ތިމާ "ކޮންޓްރޯލް ކޮށްގެން އުޅޭ ބައިވެރިޔަކާއެކު އުޅުމަކީ ކޮންމެ މީހަކަށްވެސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އަދި އަބަދުހެން ފަހަތުގައި ކުރާހާ ކަމެއް ބަލަމުން މީހާގެ މިނިވަންކަން ގެއްލޭ ހިސާބަށް ދިއުމަކަށް އެއްވެސް މީހަކު ނޭދޭނެއެވެ. ވަކިން ޚާއްސަކޮށް ފިރިހެނުންނަކީ އެމީހުންގެ މިނިވަންކަމަށް ލޯބިކުރާ ބަޔެކެވެ. އެހެންކަމުން ދުވަހުގެ ތާވަލު އަބަދުހެން ބައިވެރިޔާއަށް ކިޔައިދޭންވެއްޖެނަމަ، އެއީ ކިތަންމެ ރަނގަޅު ބައިވެރިއެއްކަމުގައިވީނަމަވެސް އެބައިވެރިޔަކު ދެކެވެސް ދުވަސްކޮޅަކުން ފޫހިވާން ފަށާނެއެވެ.

އަނބިމީހާ ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާ ތިބާ ކޮންޓްރޯލް ކުރަން ބޭނުންވަނީ ކީއްވެ؟

އެކި އަންހެނުންނަށް އެމީހުންގެ ބައިވެރިޔާ ކޮންޓްރޯލް ކުރުމަށް މެދުވެރިކުރުވަނީ އެކި ކަންކަމެވެ. ތިރީގައި މިވާ ސަބަބުތަކުން ކުރެ ސަބަބެއް މެދުވެރިވުމުން ބައިވެރިޔާ ކޮންޓްރޯލްކުރުމަށް އެކިއެކި ކަންކަން ކުރެވެން ފަށައެވެ.

• އެހެން މީހުންނަށް އިތުބާރު ނުކުރެވުން ނުވަތަ އިތުބާރު ކުރުމަށް ދަސްކުރަން ބޭނުން ނުވުން

• ބައިވެރިޔާ އޭނާއަށްވުރެ ކާމިޔާބު މާރަނގަޅު މީހަކާއި ގުޅިދާނެކަމުގެ ބިރު ހީވުން

• ބައިވެރިޔާގެ ހަޔާތުގައި މަކަރު ހެދުމާއި އޮޅުވާލުމުގެ މާޒީއެއް އޮތުން

• ދިރިއުޅުމުގައި ދިމާވެފައި ހުރި ބިރުވެރި ހާދިސާއެއްގެ ސަބަބުން ބައިވެރިޔާއަށް އެހެންވެދާނެ ކަމަށް ހީކުރެވުން

• ބޯޑަރލައިން ޕާސަނަލިޓީ ޑިސްއޯޑާރ ނުވަތަ ނާސިސްޓިކް ޕާސަނަލިޓީ ޑިސްއޯޑާ ހުރުން

• ހުރިހާ ކަމެއް އެންމެ ފުރިހަމަވާން އެދި ފިރިމީހާ ނުވަތަ ބައިވެރިޔާއަކީ އޭނާ އެދޭ ޕާފެކްޝަން ނުވަތަ ފުރިހަމަކަން ހުންނަ މީހަކަށް ހެދުމަށް

ބައިވެރިޔާ ކޮންޓްރޯލް ކުރާ އަންހެނުންގެ ފަރާތުން ފެންނާނެ އާދަތައް:



ކޮންޓްރޯލް ކުރާ ބައިވެރިއަކާއިއެކު އުޅެވޭނަމަ ނުވަތަ އެފަދަ ބައިވެރިޔަކާއިއެކު އުޅެވޭހެން ހީވާނަމަ ތިރީގައިވާ 15 އާދަ ބައިވެރިޔާގެ ކިބައިގައި ހުރިތޯ ބަލާށެވެ. މީގެ ތެރެއިން ބައެއް ކަންކަން އަނެއް ބައި ކަންކަމަށްވުރެ ބޮޑަށް ތިބާގެ ދިރިއުޅުމުގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ.



1. ތިބާ ހުރީ ކޮންތާކުތޯ އަބަދުހެން އެނގުމަށް ބޭނުންވުން؛

ކޮންޓްރޯލް ކުރާ ބައިވެރިއެއްނަމަ ތިބާ އުޅޭ ނޫޅޭ ތަންތަން އަބަދުހެން ބަލަން ބޭނުންވާނެއެވެ. އަބަދު މެސެޖުކޮށް ތިބާ ކުރަނީ ކީއްތޯއާއި އުޅެނީ ކޮންބަޔަކާއިއެކުތޯ ބެލުމަށް ބޭނުންވާނެއެވެ. މެސެޖަށް ރިޕްލައި ނުދެވިއްޖެނަމަ ގުޅާނެއެވެ. ފޯނު ނުނަގައިފިނަމަ ފޯނު ނަގަންދެން ހުއްޓައި ނުލައި ގުޅާނެއެވެ. ބައެއްފަހަރު ތިބާގެ އެކުވެރިންގެ ގާތުގައި ހުއްޓައި ފޯނު މިގޮތަށް ރިންގުވާންފެށުމުން ތިބާ ލަދުގަންނަ ހިސާބަށްވެސް ހިނގައިދާނެއެވެ.

2. ހުރިހާ ޕާސްވޯޑުތަކެއް ހޯދުން؛

ދިރިއުޅުމުގައި ދެމީހުން އެކަކު އަނެކަކަށް ކަންކަން ސިއްރު ކުރުމަކީ އިތުބާރު ގެއްލޭނެ ކަމެކެވެ. އެހެންނަމަވެސް ބައެއް ފަހަރު ދިރިއުޅުމާއި ގުޅުމެއްނެތް ބައިވެރިޔާއަށް އަދި އެހެން މީހުންނަށްވެސް އަންގަން ބޭނުންނުވާ ބައެއް އަމިއްލަ ކަންކަން ހުރެދާނެއެވެ. އާއިލާތެރޭގައި ޖެހޭ ބައެއް މައްސަލައާއި އެކުވެރިން އެމީހުންގެ ދިރިއުޅުމުގައި ދިމާވެފައި ހުންނަ ކަންކަމުގެ ވާހަކަވެސް ހިއްސާކޮށްފައި ހުރެދާނެއެވެ. އެހެންނަމަވެސް ކޮންޓްރޯލް ކުރާ ބައިވެރިޔެއް ނަމަ މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ ޕާސްވޯޑުތައް ހޯދުމަށް ބޭނުންވެއެވެ. އަދި މިކަމުގެ ސަބަބުން ތިބާ ހުންނަން ޖެހެނީ އަނބިމީހާ ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ބިރަށް ސޯޝަލް މީޑިއާގައިވެސް އެކުވެރިޔަކާއި ސަމާސާއެއް ކޮށްލަންވެސް ބިރު ހީވެފައެވެ.

3. ތިބާ ގެންގުޅޭ ހުރިހާ އެއްޗެއް ބަލައި ފާސްކުރުން؛

ޚާއްސަކޮށް ރައްޓެހިވެގެން އުޅޭއިރު ތިބާ ގެންގުޅޭ ހުރިހާ އެއްޗެއް ބައިވެރިޔާ ފާސްކުރަން ފެށަނީ ތިބާގެ ހުރިހާ ކަމެއް އެނގެން ބޭނުންވާތީއެވެ. އޭނާ ނެތް ތަނުގައި ތިބާ ކުރީ ކީއްތޯއާއި އުޅުނީ ކޮންބަޔަކާއި އެކުތޯއާއި ވިޔަފާރިއެއް ކުރިއްޔާ ކުރީ ކޮންތާކުންތޯ ބެލުމަށް އޭނާ މިކަންކަން ކުރެއެވެ. އޭނާ ހިތްހަމަނުޖެހޭ އެއްޗެއް ފެނިއްޖެނަމަ ވަގުތުން އެއްޗެތިގޮވައި ބައެއްފަހަރު އަނިޔާ ކުރަންވެސް ފަށައެވެ.

4. ބައިވެރިޔާގެ ދިރިއުޅުމުގައި ތިބޭ އެހެންމީހުންގެ ކަންކަން ބަލައި މޮނިޓަރ ކުރުމަށް ބޭނުންވުން؛

ތިބާގެ އެއްވެސް ބައިވެރިއެއް އޭނާއަށް ކަމުނުދިއުމާއި ތިބާ އާއިލާއާއިއެކު ވަގުތު ހޭދަކުރުން މަދުކުރުމަށް ބޭނުންވުމަކީ ކޮންޓްރޯލް ކުރާ އަންހެނުންގެ ފަރާތުން ފެންނާނެ ކަމެކެވެ. ވަކިން ޚާއްސަކޮށް އޭނާގެ އެސިފަ އެހެން ބަޔަކަށް އެނގި ތިބާއަށް އެކަން އޮޅުންފިލުވައިދޭނެ ފަދަ ބަޔަކު ތިބިނަމަ އޭނާ ބޭނުންވާނީ މުޅިން އެގުޅުންތައް ކަނޑުވައިލުމަށެވެ. ބައެއްފަހަރު އާއިލާއާއި ނުވަތަ ރައްޓެހިންނާއިއެކު ތަނަކަށް ދިއުމަށް ނިންމާފައި އޮންނަ ދުވަހަކު އެހެން ކަމެއް ޝެޑިއުލް ކުރުމާއި ބަލި ނުވިޔަސް ބައްޔޭ ބުނުންފަދަ ކަންކަމަކީ މިފަދަ ބައިވެރިންގެ ކިބައިން ފެނިދާނެ ނޭދެވޭ އާދަތަކެކެވެ.

5. އަބަދު އެކުގައި ހުންނަން ބޭނުންވުން؛

މިއީ ޖެލަސްވާތީ ބައެއް އަންހެނުން ތިބާ ހިފެހެއްޓުމަށް ބޭނުންކުރާ އުކުޅެކެވެ. އޭނާއަށް ހީވާގޮތުން ތިބާއާއި ދުރުގައި ތިބާ ހޭދަކުރާ ވަގުތުގައި އޭނާއަށްވުރެ ރަނގަޅު މީހަކާއި ތިބާ ބައްދަލުވެދާނެއެވެ. އަދި ތިބާ ގެއްލިދާނެ ކަމަށެވެ. މިކަމުގެ ސަބަބުން އަބަދު ބައިވެރިޔާ ބޭނުންގޮތަކަށް ކަންކަން ނިންމަންޖެހޭކަމުގެ އިހުސާސްކުރެވި މިނިވަންކަން ގެއްލޭކަމުގެ އިހުސާސްކުރެވޭނެއެވެ. މިފަދަ ބައިވެރިއެއް ބޭނުންގޮތަށް ތިބާ ނުހަދައި އެކުވެރިންނާއިއެކު ބޭރަށް ގޮސްލިއަސް ގެއަށް އަންނައިރު އަނބިމީހާ ބައްދަލު ކުރާނީ ކުނިމޫނަކާއިގެން ބަހުގެ ހަމަލާދޭން ތައްޔާރަށް ހުރެއެވެ.

6. ތިބާގެ ކަންކަމަށް ފާޑުކިޔުން؛

ތިބާގެ ކުރިއެރުމަށް ކަމެއް ކުރުމަށް ބޭނުންވިޔަސް އެއީ ކީއްކުރަން ކުރާ ކަމެއްތޯއާއި އެއިން ފައިދާއެއް ނުލިބޭނެކަމަށް ބުނެ ތިބާއަށް ހިއްވަރު ދިނުމުގެ ބަދަލުގައި ތިބާގެ ހިތްމަރާލައެވެ. އެހެންކަމުން ތިބާއަށް ކަމެއްގައި ކުރިއަށް ދެވެން އޮތަސް ކުރިއަށް އެންމެ އެކަށޭނަ ނަތީޖާ ނެރެން އުނދަގޫވެއެވެ. އޭނާ މިކަންކުރުމުގެ މަގްސަދަކަށްވަނީ ތިބާ ހާސިލް ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ތިބާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަވެ އޭނާގެ ކޮންޓްރޯލުން ތިބާ ގަދަވެގަތުމުގެ ހިއްވަރު ލިބޭނެތީއެވެ.

7. ފައިސާގެ ކޮންޓްރޯލް އޮންނަންވާނީ އޭނާ އަތުގައި ކަމަށް ބުނުން؛

ބައެއް ފަހަރު މަސައްކަތް ކުރުމަށްފަހު ލިބޭ ހުރިހާ ފައިސާއެއް އަނބިމީހާގެ އަތަށް ދެވެއެވެ. މިއީ ބައެއްފަހަރު ދެމީހުން އެއްބަސްވެގެން ނިންމާ ނިންމުމެކެވެ. އެހެންނަމަވެސް ތިބާ އެގޮތަށް ނުރުހުނުނަމަވެސް އެގޮތަށް އެކަންކުރުމަށް މަޖުބޫރު ކުރުވާގޮތަށް ހަޅޭލަވައި ޒުވާބުކޮށް ތިބާގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލުވާލައި އެކަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އޭނާގެ ބޭނުންތައް ފުދި ތިބާގެ އެންމެ ކުޑަ ބޭނުމެއް ފުއްދަންވެސް އޭނާއަށް ގުޅައިގެން ފައިސާ ހޯދާގޮތަށް ފައިސާގެ ހުރިހާ ކޮންޓްރޯލެއް ބެހެއްޓުމަކީ ތިބާ އޭނާ ދޫކޮށްލާފައި ދާން އުނދަގޫވާނެ ކަމެއް ކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ.

8. ދިރިއުޅޭ ތަނުގެ ހުރިހާކަމެއް އޭނާ ބޭނުންވާގޮތަށް ކުރުން؛

ތިބާގެ އަމިއްލަ ގޭގައި ތިބާ ބޭނުންވާ ސްޓޯރެޖް ކެބިނެޓްތައް ބެހެއްޓޭނެ ޖާގައެއް ނެތްކަމަށް ބުނެ އެކަމު ބައިވެރިޔާ ބޭނުންވާ ހުރިހާ ތަކެއްޗެއް އަތުރާލައި ތަނުގެ އިންޓިރިއާއާއި ތަން ތަރުތީބުކޮށްފައި ހުންނަ ގޮތް ނުވަތަ "ޑެކޮރޭޝަން' ތަކުގައި ތިބާ ބޭނުންވާ އެއްވެސް އެއްޗެއް ބެހެއްޓުމަށް އޭނާ ބޭނުމެއް ނުވާނެއެވެ. އޭނާ ބޭނުންނުވާ އެއްޗެއް ތިބާ ގެއަށް ލައިފިނަމަ އެއްޗެއް ބޭރުކުރެއެވެ. އެހެންނަމަވެސް، ތިބާގެ އަމިއްލަ ގޭގައި ތިބާގެ އަމިއްލަވަންތަކަމުގެ އިހުސާސްނުކުރެވުނަސް، ބަދަލުގައި އޭނާ އެކޮށްދޭ ކަންކަމަށް ޝުކުރުވެރިވެސް ވާންޖެހެއެވެ. ބައިވެރިޔާއަކީ މާރީތިކޮށް ތަން 'ޑެކޮރޭޓް'ކުރަން އެނގޭ މީހަކަށް ވެދާނެއެވެ. އެހެންނަމަވެސް ދިރިއުޅޭ ތަނަކީ ދެމީހުންގެ ޝަހުސިއްޔަތުވެސް ދައްކުވައިދޭ ދެމީހުންވެސް އުފާވާ މާހައުލަކަށް ވާންޖެހޭނެއެވެ.

9. ގުޅުން ހިންގުމަކީ ވަކި ކަމެއް ކުރުމުން ނޫނީ ނުކޮށްދެވޭ ކަމަކަށް ވުން؛

އޭނާ އެދޭ ކަމެއް ކޮށްދެންދެން ގުޅުން ހިންގުމަށްވެސް އޭނާ ހުރަސްއަޅާއެވެ. މިފަދަ ބައިވެރިން ފިރިންނާއި ދެކޮޅަށް ބޭނުންކުރާ ނަފްސާނީ އަދި ޖިސްމާނީގޮތުން ބަލިކަށިކޮށްލަނިވި އާދައަކީ ގުޅުން ހިންގުމަށް ހުރަސް އެޅުމެވެ. އަދި މިއީ އެމީހުން ބޭނުންވާކަންކަން ހޯދުމަށް ބޭނުންކުރެވޭ ނުރައްކާތެރި ހަތިޔާރެކެވެ. ފިރިމީހާ އޭނާ ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް އޭނާ މިކަން ކުރުމުން މަނާވެގަނެ ފިރިމީހާއަށް މަޖުބޫރުކުރުވައި ބޭނުންވާހާ ކަމެއް ކުރުމަށް ފިރިމީހާއަށް ލިބިގެންވާ މިހައްޤުން މަހުރޫމް ކުރެއެވެ. އެކަމެއް ކޮށްދިނުމުން ނޫނީ އެފަދަ އަނބިން އެމީހުންގެ ފިރިން އެމީހުންގެ ހަށިގަނޑުގައި އަތްލިޔަވެސް ނުދެއެވެ. މިއީ ފިރިމީހާ ނަފްސާނީގޮތުން ވަރަށް ބޮޑަށް ބަލިކަށިކޮށްލާނެ ކަމެކެވެ.

10. އޭނާގެ ފަރާތުން ލޯތްބާއި އަޅާލުން؛ ހޯދުމަށް ތިބާ މަސައްކަތްކުރަންޖެހުން

ލޯތްބާއި އަޅާލުމަކީ ކޮންމެ ދެމަފިރިންގެ މެދުގައިވެސް ވާކަމެކެވެ. ތިބާދެކެ ލޯބިވާ މީހެއްނަމަ ތިބާއަށް އަޅާލާނީ ތިބާ ވަކި ކަމެއް ކުރުމުންނެއް ނޫނެވެ. އެހެންނަމަވެސް ކޮންޓްރޯލް ކުރާ އަންހެނުންނަކީ އެމީހުންގެ ލޯތްބާއި އަޅާލުން ހޯދުމަށް އެމީހުންގެ ފިރިންލައްވައި ކަމެއް ހާސިލްކުރުމަށް މަސައްކަތް ކުރާ އުސޫލުން 'މަސައްކަތް'ކުރުވަން ބޭނުންވާބައެކެވެ. މިއީ ކުޑައިރު މައިންބަފައިން ބަލާބޮޑުކުރިގޮތުން އޭނާގެ ކިބައިގައި އަށަގެންފައިވާ އާދައަކަށްވެދާނެއެވެ. އޭނާއަށްވެސް މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބުނީ ވަކި ކަމެއް ކުރުމުން ނުވަތަ އެމީހުން ރުއްސުމުން ކަމުން ޒަވާޖީ ހަޔާތުގައި ފިރިމީހާއަށްވެސް އެފަދައިން ކަންކުރެވެނީއެވެ.

11. އަބަދު ޒުވާބު ކުރުން؛

ކަންކަމާއިމެދު ދެބަސްވުމަކީ ކޮންމެ ދިރިއުޅުމެއްގައިވެސް ދިމާވާނެ ކަމެކެވެ. އެހެންނަމަވެސް ކޮންޓްރޯލް ކުރާ އަންހެނަކާއިއެކު އުޅޭއިރު ދުވަހަކުވެސް ދެމީހުން އެއްގަލަކަށް ނޭރޭކަމަށް އިހުސާސްކުރެވޭނެއެވެ. އަދި މިގޮތަށް ދިމާވެ އަބަދު އޮންނާނީ ޒުވާބަކަށް ގޮސްފައެވެ. އަދި އޭނާ އެދޭގޮތަށް ތިބާ އެއްބަސްނުވާހާ ހިނދަކު ޒުވާބު ހުއްޓައެއްވެސް ނުލާނެއެވެ. ނަމަވެސް އަބަދު ދެމީހުންގެ ހަމަޖެހުމަށްޓަކައި ތިބާ ދޫދޭނަމަ ތިބާގެ މައްޗަށް އޭނާގެ ކޮންޓްރޯލް ބޮޑުވެގެންދާނެއެވެ.

12. ހުރިހާ ކަމެއްގައިވެސް އޭނާއަކީ ރަނގަޅަށް ވިސްނޭމީހާ ކަމުގައި ވުން؛

މިފަދަ އަނބިން ހުރިހާކަމެއްގައިވެސް އޭނާގެ ރައުޔަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެއެވެ. އަދި ގޮތްދޫނުކުރުމާއި ތިބާގެ އިހުސާސްތައް ބަލައި ނުގަތުމަކީ މިފަދަ ބައިވެރިންގެ ކިބައިން ފެންނާނެ ނުރަނގަޅު އާދަތަކެކެވެ. އަދ ތިބާ ކިތަންމެ ވަރަކަށް ކިޔައިދިނަސް އޭނާ ގޮތަކަށް ނިންމައިފިނަމަ އެގޮތުގައި ހިފަހައްޓައެވެ. މިއީ ކުރީގެ ބައިވެރިންގެ ފަރާތުން އަނިޔާ ލިބިފައި ހުރުމުން އަމިއްލަ ނަފްސު ދިފާއުކުރުމަށް އަށަގެނެވިފައިވާ އާދައެއްކަމުގައި ވެދާނެއެވެ.

13. އޭނާ އެދޭގޮތްވުމަށް ތިބާ ބްލެކްމެއިލްކޮށް އިންޒާރުދިނުން؛

ވަރަށް ގިނަފަރަހު މިގޮތަށް ދިމާވަނީ ކުރީގައި އޭނާގެ ދިރިއުޅުމުގައި ދިމާވި މީހުން އޭނާގެ މައްޗަށް ބާރުފޯރުވައި 'މެނިޕިއުލޭޓް'ކޮށް އޭނާ ލައްވައި އެމީހުން ބޭނުންވާގޮތަށް ކަންތައް ކުރުވާފައި ހުރުމުން އެގޮތް ދަސްވުމެވެ. އިންޒާރު ދިނުމާއި ބްލެކްމެއިލްކުރުމުން އޭނާއަށްވެސް ބާރުފޯރުވިފައިވާފަދައިން ތިބާއަށްވެސް އެހެން ބާރުފޯރުވައި ބޭނުންވާގޮތަށް ކަންތައް ކުރަން ބޭނުންވުމަކީ ދިރިއުޅުމުގައި ކުރިން އޭނާއަށް ނުލިބުނު ރައްކާތެރިކަމުގެ އިހުސާސް ހޯދުމަށް އޭނާ ތިބާގެ މައްޗަށް ބާރުފޯރުވުމަށް ބޭނުންކުރާ އުކުޅެކެވެ.

14. ކޮށްދޭ ކޮންމެ ކަމެއްގެ ބަދަލުގައި ތިބާގެ ފަރާތުން ކަމެއް ކޮށްދިނުމުގެ އުންމީދުކުރުން؛

ބައިވެރިޔާއަށް ކަމެއް ކޮށްދޭނަމަ މިފަދަ އަނބިން ނުވަތަ އިންނަން އުޅޭ ކުއްޖާއަށް ބަދަލުގައި ތިބާ ކަމެއް ކޮށްދޭންޖެހެއެވެ. އަދި އޭނާ ތިބާއަށް ކޮށްދޭ ކަންކަން ހިތުގައި ބަހައްޓަކައި ފަހުން އޭނާ އެދޭ ކަމެއް ހާސިލްކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ބަދަލުކޮށްލައެވެ. ނުވަތަ ޒުވާބަކަށްގޮސްފިނަމަ ކަލަގޮވުމަކީ މިފަދަ އަންހެނުންގެ އާދައެކެވެ.

15. ތިބާ އޭނާއާއި ނުލައި ތަނަކަށް ގޮސްފިނަމަ ނުވަތަ ކަމެއް ކުރާނަމަ ޖެލަސްވުން؛

މީގެތެރޭގައި އެކަނި ހޭދަކުރާ ވަގުތު ހިމެނެއެވެ. ސޯޝަލް މީޑިއާގައި ނުވަތަ ފޮތެއް ކިޔާލަން ތިބާ އެކަމާއި ގަޔާވެގެން ހުންނަނަމަ އޭނާއަށް ވަގުތު ނުދޭކަމުގެ ޝަކުވާ ކުރަން ފަށައެވެ. އަދި ބައިވެރިޔާއާއި ނުލައި އެކުވެރިންނާއިއެކު ކޮފީއަކަށް ގޮސްފިނަމަވެސް މިގޮށް ޝަކުވާކުރެއެވެ. އެކަނި ވަގުތު ހޭދަކުރަން ބޭނުންވުމަކީ ތިބާ އޭނާ މަތިން ފޫހިވުން ކަމަށް އޭނާއަށް އިހުސާސް ކުރެވެއެވެ.

ކޮންޓްރޯލްކުރާ ބައިވެރިޔާގެ މިއާދަތައް ހުއްޓުވާނީ ކިހިނެތް؟

ކޮންޓްރޯލް ކުރާ ބައިވެރިއެއްނަމަ، އެކަންކަން ހައްލުކޮށް ދިރިއުޅުމުގައި ދެމީހުންނަށްވެސް ހަމަޖެހުން ހޯދުމަށް ވާހަކަދައްކައިގެން މަސައްކަތް ކުރެވިދާނެއެވެ. ތިރީގައިވާ ކަންތައްތަކަށް ވިސްނައި ތިބާ ޚިޔާރުކުރާނެ ގޮތެއް ނިންމައި ބައިވެރިޔާއާއި ވާހަކަ ދައްކާށެވެ.



- ދެމީހުންގެ ދިރިއުޅުމުގެ ކުރިމަގާއިދޭތެރޭ ޚިޔާލުބަދަލުކޮށް މަޝްވަރާކުރުން؛

ދެމީހުންގެ ދިރިއުޅުން ކުރިއަށްދާގޮތާއި ކުރިމަގުގައި ދެމީހުންގެ ދިރިއުޅުން އޮތްގޮތާއިމެދު ވަރަށް ތެދުވެރިވެ ވާހަކަ ދައްކާށެވެ. ފަހަރުގައި ދެމީހުން ދާންބޭނުންވާ ރާސްތާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ވާހަކަ ދައްކައި ކަންކަން ހައްލު ކުރާށެވެ.

- ބައިވެރިޔާގެ ފަރާތުން ފެންނަ ބޭނުންނުވާކަން ބައިވެރިޔާއަށް އަނގައިދިނުން؛

ތިބާ މީގެފަހުން ބަލައި ނުގަންނާނެ އާދަތަކުގެ ލިސްޓެއް ހަދައި އަނބިމީހާއަށް ކިޔައިދޭށެވެ. އަދި އެގޮތުގައި ހިފަހައްޓާށެވެ.

- ދިރިއުޅުން ކުރިއަށް ގެންދިއުމަށް ތެރަޕީ ނެގުން؛ ދެމީހުން އެކުގައި ކައުސެލިންގ ނެގުމަކީ ތިމާދެމުން އައި ހެޔޮ ނަސޭހަތް ގަބޫލު ނުކުރިނަމަވެސް ކައުންސެލިން ދޭވަގުތު ކައުންސެލިންދޭ މީހާ އެވާހަކަ އެވާހަކަތައް ތަކުރާރުކުރުމުން އެކަންކަން ބައިވެރިޔާއަށް ގަބޫލުކުރެވި އޭނާގެ ނޭދެވޭ އާދަތަ ދޫކޮށްލުމަށް ހިއްވަރު ލިބިގެންދާނެ ކަމެކެވެ.

- ވަކިވާން ބޭނުންނަމަ ތިބާގެ އާއިލާއާއި ރައްޓެހިންގެ މަޝަވަރާއާއި ސަޕޯޓް ހޯދުން. ބައވެރިޔާއާއި ވަކިވާންވާނީ އެނޫން އިތުރުގޮތެއް ނުފެނިއްނިޖެއް ނަމައެވެ. އެހެންކަމުން ކިތަންމެ ލޯބިވިނަމަވެސް ބައިވެރިޔާގެ އެހުންނަ ނޭދެވޭ އާދަތައް ކަނޑުވައިލުމަށް ކުރެވިދާނެ ކަންތައްކާބެހޭގޮތުން ޢާއިލާގެ ހަރުދަނާ މެމްބަރަކާ ނުވަތަ އެފަދަ ގާތް އިތުބާރުކުރެވޭ ރައްޓެއްސަކާ މަޝްވަރާކުރުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.



ކޮންޓްރޯލް ކުރާ ބައިވެރިއާއާއިއެކު އުޅުމާއި ނުވަތަ ނޫޅެވޭނެކަމަށް ބަލައި ގޮތް ނިންމުކަމަކީ ތިބާގެ އަތްމަތީގައި އޮތްކަމެކެވެ. ކުރިއަށް ދާން ބޭނުންވާނަމަ މިއަދުންފެށިގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްފަށާށެވެ. ބައެއް ފަހަރު އެކުގައި އުޅުމަކީ އެންމެ ރަނގަޅު ނިންމުން ކަމުގައި ނުވެހިނގައިދާނެއެވެ. އެންމެ ރަނގަޅު ނިންމުމަކަށްވާނީ ތިބާގެ މުސްތަޤުބަލުގައި ހަމަޖެހުމާއި ކުރިއެރުން ލިބޭނެ ގޮތަކަށް ބަލައިގެން ގޮތް ނިންމުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން