ޞާދިރު ޢަލީދީދީ   5 ޖުލައި 2020 - 13:59
ސަރާ
ސަރާ
އެޕިސޯޑް 16

...............

އަޞްލު މަންމަ ގޯސްވުމުގައިވެސް ޢިމްރާންގެ މައްސަލަވެސްވޭ. މަންމަމެނަށް ސިއްރުން ޢިމްރާން ނުޖެހޭނެ ކައިވެނިކުރާކަށް. އަޞްލު ކައިވެނި ކުރުމުގެ ކުރިން އެމީހުންނާ މަޝްވަރާ ކުރިނަމަ، ނާކާމިޔާބު ދިރިއުޅުމެއް ފަށްޓާކަށް ނުޖެހުނީސް.] ސަރާ ޢިމްރާނާއި އޭނާގެ ޢާއިލާ ދިފާޢު ކުރިއެވެ.

[އެންމެ ރަނގަޅު، ޢިމްރާން ކީއްވެތަ ސަރާ މާލޭގައި ނެތިސް ސަރާ ގާތުބުނެވެސްނުލާ އެހެން ކައިވެންޏެއް ކުރީ. އެއީވެސް ހަމަ ސަރާދެކެ އޭނަ ލޯބިވާތީ. ހަމަގައިމުވެސް އަހަރެން ލޯބިވާ މީހަކާ އިނދެގެން ހުއްޓާ، މުޅި ޢާއިލާ ބުންޏަސް ދެވަނަ ކައިވެންޏެއް ކުރާނޭ އެއްގޮތެއްވެސް ނޯންނާނެ.] ސަރާ ކިތަންމެ ބުންޏަސް ޢިމްރާން ސަރާދެކެ ތެދުވެރި ލޯބިވާ ކަމަށް ގަބޫލުކުރާކަށް ނިމާލް ބޭނުމެއް ނޫނެވެ.

[މިހާރު ހިތަށްއަރާ...ޢިމްރާނަށްވުރެން ކުރިން ބައްޕަގެ ރަށަށް ބޭބެއާއެކު އަހަންނަށް ދެވުނުނަމައޭ.] މިހާރު ނިމާލް ސީދާ ސަރާގެ ލޮލަށް ބަލަން ހުރެމެ ބުންޏެވެ. ނިމާލްގެ އެޖުމްލައިން ސަރާ ލަދުގަނެއްޖެއެވެ. އޭނާ އިސްޖަހާލިއެވެ. ސަރާ ވަރަށް ބޮޑަށް ލަދުގަނެއްޖެކަން އެނގުމުން ނިމާލް އޮފީހަށްދާން ނުކުމެއްޖެއެވެ.

އެއީ ނިޔާޒް ޢިމްރާން ގޮވައިގެން އައިސް އެގޭ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. އޮފީސް ގަޑިޖެހޭތީ ނިމާލް މަޑުވެސްނުކޮށް ދިޔައީއެވެ. ނިޔާޒް ޢިމްރާން ގާތު އެތެރެއަށް ވަންނާށޭ ބުނެފައި އިމްރާންގެ ފަހަތަށް ޖެހިލިއެވެ.

އޭރު ސިޓިންގރޫމްގައި ހުރި ސޯފާއެއްގައި ސަރާ، ގޭގެ މައިދޮރަށް ފުރަގަސްވާގޮތަށް އިށީނދެ އިނެވެ.

[ސަރާ....] ޢިމްރާން ދޮރުގެ ދެކަނީގައި ދެއަތް ވިއްދާލުމަށްފަހު އަސަރުން ފުރިފައިވާ އަޑަކުން ގޮވާލިއެވެ. ޢިމްރާންގެ އަޑާއެކު ސަރާ ސިހިފައި އެނބުރުނެވެ. އެއާއެކު އޭނައަށް ތެދުވެސްވެވިއްޖެއެވެ. ބޭއިޚްތިޔާރުގައެވެ.

[އިމޫ...އިމޫ...އިމޫ.....] ސަރާގެ ދޫ ޙަރަކާތްކުރީ ކިރިޔާއެވެ.

[ސަރާ....ސަރާ...އަހަރެންގެ ލޯބި އިމްތިޙާން ކުރަނީތަ؟] ޢިމްރާން މަޑުމަޑުން ސަރާއާ ދިމާއަށް ހިނގައިގެންފިއެވެ. އެހިނދު ސަރާއަށް ރޮވެނީއެވެ. ދުވަސްތަކަކަށްފަހު ލޯބިވެތި ފިރިމީހާ ފެނުމުން ސަރާއަށް އެވަނީ އިންތިހާއަށް އަސަރުކޮށްފައެވެ.

[އިމޫ...އިމޫ.....] ސަރާއަށްވެސް މަޑުމަޑުން ޢިމްރާނާ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. ބާރަށް ރޮއިގަނެވުމާއެކު، އޭނައަށް ވަދެވުނީ ޢިމްރާންގެ ދެއަތުގެ ތެރެއަށެވެ. އިސާހިތު ޢިމްރާންގެ ދެލޮލުންވެސް ކަރުނަ ހިލެން ފަށައިފިއެވެ.

[ސަރާ...ކީއްކުރަންތަ އަހަރެން އެކަނިކޮށްފައި އައީ. ހީކުރީތަ ސަރާޔާނުލާ އަހަންނަށް ހިތްހަމަޖެހުމެއް ލިބޭނޭ....] ޢިމްރާން ސަރާ އޭނަގެ މެޔާލާ ބޮނޑިކޮށްލަމުން ވާހަކަ ދެއްކިއެވެ.

[ސޮރީ...ސޮރީ....އެކަމަކު ޢިމްރާން ކީއްވެތަ އިމްރާން މަންމަ އަހަރެންދެކެ އެހާވަރަށް ރުޅި އަންނަނީ....ޢިމްރާނާއި މަލަކާގެ ގުޅުމުން ލިބޭ ހިތްދަތިކަމަށްވުރެން މަންމަގެ ފިއްތުންތަކުގެ ސަބަބުން ލިބޭ ހިތްދަތިކަން މާބޮޑު. އަހަންނަށް ބަރުދާސްތު ކުރަން އެންމެ އުނދަގުލީވެސް އެހިތްދަތިކަން...] ސަރާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ.

[އެކަމާ މާބޮޑަށް ފިކުރުނުކުރޭ. ސަރާ ދެރަވާފަދަ ކަންތައްތައް ނުކުރުމަށް އަހަރެން މިއަދު މަންމަ ގާތު އެދޭނަން. އަހަރެންގެ ފުރާނަފަދަ ލޯބިވާ އަނބިމީހާއަކީވެސް ސަރާ ކަމުގައި ބުނާނަން. އަވަހަށް ހިނގާ ގެއަށްދާން.] ޢިމްރާން ސަރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނެވެ.

[ޢިމްރާން، ލިބެންއުޅޭ އަހަރެމެންގެ ލޯބީގެ ނިޝާންގައި އަތް ޖައްސާލަބަލަ. ފިރުމާލަބަލަ. ދެން ތިގޭތެރޭން ކިތަންމެ ފިއްތުންތަކެއް ކުރިމަތިވިޔަސް އަހަރެންގެ ބަނޑުން އުފަންވާން މިއުޅޭ ދަރިފުޅުގެ ޙައްޤުގައި ހުރިހާ ހިތްދަތިކަމެއްވެސް އަހަރެން ބަރުދާސްތު ކުރާނަން.] ސަރާ ޢިމްރާންގެ އަތް އޭނާގެ ބަނޑުގައި ޖައްސާލިއެވެ.

[އަހަންނަށްވެސް ކުއްޖަކު ލިބޭކަމުގެ އިޙްސާސް ކުރެވެނީ އަދިކިރިޔާ....] ޢިމްރާން ސަރާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީނދެއްޖެއެވެ.

[ ދެން އިށީންނަންވީކީ ނޫން. ސަރާ ގޮވައިގެން އެގެއަށް ދާން ހިނގާ...އަދި ރިސޯޓް ސަޕްލައި ކަންތައް ހަމަޖައްސަންވެސް ދާން އެބަޖެހޭ....] ނިޔާޒް ބުންޏެވެ. ތިއީވެސް ތެދެކޭ ބުނެފައި ޢިމްރާންވެސް ތެދުވެއްޖެއެވެ.

ޢިމްރާން ސަރާގެ އަތުގައި ހިފައިގެން ޢިމްރާންމެންގެ ގެއަށް ވަންއިރު ސިޓިންގރޫމްގައި ފަހީމާއާއި މަލަކާ، އޭނަގެ ދަރިފުޅު ގޮވައިގެން ތިއްބެވެ. ސަރާ ފެނުމާއެކު މަލަކާއާއި ފަހީމާގެ ދެލޯ ބޮޑުވިއެވެ. ޙަޤީޤަތުގައި ޢިމްރާން ސަރާ އަލުން އެގެއަށް ގެނެސްފާނޭ ކަމަކަށް ފަހީމާ ވިސްނާފައެއް ނެތެވެ.

[ޢިމްރާން!؟] ފަހީމާ ތެދުވިއެވެ.

[ކިހިނެއްވީ މަންމާ...މަންމައަށް އެނގެންވާނެ، އަހަންނަށް ސަރާއާ ވަކިން އުޅެން ފަސޭހަނުވާނޭކަން. މަންމަވާނެ ސަރާއަށް ރަނގަޅަށް އަޅާލަން. ސަރާ އެއިނީ މަންމަގެ ދެވަނަ މާމަދަރިއަށް ބަލިވެ.]

ޢިމްރާން ސަރާ ކޮޓަރިއަށް ވެއްދުމަށްފަހު، މަންމަގެ ކުރިމައްޗަށް އައިސް ބުންޏެވެ.

[މަގޭ މާމަ ދަރިއެކޭ! ކިހިނެއްތަ އެކަން ދަރިފުޅަށް އެނގެނީ...އެ ނުވާނެ ދަރިފުޅުގެ ދަރިއަކަށް.] ފަހީމާ ހުރީ ވަރަށް ރުޅިއައިސްފައެވެ. ވުމާއެކު އިތުރަށް އެމައުޟޫޢަށް ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ.

[މީގެފަހުން ތި އަންހެނެއްގެ ވާހަކަ އަހަރެންގެ ކުރިމަތީ ދައްކައިގެން ނުވާނެ.] މިހެން ބުނެފައި އިތުރަށް ޢިމްރާންގެ ކުރިމަތީގައި މަޑުކުރުމެއްނެތި ފަހީމާ އެތަނުން ހިނގައިގެންފިއެވެ.

ސަރާއަށް އެއަޑު އިވުނެވެ. ނަމަވެސް ޢިމްރާން އައިސް ސަރާއަށް ހިތްވަރުދީ ހަމަޖެހުމަށް ނަޞޭޙަތްތެރިވިއެވެ.

ސަރާ އެނބުރި އައީމާ އެގެއިން އެންމެ ބޮޑަށް އުފާކުރީ އެގޭގައި ގެންގުޅޭ ބިދޭސީ އަންހެން މީހާ ރުމާލީއެވެ.

އެދުވަހު އޮފީސް ނިންމާފައި ޢިމްރާންގެ ބައްޕަ އައިއިރު ފަހީމާ ކޮޓަރިތެރޭ އޮވެ ވިސްނަމުންދަނީ އަލުން ސަރާ އެގެއިން ނެރޭނޭ ގޮތަކާ ދޭތެރޭގައެވެ.

[ފަހީމާ ހާދަ ބޮޑު ފިކުރެއްގަ.] މާބޮޑަށް ފިކުރު ނުކުރާށޭ ޑޮކްޓަރ އޮތީ ބުނެފައެއްނު.] ރަފީޤު ފަހީމާއިން އެނދުގެ މަގަތުގައި އިށީނދެއްޖެއެވެ.

[ފިކުރު ކުރެވޭނެއެއްނު...ޢިމްރާން އަނެއްކާވެސް ސަރާ މިގެއަށް ގެނެސްފި. އެސަރާ ކޮންފަދަ ސިހުރެއްބާ ހަދައިގެން އެއުޅެނީ....] އަދިވެސް ފަހީމާގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ.

[އެމަންޖެ ގެނައިމާ ކޮބައިތަ މައްސަލައަކީ. އެއީވެސް އެސޮރުގެ އަންބެއްނު. ފަހީމާ ދެން އެކަމާ މާބޮޑަށް ނުވިސްނަބަލަ. ކޮބާ މާދަމާއަކީ ޝީކާ އަންނަ ދުވަހެއްނު. އެއަރޕޯޓަށް ދާންވާނެއެއްނު.] ރަފީޤު ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ. ނަމަވެސް ފަހީމާ އެކަމާ ގުޅުވައިގެން އެއްވެސް ވާހަކައެއް ނުދެއްކިއެވެ.

[ޝީކާ ޑޮކްޓަރަކަށްވެގެން އައުމަށްފަހު އޭނާވާނެތާ މިޢާއިލާގެ ޚާއްޞަ ޑޮކްޓަރަށް. ފަހީމާއެއް ނުދާނަންދޯ އެއަރޕޯޓަކަށް.] ރަފީޤު ބޭނުންވި މަޤްޞަދު މިފަހަރު ޙާޞލުވިއެވެ.

[ކީއްވެ މަނުދާންވީ...މަލަކާވެސް ދާނޭ ވާހަކަ ބުނި....] ފަހީމާ ބުންޏެވެ. އޭނާ ބޭނުންވަނީ ގިނައިން މަލަކާ ކައިރިކޮށްލައިގެން އުޅެ ސަރާ ދެރަކުރާށެވެ. އަދިވެސް ސަރާ އެގެއިން ނިކުމެގެން ހިނގައިދާނޭ ކަމަށް ވިސްނާފައެވެ.

ޝީކާއަކީ މަލަކާމެނަށްވުރެން ފަސްވަރަކަށް އަހަރު ހަގު ކުއްޖަކަށްވިޔަސް ޢިމްރާނާއި މަލަކާއެކު އޭނާވެސް ބޮޑުވީ ވަރަށް އެކުވެރި ޖައްވެއްގައެވެ.

[މާދަމާއަކީ އަނެއްކާވެސް މިގެއަށް ޢާއިލާގެ އިތުރު މެންބަރެއް އަންނަ ދުވަހެއް؟ ސަރާއަށް އެނގޭތަ އަންނަން އުޅެނީ އަހަރެންގެ ކާކުކަން؟] ޢިމްރާން ސަރާގެ ހިތް ތަޅުވާލުމުގެ ގަސްދުގައި ބުންޏެވެ.

[ތިންވަނަ އަނބި...ހަމަ ޔަޤީންކަމާއެކު ބުނަންކެރޭ ތިންވަނަ މީހަކު ޢިމްރާންގެ އަންބެއްގެ ގޮތުގައި މިގެއަށް އަތުވެއްޖިއްޔާ އަހަރެން މޮޔަވެދާނެ. އެފަދަ ދުވަހެއް މާތްރަސްކަލާނގެ މިއަޅާއަށް ނުދައްކަވާށި.] ޙަޤީޤަތުގައިވެސް ސަރާ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. ޢިމްރާން ހީގަތެވެ.

[ބުނީމެއްނު...އިންޑިޔާގައި ޑޮކްޓަރުކަން ކޔަވަން ހުރި ކޮއްކޮއެއްގެ ވާހަކަ....ކުރު ޗުއްޓީއަކަށް މާދަމާ އޭނާ އެބައާދޭ....] ޢިމްރާން ސަރާގެ ކޮލުގައި ވަރަށް ލޯބިވެތި ގޮތަކަށް ހިފާލިއެވެ.

[އަހަންނާ ގުޅޭނެތަ؟ މިހެން މިބުނީ އޭނަވެސް މަންމަމެންނެކޭ އެއްފަދަ ވެދާނެތީ.] ސަރާ ޢިމްރާންގެ މޭގައި ބޯއަޅާލިއެވެ.

[އާނ...އޭނަ އަހަރެންދެކެ ވަރަށް ލޯބިވާނެ...އުޅޭނީވެސް ވަރަށް ކުޑަކުދިން އުޅޭ ފާޑަށް.] ޢިމްރާން ބުންޏެވެ.

[މާނައަކީ ޢިމްރާންދެކެ އެވާލޯބި އަހަރެންދެކެވެސް ވާނެއޭތަ؟] ސަރާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

ދުވަސްތަކަކަށްފަހު އެރޭވީ ސަރާގެ ޙަޔާތަށް އައި އުފާވެރި ރެއަކަށެވެ. އެރޭ ހަތަރުދަން ޢިމްރާން ހޭދަކުރީ ސަރާގެ ހިތްހަމަޖައްސާދިނުމުގައެވެ.

އެހެންކަމުން އެރޭ މަލަކާހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ދަރިފުޅުގެ ގާތަށްވެސް އެރޭ ޢިމްރާން ނައީތީ އެޝަކުވާ އޭނަ މައިދައިތަ ގާތު ކުރިއެވެ. ވަގުތުން ފަހީމާ ރުޅިއައިސް ރަތްވިއެވެ. އޭނާ އެރުޅިގަނޑު ބޭލީ ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ.

[ތީތަ މަންމަމެން ދިން ތަރުބިއްޔަތަކީ. ރޭ ހަތަރުދަން ވެއަތުވެދިޔައީ އެތުއްތު ދަރިފުޅުގެ ޙާލު ބަލައިލަން ވަދެނުލައޭ. ޢިމްރާނާ ޖެހިގެން ތިއުޅެނީ ވަރުގަދަ އަންހެނެއް.] ފަހީމާ ރުޅިއައިސްގެން އެއްޗެހި ގޮވީ ސަރާވެސް ހުއްޓައެވެ.

[މަންމާ...ސަރާވެސް އެއިނީ އަހަރެންގެ ދަރިއަކަށް ބަލިވެ. މިފަދަ ވަގުތެއްގައި މަންމަމެން ސަރާއަށް އަޅާނުލާ އުނދަގޫކުރަންޏާ ބަނޑުގައިވާ ދަރިފުޅަށްވެސް އަސަރުކޮށްފާނެ. މަންމަމެން ތިޔަވަރަށް ނުރުހެންޏާ އަހަރެން ވަކި އެޕާޓްމަންޓެއް ހިފާފަ ސަރާ ބަހައްޓަފާނަން.] ޢިމްރާން ގާތަށްވެސް މިފަހަރު ރުޅިއައެވެ. ޢިމްރާން ސަރާ އަތުލަފިކޮށްގެން ކޮޓަރިއަށް ވަދެއްޖެއެވެ. ފަހީމާ ދަރިފުޅާއޭ މަޑުކޮށްބަލާށޭވެސް ބުންޏެވެ. ނަމަވެސް ޢިމްރާން ފަަސްއެނބުރި ބަލާވެސްނުލައެވެ.

[އަބަދުވެސް ފަހީމާ ކީއްވެގެންތަ އެމަންޖެއާ ޖައްސާލައިގެން ތިއުޅެނީ. އެސޮރު އެބުނިހެން މިހާރު އަހަރެމެންގެ އަޅާލުން އެމަންޖެއަށް ވަރަށް ބޭނުންވާނެ.] ޢިމްރާންގެ ބައްޕަ ރަފީޤު ފަހީމާއާ ދެކޮޅަށް ވާހަކަ ދެއްކިއެވެ.

[ރަފީޤު އަޅާލަންވީނު. އޭނަ މިގެއިން ނުކުމެގެން ދިޔައީމާވެސް، އަހަރެން މިވަރަށް ނުރުހޭ ކަމެއްކަން އެނގިހުރެ ކީއްވެތަ ޢިމްރާން އަލުން އޭނާ ގެނައީ. އޭނާގެ ބަނޑުގައިވަނީ ޢިމްރާންގެ ދަރިއެއްކަން އަހަރެން ގަބޫލުކުރާނީ ކިހިނެއް؟] ފަހީމާގެ ރުޅި ކުޑަކޮށްވެސް މަޑެއް ނުވެއެވެ.

[ޢިމްރާނަށް އެކަން ޔަޤީންވަންޏާ ފަހީމާ ކޮންހާ ހަޑި ވާހަކަތަކެއްތަ ތިދައްކަނީ؟ ދެންވެސް ރުޅިމަޑުކޮށްފަ އެއަރޕޯޓަށް ދާން ތައްޔާރުވާން އުޅެބަލަ....] ރަފީޤުގެ އަޑުވެސް ބާރުވިއެވެ.

[އެނގޭތަ ފަހީމާ؟! ފަހީމާ ތިޔަ ވިސްނި މޭރުމުން ވިސްނާނީ ޖާހިލުން. ތިޔަގޮތަށް އިންސާނުން އިންސާނުންނާ ދޭތެރޭ ދެކޭކަށް ނުވާނެ. އަވަހަށް ގޮސް ސަރާގެ ކިބައިން މަޢާފަށް އެދޭ. ޢަމުދުން ޙައްޖުވެގެން އައިސް ހުރެ، މީހުންނަށް އެއްޗެހި ކިޔާކަށް ނުވާނެ.] ރަފީޤު ފަހީމާއަށް ވިސްނައިދިނުމަށްފަހު އަވަހަށް ތައްޔާރުވާށޭ ބުނެފައި ނިކުތީ އޮފީހުން ގުޅީމައެވެ.

[އިމޫ....އަހަރެން ފަދައިން މިދުނިޔެއަށް އުފަންވެފައިވާ އެންމެންނަކީވެސް އަހަރެންފަދަ ބަދުނަޞީބު ދިރިއުޅުމެއް ޙިއްޞާކުރާނޭ ބައެއްތަ؟ އަޅެ އަހަރެންގެ ކުށަކީ ކޮބާތަ؟ އަހަރެންގެ ނިކަމެތި މަންމައަށް ކުރެވުނު އެންމެ ކުށަކުން އަހަންނާއި މަންމަ މިދުނިޔެއިން ބާކީވެ އެންމެންގެ ނުރުހުން ލިބޭ ބަޔަކަށްވީ؟ މަންމައަށް ކެހިދިނީ ކޮންފަދަ ނުލަފާ ފިރިހެނެއް. މިއަދު އަހަރެން ބަރުދާސްތު ކުރަމުންމިދާ ހިތްދަތިކަމަކީ އެކެހިވެރި ބައްޕަގެ ސަބަބުން ލިބިފައިވާ ހިތްދަތިކަމެއް. މިފަދަ ދިރިއުޅުމެއް އެހެން އަންހެނަކަށް ނުދައްކަވާށި.....] ކޮޓަރިއަށް ވަދެވުމާއެކު ސަރާ ގިސްލަ ގިސްލާފައި ރޮނީއެވެ.

[ނުރޮއި...ހުއްޓާލާ ސަރާ. މަންމައަށް އަދި ވިސްނޭނެ. ސަރާ ބޭނުމިއްޔާ އަހަރެން މަލަކާ ވަރިވެސް ކޮށްފާނަން.] ސަރާ މާބޮޑަށް ރޯން ފެށީމާ ޢިމްރާންގެ ހިތަށް ކުރިން ދުވަހަކުވެސް ނުކުރާ ވަރަށް އަސަރުކޮށްފިއެވެ.

[ނޫން...އެއްގޮތަކަށްވެސް ތިޔަހެން ހަދާކަށް ނުވާނެ. ދެމަފިރިޔަކު ވަކިވުމަކީ ދަރިންނަށް ލިބޭނޭ ވަރަށްބޮޑު ނިކަމެތި ކަމެއް. އެހެން ނޫނަސް މަލަކާ ނުވެދާނެ އަހަރެންފަދަ ކެތްތެރިއަކަށް. މަލަކާ އިމޫގެ އަންބެއްގެ މަގާމުގައި ހުރެގެން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. މިގޭތެރޭން އަހަރެން ބޭނުންވަނީ އެންމެ އެއްޗެއް. އެއީ އިމޫގެ މަންމަގެ ލޯބި....މަންމަގެ ރުހުން....] ސަރާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ޢިމްރާންގެ ގަމީސް ފޯވަމުންދިޔައެވެ.

ޝީކާ ބަލާ އެއަރޕޯޓަށް ދާން މިއުޅެނީ ސަރާ ދާނަންތަ؟] ސަރާގެ ލޯ ފޮހެދެމުން ޢިމްރާން މައުޟޫޢު ބަދަލުކޮށްލިއެވެ.

[ހިތްވަރެއްނެތް. ޑޮކްޓަރ ބުނީ ކުޑަކޮށް ރެސްޓް ކުރާށޭވެސް.] ސަރާ ބުނެލިއެވެ.

[ސަރާ ބޭނުމިއްޔާ އެހެން އެޕާޓްމަންޓެއް ހިފާފަ ސަރާޔާ ސަރާ މަންމައަށް ތިބެވޭގޮތް ހަމަޖައްސަފާނަން. މާބަނޑުދުވަސްވަރު ވަރަށް ބޭނުންވާނެ މަންމަގެ އޯގާތެރިކަން؟] ޢިމްރާން ބުންޏެވެ.

[އެންމެ ރަނގަޅު....] ސަރާ ބޯޖަހާލިއެވެ. ހަމަގައިމުވެސް އެގޮތުން ސަރާއަށް މާހިތްހަމަޖެހުން ލިބޭނެއެވެ.

[މަންމަ އަންނާނެބާ؟ މާމަ ދަރިފުޅަކު ލިބޭ ވާހަކަ މަންމަ ގާތު ބުނެފިންތަ؟] ޢިމްރާން ޓިޝޫއަކުން މޫނު ފޮހެލަމުން ވާހަކަ ދެއްކިއެވެ.

[އެންމެ ފުރަތަމަވެސް މަންމަގާތު ބުނިން. މަންމަ ބުނީ މާބަނޑުދުވަސްވަރު ވަރަށް އެހީތެރިވާން ބޭނުމޭ...ކުރިން ދުވަހަކުވެސް މާލެ ނާންނަން ނިންމައިގެން ހުއްޓަސް، ލިބެންއުޅޭ މާމަ ދަރިފުޅަށްޓަކައި އެނިންމުން ބަދަލުކޮށްފީމޭ....] ސަރާ ޢިމްރާން އެއަރޕޯޓަށް ދާން އިސްތިރިކޮށްފައި އޮތް ގަމީސް ނަގާފައި ޢިމްރާން އަތަށް ދިނެވެ.

[އެންމެ ރަނގަޅު....ތަނެއް ހޯދަން މިއަދު ނިޔާޒާ ޙަވާލުކުރާނަން. ތަން ލިބުނަސް މަންމަ މާލެ އައީމާދޯ އެގެއަށް ބަދަލުވާނީ.] ގަމީސް ބަދަލުކޮށްލަމުން ޢިމްރާން ބުންޏެވެ. އެއަށްފަހު އޭނާ ނިކުންނަން ހިނގައިގެންފިއެވެ.

[އިމޫއަށް ފެންނަ ގޮތެއް...އަދި މަޑުކޮށްބަލަ...އިމޫގެ ދަރިފުޅަށް ކޮން ނަމެއްތަ ކިޔަނީ؟] ސަރާ ޢިމްރާން ހުއްޓުވިއެވެ.

[ވިހަން ކައިރިވީމާ ނަމެއް ހޯދަން އުޅޭނީދޯ؟] ޢިމްރާން އެނބުރި އައިސް ސަރާގެ ކޮލުގައި ލޯބިން ހިފާލިއެވެ.

[އަހަރެން އެހީ ދޮށީ ދަރިފުޅުގެ ވާހަކަ؟] ސަރާ ލުއިލުއިކޮށް ހީލިއެވެ.

[އިލާ ޢިމްރާން...އެއީ މަންމަކީ ނަމެއް. ދެން ދަނީ....މިހާރުވެސް މާލަސްވެއްޖެ.] ޢިމްރާން ނުކުތެވެ.

ޢިމްރާން ނިކުތްއިރު ބޮޑުކޮޓަރީގައި ހުރިހާ މީހުންވެސް ތައްޔާރުވެގެން ތިއްބެވެ. މަލަކާވެސް ކުޑަކުޑަ އިލާ އުރާލައިގެން ހުއްޓެވެ.

[ބައްޕަމެން ދަރިފުޅަށް އިންތިޒާރު ކުރާތާ ކޮންއިރެއް. ފްލައިޓް ޖައްސާ ގަޑި ވަރަށް ކައިރިވެއްޖެ. އަވަހަށް ހިނގާ ދާން.]

އެވަގުތު މަލަކާގެ ކޮނޑުމަތީގައި އޮތް ދަރިފުޅު ނިދިއައިސްގެން ރޯން ފަށައިފިއެވެ.

[މަންމަމެންދޭ...އަހަރެން ގޭގައި މަޑުކުރާނަން. އިލާ ނިދިއައިސްގެން މިއޮއްރޮނީ....] މަލަކާ ދަރިފުޅު މަސަލަސް ކުރަމުންގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

އެއަރޕޯޓަށް ދިޔައީ ޢިމްރާނާއި ފަހީމާގެ އިތުރުން ރަފީޤެވެ. އެވެރިން ގެއިން ނިކުތްތަނާ މާގިނައިރެއް ނުވަނީސް މަލަކާ ޑޮކްޓަރ ޝަހީދަށް ގުޅިއެވެ. އޭނާ އެހުންނަނީ އެފަދަ ފުރްޞަތަކަށް ބަލަބަލައެވެ.

[ކިހިނެއްވީ؟ މަލަކާ.] ކިތަންމެ އަވަދިނެތި އުޅުނު ކަމުގައިވިޔަސް، މަލަކާ ގުޅައިފިއްޔާ ޝަހީދު ފޯނަށް ޖަވާބުދެއެވެ.

[މިއީ ރަނުގެ ފުރްޞަތެއް. އެއްކަލަ އިންޖެކްޝަން ހިފައިގެން އަވަހަށް އާދޭ. އެކަކުވެސް ގެއަކު ނެތް. އައިސް ކޮންމެވެސް އެއްޗެކޭ ކިޔާފަ އިންޖެކްޝަން ޖަހާލާ...] މަލަކާ ބުންޏެވެ. އޭރު އޭނާގެ ކޮނޑުމަތީގައި އޮތް އިލާއަށް އޮތީ ނިދިފައިކަމުން އޭނާ ވާހަކަ ދެއްކީ ނިކަން މަޑުންނެވެ.

[އާނ...ވިއްސަކަށް މިނެޓްތެރޭ ދާނަން...މިހާރު މިހުރީވެސް ޕޭޝަންޓެއްގެ ގާތުގައި. މިވަގުތު ބާއްވަނީ....] ޝަހީދު ފޯނު ބޭއްވިއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން