މަރިޔަމް ލަމްޙާ ރަޝީދު   25 މޭ 2023 - 13:23
ކަދުރު: ނަބަވީ އިރުޝާދުން އަހަރުމެންނަށް އަންގަވާފައިވަނީ ދުވާލަކު 7 ކަދުރު ކެއުމަށް
ކަދުރު: ނަބަވީ އިރުޝާދުން އަހަރުމެންނަށް އަންގަވާފައިވަނީ ދުވާލަކު 7 ކަދުރު ކެއުމަށް
ކަދުރަކީ އަރަބި ޤައުމުތަކުގައި ނުވަތަ ސަހަރާގިނަ ތަންތަނުގައި ހެއްދޭ މޭވާގެ ބާވަތެކެވެ. މިއީ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ އަދި ނަބަވީ އިރުޝާދުން އަހަރުމެން ކެއުމަށް ރަސޫލާ އިރުޝާދުދެއްވާފައިވާ، ހަށިގަނޑަށް ނުހަނު ގިނަ ގުނަ ފައިދާ އެކުލެވިގެންވާ ޚާއްސަ މޭވާއެއްވެސް މެއެވެ.

އެގޮތުން ކަދުރަކީ އެންޓިއޮކްސިޑެންޓްސްއާއި ފައިބަރ އާއި އެންޓި އިންފްލެމެޓަރީ އަދި އެންޓި ޓިއުމަރގެ މާއްދާތައް އެކުލެވިގެންވާ މޭވާއެކެވެ. މީގެއިތުރުން، ވިހެއުމަށާއި ސިނކުނޑި އަދި ކަށިތަކަށްވެސް ކަދުރުން ފައިދާކުރެއެވެ.

ކަދުރުން ލިބިދޭ ފައިދާތައް:

1. ނިއުޓްރިޝަންސް އެކުލެވިގެންވުން:

ކަދުރަކީ ޤުދުރަތީގޮތުން ފޮނިރަހަ ހުންނަ އޭގައި %70 ހަކުރު އެކުލެވޭ މޭވާއެކެވެ. އެހެންކަމުން މިއީ ކެލޮރީސްގިނައިން އެކުލެވޭ މޭވާއެކެވެ. ކަދުރުގައި ކެލޮރީސް ލިއްބައިދެނީ އޭގައި އެކުލެވޭ ހަކުރުގެ ބާވަތްތައް ކަމުގައިވާ ފުރުކްސޯށްއާއި ގުލޮކޯސްއިންނެވެ. އަދި މިއީ އެހެން މޭވާގެ ބާވަތްތަކާ އަޅާބަލާއިރު ކެލޮރީސް ގިނައިން އެކުލެވޭ މޭވާއަކަށްވުމުން މިމޭވާއަކީ އަވަހަށް ބަނޑުހައިކަން ފިލައި ހަށިގަނޑަށް ހަކަތަ ގެނުވައިދޭ މޭވާއެއް ކަމުގައިވެއެވެ. ހަކުރުގެ އިތުރުން ކަދުރުގައި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެންވުމީ ކަދުރު އާދަކޮށް ކެއުމުގައި ބޭނުންކުރުމަށް ބާރުލިބޭ ކަމެކެވެ. ކަދުރުގައި އެކުލެވޭ ގިނަ އަދަދެއްގެ ވިޓަމިންއާއި މިނަރަލްސްގެ ސަބަބުން މިހާ ދޮޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަގުފަހިވެގެންދެއެވެ.

2. ފައިބަރ:

ކޮންމެ 100 ގްރާމްގެ ކަދުރުގެ ސާވިންއެއްގައި 7 ގްރާމް ފައިބަރ އެކުލެވިގެންވެއެވެ. އާއްމުގޮތެއްގައި ކެއުމުގައި ހަށިގަނޑަށް ފައިބަރ ލިއްބައިދިނުމަކީ ބަނޑު ކުޑަކޮށްދޭ ކަމެކެވެ. އަދި ގިނަ ބަލިތަކަކުންވެސް ރައްކާތެރިކޮށްދޭ ކަމެއްވެސް މެއެވެ. ކަދުރުގައި ހަށިގަނޑަށް މުހިންމު މިބާވަތް އެކުލެވުމަކީ، އާއްމުކޮށް ކަދުރުކައިއުޅޭ މީހުންނަށް ގޮހޮރުގެ ބަލިތަކާއި ހިތުގެ ބަލިތައް އަދި ކޮލެސްޓްރޯލާއި ލޭ މައްޗަށް ދިއުންފަދަ ކަންކަމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

3. އެންޓިއޮކްސިޑެންޓްސް:

ކަދުރުގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓްސްތަކެއް ހިމެނެއެވެ. މި އެންޓިއޮކްސިޑެންޓްސްތަކުގެ ތެރޭގައި ފެނޮލިކް ކޮމްޕައުންޑާއި ފްލެވަނޮއިޑް އެކުލެވިގެންވެއެވެ. މިމާއްދާތަކަކީ ސެލް ހަލާކުވިޔަނުދީ ގިނަދުވަހަށް ހިފަހައްޓައިދީ ސެލްތަކުގެ ސިއްހަތު ރަނގަޅުކޮށްދޭ މާއްދާތަކެކެވެ. މީގެ ސަބަބުން ހަންގަނޑު ރީތިކޮށް އޮމާންކޮށް ގިނަދުވަހު ދެމެހެއްޓިގެންދެއެވެ.

4. އެންޓި އިންފްލެމޭޓަރީ މާއްދާތައް:

ކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓް އެކުލެވޭ މާއްދާތަކަކީވެސް އެންޓިއިންފްލެމޭޝަންއަށް އެހީތެރިވެދޭ މާއްދާތަކެކެވެ. އެހެންކަމުން ކަދުރުގައި އެންޓި އިންފްލެމޭޓަރީ މާއްދާތައްވެސް ގިނައަދަދަކަށް ހިމެނިގެންވެއެވެ. މިއީ އިންފްލެމޭޓް ކުރުވާ ނުވަތަ ހަށިގަނޑުގެ އެތެރެ ދުޅަވެ ހޫނުކުރުވާ ބަނޑުގެ ބަލިތަކާއި ކެންސަރއަދި ހަކުރުބަލީގެ މީހުންނަށް ވަރަށް މުހިންމު މާއްދާއެކެވެ. ޖަނަވާރުތައް ބޭނުންކޮށްގެން ހެދިފައިވާ އިންވިޓްރޯ ދިރާސާއަކުން ދައްކާގޮތުގައި ކަދުރުގައި އެކުލެވޭ ފެނޮލިކް އަދި ފްލެވޮނޮއިޑް މާއްދާތަކުން އެންޓި އިންފްލެމޭޓަރީ ފައިދާތަށް ހަށިގަނޑަށް ލިއްބައިދެއެވެ.

5. އެންޓި ޓިއުމަރ:

ވަރަށް ގިނަ ދިރާސާތަކުން ދައްކާގޮތުގައި ކަދުރަކީ ޓިއުމަރ ބައްޔާއި ދެކޮޅަށް ހަށިގަނޑުގައި މަސައްކަތްކޮށްދޭ މޭވާއެކެވެ. އަދި މިއީ ކަދުރުގައި އެކުލެވިގެންވާ ފެނޯލްއާއި ފްލެވޮނޮއިޑްގެ ސަބަބުން ކެންސަރ ބައްޔަށް މަގުފަހި ކުރުވާ ޖެނެޓިކް ޕާތުވޭތައް ނުވަތަ އާއިލީ ގޮތުން މިބައްޔަށް މަގުފަހިކުރުވާ ގޮތްތައް ނައްތާލާ މޭވާއެއްކަން ފާހަގަކުރެވެއެވެ. މިގޮތުން ކަދުރުގައި ޓިއުމަރ އާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއްކަމަށް ފާހަގަވެފައިވަނީ ބީޓާ ޑީ ގްލޫކަން ކިޔާ އެންޑިއޮކްސިޑެންޓްއެކެވެ.

6. ހިތުގެ މައްސަލަތަކަށް ފަރުވާއެއް:

ޖަނަވާރުތައް ބޭނުންކޮށްގެން ހެދިފައިވާ ގިނަ ދިރާސާތަކުން ކަދުރުގައި ހިތުގެ މައްސަލަތަކާއި ގުޅޭ ބަލިތަކަށް ފައިދާތައްވާކަން ހޯދިފައިވެއެވެ. މީގެތެރޭގައި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ލެވަލް ރެގިއުލޭޓުކުރުމާއި ހިތުގެ މަސްތަކަށް އިންފްލެމޭޓަރީ ގެއްލުންވުމުން ރައްލާތެރިކޮށްދިނުން ފާހަގަވެފައިވެއެވެ. މިދިރާސާތަކުގައި ލެބްގައި ގެންގުޅޭ މީދަލަށް ކަދުރުން ނިއުޓްރިޝަން ނަގައިގެން އެތަކެއްޗަށްދީ އެތަކެތީގެ ހިތުގެ މަސައްކަތްކުރުން ދިރާސާކޮށް ދެނަގެވިފައިވެއެވެ.

7. ގްލައިސީމިކް އިންޑެކްސް ދަށްވުން:

މިއީ ގިނައަދަކަށް ހަކުރު އެކުލެވޭ މޭވާއެއް ކަމުގައިވީނަމަވެސް މީގައި ހިމެނޭ ގްލައިސީމިކް އިންޑެކްސް ދަށެވެ. ގްލައިސީމިކް އިންޑެކްސްއަކީ ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓްސްގެ ސަބަބުން ބްލަޑް ޝުގަރ ލެވަލްއަށް އަންނަ ބަދަލު ދެނަގަތުމަށް ބޭނުންކުރެވޭ ރޭޓިން ސިސްޓަމްއެކެވެ. މިއީ ހަކުރުބަލި ހުންނަ މީހުންގެ ކެއުމުގައި ގެންގުޅޭ ބާވަތްތައް މިންކުރަންވެސް ބަލާ ރޭޓިން ސިސްޓްއެކެވެ. ގްލައިސީމިކް އިންޑެކްސް ދަށްވުމުގެ އިތުރުން ކަދުރަކީ ޕޮޓޭސިއަމް ގިނަ އަދި ސޯޑިއަމް މަދުން ހިމެނޭ ބާވަތެކެވެ. އެހެންކަމުން މިއީ ޓައިޕް 2 ޑައިބިޓީސްއާއި ލޭމައްޗަށް ދިއުން ނުވަތަ ހައިޕަރޓެންޝަންވާ މީހުންނަށްވެސް ވަރަށް ރަނގަޅު މޭވާއެކެވެ.

8. ވިހެއުމަށް ފަސޭހަވުން:

ދިރާސާތަކުން ދައްކާގޮތުގައި ބަނޑުބޮޑުވެ ދަރިފުޅު ވިހެއުމާއި ގާތްކޮށް ކަދުރު ކެއުމަކީ އިންޑިއުސްކޮށްގެން ވިއްސުމުގެ ބަދަލުގައި ޤުދުރަތީގޮތުން ވިހެއުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ބައެއް ދިރާސާތަކުން ދައްކާގޮތުގައި ވިހެއުމަށް 4 ހަފްތާއަށްވުމުން ކަދުރު ކެއުން އިތުރުކުރުމުން އިންޑިއުސްކުރުވަން ޖެހޭ މީހުންގެ އަދަދު މަދުވާކަމަށެވެ. އެމީހުން ހޮސްޕިޓަލަށް އަންނައިރުވެސް އެހެންމީހުންނާއި ބަލައި، ބޮޑަށް ވިހެމުގެ ދޮރު ހުޅުވިފައިވުމުން މިގޮތަށް އިންޑިއުސްކޮށްގެން ބާތު ކެނަލް ހުޅުވުމަށް ބޭސްދޭންޖެހުމުގެ ފުރުސަތު ކުޑަވެއެވެ. ޞިއްޙީ މާހިރުން ވިދާޅުވާގޮތުގައި މިކަން ގުޅިފައިވަނީ އޮކްސިޓޯސިންއާއިއެވެ. މިއީ ބޮންޑިންގ ކެމިކަލްއެއްގެ އިތުރުން ވިހެއުމާއި ގުޅުންހުރި ކޮންޓްރެކްޝަން ގެނުވާ މާއްދާއެކެވެ.

9. ކަށިތަކުގެ ދުޅަހެޔޮކަން:

ކަދުރުގައި ކެލްސިއަމްއާއި މެގްނީސިއަމް އެކުލެވިގެންވުމުން މިއީ ކަށިތަކުގެ ޞިއްޙަތު ރަނގަޅުކޮށްދޭ މޭވާއެކެވެ. މިމާއްދާތައް ލިބުމަކީ ކަށިތައް ރަނގަޅަށް ހެދިބޮޑުވުމަށާއި ކަށިތައް ވަރުގަދަވެ އޮސްޓިއޯޕޮރޯސިސްފަދަ ކަށީގެ ބަލިތަކުން ދިފާއުވުމަށް ކެއުމުގައި ހިމަނަން މުހިންމު މޭވާއެކެވެ.

10. ސިކުނޑީގެ ދުޅަހެޔޮކަން

ކަދުރުގައި ނިއުރޯޕްރޮޓެކްޓިވް ނުވަތަ ސިކުނޑީގެ ނާރުތައް ރައްކާތެރިކޮށްދޭ ޚާއްސަ މާއްދާއެއް ވެއެވެ. އެހެންކަމުން ހަނދާންނެތޭ ބައްޔެއްކަމުގައިވާ އަލްޒޭމިއާ ބަލިން ދިފާއުވުމަށް ކަދުރަކީ ކެއުމުގައި ހިމަނާލުމަށް މުހިއްމު މޭވާއެކެވެ.

100ގ. ކަދުރުގައި ލިބެންހުރި މާއްދާތައް:

ކެލޮރީސް: 277

ކާބްސް: 75 ގްރާމް

ފައިބަރ: 7 ގްރާމްސް

ޕްރޮޓީން: 2 ގްރާމް

ޕޮޓޭސިއަމް : ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ %15

މެގްނީޒިއަމް: ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ %13

ކޮޕަރ: ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ %40

މެންގަނީސް: ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ %13

އަޔަން: ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ %5

ވިޓަމިން ބީ-6 : ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ %15

ޞިއްޙީ މާހިރުން އިރުޝާދު ދެއްވަނީ ދުވާލެއްގެ މައްޗަށް މަދުވެގެން 6 ކަދުރު ކެއުމަށެވެ. އެ މިންވަރަށް އާދަކޮށް ކެވޭނަމަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް އެކަށީގެންވާ މިންވަރަށް ލިއްބައިދޭނެ ކަމެއްކަމަށް ގިނަ ރިޕޯޓުތަކުން ދައްކައެވެ. ނަބަވީ އިރުޝާދުން އަހަރުމެންނަށް އަންގަވާފައިވަނީ ދުވާލަކު 7 ކަދުރު ހެނދުނު ކެއުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން