ތުއްތު ކުއްޖެއް: ކުދީން ދުނިޔެއަށް އުފަންވަނީ، ފިޠްރީގޮތުން އެއްވެސް ނުބައިކަމެއް ނެތި ސާފުޠާއިރުކަންމަތީގައި
ތުއްތު ކުއްޖެއް: ކުދީން ދުނިޔެއަށް އުފަންވަނީ، ފިޠްރީގޮތުން އެއްވެސް ނުބައިކަމެއް ނެތި ސާފުޠާއިރުކަންމަތީގައި
ހިތަށް އެރިހާ ކަމަކާއި ކުރަންވެއްޖެ ކޮންމެ ކަމެއް ކުރަމުން، މުސީބާތާއި، ދެރަނިކަމެތި ޙާލުގައި ހައްޔަރުވެގެން، ދަތި އުދަގޫތައް އުފުލަމުން، ދިވެހިރާއްޖޭގަޔާއި ދުނިޔޭގެ އެހެންތަންތާގައި، ތިމާމެންގެ ޙަޔާތް ބަރުބާދު ކުރަމުންގެންދާ، އަޚްލާޤުނުބައި ކުށްވެރީން ވަރަށް ގިނައެވެ.

މިފަދަ މީހުންނާމެދު އަޅުގަނޑުމެން ވިސްނައި ހޯދައިފިނަމަ، ޚާއްސަކޮށް، އެބައިމީހުންގެ ދިރިއުޅުމުގެ ޞަފްޙާތައް، ފުންނަޒަރަކުން މުޠާލިޢާކޮށްފިނަމަ، އަޅުގަނޑުމެންނަށް ފެންނާނީ، އެނގޭނީ، އަދި ޔަޤީންވާނީ، އެބައިމީހުންގެތެރެއިން، ސަތޭކައަކުން ނުވަދިހަ މީހުންނަކީ، އެމީހުންގެ މައިންބަފައިންނާއި ބެލެނިވެރީންގެ ޖާހިލުކަމުން ނުވަތަ ފަރުވާކުޑަކަމުން، އެދަރީންނަށް އެދެވޭ ތަޢުލީމަކާއި ރަގަނޅު ތަރުބިއްޔަތެއް، ލިއްބައިދީފައިނުވާ މީހުން ކަމެވެ.

މިއާޚިލާފަށް، ތިމާމެންގެ ދިރިއުޅުމުން ކާމިޔާބުކުރަމުން، މަތިވެރި ދަރަޖައާއި ރީތިނަން ހޯދަމުން، ހަރުދަނާ މާތް އަޚްލާޤަކާއެކު، ކުރިއަށް ހިގަމުންދާ މީހުންނަށް ވިސްނާ ބަލައިފިނަމަ، އޮޅުމެއް ނެތި އަޅުގަނޑުމެންނަށް އެނގޭނީ، އެބައިމީހުންގެ މިކާމިޔާބީއާއި ފަޚްރުވެރި ނަމުގެ ތަޢުރީފާއި ސާބަހުގެ އެންމެބޮޑު ޙައްޤުވެރިންނަކީ، އެމީހުންގެ މައިންބަފައިންނާއި ބެލެނިވެރީން ކަމެވެ. އެމައިންބަފަައިންނާއި، ބެލެނިވެރީން، އެބައިމީހުންގެ ދަރީންނަށް އެދެވޭ ތަޢުލީމަކާއި ރަނގަޅު ތަރުބިއްޔަތެއް، ލިއްބައިދީފައިވާ ކަމެވެ. ޝައްކެއްނެތެވެ. އެތަޢުލީމާއި ތަރުބިއްޔަތުގެ ބާރުން، އެތަޢުލީމާއި ތަރުބިއްޔަތުގެ އަސަރުން، އެލިބުނު ތެދުމަގުގެ ސަބަބުން، އެދަރީން، ދުނިޔޭގައި ވިދައިގަތީއެވެ. މަތިވެރި މަޤާމާއި ފަޚްރުވެރި ނަން ހޯދައިގަތީއެވެ. މިއީ ރައްދުނުކުރެވޭނެ ކަމެކެވެ. އިންކާރު ނުކުރެވޭނެ ޙަޤީޤަތެއް މެއެވެ.

ކަންމިހެން ހުރިއިރު، ކުދީންގެ ތަޢުލީމާއި ތަރުބިއްޔަތަކީ، ދުނިޔޭގައިވާ، އެންމެ މުހިއްމު ކަންތަކެވެ. އެންމެމާތް، އެންމެ އަގުހުރި އަދި އެންމެ ބޭނުންތެރި މަސައްކަތްވެސް މެއެވެ. މިހެނީ ޤައުމުގެ ދަރީންނަށް، ތަޢްލީމުދީ، ތަރުބިއްޔަތު ކުރުމަކީ، ޤައުމު ޢިމާރާތް ކުރުމެވެ. މިއާ ޚިލާފަށް ކަންތައް ކުރެވިއްޖެނަމަ، ޤައުމު ބަރުބާދުކުރެވުނީއެވެ.

މިފޮތުގެ ނަމަކީ "ކުދިން ތަރުބިއްޔަތު ކުރާނީ ކިހިނެއް؟" ކަމުގައިވިޔަސް، ފޮތްލިޔަމުން ގެންދާއިރު، ތަރުބިއްޔަތުގެ ކުރިއަށް "ތަޢްލީމް" މިބަސް ނުގެނަސް، ފުރިހަމަ ކުރެވޭކަށް ނޯވެއެވެ. އެގޮތަކީ ތަޢްލީމަކާ ނުލައެއް، ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އާއެކެވެ. ޙަޤީޤަތުގައި، ތަރުބިއްޔަތުކުރުމަކީ ކުދީންނަށް ލިބެމުންދާ ތާޢްލީމާއި އެއްގޮތަށް ކުދީންގެ ޢަމަލުތައް ރަގަނޅުމަގަށް އަޅުވައި، އެކަމަށް ހާނުވަމުން ގެންދިއުމެވެ. ވީމާ ކުދީންނަށް ދެވޭ ތަޢްލީމަކީވެސް، ރަނގަޅު އެދެވޭ ތަޢުލީމަކަށް ވާންވާނެއެވެ. އޭގެތެރޭގައި އެންމެބޮޑަށް ޢަޙްމިއްޔަތުކަން ދޭންވީ ދީނީ ތަޢްލީމަށެވެ.

އަޅުގަނޑުމެން އުފާކުރުން ހުއްޓެވެ. ފަޚްރުވެރިވުން ޙައްޤެވެ. މިހެނީ ދިވެހި ޤައުމުގެ ތަޢްލީމުގެބައި، މިއަދު ދިވެހި ދަޢުލަތުން އެއްވެސް ފީއެއް ނެންގެވުމެއްނެތި، ހަމަހިލޭ ވަރަށް ފުރިހަމައަށް، ޒަމާނާ އެކަށީގެންވާގޮތުގެ މަތީން އެބަގެންދަވައެވެ. ވީމާ އަޅުގަނޑުމެންގެ މައިންބަފައިންނާއި، ބެލެނިވެރީންގެ ވަރަށްގިނަ ބަޔަކަށް، އެބައިމީހުންގެ ދަރީންނަށް، ފީއެއްނުދީ އެބަ ބައެއް މަދުރަސާއާއި، ބައެއް ސްކޫލްތަކުގައިވެސް އެދެވޭ ރަނގަޅު ގޮތެއްގައި ކުދީންނަށް ތަޢްލީމުދެމުން އެބަގެންދެވެއެވެ.

ވީމާ، މިއަދުގެ ދިވެހި މައިންބަފައިންނާއި ބެލެނިވެރީންގެ އަތްމަތީގައި އޮތީ، ހަމައެކަނި ތަރުބިއްޔަތުގެ ބަޔެވެ. ކުދިންނަށް ލިބެމުންދާ ތަޢްލީމާ އެއްގޮތަށް ކުދީންގެ ޢަމަލުތައް ހާނުވައި، އިޞްލާޙްކުރުވައި އެކުދީންނަކީ މާތް އަޚްލާޤެއްގެ ފަޚްރުވެރި، ވަޒަންދެކެ ލޯބިވާ، ފުރިހަމަ ދިވެހިދަރިންނަށް ހެދުމުގެ ބަޔެވެ. އާއެކެވެ. ކުދީންނަށް ތަޢްލީމު ދިނުމުގައި އެންމެ މުޙިއްމު އަދި އެންމެބޮޑަށް ސަމާލުކަން ދޭންވީ ބަޔެވެ. ހަރު، ބުއްދިވެރި ބަހެއްގައި އޮވެއެވެ. "ތަރުބިއްޔަތެއްނެތި ތަޢްލީމް ދިނުމަކީ، މޮޔައަކު އަތަށް ކަނޑިއެއް ދިނުންފަދަ ކަމެކެވެ." ތަޖްރިބާއިން އެނގިފައިވަނީ، މިއީ ވަރަށް ބޮޑުތެދެއް ކަމެވެ. ކުދީންގެ ތަޢްލީމާއި ތަރުބިއްޔަތުގެ މައްސަލާގައި، އެއްރޮނގަކުން ބަލާއިރު، ކުދީންނަށްވުރެ، އެކުދީންގެ މައިންބަފައިންނާއި ބެލެނިވެރީންނަށް ތަޢްލީމާއި ތަރްބިއްޔަތު ލިބިފައިވުން ބޭނުންކަން މާބޮޑެވެ.

އޮޅުމެއް ނެތެވެ. ކުދީން ދުނިޔެއަށް އުފަންވަނީ، ފިޠްރީގޮތުން އެއްވެސް ނުބައިކަމެއް ނެތިއެވެ. އަދި އެއްވެސް ރަނގަޅުކަމެއްވެސް ނެތިއެވެ. ތަންކޮޅެއް ސާފުކޮށް ބުނަނީ ނަމަ، ކުއްޖަކު، ދުނިޔެއަށް އުފަންވަނީ، އެއްވެސް ނުބައި ސިފައަކާއެކުގައެއް ނޫނެވެ. އަދި އެއްވެސް ރަނގަޅު ސިފަކާއެކުގައެއްވެސް ނޫނެވެ. މިގޮތަށް ދުނިޔެއަށް އަންނަ ކުދީން، ރަނގަޅު، މާތް އިންސާނުންނަށް ނުވަތަ ނުބައި ނުލަފާ މީހުންނަށް ހަދަނީ، އެކުދީންގެ މައިންބަފައިންނެވެ. ނުވަތަ ބެލެނިވެރީންނެވެ. މިކަން މިހެންވަނީ، ބައެއް ފަހަރަށް މައިންބަފައިންނާއި ބެލެނިވެރިންގެ ޖާހިލުކަމުން ނެވެ. އަނެއްބައި ފަހަރު، އެބައިމީހުންގެ ފަރުވާ ކުޑަކަމުންނެވެ. ވީމާ، މައިންބަފައިންނަށް ތަޢުލީމާއި ތަރްބިއްޔަތު ލިބިފައިވުން ބޭނުންވަނީ މިދެންނެވި ސަބަބާހުރެއެވެ.

ކުއްޖަކަށް އެދެވޭ ތަޢުލީމަކާއި ތަރުބިއްޔަތެއް ލިބެމުންދިޔަ ވަރަކަށް، އެކުއްޖަކު އަންނާނީ، ރަނގަޅުވަމުން ކުރިއަރަމުންނެވެ. އުޅުން ރީތިވަމުން މާތް ވަމުންނެވެ. ނޭދެވޭ ތަޢުލީމަކާއި ނުބައި ތަރުބިއްޔަތެެއް ލިބެމުން ދިޔަވަރަކަށް، އެކުއްޖަކުދާނީ، ނުބައިވަމުން ނުލަފާވަމުންނެވެ. މިއީ އަބަދާ އަބަދު އަޅުގަނޑުމެންގެ ކުރިމަތިން ފެންނަމުންދާ މަންޒަރުތަކެވެ. ކަންމިހެން ހުރިއިރު، މައިންބަފައިންނާއި ބެލެނިވެރީން، އެބައިމީހުންގެ ދަރީން، ތަރުބިއްޔަތުކޮށް، ބޮޑުކުރުމުގެ އުދަގޫއަދި ބޮޑު މަސްޢޫލިއްޔަތު ފިސާރިކެރިތިބެގެން، ރަނގަޅަށް ކޮނޑުގައި އަޅަންވާނެއެވެ. ފަހަރެއްގައިވެސް، މިމުޙިއްމު މަސްޢޫލިއްޔަތަށް ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ.

އަޅުގަނޑު މިފޮތް މިލިޔަނީ މިކަމުގައި މައިންބަފައިންނާއި ބެލެނިވެރީންނަށް، އެހީތެރިކަމުގެ އަތެއް ފޯރުވާލުމުގެ މަޤްޞަދުގައެވެ. އާއެކެވެ. އެންމެ ރަނގަޅު ދަރީންތަކެއް، ޤައުމަކަށް ނެރެދައްކާލެވޭނީ، އެ ޤައުމެއްގެ މައިންބަފައިންނަށާއި ބެލެނިވެރީންނަށެވެ.

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވާފައިވާ ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން