'ސެލްފް ކެއަރ' ނުވަތަ އަމިއްލަ ހަށިގަނޑަށް ސަމާލުކަންދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. މޫނާއި ހަށިގަނޑުގެ ހަމުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް އާދަވެގެން ކުރާ ކަންތައްތަކެއް ހުންނަންވާނެއެވެ. މިއީ އަގަށް ބަލައިގެންދޫކޮށްލަންވާނެ ކަންކަމެއް ނޫނެވެ. ހަށިގަނޑާއި މޫނު ސާފުކޮށް އަދި ރީތިކޮށް ހުރުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ މީހުން ކުރިމަތީގައި ތިމާގެ ޤަދަރާއި އިހްތިރާމްވެސް ލިބޭނެ ކަމެކެވެ.



އާދަވެގެން މިގޮތަށް ސްކިން ކެއަރ ރޫޓިންއެއް ގެންގުޅުމުގައިވެސް ވަކި ތަރުތީބެއް ގެންގުޅެންވާނެއެވެ. ރަނގަޅު ތަރުތީބުން ކަން ނުކުރެވިއްޖެނަމަ ހަންގަނޑަށް ލިބިދާނެ ގެއްލުމަށްޓަކައި ސްކިން ކެއަރގެ 'ބޭސިކްސް' އެނގުން މުހިންމެވެ. ތިރީގައިމިވަނީ މޫނުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު ގެންގުޅެންޖެހޭ އާދަތަކުގެ ލިސްޓެކެވެ.

1. ކްލެންޒަރ

ކްލެންޒިންއަކީ މޫނު ދޮވުމެވެ. އަދި މިއީ ސްކިން ކެއަރ ރޫޓިންގެ ތެރޭގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ. މީގެ ސަބަބުން މޫނުގައި ހުންނަ ތެޔޮކަމާއި ހަންގަނޑުގައި ތަތްލަވާ ޕޮލިއުޝަންގެ ޕާޓިކަލްތަކާއި އެހެންވެސް ޖަރާސީމާއި ހަޑިއެއްޗެހި ސާފުކޮށްދޭނެއެވެ. ތިމާގެ މޫނާއި ގުޅޭ ކްލެންޒައެއް ހޯދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މޫނު މާބޮޑަށް ތެޔޮވާ މީހުން ޒިންކް ޕީ.ސީ.އޭ އެކުލެވޭ ކްލެންޒަރއެއް ހޯދަމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ސީބަމް ނުވަތަ ތެޔޮ މާގިނައިން އުފެދުމުން ދުރުކޮށްދޭ މާއްދާއެކެވެ.

2. ޓޯނަރ

ޓޯނަރ އަކީ ހަމުގެ ޕީ.އެޗް ލެވަލް ބެލެންސްކޮށްދޭ އެއްޗެކެވެ. އަދި މޫނު ދޮވުމަށްފަހުވެސް މޫނުގައި އުނދަގުލުން ސާފުވާފަދަ ހަޑިއެއްޗެހި ޓޯނާ ބޭނުން ކުރުމުން ސާފުވާނެއެވެ. އަދި މިއީ މޫނުގައި ހުންނަ 'ޕޯރސް' ތައް ބެދި މޫނުގައި ބިހިނެގުމާއި އިންގްރޯން ހެއަރއިންވެސް ރައްކާތެރިކޮށްދޭނެ ކެމެކެވެ. ޓޯނާއެއް ޚިޔާރުކުރުމުގައި ފަތްޕިލާވެލީގެ ބާވަތްތައް ހިމެނޭ ޓޯނާއެއް ޚިޔާރު ކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން އެލޮވީރާއާއި ސީވީޑް ފަދަ ބާވަތްތައް ހިމެނޭ ޓޯނާއަކި ގިނަ ފައިދާތަކެއް ލިއްބައިދޭނެ އެއްޗެކެވެ.

3. އައި ކްރީމް

ލޮލުގެ ވަށައިގެންވާ ތަނަކީ ވަރަށް ނާޒުކު ހަމެއް އެކުލެވޭ ސަރަހައްދެކެވެ. އެހެންކަމުން މިތަނުގައި ލޮލަށް ޚާއްސަ ކްރީމްއެއް ބޭނުންކުރުމަކީ ވަރަށް މުހިންމު ކެމެކެވެ. މީގެ ސަބަބުން ލޯކައިރި ހައިޓްރޭޓްވެ ލޯކައިރި ކަޅުވުމުންނާއި ރޫޖެހުމުން ރައްކާތެރިކޮށްދޭނެއެވެ. އައި ކްރީމްއެއް ގަންނަ އިރު ލުމްސްކިން އާއި ހައިލޮރޯނކް އެސިޑް އެކުލެވޭ އައިކްރީމްއެއް ޚިޔާރު ކުރައްވާށެވެ. މިއީ ލޯކައިރީގައި ހުންނަންޖެހޭ ތެތްކަން ދަމަހައްޓައި ދިނުމަށް މުހިންމު މާއްދާއެކެވެ.

4. މޮއިސްޗުރައިޒާ

ލޯކައިރީގައި ކްރީމް ހޭކުމަށްފަހު ދެން މޫނު މޮއިސްޗުރައިޒް ކުރުމަށް ސަމާލުކަން ދޭށެވެ. މޮއިސްޗުރައިޒް ކުރުމަކީ ހަންގަނޑު ހައިޑްރޭޓްކޮށް ތާޒާކޮށްދޭނެ ކަމެކެވެ. އަދި މިއި ހަންގަނޑު ކުރަކި ވުމުންނާއި މޫނުގައި ބިހިނެގުމުންވެސް ސަލާމަތްކޮށްދޭނެ ކަމެކެވެ. މޮއިސްޗުރައިޒާއެއް ގަތުމުގައި ސެރަމައިޑްސް އަދި ހައިލަރޯނިކް އެސިޑް ހިމެނޭ މޮއިސްޗުރައިޒާއެއް ޚިޔާރު ކުރާށެވެ. މިއީ ގިނަވަގުތު ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށާއި ހަންގަނޑުގައި ރޫޖެހި އަވަހަށް މުސްކުޅިކަމަށް ދެއްކުމުން ރައްކާތެރިކޮށްދޭނެ މާއްދާތަކެކެވެ.

5. ސަން ސްކްރީން

ހަންގަނޑު ޒުވާންކަންމަތީ ދެމެހެއްޓުމަށް ސަން ސްކްރީންއަކީ އެންމެ މުހިންމު އެކައްޗެވެ. މޮއިސްޗަރައިޒް ކުރުމަށްފަހު މޫނުގައި ސަން ސްކްރީން ރަނގަޅަށް ހާކަންވާނެއެވެ. މިއީ ހަންގަނޑު އެނދުމުންނާއި ތެޔޮ ވުމުން އަދި ހަންގަނޑުގައި ރޫޖެހުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އެންމެ ރަނގަޅީ ޖެލް ބޭސްޑް އެސް.ޕި.އެފް 50 އަދި ޕީ.އޭ +++ ނުވަތަ އެއަށް ވުރެ މަތިކޮށް ހުންނަ ސަން ސްކްރީންއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން