ހެނދުނުގެ ނާސްތާއަކީ ހަށިގަނޑަށް އެންމެ މުހިންމު ކެއުމެވެ. އެއީ ދުވަހުގެ މަސައްކަތަށް މީހާ ތައްޔާރުކޮށް ހަކަތަ ލިއްބައިދޭ މުހިންމު ކެއުމެއްވެސް މެއެވެ. އެހެންނަމަވެސް، މިމުހިންމު ވަގުތުގައި ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމަށް ކާ ކެއުމަކީ އެވަގުތަށް އެންމެ ބޭނުންތެރި ކެއުމެއްތޯ ބެލުމަކީ މުހިންމުކަމެކެވެ.

ކެއުމުގައި ހިމެނޭ ބައެއް ބާވަތްތަކަކީ އެހެން ވަގުތުތަކުގައި ކެއުން ރަނގަޅު ތަކެތި ކަމުގައިވިޔަސް ހެނދުނުގެ ވަގުތުގައި ނުވަތަ ހާބަނޑާހުރެ ކުއުމުން ގެއްލުން ލިބިދޭ ބާވަތްތަކެވެ.

ހައިބަނޑާހުރެ ކެއުމުގައި ބޭނުންނުކުރަންވީ ބާވަތްތައް:

1. ލުނބޯ ފެނާއި މާމުއި؛

ލުނބޯ ފެނަށް މާމުއި އަޅައިގެން ތައްޔާރުކުރާ ބުއިމަކީ ހެނދުނު ގަޑީގެ ނާސްތާގެ ތެރޭގައި ބައެއް މީހުން ހިމަނާ ބާވަތެކެވެ. އަދި މިއީ ބަރުދަން ލުއިކުރުމަށްޓަކައި ބޭނުން ކުރެވޭ އެއްޗެކެވެ. އެހެންނަމަވެސް ޑައިޓިޝަނުން ބުނާގޮތުގައި މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ މާމުއިއަކީ ހަކުރަށްވުރެ ގިނައިން ކެލޮރީ އެކުލެވޭ އަދި ގްލައިސީމިކް އިންޑެކްސް މަތި އެއްޗެކެވެ. ވަކިން ޚާއްސަކޮށް އިތުރު ކެމިކަލްތަކަކާއި އެޑިޓިވްސް ނުހިމެނޭ ޤުދުރަތީ މާމުއި ބާޒާރުގައި ލިބުމަކީ ނާދިރު ކަމަކަށްވުމުން އާއްމުކޮށް ލިބެން ހުންނަނީ ހަކުރާއި ރައިސް ސިރަޕުން ތައްޔާރުކޮށްފައިވާ މާމުއެވެ. މީގެ ސަބަބުން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު އިތުރުވެ އަދި ދުވަހުގެ އެކި ވަގުތުގައި މާބޮޑަށް ކާހިތް ކުރުވައެވެ. އެހެން ނަމަވެސް، އެއްވެސް އެހެން ބާވަތެެއް ނުހިމެނޭ ރޯމާމުއި ބޭނުންކުރުމަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި ކަމެއް ކަމުގައި ޑިޓީޝަނުން އިއްތިފާޤުވެއެވެ.

2. ސައި/ކޮފީ؛

ސައި، ކޮފީ އަދި ކެފެއިން ހިމެނޭ އެހެން ބާވަތްތަކަކީ ހާބަނޑާ ހުރެ ބުއިން ރަނގަޅު ބާވަތްތަކެއް ނޫނެވެ. ސަބަބަކީ ނިދިން ހޭލެވުމަށްފަހު ހަށިގަނޑުގައި ސްޓްރެސް ހޯމޯންއެއް ކަމުގައިވާ ކޯޓިސޯލް ލެވެލް މަތިކޮށް ހުންނަ އިރު އޭގެ މައްޗަށް ކެފެއިން ބޭނުން ކުރުމަކީ ސްޓްރެސް ލެވެލް އިތުރުވެގެން ހިނގައިދާނެ ކަމަކަށްވާތީއެވެ. ކެފެއިން އަކީ ސްޓްރެސް ހޯމޯން އިތުރުކޮށްލާ އެއްޗަކަށް ވުމުން ނިއުޓްރިޝަނިސްޓުން އިރުޝާދުދެއްވަނީ ތެދުވުމަށްފަހު ގަޑިއެއް ނުވަތަ ދެގަޑިއިރު ފަހުން ކެފެއިން ހިމެނޭ ބުއިންތައް ބޭނުން ކުރުމަށެވެ. އަދި ހެނދުނު ހާބަނޑާއިހުރެ ކޮފީ އަދި ސައި ބުއިމުން ގޭސްޓްރިކްވެ ފާހާނާ ކުރުމަށް އުނދަގޫވެދާނެއެވެ.

3. މޭވާގެ ބާވަތްތައް؛

މޭވާއަކީ ކެއުމުގައި ހިމެނޭ އެހެން ބާވަތްތަކަށްވުރެ ލުއި ބާވަތެކެވެ. އަދި މިއީ އަވަހަށް ހަޖަމުވާ ބާވަތަކަށްވުމުން މޭވާ ކެއުމަށްފަހު މާގިނައިރެއް ނުވެ ބަނޑުހައިވެއެވެ. އަދި ބައެއް ކަހަލަ މޭވާއަކީ ހާބަނޑާއިހުރެ ކެއުމުން ގޭސްޓްރިކަށް މަގުފަހި ކުރުވާ ބާވަތްތަކެކެވެ.

4. ފޮނި ނާސްތާތައް؛

ނިއުޓްރިޝަނިސްޓުން ވިދާޅުވާގޮތުގައި ހެނދުނުގެ ނާސްތާ ކުރަންވާނީ ފޮނި އެއްޗެހީގެ ބަދަލުގައި ލޮނު އަޅައިގެން ތައްޔާރުކުރެވޭ ބާވަތްތަކެވެ. ސަބަބަކީ ފޮނި ބާވަތްތަކުން ހަށިގަނޑުގެ ބްލަޑް ޝުގަރ ނުވަތަ ހަކުރުގެ މިންވަރު އިތުރުކޮށްދޭތީ އެވެ. ހެނދުގެ ނާސްތާގައި ޕްރޮޓީންއާއި ފެޓް ހިމެނޭ ބާވަތްތައް ހިމެނުމުން ދުވަހުގެ ބާކީ އޮތްބައިގައި މެންދުރުގެ ކެއުމާއި ހަމައަށް ހަކަތަ ލިއްބައިދީ ވަރުބަލިވެ ބަނޑުހައިވުމުން ދުރުކޮށްދޭނެއެވެ. ފޮނި ކާތަކެއްޗަކީ ކާބްސް ލިބުމަށް ހަށިގަނޑު ސިގްނަލް ކުރުވައި މާގިނައިން ކެއުމަށް 'ކްރޭވް' ކުރުވާ ކަމެކެވެ.



ޑައިޓީޝަނުން ވިދާޅުވަނީ ހެނދުނުގެ ނާސްތާގައި ބަދަނާއި އެކިކަހަލަ 'ނަޓްސް' ހިމެނުމަކީ މުހިންމު ކެމެއް ކަމުގައެވެ. އަދި ޕްރޮޓީން ހިމެނޭ ނާސްތާއެއް ބޭނުންކުރުމާއި ހަކުރު ބޭނުން ކުރެވޭ މިންވަރު މަދުކޮށްލުމަކީވެސް ނުހަނު ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން