މަރިޔަމް ލަމްޙާ ރަޝީދު   7 ޖޫން 2023 - 14:58
ލެމަން ކިއުކަމްބާ
ލެމަން ކިއުކަމްބާ
ލެމަން ކިއުކަމްބާއަކީ ވަށްކޮށް ހުންނަ ރީނދޫކުލައިގެ ކިއުކަމްބާގެ ބާވަތެކެވެ. ކިއުކަމްބާ އާއިލާގެ އެހެން ބާވަތްތަކާއި ޚިލާފަށް ލެމަން ކިއުކަމްބާގެ ބޭރުފަށަލަ މަޑުވެފައި އެތެރެ ހުންނާނީ އާފަލާއި އެއްގޮތް ކަހަލަ ޓެކްސްޗައެއްގައެވެ.

އާއްމުގޮތެއްގައި މިވައްތަރުގެ ކިއުކަމްބާއަކީ މަޑު ފޮނި ރަހައެއް އެކުލެވޭ ބާވަތެކެވެ. މިއީ އެކި ކަހަލަ ސެލަޑާއި ކާނާގެ ބާވަތްތައް ތައްޔާރުކޮށްލެވޭ އަދި ހުހާވެސް ކާލެވޭ ތަރުކާރީގެ ބާވަތެކެވެ.

* ޞިއްޙީ ފައިދާތައް:

ލެމަން ކިއުކަމްބާއަކީ ހަށިގަނޑު ހައިޓްރޭޓްކޮށްދީ އަދި ގިނަ އަދަދެއްގެ ވިޓަމިންނާއި މިނަރަލް ހަށިގަނޑަށް ވާސިލްކޮށްދޭ ބާވަތެކެވެ. މިގޮތުން މިތަރުކާރީގައި ހިމެނޭ ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ މާއްދާއެކެވެ. އަދި މިވައްތަރުގެ ކިއުކަމްބާއިން ގިނަ އަދަދަކަށް ލިއްބައިދޭ ވިޓަމިން ކޭ ގެ ސަބަބުން ކަށިތައް ވަރުގަދަކޮށްދެއެވެ. އަދި ޕޮޓޭސިއަމްގެ ސަބަބުން ހަށިގަނޑުގެ މުހިންމު މަސައްކަތްތައް ކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ލެމަން ކިއުކަމްބާގައި ހިމެނޭ ފައިބާއަކީ ބަނޑު ހަރުވުމުން ސަލާމަތްކޮށްދީ ހަޖަމު ކުރުމުގެ ނިޒާމް ރެގިއުލޭޓްކޮށްދޭ އެއްޗެކެވެ. އަދި ހަށިގަނޑުގައި އުފެދޭ ކެންސަރަށް މަގުފަހި ކުރުވާ ފްރީ ރެޑިކަލްތައް ނައްތާލުމަށް ބޭނުންވާ އެންޓި އޮކްސިޑެންޓުވެސް ލެމަން ކިއުކަމްބާގައި ހިމެނެއެވެ.



ކެއުމުގައި ލެމަން ކިއުކަމްބާ ބޭނުން ކުރެވިދާނެ ގޮތްތައް:



- ސެލެޑް ތައްޔާރުކުރުމަށް؛

ރޯކޮށް ފޮތިކޮށްފައި ހުންނަ ފްރެޝް ލެމަން ކިއުކަމްބާ ސެލެޑްތަކުގައި މުރަނަކޮށް ހަފާލާނެ ބާވަތެއްގެ ގޮތުގައި އެއްކުރެވިދާނެއެވެ. މިއީ ފަތް ގިނައިން ހުންނަ ސެލެޑްތަކާއި އެހެނިހެން މިކްސްޑް ސެލެޑްތަކުގައިވެސް ބޭނުންކުރެވިދާނެ ރަހަމީރު އަދި ފައިދާ ހުރި ބާވަތެކެވެ.

- ޑިޕް ކުރުމަށް؛

ޞިއްހަތަށް ސަމާލުކަން ދެއްވާ ފަރާތްތަކަށް ފިލްމް ބަލާ ގަޑީގައި ހަށިގަނޑަށް ގެއްލުންހުރި ލުއިކާނާގެ ބާވަތްތަކުގެ ބަދަލުގައި މިކަހަލަ ކިއުކަމްވާ ފޮތިކޮށްގެން އެންމެ ކަމުދާ ޑިޕިންގ ކްރީމްއެއް ތައްޔާރުކޮށްލައި އެއާއި ޖައްސައިގެން ކެވިދާނެއެވެ.

- ރާހުތަށް އެޅުން/ޕިކްލް ކުރުން؛

މަޑު އަދި ސައިޒުން ކުޑަކޮށް ހުންނަ މިބާވަތަކީ ރާހުތަށް އެޅުމަށް ވަރަށް ރަނގަޅު ބާވަތެކެވެ. ލޮނާއި ވިނެގާ ހަކުރު އަދި ބޭނުންވާ ވައްތަރެއްގެ ސްޕައިސް އެއްކޮށްލައި ރާހުތު ކިއުކަމްވާ ތައްޔާރުކޮށްލެވިދާނެއެވެ.

- ތަވަލުގައި ހަނާކޮށްގެން؛

ތަރުކާރީގެ އެހެން ބާވަތްތައް އަޅައިގެން ލެމަން ކިއުކަމްބާއިން ތަވަލުގައި ކުޑަކޮށް ހަނާކޮށްލައިގެން ހިކިކޮށް ހުންނަ ކެއުމުއް ތައްޔާރުކޮށްލެވޭނެއެވެ.

- ޖޫސް ގޮތުގައި؛

ލެމަން ކިއުކަމްބާއިން ޖޫސް ގިރައިގެން މީރު ބުއިމެއް ތައްޔާރުކޮށްލެވިދާނެއެވެ. މީގެ އިތުރުން ބޯފެނަށް ކިއުކަމްބާ ފޮތި އަޅައިގެންވެސް ބޭނުންކުރެވިދާނެއެވެ.



ކިއުކަމްބާ ބޭނުންކުރާއިރުވެސް ރީއްޗަށް ފެނުން ދޮވެލުމަށް ހަނދުމަފުޅު ބަހައްޓަވާށެވެ. މިނޫނަސް ބޭނުން ވައްތަރެއްގެ ކެއުމެއް ތައްޔާރުކުރުމުގައި ލެމަން ކިއުކަމްބާ ބޭނުންކޮށް ތަޖުރިބާކޮށްލާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން