ލޯކައިރި ކަޅުވުމުގެ މައްސަލައަށް ހައްލު ހޯދަން ކްރީމްތަކާއި 'ޑީ.އައި.ވައި." ހެކްތައް ބޭނުން ކުރަންތަ؟ ތިޔަ ކުރެވޭ ފަރުވާތަކުންވެސް ބޭނުންވާ ނަތީޖާ ނުނެރެވެނީ ކީއްވެކަން ދެނެގަންނަން ބޭނުންހެއްޔެވެ؟

މިލިޔުމުގައި ހިމަނާލާފައިއެވަނީ ލޯކައިރި ކަޅުވުން ރަނގަޅު ކުރުމަށް އުނދަގޫވާ 5 ސަބަބެވެ.

1. ރަނގަޅަށް ނިދި ހަމަނުކުރުން

ހަށިގަނޑަށް ބޭނުންވާ އަރާމު ލިބުމަށް ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. މާމަދުންނިދާނަމަ ހަންގަނޑު ފުސްވެ ތުނިވާގޮތް ދިމާވެއެވެ. މީގެ ސަބަބުން ލޯކައިރި ކަޅުވެއެވެ. އަބަދުހެން 7 ގަޑިއިރަށްވުރެ މަދުން ނިދާނަމަ ލޯކައިރީގައި ފިލުވާލަން އުނދަގޫހެން ލޯވަށައިގެން ކަޅުވެއެވެ. އެހެންކަމުން މިކަމަށް ހައްލު ހޯދުމަށް ތިޔަ ކުރާ މަސައްކަތުގައި ނިދި ހަމަކުރެވޭތޯ ބަލަންވާނެއެވެ.

2. ފެން މަދުވުން

ހަށިގަނޑުގައި ފެން މަދުވުމަކީ ނުވަތަ ޑީހައިޑްރޭޓްވުމަކީ ލޯކައިރި ކަޅުވުމަށް މެދުވެރިކުރުވާ އެންމެ ބޮޑު އެއްސަބަބެވެ. ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ފެން ނުލިބޭނަމަ ލޯކައިރި ހިކި ލޯއަޑިއަށް ވަދެފަ ހުންނަހެން ހީވާގޮތަކަށް ލޯކައިރި ކަޅުވެއެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 8 ތަށިފެން ބުއިމަށް ސަމާލުކަން ދޭށެވެ.

3. އުމުރުން ދުވަސްވުން

އުމުރުން ދުވަސްވާވަރަކަށް ހަންގަނޑު ތުނިވާން ފަށައެވެ. އެއީ ކޮލަޖިން މަދުވުމުން ދިމާވާކަމެކެވެ. މިހެން ދިމާވުމުން ލޯކައިރީގައި ހުންނަ ހަންވެސް ތުނިވެ ކަޅުވާން މެދުވެރިވެއެވެ. އެހެންކަމުން ރެޓިނޯލްއާއި ވޓަމިން ސީ އަދި ޕެޕްޓައިޑްސް ފަދަ ކޮލަޖިން އިތުރުކޮށްދޭ މާއްދާތައް އެކުލެވޭ ޕްރޮޑަކްޓްސް ބޭނުންކުރުމުން ކަޅުކަން ކުޑަކުރެވިދާނެއެވެ.

4. ޖެނެޓިކްސް

ޖެނެޓިކްސް ނުވަތަ އާއިލާގައި މިކަން ދިމާވާ މީހުން ތިބިނަމަ މިކަމަށް ހައްލު ހޯދަން އުނދަގޫވެދާނެއެވެ. ސަބަބަކީ މިއީ ހަށިގަނޑު އުފެދިފައިވާ ގޮތުން އާއިލާގެ ތެރެއިން ލިބިފައިވާ ކަމަކަށްވާތީއެވެ. އެހެންނަމަވެސް ލައިފްސްޓައިލް ބަދަލުކޮށް ރަނގަޅަށް ނިދުމާއި ފެންބުއިން ފަދަ ކަންކަން ރަނގަޅުކޮށްގެން ލޯކައިރީގައި ހުންނަ ކަޅުކަން ކުޑަކުރެވިދާނެއެވެ.

5. މާގިނައިން އަވީގައި އުޅުން

އައްވަކީ ހަންގަނޑަށް ގެއްލުންދޭ ހަންގަނޑުގެ އެންމެ ބޮޑު ހަތުރެވެ. މާގިނައިން އަވީގައި އުޅުމުން ހަށިގަނޑުގައި މެލަނިން ކިޔާ ހަންގަނޑު ކަޅުވުމަށް މެދުވެރިކުރުވާ މާއްދާ ގިނައިން އުފައްދައެވެ. އެހެންކަމުން އިތުރުވާ މެލަނިންގެ ސަބަބުން ލޯކައިރި ކަޅުވާގޮތް ދިމާވެއެވެ. ސަން ލޯޝަނާއި އަވިއައިނު އަދި ތޮފިފަދަ އެއްޗެހި އައްވަށް ނުކުމެ އުޅޭއިރު ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން