ޞާދިރު ޢަލީދީދީ   6 ޖުލައި 2020 - 14:42
ސަރާ
ސަރާ
އެޕިސޯޑް 17

...............

މަލަކާ ލިބުނު އުފަލާއެކު ދެއަތަށް ބޯހޫރާލުމަށްފަހު ނިދިފައި އޮތް ދަރިފުޅު އެނދުމަތީގައި ބާއްވާލިއެވެ. އެއަށްފަހު އޭނާ އިންތިޒާރުގެ ވަގުތުތައް ގުނަން ފަށައިފިއެވެ. އޭނާ ބޭނުންވަނީ އޭނާގެ މައްޗަށް ކުރި ހޯދަން މަސައްކަތް ކުރަމުންދާ ސަރާ ހުއްޓުވާށެވެ. އޭނާގެ ހިތަށް އަރައެވެ.

[އަހަންނަށް ވާދަކުރަން ސަރާ އެއީ ދެން ކާކު. އަދިވެސް މިގެއިން ނިކުމެގެންދާން އޭނައަށް މަޖުބޫރު ކުރާނަން.] ހިތާހިތާ މިހެން ބުނެލަމުން މަލަކާ ކޮޓަރިން ނުކުތީ އަތުކުރީގައި އޮތް ގަޑިއަށް ބަލަމުންނެވެ.

އެއީ ސަރާވެސް ކޮޓަރިން ނިކުމެ ބަދިގެއާވީ ފަރާތަށް މިޞްރާބުޖެހި ވަގުތެވެ.

ސަރާ ކުޑަކޮށް މަޑުޖެހިލިއެވެ. ޙަޤީޤަތުގައި އޭނާ ޢިމްރާނާއި މަލަކާގެ ދަރިފުޅު ދެކެލުމަށް ބޭނުންވެފައިވާތާ ވަރަށް ދުވަސް ވެއްޖެއެވެ.

އެއީ ޢިމްރާނަށް ފުރަތަމަ ބައްޕަކީ ދަރިފުޅަށްވީތީ، އެދަރިފުޅު އުރާލަން އިންތިހާއަށް އޭނާ ބޭނުންވެއެވެ.

[މަލަކާ...އިލާ ދެކެލަން އަހަރެން ތިކޮޓަރިއަށް ވަންނަތަ؟] އަހަރެން ވަރަށް ތުއްތު ކުއްޖަކު އުރާލާ ލޯބިކޮށްލާހިތްވޭ.] ފުރަތަމަ ފަހަރަށް އިސްވެ ސަރާ މަލަކާއާ ވާހަކަ ދެއްކިއެވެ. މަލަކާގެ ރުހުންލިބޭނެ ކަމަށް އުންމީދުކޮށްފައެވެ.

[ވަދެބަލަ....އެކަމަކު އެމަންޖެ އޮތީ ނިދާފަ.] މަލަކާ ދޮރުމަތިން ކުޑަކޮށް ދުރަށް ޖެހިލިއެވެ. މަލަކާ ވާހަކަ ދެއްކި ގޮތުން އޭނާ ހުރީ ވަރަށް މައިތިރިކޮށް ކަމަށް ބެލެވެއެވެ. ސަރާ މަލަކާގެ މޫނަށް ބަލަން ހުރެމެ އެކޮޓަރިއަށް ވަނެވެ.

މަލަކާ ދޮރުމަތީގައި މަޑުކުރިއެވެ. ސަރާ ވަންގޮތަށް ގޮސް ހުއްޓުނީ ކުޑަކުޑަ އިލާ ނިދާފައި އޮތް އެނދުގެ މަގަތަށެވެ. އެއަށްފަހު ސަރާ ނިކަން ފުންކޮށް އެކުއްޖާއަށް ބަލައިލިއެވެ. ނިދާފަ އޮތަތީ އުރާލެވެން ނެތުމުން އޭނާ ބޭނުންވީ އެމަންޖެގެ ކޮލުގައި ކުޑަކޮށް ކޮށްޓާލާށެވެ.

[އޭތް...އަތްނުލާ...ކަލޭގެ ވިހަ އެމަންޖެގެ ގަޔަށް އަރާފާނެ...ދެން ނިކުމޭ.] ކުއްލިއަކަށް މަލަކާގެ އަޑު ވަރަށް ބާރަށް އިވުނީމާ އިލާގެ ކޮލުގައި ކޮށްޓާލުމަށްޓަކައި ޙަރަކާތްކުރި ސަރާގެ އަތް އަމިއްލަ ގަޔާ ދިމާއަށް ކައިރިކޮށްލެވުނެވެ.

ހިނދުކޮޅަކަށް ލިބުނު ހިތްހަމަޖެހުން ވަގުތުން ސަރާގެ ކިބައިން ފިލައިގެން ހިނގައްޖެއެވެ.

[އަހަންނަކީ ހަރުފައެއްތަ؟] ކުރި އަސަރުގެ ބޮޑުކަމުން މަލަކާއާ ދެކޮޅަށް އެއްޗެކޭ ނުބުވެ ސަރާއަކަށްވެސް ނުހުރެވުނެވެ.

[އާނ...ތިޔައީ އަހަރެންގެ ދިރިއުޅުމަށާއި މިއުފާވެރި ޢާއިލާތެރެއަށް ކުއްލިއަކަށް ފާޅުވި ވިހަގަދަ ހަރުފައެއް. ކަލޭ ހީނުކުރާތި، ކަލޭ ޢިމްރާނަށް ކުއްޖަކު ވިހެޔަސް، މިދަރިފުޅަށް ލިބޭ ލޯބި އުނިކޮށްލެވޭނޭ. ކިތަންމެ ދުވަހަކު މިގޭތެރޭގައި އުޅުނަސް މިގެއަށް ކަލެއަށްޓަކައި އުފަލުގެ ޒައްރެއްގެ މިންވަރުވެސް ނެތް....] މަލަކާ ހީވަނީ މައިދައިތައާއި އޭނައާ ދެމީހުންގެ ވާހަކަތައް އެއްކޮށްލައިގެން ދައްކާހެނެވެ. އެހާމެ ޒީލަގަދައެވެ. ސަރާ އިތުރަށް އެކައްޗެކޭވެސް ނުބުނެ ކޮޓަރިން ނުކުމެއްޖެއެވެ. ނަމަވެސް އޭގެކުރިން މަލަކާ ކިތަންމެ މޫނު އަނދިރިކޮށްގެން ހުރި ކަމުގައިވިޔަސް، [ދަރިފުޅު ވަރަށް ލޯތްބޭ.] އޭނާ ބުނެލިއެވެ.

[ކިތަންމެ ހުތުރަކަސް ކަލެއަކަށް ކީއް...ކަލޭ ރީތި ކުއްޖަކު ވިހާކަށްނު ތިއުޅެނީ....] މަލަކާ ރުޅިއައިސްފައި ހުންނަ ގޮތުން ހީވަނީ ކަމެއް ޙާޞިލު ކުރަން އުޅެއުޅެ ނުވެގެން އެކަމާ ބޯހާސްވެ ރުޅިއައިސްފައި ހުންނަހެނެވެ.

ސަރާ އެކޮޓަރިން ނުކުމެގެން ދިއުމާއެކު މަލަކާ އަނެއްކާވެސް ޑޮކްޓަރ ޝަހީދަށް ގުޅާލިއެވެ.

[ބަލަ އަދިވެސް ވިއްސަކަށް މިނެޓް ނުވަނީތަ؟ މިހާރު ބައިގަޑިއިރަށްވުރެން ގިނަވީ....ތިޔަހާ ބިޒީވެގެން މިކަހަލަ ބޮޑެތި އޮޕަރޭޝަންތަކެއް ނުހިންގޭނެ.] މަލަކާ ވާހަކަ ދެއްކީ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެއެވެ.

[މަލަކާ ކީއްކުރާނީ ވަރަށް ބޮޑަށް ސޮރީ. އަދިވެސް ފަނަރަ ވަރަކަށް ޕޭޝަންޓުން އެބަތިބި. އަހަންނަށް ދެވޭނީ މިކަން ނިންމާލާފަ. ދެން މާލަހެއް ނުވާނެ. މާބޮޑަށް ހާސްނުވޭ. ހުރިހާ ކަމެއްވެސް ހަމަޖެހޭނެ.] ޑޮކްޓަރ މަލަކާގެ ހިތްހަމަޖައްސައިދިނެވެ.

[އަހަރެން ހާސްވަނީ އެއަރޕޯޓަށްދިޔަ މީހުން އައުމުގެ ކުރިން ތިކަންތައް ހަމަނުޖެހިދާނެތީ.....] މަލަކާ ބުންޏެވެ.

[ތިގެއަށް ޑޮކްޓަރަކު އަންނައިރު، އޭރުން އަހަރެންގެ ބޭނުން ކެނޑުނީދޯ؟] ސަމާސާ ރާގުގައި ޝަހީދު ބުންޏެވެ.

[އޭނައަކަށް އަހަރެން ބޭނުން ހުރިހާ ކަމެއް ނުކުރެވޭނެއެއްނު. އަބަދުވެސް އަހަރެންގެ ޚާއްޞަ ޑޮކްޓަރަކަށް ހުންނާނީ ޝަހީދު. ދެންވެސް އަވަހަށް އާދޭ....] މަލަކާ ޝަހީދުގެ ހިތްހަމަޖައްސައިދިނުމަށްފަހު ފޯނު ބާއްވައިފިއެވެ. ދެންވެސް އޭނާ ޝަހީދަށް އިންތިޒާރު ކުރަން ފެށިއެވެ. ނަމަވެސް ދެގަޑިއިރުވާން ކައިރިވީއިރުވެސް ޝަހީދެއް ނައެވެ. ނަމަވެސް ދެނެއް އޭނާ ޝަހީދަކަށް ނުގުޅައެވެ. ޝަހީދު އަޔަސް މަޤްޞަދު ޙާޞިލު ނުކުރެވޭނެކަން އެނގޭތީއެވެ.

މިހާރު އެޖެހެނީ ޢިމްރާންމެންވެސް އަންނަ ގަޑިއެވެ. ވުމާއެކު ދަރިފުޅުވެސް ހޭލާ އޮތުމާއެކު ދަރިފުޅު އުރާލައިގެން އޭނާ ކޮޓަރިން ނުކުތެވެ. އެއީ އަނެއްކާވެސް ސަރާ އެތަނަށް ނިކުތް ވަގުތެވެ.

މަލަކާ ސަރާއާ ދިމާއަށް ބަލައިލުމަށްފަހު ތުން އަނބުރާލައި ސޯފާގައި އިށީނދެއްޖެއެވެ. ޢިމްރާންމެން ގެއަށް އައިސްވަނީ އެވަގުތުއެވެ. އެންމެފަހުން ވަނީ ޑޮކްޓަރ ޝީކާއެވެ.

[އަހަރެމެންގެ ކުޑަކުޑަ ޑޮކްޓަރ...މާފަލަވެސް ވެއްޖެހެން ހީވަނީ...] ޝީކާ ފެނުމާއެކު މަލަކާ ތެދުވިއެވެ. އޭރު ޝީކާގެ ނަޒަރު ހުއްޓިފައިވަނީ ސަރާއަށެވެ.

[އެއީތަ ސަރާއަކީ؟] ސަރާއަށް ބަލަން ހުރެފައި ޝީކާ ވާހަކަ ދެއްކިއެވެ.

[އާނ ރަނގަޅުތަ؟] ޝީކާއަށް ޖަވާބު ދިނީ ޢިމްރާނެވެ.

[ވަރަށް ހިތްގައިމު. ޢިމްރާންބެ ކޮންތާކުންތަ އެހާރީތި ކުއްޖަކު ހޯދީ....] މަލަކާގެ އުރުގައި އިން ދަރިފުޅު އުރާލަމުން ޝީކާ ސަރާގެ ނަލަކަމަށް ތަޢުރީފު ކުރިއެވެ. އެއީ މަލަކާ ވަރަށް ހިތުގައި ޖެހުނު ކަމެކެވެ. އޭނަގެ ޙާޒިރުގައި ސަރާއަށް އެއްވެސް މީހަކު ތަޢުރީފު ކުރާ އަޑު އަހާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސަރާއަކީ އޭނާގެ ދުޝްމަނެކެވެ. ޝީކާގެ ކުރިމަތީގައި ރުޅިމޫނު ދައްކަން ބޭނުންނުވާތީ މަލަކާ އިސްޖަހާލައިގެން ހުރީއެވެ.

[މަލީއްތަވެސް، އެންމެންވެސް މިދައްކަނީ އަހަރެން ފަލަވާހަކަ. އެކަމަކު އަހަރެންގެ ބޯއިފްރެންޑް އަބަދުވެސް ބުނާނެ، އަހަރެން ހާދަ ހިއްކޭ.] ޝީކާ ކުޑަކުޑަ އިލާއާ ލޯބިކުރަމުން ވާހަކަ ދެއްކިއެވެ.

[ބޯއިފްރެންޑެއް ހުރޭތަ؟] އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަހާލެވުނެވެ.

[އާނ...ރާޒް ވަރަށް ރަނގަޅުވާނެ. މިއަދު އެއަރޕޯޓުން އެންމެނަށްވެސް އޭނަ ފެނިފައިވާނެ. އެކަމަކު ރާޒް އެދުނީ އެއަރޕޯޓުން އޭނާ ތަޢާރަފްކޮށް ނުދިނުމަށް. މިރޭ ރާޒް މިގެއަށް އަންނާނެ. ޢާއިލާއަށް އަހަރެން ރާޒް ތަޢާރަފްކޮށްދޭނަން...] ޝީކާ ހަމަ ކުރިޔާ ކުޑަވެސް ތަފާތެއް ނެތެވެ. އޭނާގެ އެހުންނަނީ އެ ޅަ ގޮތެވެ.

[ރާޒް؟ ތިޔަވާނީ ސިއްރުން ފުރިގެންވާ މީހަކަށް.] ޢިމްރާން ޝީކާއާ ދިމާކުރިއެވެ.

[ރާޒް އެއީ އަހަރެން އެކަނި ކިޔާ ނަމެއް. އޭނަގެ އަޞްލު ނަމަކީ ރައްޒާޤު....] ޝީކާގެ ދުލުން ރައްޒާޤުގެ ނަން އިވުމާއެކު މަލަކާއަށް ކުއްލި ސިހުމެއް އައެވެ.

ކޮންމެހެން އެއީ އޭނާގެ ކުރީގެ ރައްޒާޤަށް ވެދާނޭ ކަމަށް ވިސްނީކީވެސް ނޫނެވެ. ދުވަސްތަކަށްފަހު އެނަން އަޑުއިވުމުން އޭނައަށް ހަނދާންތަކުގެ ތެރެއަށް ވަދެވުނީއެވެ.

[ކޮންމެހެންވެސް މިރޭވާނެ ޝީކާގެ ރާޒް މިގެއަށް ގެންނަން.] މަލަކާ ހަމަޖެހިލަން މަސައްކަތް ކުރަމުން ބުންޏެވެ.

އާއެކޭ ބުނެފައި ޝީކާ ދިޔައީ ސަރާގެ އަތުގައި ހިފައިގެން ސަރާގެ ކޮޓަރިއަށެވެ. ހިތްހަމަނުޖެހިފައި މަލަކާއާއި ފަހީމާ ތިބީއެވެ. ޢިމްރާން ހުރީތީ އެއްޗެކޭ ބުނާކަށް އެމީހުނަކަށް ނުކެރުނެވެ.

އެރެއެވެ. ޝީކާގެ ބޯއިފްރެންޑާ ބައްދަލުކުރުމަށް ބޭނުންވާތީ، ގޭގެ ހުރިހާ މީހުންވެސް ބޮޑުކޮޓަރީގައި އެރޭ ތިބީ އިންތިޒާރުގައެވެ. އެތާނގައި މަދީ އެކަނި މަލަކާއެވެ. ދަރިފުޅަށް ކާންދޭން މަލަކާ އިނީ ކޮޓަރީގައެވެ. ރައްޒާޤު އައިސްވަނީ މަލަކާވެސް ދަރިފުޅަށް ކާންދީފައި ފެންވަރުގައި ނަލަހައްދާލައިގެން ނިކުތްތަނާހެނެވެ. ރައްޒާޤު ފެނުމާއެކު މަލަކާގެ ދެލޯ ބޮޑުވިއެވެ. ހާސްވެ ކަންބޮޑުވީވަރުން އަތުން ދޫވެގެން ދަރިފުޅު ނުވެއްޓުނީވެސް ކިރިޔާއެވެ.

[މިއީ އަހަރެންގެ ބޯއިފްރެންޑް....] ޝީކާގެ އެޖުމްލައިން މަލަކާ އިތުރަށް ހާސްވެއްޖެއެވެ. އޭރު ރައްޒާޤަށް ހުރެވުނީ މަލަކާގެ އުރުގައި އިން ދަރިފުޅަށް ބަލަހައްޓައިގެން ގަނޑުވެފައެވެ.

އެއްވެސް ޝައްކެއްނެތެވެ. އެއީ އޭނާގެ ލެޔެވެ.

[ހާދަ ލޯބި ކުއްޖެއް؟ ކާކުގެ ދަރިފުޅެއް. އަހަރެން ވަރަށް ތުއްތު ކުދިން އުރާހިތްވޭ...] ރައްޒާޤު މަޑުމަޑުން ހިނގާފައި އައިސް މަލަކާގެ ކުރިމައްޗަށް ހުއްޓި މަލަކާގެ އުރުގައި އިން ދަރިފުޅު އުރާލައިިފިއެވެ. އެއަށްފަހު އެދަރިފުޅާ ލޯބިކުރަން ފަށައިފިއެވެ. އެމަންޒަރު ބަލަން އެންމެން ތިބީ ހިސާބަކަށް ޙައިރާންވެފައެވެ.

[ތިވަރަށް ކުދިން ދެކެ ލޯބިވަންޏާ، ވަރަށްއަވަހަށް ޝީކާ ކުއްޖަކު ހޯދަންވާނެ.] ޢިމްރާން ދިމާކުރީ ޝީކާއާއެވެ.

[ކައިވެނި ކުރިޔަސް ކުއްޖަކު ހޯދާނީ ތަންކޮޅެއް ފަހުންދޯ ރާޒް...] ޝީކާ ރައްޒާޤަށް ދޯދިނެވެ. ރައްޒާޤު ބޯޖަހާލިއެވެ.

އެހިނދު މަލަކާ ހުރީ ބަސްހުއްޓި ގަނޑުވެފައެވެ. ޙަޤީޤަތުގައި ކުރިމަތިމިވި ކަންތައްގަނޑުގެ ސަބަބުން އޭނާ އެވަނީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. މިހާރު އޭނާއަށް ގަބޫލުކުރެވެން ފަށައިފިއެވެ. ރައްޒާޤު ރާވައިގެން އޭނާގެ ކިބައިން ބަދަލު ހިފަން އުޅެނީއެވެ. ޙަޤީޤަތަކީވެސް އެއީއެވެ. ރައްޒާޤުގެ އެންމެ ފުރަތަމަ މަޤްޞަދަކީ މަލަކާގެ ކިބައިން ބަދަލުހިފުމެވެ.

[ކަލޭ ތިޔައުޅެނީ އަހަރެންގެ ފުށުން ބަދަލު ހިފަންދޯ؟ ތިކަމެއް ކަލެއަކަށް ނުވާނެ.] މަލަކާ ހިތާހިތާ ކިޔާލިއެވެ.

[އާނ އަހަރެން ބޭނުމީ ބަދަލުހިފަން. ބަދަލު ހިފަން.] އެހިނދު ރައްޒާޤުވެސް ހިތާހިތާ ބުނެލިއެވެ. ރައްޒާޤު ދަރިފުޅު އުރާލައިގެން އައިސް ސޯފާގައި އިށީނދެއްޖެއެވެ. ހާސްވެ ކަންބޮޑުވެފައި ހުރި މަލަކާ އެއްފަރާތެއްގައި ހުރި ސޯފާގޮނޑިއެއްގައި އިށީނެވެ.

އެދުވަސްވީ ފަހަކަށްއައިސް މަލަކާގެ ސިކުނޑިއަށް އެންމެބޮޑު ނުތަނަވަސްކަމެއް ވެރިވި ދުވަހަށެވެ.

ގައިމެވެ. ރައްޒާޤު އެގޭތެރޭން ފެންނަހާ ހިނދަކު މަލަކާއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. ރައްޒާޤުގެ ފުށުން އަބަދުވެސް ބިރުވެރި އިންޒާރު އޭނާއަށް އަންނާނެއެވެ.

އެރޭގެފަހުން ކޮންމެ ދުވަހަކުވެސް ރައްޒާޤު އެގެއަށް އާދެއެވެ. މަލަކާއަށް އިންޒާރުގެ ސިގްނަލް ދެމުންނެވެ. އޭނާގެ މަޤްޞަދަކީ މަލަކާއަށް ހަމަޖެހޭ ދިރިއުޅުމެއްގައި އުޅުނަނުދިނުމެވެ.

ޖެހިގެން އައި ދުވަހު މާނޫން ކަމަށް ހަދައިގެންހުރެ މަލަކާ ޝީކާގާތު ރައްޒާޤާ ބެހޭގޮތުން ސުވާލުކުރިއެވެ.

[ރައްޒާޤަކީ ޝީކާ ކޮންތާކުން ހޯދި ބޯއިފްރެންޑެއްތަ؟] މަލަކާ އެއްސެވެ.

[ކިހިނެއްވީ؟ ކަމުނުދަނީތަ؟] ޝީކާ އެއްސެވެ.

[ނޫނޭ...ކަމުނުދާތީކީ ނޫން. ވަރަށް ރަނގަޅު. އަހަރެން މިއެހީ ކޮންތާކުންހޭ އޭނާޔާ ދިމާވީ...އެކަމަކު އޭނަހީވޭ ޝީކާއަށްވުރެން މާދުވަސްވެފައިވާ މީހެއްހެން.] މަލަކާ ޝީކާގެ ޚިޔާލު އަނބުރާލެވޭތޯ މަސައްކަތް ފެށިއެވެ.

[އެއީ އަހަރެން ޓްރޭނިންގ ހަދަން ހުރި ހޮސްޕިޓަލަށް ފަރުވާ ހޯދަންދިޔަ މީހެއް. އޭނަގެ ބޭސްފަރުވާގެ ކަންތަކުގައި އެންމެ އިސްކޮށް ހުރީ އަހަރެން. އަހަރެންގެ އޯގާތެރިކަން ފެނި، އަހަރެންގެ މަޢްލޫމާތު ފުރަތަމަ އޭނަ ހޯދީ. އަހަރެން ކިޔާދިނިން، އަހަރެންގެ ފެމިލީއާބެހޭ ހުރިހާ މަޢްލޫމާތެއްވެސް. އެކުވެރި ޖައްވެއްގައި ދުވަސްކޮޅެއްވެ ލޯތްބަށް ބަދަލުވީ...] ޝީކާ ކިޔާދިނެވެ.

[ކިހާ ހިސާބަކު މެރީކުރަން ތިޔަ ވިސްނަނީ...އަހަރެން ދޭނެ ނަޞޭޙަތަކީ ކައިވެނީގެ ކުރިން އެކަކު އަނެކަކު ރަނގަޅަށް ދަސްކުރާށޭ....] މަލަކާ ބުންޏެވެ. އެއީ ރައްޒާޤު އައިސް އެގެއަށް ވަން ވަގުތެވެ.

[އާދޭ...އަހަރެން އަންނާނަން ފާޚާނާއަށް ވަދެލާފަ، ރާޒް އިށީނދޭ.] ލޯބިވެރިޔާ އިށީންނަން ތަން ދެއްކުމަށްފަހު ޝީކާ އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ. އޭނާގެ ފަހަތުން މަލަކާވެސް އުޅުނީ ހިނގައިގަންނާށެވެ. ނަމަވެސް އެވަގުތު ރައްޒާޤު މަލަކާ ހުއްޓުވިއެވެ.

[އަހަރެން އެކަނި ބަހައްޓާފަ މަލަކާވެސް ދަނީތަ؟ މަލަކާ މަޑުކުރޭ، ޝީކާ އައީމަ ދާން.] ރައްޒާޤު މިހެން ބުނި އަޑު އިވުނީމާ އެއީވެސް ތެދެކޭ އަހަރެން އަންނަންދެން މަޑުކުރާށޭ ބުނެފައި ޝީކާ ދިޔައީމަ އެންމެފަހުން މަލަކާއަށް އެތާނގައި ރައްޒާޤާއެކު މަޑުކުރަން މަޖުބޫރުވިއެވެ.

[އަހަރެންގެ ދަރިފުޅު ކޮބާ؟ އަހަންނާ ހާދަ ވައްތަރޭދޯ؟ ޢިމްރާނަށް ހަމަ ޝައްކުވެސްނުވޭ؟ އެލޯބިލޯބި ފުށްގަނޑު ފެނުނީމަ އަހަރެންގެ މަތިން ހަނދާނެއް ނުވޭތަ؟] ރައްޒާޤު މަޑުމަޑުން އެކަނި މަލަކާއަށް އިވޭވަރަށް މަލާމާތުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ.

[ޚަބަރުދާރު...ކަލޭ އަނގަ މަޑުންލައިގެން ހުރޭ. ކަލޭގެ ދަރިއެއް މިގެއަކު ނޯންނާނެ. އެއީ ޢިމްރާނާއި އަހަރެންގެ ދަރިއެއް. އަހަރެމެންގެ އުފާވެރި ދިރިއުޅުމަށް ވިހަލަން ކަލޭ މަސައްކަތް ނުކުރޭ. ކޮންމެވެސް އެހެން ކަމަކާ ކަލޭ އުޅޭ. ކަލެޔާ ޝީކާގެ ގުޅުމަށްވެސް އަހަންނަށް ހުރަސްއެޅިދާނެ.] ބިރުގަނެ ހާސްވެފައިވިޔަސް އެކަން އޭނާ ރައްޒާޤުގެ ކުރިމަތީގައި ފޮރުވަން މަސައްކަތް ކުރެއެވެ.

[އަހަރެންގެ ދަރިއެއް ނޫނޭ. މިޒަމާނަކު ތިޔަހެން ބުނެގެން ފަރަކު ނުޖެއްސޭނެ. ދަރިފުޅަކީ އަހަރެންގެ ދަރިފުޅެއްކަން ސާބިތުކޮށްދިނުމަކީ އަހަންނަށް މާއުނދަގޫ ކަމެއް ނޫން. އަދި ބުނަން ވާހަކައެއް. އަހަރެން އަހަރެންގެ ދަރިފުޅު ހޯދާނަން...އެހެން ނޫނީ....] ރައްޒާޤަށް މިހެން ބުނެވުނު ވަގުތަކީ ޝީކާ އައިސް ވަން ވަގުތުކަމުން އޭނާ ވަގުތުން ވާހަކަ ހުއްޓާލުމަށްފަހު ޝީކާއަށް އޮޅުވާލިއެވެ.

[ހާދަ އޮލަ ވާހަކައެއްގައި؟] ރައްޒާޤާ އަރާހަމަކޮށް ޝީކާ ވާހަކަ ދެއްކިއެވެ.

[މިއީ ދެން މަލަކާމެންގެ މިފެމިލީގެ ބިޒްނަސްއާ ދޭތެރޭ ކުޑަކޮށް ވާހަކަ ދައްކާލީ....އަހަރެންގެ ހިތަށްއެރީ މިވިޔަފާރީގައި މުސްތަޤްބަލްގައި ހުރިހާ ބާރެއް އޮންނާނީ މަލަކާގެ ދަރިފުޅުގެއޭ. އަޅެ މީ ދޮގެއްތަ ޝީކާ....] ދެންވެސް ރައްޒާޤު މަލަކާއަށް ބަހުގެ ޙަމަލާއެއް ދިނެވެ.

[ރަނގަޅު ވާހަކައެއްތީ.] ޝީކާ ރައްޒާޤުގެ ގާތުގައި އިށީނެވެ. ޝީކާއަށް ނުފެންނާހެން ރައްޒާޤަށް ލޯއަޅާލުމަށްފަހު މަލަކާ އެތަނުން ހިނގައްޖެއެވެ.

މިއީ ކުރިން އަތުވެދާނޭ ކަމަށް ކުޑަކޮށްވެސް އޭނާ ވިސްނާފައިވާ ދުވަހެއް ނޫނެވެ. ރައްޒާޤު މިހާރު އެހުރީ ސީދާ އޭނާއާ ޖައްސާލާފައެވެ. އޭނާގެ ކޮންމެ ފިޔަވަޅަކީވެސް މިހާރު މަލަކާއަށް ދަތިކުރުމުގެ ބޭނުމުގައި އަޅާނޭ ފިޔަވަޅެވެ.

ރައްޒާޤު އައިފަހުން މިހާރު އެގޭތެރޭން ސަރާއަށް އައި ފިއްތުންތައް ހިސާބަކަށް މަޑުޖެހުނު ކަމުގައިވިޔަސް، އަބަދުވެސް ފަހީމާގެ ބަހުގެ ޙަމަލާތައް ސަރާއަށް އަމާޒުވެއެވެ.

[ޢިމްރާން އެހެން ތަނެއް ހިފައިގެން އެސަރާއަކު މިގެއިން ގެންދާނަމޭ ކިޔާފައި ހަދާ އެއްޗެއްވެސް ނޭނގުނުވިއްޔަ. މިނިވަންކަމާއެކު އޭނައަށް މިގޭތެރޭ އުޅޭކަށް ލާހިކެއް ނޫން.] ފަހީމާ ވާހަކަ ދެއްކީ މަލަކާއާއެވެ. ސިޓިންރޫމްގައި ތިބެއެވެ.

[މަންމާ...ސަރާ މިގެއިން ނުކުމެގެން ހިނގައްޖެއްޔާ ޢިމްރާންވެސް ގިނަވަގުތު އުޅޭނީ އެގެއެއްގައި. އެހެންވާކަށް އަހަންނެއް ނޭދެން.] މަލަކާ ބުންޏެވެ.

[މިމަންމަ ދުނިޔޭގައި ހުއްޓަކާ ތިޔަކަމެއް ނުވާނެ. މަންމަ ގިނަވަގުތު މަލަކާއާއި ދަރިފުޅު ގާތު ވަގުތު ހޭދަކުރުމަށް މަޖުބޫރު ކުރުވާނަން ޢިމްރާނަށް.] ފަހީމާ މޭފުއްޕާލިއެވެ.

އެއީ ތެދެކެވެ. ފަހީމާގެ ރޭވުން އަދި މިހާތަނަށް އޭނާވަނީ ކާމިޔާބުކޮށްފައެވެ.

[އަޑުއެހިން، އެސަރާގެ މަންމަވެސް މާލެ ގެންނަ ވާހަކަ، މަންމައަކަށް ނޭނގޭތަ؟] މަލަކާ ފަހީމާއަށް މުޅިން އާ ޚަބަރެއްދިނެވެ.

[ކީކޭ؟ ކާކުބުނީ؟ އެކަހަލަ ވިޔާނުދާ އަންހެނުންނަށް މިގޭތެރޭން ފުރްޞަތު ދެވިގެން ނުވާނެ.] ފަހީމާ ރުޅިއައިސް ކެކިގަތެވެ.

[އެއީ...ރުމާލީ ބުނީ....ސަރާޔޯ އޭނަ ގާތު ބުނީ...] މަލަކާ އިތުރަށް އޮޅުންފިލުވައިދިނެވެ. އެވަގުތު ސަރާ ކޮޓަރިން ނުކުތްތަން ފެނި ފަހީމާ ސަރާއަށް ގޮވާލިއެވެ. ސަރާ ވަރަށް މަޑުމައިތިރިކަމާއެކު އައިސް ފަހީމާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އިސްޖަހާލައިގެން ހުރެއެވެ.

[ކިހިނެއްވީ؟ މަންމާ...] ސަރާ އިސްއުފުލައި މަންމަ ފަހީމާގެ މޫނަށް ބަލައިލިއެވެ. އެހިނދު ފަހީމާގެ މޫނުމަތިން ފެނުނު ނުރުހުމުގެ އަސަރުން ވަގުތުން ސަރާއަށް ރޮވިއްޖެއެވެ.

[މަންމާއޭ...ކަލޭ އަހަންނަށް މަންމަ ކިޔުމުގެ އެއްވެސް ޙައްޤެއް ނެތް....ބުނެބަލަ ކީކޭ ހިތަށް އަރައިގެންތަ ކަލޭގެ މުޑުދާރު މަންމަ މިގެއަށް ގެންނަން ތިއުޅެނީ...ކިތަންމެ މަސައްކަތް ކުރިޔަސް މިޢާއިލާއަކަށް ކަލެއަކަށް ބާރެއް ނުލިބޭނެ. މިޢާއިލާގެ ހުރިހާވެސް ބާރަކީ މިއީ...] ފަހީމާ އެތިވަރު ގޮވައިގަތީ ގޮތެއް ފޮތެއް ބަލާފައެއް ނޫނެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން