ފަލަބަލިން ރައްކާތެރިވުމަށް ތުއްތު އިރުއްސުރެ ކުދިންގެ ކެއުމުގައި ވަކި އުސޫލުތަކެއް ގެންގުޅުން މުހިއްމު
ފަލަބަލިން ރައްކާތެރިވުމަށް ތުއްތު އިރުއްސުރެ ކުދިންގެ ކެއުމުގައި ވަކި އުސޫލުތަކެއް ގެންގުޅުން މުހިއްމު
ފަލަވުމުގެ މައްސަލައަކީ މުޅިދުނިޔޭގައި އަދި ކުޑަކުޑަ ރާއްޖޭގައިވެސް މިހާރު އިތުރުވަމުން އަންނަ މައްސަލައެކެވެ. އަދި ސްކޫލަށްދާ އުމުރުގެ ދަރިވަރުންގެ ތެރޭގައިވެސް މާބޮޑަށް ފަލަވެ 'އޮބީސް' ވެފައި ތިބޭ ކުދިން އިތުރުވަމުން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. މާބޮޑަށް ފަލަވުމުގެ ސަބަބުން ވަރަށް ޅައުމުރުގައި މިކުދިންނަށް ހަކުރު ބައްޔާއި ހިތުގެ މައްސަލަތަކުގެ އިތުރުން ލޭމައްޗަށް ދިއުމުގެ މައްސަލަތައް ކުރިމަތިވެ އެކުދީންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރު ކުރެއެވެ.



އިންޑިޔާގެ މަޝްހޫރު ނިއުޓްރިަޝަނިސްޓް އަންޖަލީ މުކަރްޖީ ވިދާޅުވާގޮތުގައި ކުދިން މާބޮޑަށް ފަލަވާން މެދުވެރިވަނީ ހަރަކާތްތެރިވެއުޅުން މަދުވެފައި ކެއުން އިތުރުވުމެވެ. އެހެންނަމަވެސް އާއިލީގޮތުންނާއި ހަށިގަނޑުގައި އުފެދޭ ހޯމޯންސް ފަލަވުމަށް މެދުވެރިވާ ސަބަބަކަށް ވާކަމަށްވެސް އެނާ ވިދާޅުވެއެވެ. ނަމަވެސް އާއިލާގައި މިމައްސަލަ އުޅުނުކަމުގައި ވީނަމަވެސް، ކުދީން ކެއުމުގައި ރަނގަޅު އާދަތައް ގެންގުޅެ ކަސްރަތު ކޮށް، ނޫނީ ހެލިފެލިވެ އުޅޭނަމަ ކުދީން އާދަޔާޚިލާފަށް މިވާފަލަވުމުން ލުއި ލިބިގެންދާނެއެވެ. އެހެންކަމުން އާއިލާތެރޭގައިކެއިންބުއިމުގައި ގެންގުޅެވޭ އާދަތަކާއި އާއްމުކޮށް ގޭތެރޭގެ ކަންކަން ވަކި ތާވަލަކަށް ރާވާލުމުން ކުދިން ފަލަވުމުގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެއެވެ.

ފަލަބައްޔަކީ ނުވަތަ އޮބީސިޓީއަކީ ފަރުވާ ކުރެވޭނެ އަދި ބަލައިގެން އުޅެފިނަމަ ރައްކާތެރިވެވޭނެ ބައްޔެކެވެ. އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން ކުދީންނަށް ދިމާވާ ފަލަވުމުން ރައްކާތެރިވުމަށް ނުވަތަ މިބަލި ތަހައްމަލްކުރާ ކުދީންނަށް ލުޔެއް ހޯދައިދޭން ތިރީގައި މިވާކަންތައްތަކަށް ސަމާލުވެ އެގޮތަށް ޢަމަލުކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

1. ޕާކަށް ގެންދިއުން:

ސްމާޓް ޑިވައިސްތަކުގެ މިދުނިޔޭގައި އަދި ވަކިން ޚާއްސަކޮށް މާލޭގައި ކުދިކުދި އެޕާޓްމަންޓްތަކުގައި ކުދިން ގެންގުޅޭއިރު އެކުދިން ހަރަކާތްތެރިވެވުމުގެ ފުރުސަތު ހަންޏެވެ. އެހެންކަމުން ބެލެނިވެރިންނަށް ކުރެވިދާނެ އެއްކަމަކީ ކޮންމެ ދުވަހަކު ނުވަތަ ހަފްތާއަކު 2 ދުވަހު ނަމަވެސް އެކުދިން ދުވެލާ ކުޅެން ޕާކުތަކާއި މާލޭގައި ރީއްޗަށް ތަރައްޤީކޮށްފައި އެހުންނަ ބީޗުތަކުގެ ބޭނުން ހިފުމެވެ. އޮފީސް ނިންމާފައިއައިސް ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން ކުދީން ގޮވައިގެން ސާފުވައިލިބޭ މާހައުލަކަށް ދާންޕްލޭން ކޮށްފައިވެސް ނުގޮސް ދޫކޮށްލައެވެ. ކުދިން އަބަދު ގޭގައި ބެއިތިއްބުމުން އެކުދިން ހެދިބޮޑުވުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ހެލިފެލިވެ އުޅުމުން މަޙްރޫމްވީއެވެ.

2. ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިކުރުން:

ބެލެނިވެރިންނަށް ކުރެވިދާނެ އަނެއް ކަމަކީ ސްޕޯޓްސް އެސޯސިއޭޝަންތަކުން ބާއްވާ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރި ކުރުވައި އެކުދިންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައި ދިނުމެވެ. ރާއްޖޭގައިވެސް ޓެނިހާއި، ބާސްކެޓް ބޯޅައާއި ފުޓުބޯޅަފަދަ އެސޯސިއޭޝަންތަކުން ހިންގޭ ކުޅިވަރު ޕްރޮގްރާމްތައް އެބަހުއްޓެވެ. އެތަންތަނުން ޝެޑިއުލްކޮށްގެން ދަރިވަރުންނަށް މިޕްރޮގްރާމްތައް ރާވައި ހިންގައެވެ.

3. ކުޑައިރުއްސުރެ ކެއުމުގައި އުސޫލުތަކެއް ގެންގުޅުން:

ތުއްތު އިރުއްސުރެ ކުދިންގެ ކެއުމުގައި ވަކި އުސޫލުތަކެއް ގެންގުޅޭނަމަ އެގޮތުގައި ކުއްޖާ ބޮޑު ކުރުމަށް ފަސޭހަވާނެއެވެ. ދަރިފުޅު ގޭގައި ކައްކާ އެއްޗެހި ކެއުމަށް ބޮޑާހޭކުމުން ބޭރުން ކޮންމެވެސް ބާރގާއެއް ނުވަތަ ޕިއްޒާއެއް ގެނެސްގެން ކާންދިނުމުގެ އާދަ ހިފިފައި ހުރެއްޖެނަމަ އެގޮތަށް ކުއްޖާ ހޭނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭރުން ކުއްޖާ ބޮޑުވަމުން އަންނަވަރަކަށް ގެއްލުންތައް ދިމާވުމުން ބަރުދަން ލުއިކުރުމަށް ރަނގަޅުކާނާ ކެއުމަށް އުނދަގޫވާނެއެވެ. އެހެންކަމުން ކުޑައިރުއްސުރެ ތަރުކާރީއާއި ފަރުމަސްފަދަ ހަށިގަނޑަށް ރަނގަޅު ބާވަތްތައް ދޭން އާދަކުރާށެވެ.

4. ބެލެނިވެރިންގެ ކެއުމުގެ އާދަތައް ރަނގަޅުކޮށްލުން:

ކެއިން ބުއިމުގައި އެންމެ ރަނގަޅު ގޮތަކީ މުޅި އާއިލާއެއްކޮށް އެއް މޭޒުމަތީގައި ކެއުމެވެ. މަންމައާއި ބައްޕަ ކެއުމުގައި ގެންގުޅޭ އާދަތަކަށް ކުދިންވެސް ހޭނޭނެއެވެ. ގޭގައި އާއްމުކޮށް އެންމެނަށްވެސް އެކައްޗެއް ކައްކައި ކެއުމުގައި ތަރުކާރީ ހިމެނުމުން ދަރިފުޅު އެކަނި ތަރުކާރީ ކާންޖެހުމުން ބޮޑާހާކާ މައްސަލަ ޖެއްސުން ކުޑަވާނެއެވެ. މިކަންކަމަށް ކުއްޖާ ހާނުވައި ކެއިންބުއިމުގައި ގެންގުޅެންވާ ރިވެތި އާދަތައް ދަސްކޮށްދިނުމުގެ އިތުރުން، ބަރުދަނާއި ބެހޭގޮތުން ދަރިފުޅަށް މައުލޫމާތު އޮޅުންފިލުވައިދީ ބޭނުންވަނީ ހަމައެކަނި ބަރުދަން ލުއި ކުރުމެއް ނޫންކަން ބުނެދެންވާނެއެވެ. މީގެއިތުރުން ތިމާ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއިއެކު، އެހެން މީހުންގެ ސިފައަށް މަލާމާތް ކުރުމާއި ބުލީކުރުމަކީ ގޯސްކަމެއް ކަންވެސް ބުނެދޭންވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން