ކުނި މެނޭޖް ކުރާ މަރުކަޒުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މުރުތަޟާ (ވ) އަދި ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަބްދުﷲ އާސިމް (ކ) ސޮއިކުރައްވަނީ
ކުނި މެނޭޖް ކުރާ މަރުކަޒުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މުރުތަޟާ (ވ) އަދި ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަބްދުﷲ އާސިމް (ކ) ސޮއިކުރައްވަނީ
ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 3 ގައި ހިމެނޭ 3 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފިއެވެ.



އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކުނި ކޮށި އެޅުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫ، ކ. ހުރާ، އަދި ކ. ހިންމަފުށީގައެވެ. މި ޕްރޮޖެކްޓްގެ އަގަކީ 11.13 މިލިއަން ދިވެހި ރުފިޔާއެވެ.

މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރަކީ ސެންޓަރަލް ލައިން ޕްރައިވެޓް ލިމިޓެޑެވެ.

މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ 180 ދުވަހެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގެ ތިމާވެށީގެ ޙާލަތު ރަނގަޅުކޮށް، ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ދިވެހި ސަރުކާރުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ކުނި މެނޭޖްކުރުމުގެ ގައުމީ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން އަންނަނީ "ގްރޭޓާރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ޒޯން 3 ގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގަމުންނެވެ.

މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެހެނިހެން މާލީ އިދާރާތަކުގެ މާލީ އެހީތެރިކަމާއެކު، ފުރަމާލެ ސަރަހައްދަށް ހާއްސަ ސަމާލުކަމެއް ދީގެން، މުޅި ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ އަމާޒުގައި ހިންގަމުންދާ ޕްރޮޖެކްޓެކެވެ.

މިގޮތުން މާލޭ ސަރަހައްދުގެ އިތުރުން ކ، އއ. އދ. އަދި ވ. އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތުގެ ދަށުން ޖުމްލަ 8 ޕެކޭޖަކަށް ބަހާލައިގެން 15 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ލޮޓް 1 ގެ ގޮތުގައި ކަނޑައަޅާފައިވާ ޕެކޭޖްގައި ހިމެނެނީ ކ. ތުލުސްދޫ، ކ. ހުރާ އަދި ކ. ހިންމަފުށި، މި ތިން ރަށެވެ.

ރަށްތަކުގެ ތަފްސީލު

1. ކ. ހިންމަފުށި — 3.52 މިލިއަން ރުފިޔާ

2. ކ. ހުރާ — 3.26 މިލިއަން ރުފިޔާ

3. ކ. ތުލުސްދޫ — 3.51 މިލިއަން ރުފިޔާ

މިއަދު މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ، ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާއެވެ. އަދި ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله އާސިމެވެ.

އަލަށް އިމާރާތްކުރާ ހުރިހާ ކުނިކޮށިތަކަކީ އޭޑީބީގެ ސަލާމަތީ މިންގަނޑުތަކަށް ފެތޭގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކުރެވިފައިވާ ޒަމާނީ ކުނި މެނޭޖްކުރާ ސެންޓަރުތަކެކެވެ. މި ސެންޓަރުތަކުގެ ސަބަބުން ރައްކާތެރި ގޮތުގައި ރަށު ފެންވަރުގައި ކުނި ވަކިކޮށް، ރަށްރަށުގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން ކޮންމެ މަރުކަޒެއް ފަރުމާ ކުރެވޭނީ ގާޑް ޕޯސްޓަކާއި އޮފީސް އިމާރާތެއް ހިމެނޭ ގޮތަށަށެވެ. މީގެ ސަބަބުން، މިސެންޓަރުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފުމަށް ރަށު ކައުންސިލްތަކަށް އެހީތެރިވެގެންދާނެއެވެ.

މި ކޮންޓްރެކްޓްގެ ޢަމަލީ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެންޓަރުގެ މަސައްކަތްތައް ކުރިޔަށްދާއިރު، ރަށުގެ ފެންވަރުގައި ކުނި މެނޭޖްކުރުމަށް މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ކަހަލަ ޕްރޮޤްރާމްތައް ހިނގުމަށް މިޕްރޮޖެކްޓްގެ ފަރާތުން ވަނީ ރޭވިފައެވެ.

ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމަށް ހަމަޖެހިފައިވާ 8 ޕެކޭޖްގެ ތެރެއިން ބާކީ 7 ޕެކޭޖްގައި ހިމެނޭ 12 ރަށުގައި މުޅިން އައު ސެންޓަރުތައް ގާއިމުކުރުމަށް ރީބިޑިންގއަށް މިހާރު ވަނީ ހުޅުވާލާފެއެވެ.

މިޕްރޮޖެކްޓްގެ އަމާޒަކީ 2023 ވަނަ އަހަރުގެ ތެރޭގައި ބާކީ ހުރި ރަށްތަކުގައި މަރުކަޒުތައް ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް، މިރަށްރަށުގެ ޢަމަލީ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުން ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން