މަރިޔަމް ލަމްޙާ ރަޝީދު   10 ޖޫން 2023 - 15:12
ކެއްކުމުގައި ދޫކޮށްނުލެވޭނެ އެއް ބާވަތަކީ ލޮނެވެ. ކުޅި އެއްޗެހި ތައްޔާރު ކުރުމުގައި ލޮނަކީ ކޮންމެހެންވެސް ބޭނުން ކުރަންޖެހޭ ބާވަތަކެވެ. އަދި ދިވެހިންގެ އާއްމުކެއުންތަކުގައި ލޮނާއި ނުލައި އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. އެހެންނަމަވެސް ބައެއް ފަހަރު މާގިނައިން ލޮނު ބޭނުން ކުރެވުމުން ހަށިގަނޑަށް ގެއްލުން ލިބެއެވެ. މާގިނައިން ލޮނު ބޭނުން ކުރެވޭނަމަ ލޭ މައްޗަށްލިއުމާއި ފަލަވުން ފަދަ ކަންކަން ދިމާވެއެވެ.

ލޮނު ގިނައިން ބޭނުންކުރެވޭ ކަން ދެނެގަންނާނީ ކިހިނެތް؟

ހަށިގަނޑުގައި ލޮނު ގިނަވެއްޖެނަމަ އެކަން އަނގައިދިނުމަށް ހަށިގަނޑުން ސިގުނަލްތަކެއް ދޭނެއެވެ. އިންޑިޔާގެ މަޝްހޫރު ނިއުޓްރިޝަނިސްޓް ލަވްނީތު ބަތުރާ އޭނާގެ ސޯޝަލްމީޑިއާ ޕޭޖުތަކުގައި ހަށިގަނޑުގައި ލޮނު ގިނަވުމުން ލިބޭ ގެއްލުމާއި ބެހޭގޮތުން ހިއްސާކޮށް، ލޮނު ގިނަވެއްޖެނަމަ ފެނިދާނެ އަލާމާތްތައް ހިއްސާކޮށްފައިވެއެވެ. ތިރީގައި މިވަނީ ހަށިގަނޑުގައި ލޮނު ގިނަވުމުގެ ބައެއް އަލާމާތްތަކެވެ.

1. ބަނޑު ފުއްޕުން؛

ބްލޯޓިން ނުވަތަ ބަނޑު ފުއްޕުމަކީ ބަނޑު ހަށިގަނޑުގައި ލޮނު ގިނަވުމުން ފެނުގެ މޮލެކިއުލް ބައިންޑްވެ ގިނައިރު ފެން ހަށިގަނޑުގައި ހުރެއެވެ. މީގެ ސަބަބުން މީހާ ދުޅަވެ ފަލަކަމަށް ދައްކައެވެ. އަދި ބަނޑު ފުއްޕައެވެ.

2. ލޭގެ ޕްރެޝަރު މަތިވުން؛

ލޭމައްޗަށް ދިއުމުގެ ގިނަ ސަބަބުތަކެއް ވެއެވެ. މީގެ ތެރެއިން އެއްކަމަކީ ހަށިގަނޑުގައި ލޮނު ނުވަތަ ސޯޑިއަމް ގިނަވުމެވެ. މާގިނައިން ހަށިގަނޑުގައި ސޯޑިއަމް ހުރުމުން ހަށިގަނޑަށް ބޭނުން ނުވާ ދިޔާއި ތަކެތި ހަށިގަނޑުން ބޭރު ކުރުމަށް ކިޑްނީއަށް ވަރަށް ޕްރެޝަރު ބޮޑުވެއެވެ. މިހެންވުމުން ލޭގެ ޕްރެޝަރ މައްޗަށް ދެއެވެ.

3. ކަރު ހިއްކުން؛

އެހެން ސަބަބުތަކަކާއި ނުލައި މާބޮޑަށް ކަރު ހިއްކާފައި ހުންނަނަމަ އެއީ މާގިނައިން ލޮނު ބޭނުން ކުރެވޭކަމުގެ އަލާމާތެކެވެ. މިހެން ދިމާވަނީ ހަށިގަނޑެ ސެލްތަކުގައި ހުންނަ ފެން ސޯޑިއަމްއަށް އެޓްރެކްޓްވެ ބައިންޑްވުމުން ވަރަށް ގަދައަށް ކަރު ހިއްކައެވެ.

4. ބަރުދަން އިތުރުވުން؛

ސޯޑިއަމްއާއި ބައިންޑްވެ ހަށިގަނޑުގައި ފެން ހަރުލުމުން ބަރުދަން އިތުރުވެއެވެ. މިއީ ފެޓްސް ގިނަވެގެން ދިމާވާ ކަމެއް ނޫނެވެ. މާގިނައިން ލޮނު ބޭނުން ކުރެވުމުން 'ވޯޓާ ރިޓެންޝަން' ގެ ސަބަބުން ދިމާވާ ކަމެކެވެ.

5. ނިދަން އުނދަގޫވުން؛

މާގިނައިން ލޮނު ބޭނުން ކުރެވޭނަމަ ނިންޖަށް އަސަރުކުރެއެވެ. މީގެ ތެރޭގައި ނިދި ހަމަ ނުކުރެވުމާއި ނިދާފައި އޮތްވާ ހޭލެވުމާއި ހެނދުނު ހޭލާއިރު މީހާ ވަރުބަލިވެފައި ހުރުން ހިމެނެއެވެ.

6. ވަރުބަލިވުން؛

ހަށިގަނޑުގައި ސޯޑިއަމް ގިނަވެއްޖެނަމަ ސެލްތަކުގައި ހުންނަ ފެންތައް ސޯޑިއަމްއާއި ބައިންޑްވާން ދަތުރުކުރުމާއި ލޮނުގެ މިންވަރު ހަށިގަނޑުން މަދުކުރުމަށް ފެނުގެ މޮލެކިއުލްތަކާއި އެއްވުމަށް ކުރާ މަސައްކަތުގެ ތެރެއިން މީހާ ވަރުބަލިވެ ހަކަތަ ނެތޭގޮތް މެދުވެރިވެއެވެ.

އެހެންކަމުން ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރަށް ސަމާލުކަން ދޭށެވެ. އެހެން ނޫންނަމަ ދިގުމުއްދަތެއްގައި ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ކުރިމަތި ވެދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން