ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް އަރބަންކޯއިން ހުޅުވާލައިފިއެވެ.

އެ ޕާކިން ޒޯނުން ބީލަމުގެ އުސޫލުން ދޫކުރުމަށް ޖުމުލަ 10 ޖާގަ ހުޅުވާލާފައި ވާއިރު ބީލަން ފެށޭ އަގަކީ 1500 ރުފިޔާއެވެ. އަދި މި ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައެޅިވަފިވަނީ މީލާދީ ގޮތުން 12 މަސްދުވަހުގެ މުއްދަތަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކު ކުރަން ބޭނުންވާ ކާރު ވުން ހިމެނެއެވެ. އަދި އެފަރާތަކީ އަރބަންކޯގެ އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

އަރބަންކޯއިން ބުނީ މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި އެ ނޭބަރހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައިވާކަމަށެވެ. މި ބީލަމާބެހޭ އިތުރު މައުލޫމާތު އަރބަންކޯގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

އަރބަންކޯގެ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަ ކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފަހިކޮށްދިނުމެވެ.

ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އަރބަންކޯއިން އަންނަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން