކަންވެސް ހަނދާންކޮށްދީ ބަސްމަގު ރިވެތި ކުރުމަށް ވިސްނައިދޭށެވެ.

2. ކުއްޖާއާއެކު އުޅޭކުދީން ދެނެގަތުން:

ބޮޑުވަމުން އަންނަ ކުއްޖަކަށް އެކުވެރިން ތިބުމަކީ މުހިންމުކަމެކެވެ. އެއީ އެކުދިންގެ ސޯޝަލް ސްކިލްސް ހަރުދަނާކޮށް މުޖުތަމަޢަށް ނުކުންނައިރު މީހުންނާއި އެކުވެ އުޅުމަށް ދަސްވާނެކަމެކެވެ. އެހެންނަމަވެސް ކުއްޖާއާއި އެކު އުޅޭ އެކުވެރިންގެ ސަބަބުން ކުއްޖާއަށް ރަނގަޅު ބަދަލުތައް އައުމުގެ އިތުރުން ގެންގުޅެވޭ އެކުވެރިންގެ ސަބަބުން ގޯސް ބަދަލުތަކެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވަކިން ޚާއްސަކޮށް ކުއްޖާ އޭނާގެ އުމުރަށްވުރެ ދޮށީ އެކުވެރިން ގެންގުޅޭނަމަ ބެލެނިވެރިޔާ އިތުރަށް ސަމާލުވާންވާނެއެވެ. އަދި ރަނގަޅު އެކުވެރިން އިޚްތިޔާރު ކުރުމުގެ މުހިންމުކަން ކުދިންނަށް ކިޔައިދީ އެކުވެރިން ބުނިނަމަވެސް ބައެއް ކަންކަމުގައި ޤަބޫލުކުރާ އިންތަކާއި ހަމަތައް ފަހަނައަޅައި ނުދިއުމަށް ކުއްޖާއަށް ވިސްނައިދޭންވާނެއެވެ.

3. ރަނގަޅާއި ނުބައި ކިޔައިދިނުން:

ބައެއް ފަހަރު ބެލެނިވެރިން ދަރިފުޅު އަމިއްލަޔަށް ކަންކަން އިޚްތިޔާރު ކުރުމަށް ދޫކޮށްލައެވެ.އަދި ކޮންމެ ގޮތަކަށް ދަރިފުޅު ވާހަކަދެއްކިނަމަވެސް އެގޮތް ވަރިހަމަކަމަށް، އަޅައިނުލާ ތިބެވެއެވެ. ނުވަތަ ދަރިފުޅަށް ކަމެއް އޮޅުން ފިލުވައިދިނުމަށް އެއީ އެހައި ބޭނުންތެރިކަމެއް ނޫންކަމަށް ދެކުމާއި ވަކިކަހަލަ ބަސްތަކާއި ބެހޭގޮތުން ވާހަކަދެއްކުމަށް ބެލެނިވެރިން ލަދުވެތިވުމުންވެސް މިގޮތަށް ކިޔައިނުދީ ދޫކޮށްލެވެއެވެ. އެހެންނަމަވެސް، ކުދިންނަކީ ކަންކަން ދެނެގަތުމަށް އަބަދު ބޭނުންވާ 'ކިއުރިއަސް' ބައެއް ކަމުން އެކުދިންނަށް ރަނގަޅާއި ނުބައި ވަކިނުވާ އެތައްކަމެއް އުކުދިންދަސްކޮށް ހަދައެވެ. ބެލެނިވެރިންގެ ހައިސިއްޔަތުން އެކުދިންނަށް އުމުރާއި ގުޅޭގޮތުން ބުނެދެވޭ މިންވަރަށް އެކުދިންނަށް ބޭނުންކުރެވޭ ބަސްތަކުގެ ހެވާއި ނުބައި އޮޅުން ފިލުވައިދޭންވާނެއެވެ.

4. އަމަލުން ދެއްކުން:

ތިމާއަކީ ވަކިގޮތަކަށް ދަރިން ތަރުބިއްޔަތު ކުރަން ބޭނުންވާ މީހެއްނަމަ ތިމާއެގޮތަކަށް ކަންތައް ކޮށްގެން ނުވާނެއެވެ. މިސާލަކަށް ދަރިންލައްވައި 'މަ' ކިޔުއްވަން ބޭނުން ނުވާނަމަ ތިމާ އެގޮތަށް ކިޔައިގެން އަމިއްލަނަފްސަށް އެޑްރެސްކޮށްގެން ނުވާނެއެވެ. ހަމައެގޮތަކަށް މުޖުތަމަޢުގައި ބަލައި ނުގަނެވޭ ބަސްތައް ތިމާ ބޭނުންކުރަމުން ދަރިން އެބަސްތައް ބޭނުންނުކުރާނެކަމަށް ވިސްނައިގެންވެސް ނުވާނެއެވެ. އެހެންކަމުން ބަސްމަގު ރިވެރިކޮށް އިޙްތިރާމާއިއެކު މުޢާމަލާތުކުރުމަށް ދަރިންނަށް ދަސްކޮށްދޭން ބޭނުންނަމަ މަންމައާއި ބައްޕަ ވާހަކަދައްކާއިރުވެސް އެގޮތަށް އަމަލުކުރުމަކީ މުހިންމުކެމެކެވެ.

5. ގޯސްބަހެއް ބޭނުންކުރުމުން މާނައެހުން:

ދަރިފުޅު ގޯސް ބަހެއް ބޭނުންކޮށްފިނަމަ އެކަމަށް ފިޔަވަޅު އެޅުމަކީ މުހިންމުކަމެކެވެ. މިކަން ކުރެވޭނެ އެއްގޮތަކީ އެބުނި އެއްޗެއްގެ މާނަ އެހުމެވެ. މީގެ ސަބަބުން ދަރިފުޅަށް ގޯސްކޮށް ނުވަތަ ބޭއަދަބީކޮށް ބަހެއް ބުނެވިއްޖެނަމަ އެކަމާއިމެދު ވިސްނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީހަކަށް ނިސްބަތްކޮށް އެފަދަ ބަހެއް ބުނުމަކީ ކިހައި ވަރެއްގެ ކަމެއްކަންވެސް އެކުއްޖަކަށް އޭރުން އަމިއްލަޔަށް ވިސްނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދަރިފުޅާއި ވާހަކަ ދައްކައި އެހެން މީހުން ކޮޕީ ނުކުރުމަށް ނަސޭހަތްތެރިވާންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން