މައްސަރު ކަންތަކުގެ ދުވަސްވަރުގައި ދުވެ އުޅުމަކީ ރަނގަޅު ކަމެއް
މައްސަރު ކަންތަކުގެ ދުވަސްވަރުގައި ދުވެ އުޅުމަކީ ރަނގަޅު ކަމެއް
ޕީރިއެޑަކީ ނުވަތަ މައްސަރު ކަންތައްތަކަކީ ދަރިމައިވުމުގެ އުމުރުގައި، އަންހެނާގެ ރަހިމުގައި ދަރިއަކު އަށަގެންނެވުމަށް ކޮންމެ މަހަކުވެސް ތައްޔާރުވާ ފަށަލައެއް، ދަރި އަށަނުގަތުމުން އެބައި ހަށިގަނޑުން ބޭރުކޮށް އަނެއްކާވެސް އަނެއް ޕީރިއަޑް ސައިކަލްއަށް ރަހިމު ތައްޔާރުކުރުމުގެ ގޮތުންް ކޮންމެ މަހަކުވެސް ދިމާވާ ކަމެކެވެ.

21 ވަނަ ޤަރުނު އައިއިރު ޕީރިއެޑާއި ގުޅޭގޮތުން މީހުން ލޯހުޅުވިފައިވީ ނަމަވެސް އަދިވެސް ބައެއް މީހުން މިކަމާއި ގުޅިގެން ބޯދާވިސްނުން ގެންގުޅެއެވެ. ތިރީގައި ހިމަނާލާފައިވަނީ މައްސަރު ކަންތަކާއި ބެހޭގޮތުން މީހުންގެ ތެރޭގައި ހުރި ބައެއް ޤަބޫލުކުރުންތަކެވެ.



1. މައްސަރު ކަންތައް ނުވުމަކީ ބަނޑުބޮޑުވެގެން ދިމާވާކަމެއް ކަމަށް ޤަބޫލުކުރުން:

މައްސަރު ކަންތައް ދިމާނުވާ ކޮންމެ ފަހަރަކީ ބަނޑުބޮޑުވެގެން ދިމާވާ ކަމެއް ނޫނެނެވެ. ބައެއް އަންހެނުންނަކީ ހޯމޯން މައްސަލަތަކާއި ޕީސީއޯއެސް ކިޔާ ބައްޔެއްގެ ސަބަބުން ޤަވައިދުން ކޮންމެ މަހެއްގައި މައްސަރު ކަންތައް ނުވާ ބައެކެވެ. މީގެ އިތުރުން ބައެއް ހާލަތްތަކުގައި ސްޓްރެސްއާއި ފަލަވުމުގެ ސަބަބުންވެސް މައްސަރު ކަންތައް ދިމާނުވެ ހުރެއެވެ. އެއީ އެއްވެސް ހާލަތެއްގައި ހަމައެކަނި ބަނޑުބޮޑުވުމުން މެދުވެރިވާ ކަމެއް ނޫނެވެ. މިހެން މިގޮތަށް ދިމާވާނަމަ ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަންވާނެއެވެ.

2. މައްސަރު ކަންތަކުގެ ދުވަސްވަރުގައި ދުވެ އުޅުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ޤަބޫލުކުރުން:

މައްސަރު ކަންތަކުގެ ދުވަސްވަރުގައި އަންހެންމީހާ ބުރަ މަސައްކަތް ކުރުމާއި ދުވެ ކަސްރަތު ކުރުން ފަދަ ކަންކަމަކީ ގެއްލުންވާކަމެއް ނޫނެވެ. މިއާއި ޚިލާފަށް އެއީ އަންހެންމީހާގެ ޞިއްހަތަށް ފައިދާހުރި ކަމެކެވެ. އަދި އެއީ ބަނޑުގައި ރިއްސުން ފަސޭހަކޮށްދޭ ކަމެކެވެ.



3. ޕީރިއެޑް ދުވަސްވަރުގައި ބަނޑުބޮޑުނުވާނެ ކަމަށް ޤަބޫލު ކުރުން:

ޕީރިއެޑް ދުވަސްވަރުގައި ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ބައެއް މީހުން ޤަބޫލުކުރަނީ ޕީރިއެޑު ދުވަސް ވަރުގައި ބަނޑުބޮޑު ނުވާނެ ކަމަށެވެ. އެހެންނަމަވެސް ޕީރިއެޑް ސައިކަލްއެއް އާއްމުގޮތެއްގައި ހުންނަނީ 28-30 ދުވަހުގެ މުއްދަތަކަށް ނަމަވެސް މިއަށްވުރެ ކުރު ޕީރިއެޑް ސައިކަލްއެއް ހުންނަ މީހެއްނަމަ އޭނާ އޮވިއުލޭޓްވާ ދުވަސްތައް ޕީރިއެޑް ނިމުމުން އާއްމުކޮށް އެ އަންނަ ކޮންސީވް ނުކުރެވޭނެ ކަމަށް ބަލާ 14 ދުވަސްކުރިން އަތުވެދާނެއެވެ. އަދި ދަރިފަނި އަންހެނާގެ ރަހިމުގައި 6 ދުވަސްވަންދެން މަރުނުވެ ދިރި އޮވެއެވެ. އެހެންކަމުން އޮވިއުލޭޓް ވާހިސާބުން ބިހާއި އެކުވެ ބަނޑުބޮޑުވުމުގެ ޗާންސް އޮންނާނެއެވެ.

4. ޕީރިއެޑުވުމުން އަންހެނާއަށް އަންނަ ބަދަލުތަކަކީ ވިސްނުން ރަނގަޅުކޮށްގެން ފަސޭހަކޮށްލެވޭނެ ކަމެއްކަމުގައި ދެކުން:

ޕީރިއެޑު ކައިރިވުމުންނާއި ޕީރިއެޑް ވުމުން އަންހެނުން ރުންކުރުވެފައި މޫޑަށް ބަދަލު އައިސް އޭނާގެ އާއްމުކޮށް ހުންނަ މިޒާޖު ތަފާތުވެއެވެ. ޕީރިއެޑުވުމުގް 2 ދުވަސް ކުރިން މިބަދަލު އާދެއެވެ. ބައެއް ފަހަރު ބޮލުގައި ރިއްސުމާއި ބަނޑުގައި ރިއްސުމާއިއެކު މިގޮތަށް މޫޑު ބަދަލުވެއެވެ. އެހެންނަމަވެސް އެކިއަންހެނުންނަށް މިކަން ދިމާވާނީ އެކިގޮތަށެވެ. އެހެންކަމުން ހޯމޯންއަށް އަންނަ ބަދަލާއި ގުޅިގެން މީހާގެ މޫޑު ގޯސްވުމަކީ ވިސްނުން ވަކިގޮތަކަށް ބެހެއްޓުމުން ހައްލުވާނެ ކަމެއް ކަމުގައި ނުދެކޭށެވެ.

5. ޕީރިއެޑްވާންޖެހޭނީ 7 ދުވަހަށް ޤަބޫލުކުރުން:

އެކި އަންހެނުންގެ ޕީރިއެޑް ސައިކަލްގެ މުއްދަތު ދެމިގެންދަނީ އެކި މިންވަރަށެވެ. ބައެއްމީހުންނަށް 7 ދުވަހަށްވުރެވެސް ކުރުވެއެވެ. އަނެއްބައި މީހުން 2 ހަފުތާއަށް ދިގުދެމިގެންވެސްދެއެވެ. އެހެންނަމަވެސް އާއްމުކޮށް ގިނަ މީހުން ޕީރިއެޑުވަނީ 7 ދުވަހަށް ކަމުން އެއަށްވުރެ ގިނައިން ވާނަމަ ނުވަތަ އެއަށްވުރެ މަދުން ވާނަމަ މިއީ މައްސަލައެއް ކަމުގައި ޤަބޫލު ކުރެވެނީއެވެ. ބައެއް ފަހަރު ހޯމޯންއަށް އަންނަ ބަދަލަކާއި ގުޅިގެން އާއްމުކޮށް ވާދުވަހަށްވުރެ ދުވަހެއް އިތުރުވުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އާއްމުކޮށް ވާވަރަށްވުރެ މާގިނަދުވަސް ވާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން