އިރުގެ އައްވާއި ވައިނުސާފުވެ ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހަންގަނޑު ހިކި ކުރަކިވެ އަނދާގޮތް ދިމާވެއެވެ. އެހެންކަމުން ހަންގަނޑު ތާޒާކޮށް ރީތިކޮށް ބެހެއްޓުމަށް ބައެއް މީހުން އަގުބޮޑެތި ކްރީމް ބޭނުންކޮށް ސެލޫންތަކަށް ގޮސް އެކިކަހަލަ ޓްރީޓްމަންޓުތައް ނަގައެވެ.

ނަމަވެސް ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ޚަރަދު ކުރަން ބޭނުންނޫންނަމަ ގޭގައިވެސް ކުރެދާނެ އެތައްކަމެއް އެބަހުއްޓެވެ. އެގޮތުން ތިރީގައިމިވަނީ އޭގެތެރެއިން 5 ކަމެކެވެ.

1. ކާޑް / ޕްލެއިން ޔޯގަޓް؛



ޕްލެއިން ޔޯގަޓަކީ ހަންގަނޑުގައި ބޭނުންވާ ތެތްކަން ގެނުވައިދީ 'ހައިޑްރޭޓްކޮށްދޭނެ އެއްޗެކެވެ. ޔޯގަޓް އިން ޕޭސްޓެއް ތައްޔާރުކުރުމަށް ކުޑަ ރީދޫކޮޅަކާއި އެއްސައިސަމްސާ ފުށުގެ ތެރެއަށް 2 ސަމްސާ ކާޑް އެޅުމަށްފަހު އެއްކޮށްލާށެވެ. މޫނާއި ކަރުގައި މިޕޭސްޓު އުނގުޅުމަށްފަހު 10 މިނެޓުވަންދެން ނުވަތަ ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ. މީއީ މޫނު އަލިކޮށްދީ ބިހިނެގުމުންވެސް ސަލާމަތްކޮށްދޭނެ އެއްޗެކެވެ.

2. ކިއުކަންބާ؛



ކިއުކަންބާ ބޭނުންކުރުމަށް ކުޑަ ކިއުކަމްބާއެއް ނަގައި ދޮވެލާށެވެ. އަދި މިކްސަރުން ރަނގަޅަށް ފުޑުކޮށް ޕޭސްޓެއް ތައްޔާރުކުރާށެވެ. ކިއުކަމްބާ މިކްސް މޫނުގައި ހާކާލައި 15 މިނެޓްވަންދެން ބަހައްޓާށެވެ. ދެން ރީތިފެނުން މޫނު ދޮވެލާށެވެ. މީގެ ސަބަބުން މޫނުން ފުސްކަން ފިލުވައިދީ މޫނު ތާޒާކޮށްދިނުމުގެ އިތުރުން ހަންގަނޑަށް ތެތްކަން ގެނުވައި ހަންގަނޑު 'މޮއިސްޗަރައިޒް' ކޮށްދޭނެއެވެ.

3. ފިނިކޮށްފައި ހުންނަ ކިރު؛



ކިރަކީ ހަންގަނޑަށް އިރުގެ އަލިން ލިބޭ ގެއްލުން ކުޑަކޮށްދީ ހަންގަނޑު އަލިކޮށްދޭ އެއްޗެއެކެވެ. ފިނިކޮށްފައި ހުންނަ ކިރުގެ 3 ސަމްސާލަށްވާ ކިރު މޫނުގައި ހާކާށެވެ. ފިއްސަކުން ނުވަތަ ކަފަކޮޅެއް ބޭނުންކޮށްގެން މިގޮތަށް މޫނުގައި ހޭކިދާނެއެވެ. އެއަށްފަހު 10 މިނެޓުވަންދެން ބަހައްޓާށެވެ. ދެން ރަނގަޅަށް މޫނު ދޮވެލާށެވެ. މިއީ ހަންގަނޑު އެނދުމުން ކަޅުވެފައި ހުންނަ ތަންތަން އަލިކޮށްދީ ހަންގަޑު މަޑުކޮށް ވިދުން ގެނުވައިދޭނެ ކަމެކެވެ.

4. ރޯޒް ވޯޓަރ؛



ހަންގަޑު ކުރަކިވެ ހަރުވެފައި ހުންނަނަމަ އެކަން ރަނގަޅު ކުރުމަށް ރޯޒް ވޯޓާ ބޭނުން ކުރެވިދާނެއެވެ. ރޯޒްވޯޓާ ބޭނުންކުރުމަށް ކަފަކޮޅެއް ނަގައި މިފެނުން ފޯކޮށްލުމަށްފަހު މޫނުގައި ހާކައި ރަނގަޅަށް މަސާޖުކޮށް ކޮށްލާށެވެ. 2 މިނެޓުވަންދެން މިގޮތަށް ބެހެއްޓުމަށްފަހު މޫނު ސާފުކުރުމަށް އެހެން ކަފަކޮޅަކުން ހާކައި ސާފުކޮށްލާށެވެ. އޭރުން ހަންގަނޑުގައި ހުންނަ މަރުވެފައި ހުންނަ ހަމުގެ ފަށަލަ ސާފުވެ ހަންގަނޑުގައި ހުންނަ ހަޑިތައްވެސް ސާފުވެ ހަންގަނޑަށް ފިނިކަން ގެނުވައިދޭނެއެވެ.

5. އައިސް ކިއުބް؛



އައިސް ކިއުބަކީވެސް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ހަންގަނޑު ފިނކޮށްދިނުމުގެ އިތުރުން އައިސްކިއުބު ހޭކުމުން ހަންގަނޑަށް ރީތި އަލިކަމެއްވެސް ގެނުވައިދެއެވެ. އެހެންކަމުން އައިސްކިއުބުން މޫނު މަސާޖު ކުރުމަށް 'ސާކިއުލާ މޯޝަން' އަކުން މޫނުގައި ޖައްސައި މަސާޖުކުރަމުން ގެންދާށެވެ. މިގޮތަށް 3 މިނެޓުހާއިރު މަސާޖު ކުރުމަށްފަހު ފޮތިކޮޅަކުން މޫނު ފޮހެލާށެވެ. ބޭނުން ނަމަ އައިސް ކިއުބު ކުރުމުގައި އޭގެ ތެރެއަށް ޓޮމާޓޯ ނުވަތަ ކިއުކަމްބާފަދަ އެއްޗެއް އެޅިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން