ބޮޑެތި މީހުން މަޖަލަކަށް ތުއްތު ކުދީން ރުޅިއެރުވުމަކީވެސް އެކުދީންގެ ހުންނަ ދަށްއެޅުންފަދަ ނޭދެވޭ އާދަކުން ހުއްޓުވުމަށް ހުރަސްއެޅޭނެ ކަމެއް
ބޮޑެތި މީހުން މަޖަލަކަށް ތުއްތު ކުދީން ރުޅިއެރުވުމަކީވެސް އެކުދީންގެ ހުންނަ ދަށްއެޅުންފަދަ ނޭދެވޭ އާދަކުން ހުއްޓުވުމަށް ހުރަސްއެޅޭނެ ކަމެއް
ތުއްތު ކުދިން ބޮޑު ވާވަރަކަށް ދަތް އެޅުމަކީ އާއްމުކޮށް ދިމާވާކެމެވެ. އެންމެ ތުއްތު ކުދިން ދަތް ފަޅަންފެށުމުން ދަތްތައް ހިރުވާތީ އެކި އެއްޗެހީގައާއި ގާތުންދޭ ގަޑީގައި ދަތް އަޅައެވެ. އެހެންނަމަވެސް މިދުވަސްކޮޅު ނިމުމަށްފަހު ކުދިން ތަންކޮޅެއް ބޮޑުވެ 3 އަވަހަރު އަދި 4 އަހަރާއި ހިސާބުން އަނެއްކާވެސް ދަތް އެޅުމުގެ އާދަ ފެނެންފަށައެވެ.

ބައެއް ފަހަރު އެހެން ކުދންގެ ގައިގައާއި ބޮޑެތި މީހުންގެ ގައިގައިވެސް ރުޅިގަދަވެގެން ދަތްއަޅާތަން އާދެއެވެ. އެހެންކަމުން ދަރިފުޅު މިގޮތަށް ކަންތައް ކުރާ ސަބަބާއި އެކަން ރަނގަޅުކުރުމަށް ބެލެނިވެރިޔެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.



ދަރިފުޅު ދަތް އަޅަނީ ކީއްވެ؟

ދަތް އެޅުމަކީ ދަރިފުޅުގެ ކިބައިގައި މައްސަލައެއް ހުރިކަން ދޭހަކޮށްދޭ ކަމެއް ނޫނެވެ. މިއީ ކުދިން ހެދިބޮޑުވަމުން އަންނަ އިރު ދިމާވާ އާއްމު ކަމެކެވެ. އަދި މިއީ މައްސަލައެއް ނޫންކަމުގައި ޑޮކްޓަރުން ވިދާޅުވެއެވެ. އަދި މިއީ ދަރިފުޅު ގަސްދުގައި މީހަކަށް ގެއްލުންދޭ ވިސްނުމުގައިވެސް ކުރާކަމެއް ނޫނެވެ. އަދި ގިނަ ފަހަރު ކުދިންނަށް މިއީ ކިހާވަރެއްގެ ކަމެއް ކަމެއްވެސް ނޭނގެއެވެ.

ބައެއް ކުދިން ދަތް އަޅަނީ އެކުދިންގެ ވަށައިގެންވާ ސަރަހައްދު ދެނެގަނެ ދަސްކުރުމުގެ ގޮތުންނެވެ. ތުއްތު އިރު ދަރިފުޅު ކޮންމެ އެއްޗެއްވެސް އަނގަޔަށް ލައި ދަތް އަޅަނީ އެހެންވެއެވެ. އަދި އެއީ އެއެއްޗެއް ނުވަތަ މީހެއްގެ ފަރާތުން އަންނަ ރިއެކްޝަންއެއް ދެނެގަތުމަށްވެސް ތުއްތުކުދިންގެ ކިބައިން ފެނިގެންދާ ކަމެކެވެ. އަދި ބައެއް ފަހަރު އެހެން ކުއްޖަކު ދަތް އެޅުމުން ނުވަތަ އެމަންޒަރު ފެނުމުންވެސް އެއާދަ އަށަގަނެއެވެ. އަނެއްބައިފަހަރު އެކުދިންނަށް ކަމެއް ބުނެދެން ނޭނގުމުން ތިބާގެ ސަމާލުކަން ހޯދުމަށްވެސް ދަތް އަޅައެވެ.

މައިންބަފައިން ނުވަތަ ބެލެނިވެރިން ހަނދާން ބަހައްޓަންޖެހޭ ކަމަކީ ކުދިންގެ ސިކުނޑިތައް އުފެދެމުން އަންނައިރު އެކުދިންނަކީ 'ލޮޖިކް' ނުވަތަ ގޮތް ނިންމުމާއި ކަންކަން ރީތިކޮށް ބުނެދީ ހިއްސާކުރަން އެނގޭ ބައެއް ނޫންކަމެވެ. އަދި ބުނެދޭން ބޭނުންވާ އެއްޗެއް ކިޔައި ނުދެވުމަކީ ކުދިން ވަރަށް ބޮޑަށް ސްޓްރެސްވެ ހާސްވާކަމެކެވެ. މިގޮތަށް ދިމާވުމުން ބޮޑެތި މީހުން ވިސްނާ ފަދައިން އެފަދަ ވަގުތު ތަކުގައި އެކަމާއި ވިސްނައެއް ނުލެވޭނެއެވެ. އަދި އެހެން ދިމާވުމުން ރުޅިގަދަވެ ދަތް އަޅަނީއެވެ. މީގެއިތުރުން ބައެއް ފަހަރު އެކުދިން މާބޮޑަށް ކަމަކާއި ހާސްވުމުންވެސް ދަތް އަޅައެވެ.

ދަތް އެޅުން ހުއްޓުވުމަށް ކުރެވޭނީ ކޮންކަމެއް؟



1. އެހާލަތުގައި މީހާ ހަމަޖެހިލުން؛

ތިމާ މީހާ ހަމަޖެހިލައި ކުއްޖާއަށް އެކަން ދައްކުވައިދިނުމަކީ ކުއްޖާވެސް ހަމަޖެހިލުމަށް ފަސޭހަވާނެ ކަމެކެވެ. އަދި ރުޅި މައިތިރި ކުރުމަށްވެސް އެވަގުތު އެންމެ އެކަށޭނަ ގޮތަކީ އެކަމާއި ކުރިމަތިލާ މީހާ މަޑު މައިތިރިވެ ހަމަޖެހުމެވެ. އަދި އެކުދިން ދަތް އެޅުމުން ތިބާގެ ފަރާތުން އެއްވެސް ރިއެކްޝަންއެއް ނުފެންނަމަ އެއިން އެއްވެސް ފައިދާއެއް ނުކުރާކަމަށް ވިސްނި އެކަން އެވަގުތު ހުއްޓާލަފާނެއެވެ. މިހާލަތުގައި މަޑުމައިތިރިވުމުން ކުއްޖާއާއިމެދު އެވަގުތު ކަންތައް ކުރާނީ ކިހިނެތްތޯ ނުވަތަ ވިސްނައިދޭނެ ގޮތަކާއިމެދު ވިސްނުމަށް ވަގުތކޮޅެއް ލިބޭނެއެވެ. އެހެން ކަމުން މަޑުމައިތިރިވެ ހަމަޖެހިގެން ދޫކޮށްލުމަށް ބުނާށެވެ. އަދި ދޫކޮށްނުލައިފިނަމަ ދަރިފުޅާއިމެދު އަޅާނެ ފިޔަވަޅުގެ ވާހަކަ ބުނާށެވެ. މިހެން ކަން ދިމާވުމުގެ ކުރީގައި ދަތް އެޅުމަށް އަދަބެއް ކަނޑައަޅައި ކުއްޖާގާތުގައި ބުނެފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

2. ދަތް އެޅި މީހާއާއި ނުވަތަ ކުއްޖަކާއި ދަރިފުޅު ވަގުތުން ދުރުކުރުވުން؛

ބައެއްފަހަރު ދަރިފުޅާއި ބެހި ރުޅިގަދަ ކުރުވަނީ ކޮންމެވެސް އެހެން ކުއްޖެކެވެ. ނުވަތަ ބޮޑު މީހެކެވެ. އެހެންކަމުން މިފަދަ ހާލަތެއް މެދުވެރިވާތަން ފެންނަނަމަ ވަގުތުން ދަރިފުޅު އެތަނަކުން ދުރަށް ގެންދާށެވެ. އަދި ކަންވިގޮތް އޮޅުން ފިލުވުމަށް ސުވާލު ކުރާށެވެ. ދަރިފުޅުގެ ހުރިހާ އިހުސާސްތަކެއް ބޭރުކުރުމަށް ފުރުސަތު ދިނުމަކީ މިހާލަތުގައި ވަރަށް މުހިންމު ކަމެކެވެ. އަދި ދަރިފުޅުގެ އިހުސާސްތައް ރަނގަޅު ކަމުގައި ބުނެދޭށެވެ. އެއާއިއެކު އެހާލަތުގައި ކަންކަން ހައްލު ކުރުމަށް ދަތް އެޅުމުގެ ބަދަލުގައި ކުރެވިދާނެ އެހެން ކަމެއް ބުނެދޭށެވެ. އަދި ދަތް އެޅައި އެހެން މީހުންނަށް ތަދު ކުރުމަކީ ދަރިފުޅު ބޭނުންވާކަމެއް ކުރުމަށް ރަނގަޅު ގޮތެއް ނޫންކަމުގައި ބުނެދޭށެވެ.

3. ދަތް އެޅުމުން ތަދުވާނެކަން ބުނެދިނުން؛

ތުއްތު ދަރިފުޅަށް ދަތް އެޅުމަކީ ކޮންކަހަލަ ކަމެއް ކަމެއް ނޭނގޭނެއެވެ. އެހެންކަމުން އެއީ ތަދުވާ ކަމެއް ކަމުގައި ކިޔައިދީ ދަރިފުޅު ދަތް އަޅަން ދަތް ލާންފެށުމުން 'އައްދޮވާނެ މަންމި އަށް އައްދޮވާނޭ' މިފަދަ ގޮތަކަށް ދަރިފުޅަށް އެނގޭނެހެން ކިޔައިދޭށެވެ.

4. ދަރިފުޅުގެ އިހުސާސްތައް ހިއްސާކުރާނެ ބަސްތައް ދަސްކޮށް ދިނުން؛

ދަރިފުޅު ދަތް އެޅުމުގެ އާދަ ކެނޑުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އިހުސާސްތައް ކިޔައިދޭން އިހުސާސްތަކާއި ގުޅޭ ބަސްތައް ދަސްކޮށް ދިނުމެވެ. ދަރިފުޅު ބުނެދޭން ބޭނުންވާ އެއްޗެއް ހިއްސާކުރަން ރަނގަޅަށް އެނގުމަކީ ރުޅި އަތުވެގެންވެސް ދަރިފުޅު ރުޅި އައިސްފިކަން ކިޔައިދީ އެކަން ހިއްސާކުރުމަށް ފަސޭހަވާނެކަމެކެވެ. އަދި ކިޔައިދޭން ބޭނުންވާ އެއްޗެއް ކިޔައިދެވުމަކީ ދަރިފުޅު ރުޅި މަޑުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެކެވެ.

ދަރިފުޅު ދަތް އެޅުން ހުއްޓުވުމަކީ މައިންބަފައިން ކުރަންޖެހޭނެ ކަމެކެވެ. އެހެން ނަމަވެސް މިކަން ކުރުމަށް ދަރިފުޅާއި ދިމާލަށް އަޑުލުމަކީ ހައްލެއް ނޫނެވެ. މަޑުމައިތިރިކަމާއެކު ދަރިފުޅާއި ވާހަކަ ދައްކައި އެއީ ގޯސްކަމެއްކަން ކިޔައި ދިނުމަކީ ކުރެވިދާނެކަމެކެވެ. އަދި އެކަން ތަކުރާރުވާނަމަ އެކުދިންގެ އުމުރާއި ގުޅޭގޮތުން އަދަބު ދިނުމަކީ އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން