ދެމީހުން ވަކިވާއިރު އެކަކު އަނެކެއްގެ ޤަދަރާއި އިޙްތިރާމް ނުގެއްލޭނެ ފަދަ ރީތި އުސޫލުތައް ގެންގުޅެންޖެހޭ
ދެމީހުން ވަކިވާއިރު އެކަކު އަނެކެއްގެ ޤަދަރާއި އިޙްތިރާމް ނުގެއްލޭނެ ފަދަ ރީތި އުސޫލުތައް ގެންގުޅެންޖެހޭ
ތިމާގެ އިހުސާސްތައް އެކަކު އަނެކަނަކަށް ކިޔައި ދޭނެ ރަނގަޅު އުސޫލުތައް ބޭނުންކުރުމަކީ ދިރިއުޅުމުގައި އެކަކު އަނެކަކަށް އޮންނަންވާ ޤަދަރު ހިފަހައްޓައިދޭ ކަމެކެވެ. އަދި އެކަކު އަނެކަކަށް އޮންނަންޖެހޭ އިޙްތިރާމްވެސް ނަގަހައްޓައިދޭ ރީތި އާދައެކެވެ. ހަމައެހެންމެ ތަފާތު ސަބަބަކާހުރެ އެކުގައި އުޅެވެން ނެތްނަމަ، ރީތި ގޮތުގައި ދެމީހުން ވަކިވުމަކީ އެއީ ދެމީންނަށްވެސް އެންމެ ފައިދާވާނެ ގޮތެވެ. އެގޮތުން އުޅެވެންނެތިގެން އެންމެފަހުން ދެމީހުން ވަކިވާންނިންމައި ދެމީހުން ދުރުވާއިރުވެސް ދެމީހުންގެ މެދުގައި ޤަދަރާއި އިޙްތިރާމް ނުގެއްލޭނެފަދަ ރީތި އުސޫލުތައް ގެންގުޅެންޖެހެއެވެ.

އާއްމުގޮތެއްގައި ދިވެހިންގެ އުސޫލަކީ ދެމީހުން ދުރުވާ ހިސާބުން އަނެކާ ނިކަމެތިކޮށްލައި ހަޑިހުތުރު ބަސްބުނެ އެއީ ދުނިޔޭގައިވާ އެންމެ ނުބައިމީހާއަށް ހަދާލުމެވެ. ނަމަވެސް އެއީ ތިމާ އިޚްތިޔާރު ކުރި މީހެއް ކަން ހަނދާންކޮށް އަދި އޭނާއަށްވެސް އިޙްތިރާމް ލިބިގެންވާނެކަން ހަނދާންކުރަންވާނެއެވެ. މިލިޔުމުގައި މިވަނީ ރީތިގޮތުގައި ބައިވެރިޔާއާއި ވަކިވުމަށް ކަންކުރެވިދާނެ ގޮތުގެ މައްޗަށް ރިލޭޝަންޝިޕް ތެރެޕިސްޓް އިސްރާ ނާސިރު ކުރައްވާފައިވާ ޕޯސްޓަކުން ނަގާފައިވާ ބައިތަކެކެވެ.

1. އެވޮއިޑް ކުރުން- ނުވަތަ ކަންކަން ދޫކޮށްލުން:

ބައިވެރިޔާއާއި ވަކިވުމަށް ގަސްދުކުރާނީ ހިތްހަމަ ނުޖެހޭ ގިނަ ކަންކަމެއް ރަނގަޅުކުރުމަށް ނަސޭހަތްތެރިވުމުންވެސް ރަނގަޅު ނުކުރުމުނެވެ. އެހެންކަމުން ތިމާ ބައިވެރިޔާއާއި ވަކިވުމަށް ނިންމާ ހިސާބުން މާބޮޑަށް ކަންކަމާއި ޒުވާބުކޮށް ވާހަކަ ދެއްކުން ހުއްޓާލާށެވެ. ދެން އިތުރަށް ވާހަކަ ދައްކައިގެން ކަމެއް ހައްލެއް ނުވާނެއެވެ. އޭނާގެ ފަރާތުން އަނެއްކާވެސް އުއްމީދެއްނެތް ކަމެއްގައި އޭނާގެ ފަރާތުން އުއްމީދުތަކެއް ދޭންފަށައި މީހާގެ ސިކުނޑި އެނބުރެން ފަށައިފާނެއެވެ. ގޮތް ނިންމައިފިކަމުގައިވާނަމަ އެއީ އެންމެ ރަނގަޅުގޮތެވެ. އެހެން ނޫންނަމަ އިތުރު ފުރުސަތެއް ދީގެން ދެމީހުންނަށް ނޫޅެވިއްޖެނަމަ މީހާގެ ބޯގޮވައި އަނެއްކާވެސް މިސައިކަލް ރިޕީޓްވެދާނެއެވެ.

2. ރެސްޕޮންސް- ބައިވެރިޔާގެ ފަރާތުން ފެނިދާނެ ކަންކަމަށް ކެއްކުރުން:

ބައިވެރިޔާއާއި ދުރުވުމަށް ނިންމައި އެވާހަކަ ދައްކާ ހިސާބުން ބައިވެރިރާ ވަރަށް 'އިމޯޝަނަލް' ނުވަތަ ނަފްސާނީގޮތުން ބަލިކަށިވެއެވެ. މިކަމަށް ތިމާ ހުށިޔާރުވާންވާނެއެވެ. ގިނަ ދުވަހު އެކުގައި އުޅެފައި މިގޮތަށް ވަކިވާން ޖެހުމުން ދެރަވާނެއެވެ. ކުށް ކުރި ބައިވެރިޔެއް ނަމަވެސް މެއެވެ. އެއީ އިންސާނުންގެ ތަބީޢަތްކަމުން ތިމާ އެކަމުގައި އަނެކާގެ އިޙުސާސްތައް ދެނެގަންނާށެވެ. ނަމަވެސް އެއިހުސާސްތަކަށް ތިމާގެ ހަށިގަނޑު ދޫކޮށް ނުލާށެވެ. ނުވަތަ އޭނާ ދެރަވުމުން ތިޔަ ނިންމިގޮތް ބަދަލު ނުކުރާށެވެ.

3. ދިފާއު- ކުރީގެ ވާހަކަތައް ނަގައި ކުށްވެރިނުކުރުން:

ގުޅުމެއް ނިމުކަކަށް ގެންނަން ޖެހެނީ އިތުރަށް އެކުގައި ނޫޅެވޭނެކަމަށް ނިންމާފައެވެ. އެހެންކަމުން ދިރިއުޅުމުގައި ހިނގާފައިވާ ހިތްހަމަ ނުޖެހޭ އެތައް ކަމެއް ހުންނާނެއެވެ. ދުރުވުމަށް ބައިވެރިޔާ ގާތުގައި ވާހަކަ ދައްކާ ހިސާބުން އޭނާގެ ފަރާތުން ހިނގިކަންކަން ނަގައި އެވާހަކަތައް އިޔާދަ ނުކުރާށެވެ. އެހިސާބުން އެގުޅުން އެއްކޮށް ނިންމާލައި ކުރިއަށް ދާށެވެ.

4. ތެދުވެރިވުން:

ތިގުޅުން ނިމުމަކަށް ގެނައުމަށް ނިންމި ސަބަބު ބައިވެރިޔާއަށް ރަނގަޅަށް ކިޔައިދޭށެވެ. އަދި ތިމާއަށްވެސް ހެދިފައިވާ ގޯސްތަކާއި މެދު އެއްބަސްވެ ސާދާގޮތުގައި މާފަށް އެދެމުން ރިވެތިކޮށް ދެމީހުންނަށް އުޅެވެން ނެތްކަމަށް ކިޔައިދޭށެވެ. އަދި އެއަށްފަހު ދުރަށް ދާށެވެ.

މިކަންކަމަށްފަހު ތިދެމީހުންގެ ގުޅުން ވަކިވުމުންވެސް އަދިވެސް ދިރިއުޅުމުގައި ބޭކާރުގޮތުގައި ކުރީގެ ބައިވެރިޔާގެ ގޯސްވާހަކަ ނުދައްކާށެވެ. އޭނާއަކީވެސް މުޖުތަމަޢުގައި ޤަދަރުލިބިގެންވާ މީހެކެވެ. ތިދެމީހުންގެ ގުޅުން ނިމުމުން އެހިސާބުން ތިމާގެ ދިރިއުޅުމުގައި އޭނާގެ ބާބު ނިމުނީއެވެ. އެހެންކަމުން މީހަކު ބުނެގެން ނަމަވެސް އެފޮތް އަލުން ހުޅުވަން ނަހަދާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން