ޝުގަރސްކަބް: ހަންގަނޑު އެކްސްފޮލިއޭޓްކޮށްދީ ކުރަކިވުމުން ސަލާމަތް ކޮށްދޭ
ޝުގަރސްކަބް: ހަންގަނޑު އެކްސްފޮލިއޭޓްކޮށްދީ ކުރަކިވުމުން ސަލާމަތް ކޮށްދޭ
ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ޤަވައިދުން އެކްސްފޮލިއޭޓްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކްސްފޮލިއޭޓް ކުރުމަކީ ހަންގަނޑުގައި ކޮންމެވެސް ބާވަތަކުން އުނގުޅައި ސާފުކުރުމަށް ކިޔާ ނަމެކެވެ. މިހެން ހެދުމުން ހަންގަޑުގައި ޖަމާވެފައި ހުންނަ ތެލާއި ބެކްޓީރިއާ ސާފުވެގެން ދެއެވެ.

އެކްސްފޮލިއޭޓް ކުރުމަށް ބާޒާރުގައި ގިނަ ބާވަތްތަކެއް ވިއްކަން ހުރެއެވެ. އެހެންނަމަވެސް، ގޭގައި ގެންގުޅޭ އެއްޗެހީގެ ތެރޭގައިވެސް އެކްސްފޮލިއޭޓްކޮށް ހަންގަނޑު ސާފުކުރުމަށް ބޭނުންކުރެވޭނެ ބާވަތްތައް ހުރެއެވެ. ހަކުރަކީ މިގޮތަށް ބޭނުން ކުރެވޭނެ ރަނގަޅު ބާވަތަކެވެ. ހަކުރުގައި ހިމެނޭ ގްލައިކޮލިކް އެސިޑްގެ ސަބަބުން ހަންގަނޑު އެކްސްފޮލިއޭޓްކޮށްދީ ހަންގަނޑު ކުރަކިވުމުން ސަލާމަތް ކޮށްދެއެވެ. އަދި މީގެ އިތުރުން ހަންގަނޑު ސާފުކޮށްދީ މަރުވެފައިހުންނަ ޑެޑް ސްކިން ސެލްސް ސާފުކޮށް ހަންގަނޑު އަލިކޮށްދެއެވެ.

ތިރީގައި މިވަނީ ހަކުރު ބޭނުންކޮށްގެން ހަންގަނޑު އެކްސްފޮލިއޭޓް ކުރުމަށް ތައްޔާރު ކޮށްލެވިދާނެ 4 ޝުގަރ ސިރަޕްއެކެވެ.

1. ހަކުރާއި ލުނބޯ ހުތް:



ހަކުރެކޭ އެއްގޮތަށް ލުނބޯ ހުތުގައިވެސް ހަންގަނޑަށް ފައިދާހުރި ބާވަތްތައް އެކުލެވޭ އެއްޗެކެވެ. ލުނބޯގައި ހެމެނޭ މަދުމިންވަރަށް ހުންނަ އެސިޑްގެ ސަބަބުން ހަންގަނޑު އަލިކޮށްދީ މޫނުގައި ހުންނަ ޕޯރސް ކުޑަކޮށްދެއެވެ. އެހެންކަމުން ހަކުރާއި އެއްކޮށްގެން އެކްސްފޮލިއޭޓް ކުރުމުން ހަންގަނޑު ސާފުކޮށްދީ ރީތިކޮށްދޭނެއެވެ. މިސްކްރަބް ތައްޔާރުކުރުމަށް 2 ސައިސަމްސާ ހަކުރުގެ ތެރެއަށް 4 ލުނބޯގެ ހުތްއަޅާށެވެ. އަދި ދެބާވަތް އެއްކޮށްލާށެވެ. ދެން ހަކުރު ފުށްތައް ވިރެންދެން މޫނުގައި އުނގުޅާށެވެ. އެއަށްފަހު ފެނުން ރަނގަޅަށް ދޮވެލާށެވެ.

2. ގްރީން ޓީއާއި ހަކުރު:



1 ސައިސަމްސާ ހަކުރާއި އެއްސައިސަމްސާ ގްރީން ޓީ އަދި އޮލިވް އޮއިލްގެ 4 ވަރަކަށް ތިކި ޖައްސާލައި އެއްކޮށް ލުމުން މި ސްކްރަބް ތައްޔާރު ކުރެވޭނެއެވެ. ގްރީން ޓީގައި އެކުލެވޭ އެންޓި އޮކްސިޑެންޓުގެ ސަބަބުން ހަންގަޑު އިންފްލޭމްވެ ނުވަތަ ހޫނުވެ ރަތްވުމުން ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. މީގެ އިތުރުން ހަންގަޑުގައި ހުންނަ ޕޯރސްތައް ސާފުކޮށްދީ ހަންގަނޑު އަލިކޮށްދެއެވެ. މިސްކްރަބް ބޭނުންކުރުމަށް ހަންގަނޑު މިމިކްސްއިން އުނގުޅައި 10 މިނެޓްވަންދެން ބަހައްޓާށެވެ. އެއަށްފަހު ރީއްޗަށް ދޮވެލާށެވެ.

3. އޯޓްސް އާއި ހަކުރު:



އޯޓްސްއަކީވެސް ހަންގަނޑަށް ފައިދާހުރި ބާވަތެކެވެ. އޯޓްއަކީ ކޮލަޖިން އުފެއްދުމަށް އެހީތެރިވެދޭ ހަންގަނޑު މޮއިސްޗަރައިޒްކޮށްދޭ ބާވަތެކެވެ. މިސްކްރަބް ތައްޔާރުކުރުމަށް އެއްސައިސަމްސާ އޯޓްސްގެ ތެރެއަށް އެއްސައިސަމްސާ ހަކުރު އެޅުމަށްފަހު 5 ތިކި އޮލިވް އޮއިލް އަޅާށެވެ. އަދި އެއްކޮށްލާށެވެ. އެކްސްފޮލިއޭޓް ކުރުމަށް މޫނުގައި ހޭކުމަށްފަހު 10 މިނެޓް ބަހައްޓައި މޫނު ރަނގަޅަށް ދޮވެލާށެވެ.

4. އޮލިވް އޮއިލް އާއި ހަކުރު:



އޮލިވް އޮއިލްގެ ސަބަބުން ހަންގަނޑު ހައިޑްރޭޓްކޮށްދީ ހަންގަނޑުގައި ރޫޖެހުމުން ރައްކާތެރިކޮށްދެއެވެ. އަދި ކުރަކިވެފައި ހުންނަ ހަންގަޑުގައި ތެތްކަން ގެނުވައިދީ އޮމާންކޮށްދެއެވެ. ހަކުރާއި އޮލިވްއޮއިލް ސްކްރަބް އެއްކޮށްގެން ތައްޔާރުކުރެވޭ މިސްކްރަބްއަށް ބޭނުންވާނީ ސައިސަމްސަލެއްގެ ހަކުރާއި ސައިސަމްސަލެއްގެ އޮލިވް އޮއިލްއެވެ. ދެބައި އެއްކުރުމަށްފަހު މޫނުގައި އުނގުޅާށެވެ. އެއަށްފަހު މޫނު ރަނގަޅަށް ދޮވެލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން