ޞާދިރު ޢަލީދީދީ   7 ޖުލައި 2020 - 19:1
ސަރާ
ސަރާ
އެޕިސޯޑް 18

...............

[ޢިމްރާން މަންމާ...] ފަހީމާގެ ވިހަ ޖުމްލަތަކުން ސަރާގެ ހިތް ހީވީ ތޮރުފާލިހެންނެވެ. އިސާހިތު ސަރާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގެންފިއެވެ.

[އާދޭސް ކުރަން. ކީއްވެތަ އަހަންނާ ދޭތެރޭ ތިޔަގޮތަށް ކަންތައް ތިކުރަނީ...އަހަރެންގެ މަންމަޔާ ދިމާއަށް އެއްޗެހި ނުކިޔާ. ކިޔާއެއްޗެއް އަހަންނާ ދިމާޔަށް ކިޔަސް ހެޔޮ....] ސަރާ ރޮމުން ގިސްލަމުން ކޮޓަރިއާ ދިމާއަށް ދުއްވައިގެންފިއެވެ. ފަހީމާ ވިހަގޮތަކަށް ހީނލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

[އަބަދު ހިތްދަތިކޮށްފަ ބެހެއްޓީމާ ކެތްނުވެގެން ހިނގައިދާނެ. އަހަރެން އަދި އެބަ ވިސްނަން، ޢިމްރާން އޭނަ އެއްކޮށް ދޫކޮށްލާވަރުގެ އެތިފަހަރެއް ރާވަން.] ސަރާ އެވަރަށް ރުއީމާވެސް ފަހީމާގެ ހިތަށް ކުޑަކޮށްވެސް ރަޙުމެއް ނުވަނެވެ. ހީވާކަހަލައެވެ. ރަޙުމާއި ހަމްދަރުދީއަކީ އޭނާގެ ކިބައިގައި ނުވާ ކަމެކެވެ.

އެހެން ނޫންނަމަ ކުށެއްނެތް އަންހެން ކުއްޖަކާ ދޭތެރޭ އޭނާ އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. ހިތަށްއަރައެވެ. މަލަކާގެ ފަތިފުށް އެނގޭ ދުވަހަކުން މަލަކާއާ ދޭތެރޭ އޭނަ ކަންތައް ކުރާނީ ކިހިނެއްބާއެވެ؟ ގައިމެވެ. އެކަން އޭނަޔަށް ހަޖަމުކުރާކަށް ފަސޭހައެއް ނުވާނެއެވެ.

މަލަކާ މިހާރު ވިސްނަމުންދަނީ ރައްޒާޤާއި ޝީކާގެ ގުޅުމަށް ހުރަސްއަޅާނޭ ގޮތަކާ ދޭތެރޭގައެވެ. އެގުޅުން ކެނޑިއްޖިއްޔާ މަލަކާއަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބޭނެއެވެ.

[މަންމާ...އަހަންނަކަށް ހިއެއްނުވޭ ރައްޒާޤަކީ ޝީކާގެ ޙަޔާތަށް އެންމެ ރަނގަޅު މީހާ ހެންނެއް. އިއްޔެގައި މީހަކު އަހަރެން ގާތު ބުނި އެއީ ވަރަށް ވިޔާނުދާ މީހެކޯ. މަލަކާ ވަރަށް ވިސްނާފައި ބުންޏެވެ.

[ފިސާރި ތެދެއް؟ ތިޔަހެއްވީއިރު ޝީކާއަށް ތިކަން ވިޔަކަނުދޭނަން.] ފަހީމާ ހިތަށްއެރިއެވެ. އިތުރަށް އެކަމާބެހޭ މަޢްލޫމާތު ހޯދާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ރަން ދަރިފުޅު ދައްކާ ކޮންމެ ވާހަކައެއްވެސް އޭނާއަށް ގަބޫލުކުރެވެއެވެ. އިތުރަށް އެވާހަކައިގެ ތެދު ދޮގު ބަލާކަށް އޭނާ ބޭނުމެއް ނޫނެވެ.

[މަންމާ، އެކަމަކު ޝީކާ ގާތު އަހަރެން ބުންޏޭ ނުބުނައްޗޭ.] މިހެން ބުނެފައި މަލަކާ ކާމިޔާބު ހިނިތުންވުމަކާއެކު ގޮސް ކޮޓަރިއަށް ވަނެވެ.

ޑަބްލިޔޫ.އާރު. ކޮމްޕެނީގެ އަހަރީ ބައްދަލުވުމަށްޓަކައި އެވިޔަފާރީގައި ޙަރަކާތްތެރިވަމުންދާ ހުރިހާ މުވައްޒަފުންނާއި މެނޭޖިންގ ޑިރެކްޓަރުން އެކުންފުނިން ހިންގާ އެއް ރިސޯޓް ކަމުގައިވާ ޑަބްލިޔޫ.އާރު ރިސޯޓް އެންޑް ސްޕާއަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދަނީއެވެ. އެއީ ކޮންމެ އަހަރަކުވެސް އެއްފަހަރު އެކުންފުނިން ހިންގާ ބައްދަލުވުމެކެވެ. ޢާންމުކޮށް މިފަދަ ބައްދަލުވުންތަކުގައި ނިންމާ ކަންތައްތަކުގެ ތެރޭގައި، އެއަހަރަކު ކުންފުންޏަށް ވެފައިވާ ފައިދާގެ ފަސް ޕަސެންޓް ކުންފުނީގެ ހީވާގި މުވައްޒަފުންނަށް ބެހުން ހިމެނޭތީ، އެދުވަސް އަންނަންދެން ވަރަށްގިނަ މުވައްޒަފުން އިންތިޒާރު ކުރެއެވެ.

އެއީ އެކުންފުނީގެ މުވައްޒަފުންނަށް އަންނަ ޢީދެއްކަހަލަ ދުވަހެކެވެ.

ޢާންމުކޮށް އެފަދަ ދުވަހެއްގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށްވެސް ސައްވީސްހާހަށްވުރެން މަދުނޫން ޢަދަދަކަށް ފައިސާ ލިބެއެވެ. އެއީ ކޮންމެ ފެންވަރެއްގެ ވަޒީފާގައި ހުއްޓަސްވެހެވެ.

މިހާރު ޢިމްރާންވެސް އެނުކުންނަނީ އެބައްދަލުވުމަށް ދިޔުމަށެވެ.

[ސަރާ އަހަރެން މިދަނީ...ޝީކާ ގާތު ބުނެގެން ހަމަޖައްސާލާތި...މިހާރު ލޯންޗް އަހަންނަށް އިންތިޒާރު ކުރާނެ.] ޢިމްރާން ސަރާގެ ކޯތާފަތުގައި ނިކަން ލޯބިން އަތް ކާއްތާލިއެވެ. ސަރާ އެންމެ ރަނގަޅޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ.

[ޢިމްރާން..މަލަކާވެސްދޭތަ؟] އިސްޖަހާލައިގެން ހުރެމެ ސަރާ އެއްސެވެ. ޢިމްރާން ނޫނެކޭ ބުނެފައި ހިނގައިގެންފިއެވެ.

އެވަގުތެވެ. މަލަކާއާއި ފަހީމާ ތިބީ މަލަކާގެ ކޮޓަރީގައި ޝީކާގެ ޙަޔާތަށް އަންނަން އުޅޭ ބައިވެރިޔާއާ ބެހޭގޮތުން މަޝްވަރާ ކުރާށެވެ.

[މަންމާ އަދި އެރައްޒާޤާބެހޭ އިތުރު މަޢްލޫމާތެއްވެސް މިހާރު އަހަންނަށް ލިބިއްޖެ...އެއީ މީހެއްގެ ފިރިއެއް...ހަތަރު ކުދިންގެ ބައްޕައެއް...އޭނަ އެއުޅެނީ ޝީކާއަށް އޮޅުވާލައިގެން. ހަމަ މިހާރުން ފެށިގެން އެގުޅުން މަނާކުރޭ މަންމާ...އެހެން ނޫނީ އެގުޅުން މާބޮޑަށް ބަދަހިވެ، ޝީކާގެ ޅަސިކުނޑިއަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް އޭނައަށް ހިތްޖެހިދާނެ. އެރައްޒާޤުގެ ޙަޤީޤަތް އެނގުނު ހިސާބުން ފެށިގެން އަހަރެން މިހުންނަނީ ވަރަށް ކަންބޮޑުވެފައި....] މަލަކާ އޭނައަށް އެނގޭ ހުރިހާ ޙަޤީޤަތެއްވެސް ހާމަކުރަމުން ދިޔައީ ރައްޒާޤު އެގެއަށް ވަދެ ނިކުމެވުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

[ހަމަތެދެއް؟ ހަމަ މިހާރުން މިހާރަށް މަންމަ ތިކަންތައް ހުއްޓުވާނަން.] ފަހީމާ އުޅުނީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅާށެވެ. ވަރަށް ރުޅިއައިސްފައި އޭނާ ތެދުވެއްޖެއެވެ.

[ތިޔަހޫނުގައި ނުގޮސް މަޑުކޮށްބަލަ މަންމާ، ޝީކާ ގާތު ތިވާހަކަ ދައްކަންވާނީ ތަންކޮޅެއް ހަމަޖެހިލައިގެން ހުރެ.] މަލަކާ ފަހީމާ ހުއްޓުވިއެވެ.

[އެކަމަކު ދަރިފުޅާ....ޝީކާވެސް އެވަރު ބަލަންވާނެއެއްނު. މަންމައަށް އެނގޭ މަންމަ ނުބުނާ ގޮތަކަށް ޝީކާ އެއްވެސް ކަމެއް ނުކުރާނެކަން. ވަރަށް ކިޔަމަންތެރިވާނެ އެމަންޖެ.] ފަހީމާ އަނެއްކާވެސް މަޑުޖެހިލިއެވެ.

[ޝީކާ ގޭގައި ނުވެސް އުޅެޔޭދޯ؟ އަނެއްކާ ތިޔަ މީހަކާއެކު ދިޔައީކީ ނޫންބާ؟] މިފަހަރު ފަހީމާ ކޮޓަރިން ނުކުމެއްޖެއެވެ.

[އެހެންހެން ހީވަނީ. ނަމަނަމަ އޭނަޔާއެކު ބޭރަށްދިޔަނުދޭތި. ބޮނޑިއެއް ލިބިދާނެ.] މަލަކާ ފަހީމާގެ ހިތަށް ބިރުވެރިކަން ވައްދާލިއެވެ.

[މިއަދަކީ އެގޮތަށް ދެވޭނެ ފަހުދުވަސް.] މިހެން ބުނެފައި ފަހީމާ ހިނގައިގަތީ ޝީކާގެ ކޮޓަރިއާ ދިމާއަށެވެ.

އެއީ ޝީކާ އައިސް ގެއަށް ވަންވަގުތެވެ.

[ޝީކާ އައިސްބަލަ ދައްތަ ގާތަށް...] ޝީކާ ފެނުމާއެކު ފަހީމާ މަޑުމަޑުން ބުންޏެވެ. ޝީކާ އައިސް ފަހީމާގެ ކުރިމައްޗަށް ހުއްޓުނެވެ.

[ޝީކާގެ މަންމަގެ މަގާމުގައި ހުރި މީހަކީ އަހަރެން. މިހެން ބުނާއިރުވެސް އެނގޭ ޝީކާ ދައްތައާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެކަންވެސް.] މިހެން ބުނެފައި ފަހީމާ ސޯފާގައި އިށީނެވެ. ޝީކާވެސް އިށީނދެއްޖެއެވެ.

[ކިހިނެއްތަވީ ދައްތާ. ދައްތަ ތިބުނަން އުޅޭ ވާހަކައެއް ސާފުކޮށް ބުނެބަލަ.] ޝީކާ ވަރަށް ހާސްވެ ކަންބޮޑުވެއްޖެއެވެ. ދައްތަ ހިތްހަމަނުޖެހޭފަދަ ގޮތަކަށް އޭނައަށް ކޮންމެވެސް އެއްކަމެއް ކުރެވިއްޖެއޭ އޭނާ ހިތަށް އަރައިފިއެވެ.

[އެންމެ ރަނގަޅު ބުނެބަލަ. ޝީކާ ރައްޒާޤު ދަންނަނީ ކިހާވަރަކަށް؟ ރައްޒާޤަކީ ކާކު؟ މިސުވާލުގެ ޖަވާބު މިހާރު ދައްތަ ބޭނުން. އެހެން ނޫނީ ދައްތަގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބޭނެ.] ފަހީމާ މައުޟޫއަށް ދިޔައެވެ. އެހިނދު އެއަޑު އިވޭހާ ހިސާބުގައި މަންޒަރު ބަލަން މަލަކާ ހުއްޓެވެ. ހިތްހަމަޖެހިފައެވެ.

[ވަރަށް ރަނގަޅަށް ދަންނަން. އެއީ ވަރަށް އޯގާތެރި ރަނގަޅު ބައިވެރިއެއް. މީގެއިތުރުން ތެދުވެރި ވަފާތެރިއަކަށްވުމީ އަހަރެން ކުރާ އުންމީދެއް.] ޝީކާގެ ސީރިއަސްކަން ގެއްލުނެވެ.

[ވަރަށް ރަނގަޅަށް ދަންނަމޭ! ކާކުތަ އޭނަޔާބެހޭ މަޢްލޫމާތު ޝީކާއަށް ދިނީ.] ފަހީމާ އެއްސެވެ.

[ރައްޒާޤު، އޭނަގެ މަޢްލޫމާތު އަހަންނަށް ކިޔާދިނީ.] ޝީކާ މިފަހަރުވެސް ސީރިއަސްއެއް ނޫނެވެ.

[އޭނައޭ ކިޔާދިނީ..އޭނަ މަޢްލޫމާތު ދިންއިރު ބުނިތަ އޭނައަކީ މީހެއްގެ ފިރިއެއްކަމާއި ހަތަރު ކުދިންގެ ބައްޕައެކޭ.] ފަހީމާގެ އެޖުމްލައިން ޝީކާއަށް ބޮޑު ސިހުމެއް ލިބި ދެލޯ ބޮޑުވިއެވެ.

[ނޫން...ނޫން..ދައްތާ...] ޝީކާއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެނެވެ. ފަހީމާ އެދައްކާ ވާހަކައަކީ އޭނައަށް ގަބޫލުކުރަން މާފަސޭހަ ވާހަކަތަކެއް ނޫނެވެ.

[ދައްތާ ކާކުތަ ބުނީ ރާޒަކީ މީހެއްގެ ފިރިއެކޭ. އޭނާ އަދި ދުވަހަކުވެސް ކައިވެންޏެއް ނުކުރޭ....] ޝީކާއަށް ގަބޫލުކުރަން ދަތިވިއެވެ.

[ދެން ތިވާހަކަ ހުއްޓާލާ. ރައްޒާޤާ ބެހޭގޮތުން ޝީކާއަށް އެކައްޗެއްވެސް ނޭނގެ. ދައްތަ މިދެއްކި ވާހަކަތައް ދައްތަ ޝީކާއަށް ޔަޤީންވާވަރަށް ސާބިތުކޮށްދޭނަން. މީގެފަހުން އޭނަ މިގެއަށް ނުވައްދާތި.] ފަހީމާ އިންޒާރު ދިނެވެ. ވަގުތުން ޝީކާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އިސާހިތު އޭނައަށް ރޮވިއްޖެވެސްމެއެވެ.

[އަހަރެން ކިހިނެއްތަ ގަބޫލުކުރާނީ...ދައްތަ ތިޔަހެން ބުނީތީ ޙަޤީޤަތް ހޯދަން އަހަރެންވެސް ބޭނުން. ހަމަ މިހާރު އަހަރެން ރާޒްގާތު އަހާނަން...] މިހެން ބުނެފައި ދެލޯ ފޮހެމުން ޝީކާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށްވަދެ އެތެރޭން ތަޅުލުމަށްފަހު އޭނާ ރައްޒާޤަށް ގުޅައިފިއެވެ.

[ލޯބީ ކިހިނެއްވީ؟] ރައްޒާޤުގެ އަޑު އިވުނެވެ. ޝީކާއަށް ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް ރޮވުނީއެވެ.

[ޝީކާ...ކީއްވެތަ ތިޔަރޮނީީ؟ ޑޮކްޓަރުން ތިޔަހާ ހިތްދެރަވާކަށް ނުވާނެ...ދެން ބުނެބަލަ ކީއްވެ ތިޔަރޮނީ.] ރައްޒާޤު ސީރިއަސްވިއެވެ.

[އަހަރެން ޑޮކްޓަރަކަށްވީތީ އަހަރެން ނުރޯނެ ކަމަށް ބަލާފަދޯ ރާޒް އަހަންނަށް އޮޅުވާލީ. ކީއްވެތަ ދުވަހަކުވެސް މީހަކާ ނީންނަމޭ އަހަރެން ގާތު ބުނީ؟] ޝީކާގެ އަޑު ބެދުނެވެ. ޙަޤީޤަތުގައި ޝީކާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[އައި އެމް ސޮރ...ޝީކާ، މިވަގުތު އަހަންނަކީ މީހެއްގެ ފިރިޔަކަސް، އަހަރެން ޝީކާއާ މެރީކުރާނީ...މިހާރުގެ އަނބިމީހާ ވަރިކޮށްފަ....] ރައްޒާޤު އަމިއްލައަށް އިޢްތިރާފްވިއެވެ. އޭނާ ހީކުރީ ޝީކާގެ ރުޅި ކޮންޓްރޯލް ކުރެވޭނޭ ކަމަށެވެ.

[ތީ އަހަރެން ހީކުރިކަހަލަ މީހެއް ނޫން...] ޝީކާ ރޮމުން ފޯން ބޭއްވިއެވެ.

އެއަށްފަހު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ޝީކާ ފޯނަށް ބަލައިލުމަށްފަހު ގުޅީ ރައްޒާޤުކަން އެނގުމާއެކު ފޯން އޮފްކޮށްލައިފިއެވެ. އެދުވަހުން ފެށިގެން ޝީކާ ބޭނުންވީ ޗުއްޓީ ކުރުކޮށް އަވަހަށް ފުރައިގެން ދިޔުމަށެވެ. އޭނާއަށް ރައްޒާޤަކީ ކާކުކަން ނޭނގި ރައްޒާޤު ދެކެ ލޯބިިވެވުނު ކަމުގައިވިޔަސް، ދެމަފިރިއެއްގެ ދެމެދަށް ވަދެ ތުއްތު ކުދިންތަކެއްގެ ޙައްޤަށް އަރައިގަންނާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާ ޖެހިގެން އައި ދުވަހު އެކަމާ ބެހޭގޮތުން ފަހީމާއާ މަޝްވަރާ ކުރިއެވެ.

[ދައްތާ އަހަރެން މިހާރު ބޭނުންވަނީ ޗުއްޓީ ކުރުކޮށްލާފަ އަވަހަށް އެކޮޅަށް ދާން. އެރައްޒާޤަކީ އަހަރެން ހީކުރިކަހަލަ މީހަކަށްނުވިތާ....] ޝީކާއާއި ފަހީމާ ވާހަކަ ދައްކަން ތިބީ އެގޭ ބޮޑުކޮޓަރީގައެވެ.

[ނޫނޭ އެއްގޮތަކަށްވެސް ޗުއްޓީ ކުރުކުރާނޭ ކަމެއް ނެތް. މިހާރުވެސް އޭނަ ގުޅާތަ. ނަޞީބެއްނު މަލަކާ އޭނަގެ މަޢްލޫމާތު ހޯދިކަން.] ފަހީމާ ބުންޏެވެ.

[އާން..މިއަދުވެސް ހަތަރުފަސްފަހަރު ގުޅި. އަހަރެން ފޯނެއް ނުނަގަން. އަޅެ މަލީ ފަހަރި ހާދަ ރަނގަޅޭ. ތޭންކްސް މަލީފަހަރި.] އެވަގުތު އެތަނަށް އައިސް ހުއްޓުނު މަލަކާއަށް ޝީކާ ޝުކުރު އަދާކުރިއެވެ.

މަލަކާ އައިސް ޝީކާގެ ގާތުގައި އިށީނެވެ.

[ފުރަތަމަ ފެނުމާއެކުވެސް އަހަންނަށް އޭނަޔާ ދޭތެރޭ ޝައްކުވި. އެހެންވެ ޝީކާއަށްވެސް ނާންގާ އަހަރެން އޭނަގެ މަޢްލޫމާތު ހޯދީ.] ޝީކާގެ ބޮލުގައި އަތް ކާއްތާލަމުން ހިތްހަމަޖެހިފައި ހުރެމެ މަލަކާ ބުންޏެވެ.

ޙަޤީޤަތުގައިވެސް މަލަކާ އެހުރީ މިހާރު ވަރަށް ހިތްހަމަޖެހިފައެވެ.

[ޢިމްރާނުބެ ނާދޭތަ އަދިވެސް....] ޝީކާ މަލަކާގެ އުނގުގައި އިން އިލާ އުރާލިއެވެ.

[މިރޭ އަންނާނީ...ކުޑައިރުކޮޅެއް ކުރިން އަހަރެން ގުޅިން. ބުނި މީޓިންގ މިހާރު ނިމިއްޖެއޭ. އެހެން ނަމަވެސް އާދެވޭނީ މިރޭގެ ވަގުތެއްގަޔޭ.] އެވަގުތު މަލަކާގެ މޯބައިލް ރިންގުވާން ފެށީމާ، އޭނާ ފޯނު ނަގަމުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

[ކާކުތީ؟] ނޭނގޭ ނަންބަރެއްވީމާ، ރައްޒާޤު ކަމަށް ޝައްކު ކުރާތީ މަލަކާ އެއްސެވެ.

[ކާކުހެން ހީވަނީ....ބުނަން ފޯނު ނުބާއްވާތި. ބާއްވައިފިއްޔާ ޢިމްރާނަށް ހުރިހާ ވާހަކައެއް ކިޔާދޭނަން.] ޝައްކެއް ނޫނެވެ. އެއީ ހަމަ އޭނާ ހީކުރިގޮތަށް ރައްޒާޤެވެ.

ފުރަތަމަވެސް ރައްޒާޤު އިންޒާރު ދިނީތީ މަލަކާއަކަށް ފޯނު ބާއްވާކަށް ނުކެރުނެވެ.

[ރައްޒާޤު ބަލަ ކިހިނެއް ވެގެންތަ ކަލޭ ތިޔައުޅެނީ....ކަލޭ ނިކަން ވިސްނަބަލަ. ޅަދަރިބަފަޔަކު ތިއުޅުނީ މަޢްޞޫމް އަންހެން ކުއްޖަކަށް އޮޅުވާލައިގެން އޭނާ ވާ ވައްދަންށޭ....] ރައްޒާޤުގެ ކިބައިގައިވާ ބާރާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލުމެއް ނެތި މަލަކާ ވާހަކަ ދެއްކިއެވެ.

[އަހަންނަށް ހިއެއްނުވޭ، މަލަކާގެ ވިސްނުން ރަނގަޅުހެނެއް. އެހެން ނޫންނަމަ، އަހަންނަށް ލިބިފައިވާ ބާރާ ދޭތެރޭ ވިސްނާނެ.] ރައްޒާޤު ބޭނުންވަނީ މަލަކާއަށް ބިރު ދައްކައިގެން އަނގަ ބަންދުކޮށްލާށެވެ.

[ކަލޭ ތިޔަ ބޮޑާވަނީ ކޮންބާރެއް އޮތަތީތަ؟ ތިޔަކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނުނު...ދެން ބާއްވަނީ...ބޭކާރު އަނގަ ތެޅުމުގެ ބޭނުމެއް ނެތް.] މަލަކާ އުޅުނީ ފޯނު ބާއްވާށެވެ.

[ނުބާއްވާތި...އެއްކަލަރޭ ކުލިނިކުން ހެދި ޕްރެގްނެންސީ ޓެސްޓްގެ ނަތީޖާ އޮތީ ކާކުގެ އަތުގައިކަން އެނގޭތަ؟ އަހަރެންގެ އަތުގައި. ދެންވެސް ބުނެބަލަ އަހަންނަށް ބާރެއްނެތްތަ؟] މަލަކާއަށް ވަރުގަދަ ޠޫފާނީ އިންޒާރެއް ދިނުމަށްފަހު ރައްޒާޤު ފޯން ކަނޑާލިއެވެ. އެހިނދު މަލަކާއަށް ހީވީ މުޅި ދުނިޔެވެސް އޭނާއާއެކު އެނބުރުނުހެންނެވެ.

މިހާރު އޭނާ ވަރަށް ބޮޑަށް ބިރުގެންފިއެވެ. އޭނާގެ ޙަޔާތުގައި އަނދިރިކަން ވެރިވަމުން އަންނަ ކަމުގެ އިޙްސާސް އޭނާއަށް ކުރެވެން ފަށައިފިއެވެ.

ކޮންމެ ގޮތެއްވިޔަސް އޭނައަށް ރައްޒާޤު މައިތިރި ނުކުރެވިއްޖެނަމަ، އިސާހިތު އޭނަގެ ޙަޔާތުގައި ނިމުމުގެ ސިއްކަ ޖެހޭނެއެވެ.

މިފަދަ ފިކުރާއި ޚިޔާލުގެ އޮއިވަރެއްގައި އެއްވެސް މިޞްރާބެއްނެތި ދަތުރުކޮށްކޮށް މަލަކާ އޮތީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.

އޭނާއަށް ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ ޝީކާ ކުޑަދަރިފުޅު އިލާ އުރައިގެން އައިސް ކޮޓަރިއަށް ވަނީމައެވެ.

[އަހަންނަށް ހީވަނީ މިމަންޖެ ނިދިއައިސްގެން އުޅޭހެން....އަވަހަށް ނިންދަވާލަބަލަ...އަހަރެން އަންނާނަން ސަރާ ފަހަރި ގާތަށްގޮސްލާފަ.] މަލަކާގެ އުނގުގައި ކުޑަކުޑަ އިލާ ބޭންދުމަށްފަހު ޝީކާ ކޮޓަރިން ނުކުތެވެ.

ދާދި ދެންމެއަކު ރައްޒާޤު އެދިން އިންޒާރުގެ ސަބަބުން މިހާރު މަލަކާއަށް ވަނީ ވަރަށްބޮޑު ހާސްކަމަކާއި ނުތަނަވަސްކަމެއް ވެރިވެފައެވެ. ޙަޤީޤަތުގައި ރައްޒާޤުގެ އެއިންޒާރުން އޭނާ ވަރަށް ބޮޑަށް ބަލިކަށިކޮށްލައިފިއެވެ. މިހާރު ރައްޒާޤު ރުއްސާނޭ މައިތިރިއެއް ހޯދުމާ ދޭތެރޭ އޭނާ ވަރަށް ބޮޑަށް ވިސްނަން ވެއްޖެއެވެ. އޭނާ އެބަ ވިސްނާވެސްމެއެވެ.

މިހާރު އޭނާގެ ހިތަށް އަރައެވެ. އަލުން ރައްޒާޤާ ގުޅެންވީބާއެވެ؟ އެނޫން ގޮތެއް ނެތްކަމީ ޔަޤީން ކަމެކެވެ. މިޚިޔާލު ސިކުނޑިއަށް ވެރިވުމާއެކު އޭނާ ރައްޒާޤަށް ގުޅައިފިއެވެ.

[ކިހިނެއްވީ ބިރުގަތީތަ؟] ފޯން ނަގަމުން ރައްޒާޤު ވާހަކަ ދެއްކިއެވެ.

[އަޅެ ސޮރީ...ރައްޒާޤު...ރައްޒާޤު ހީނުކުރާތި އަހަރެން ރައްޒާޤާ ޝީކާގެ ގުޅުން ފަނިކޮށްލީއޭ. ބުނެބަލަ ރައްޒާޤު މިގޭ އެހެން ކުއްޖަކާ ރައްޒާޤު ގުޅިގެން އުޅޭތަން ދެކެން އަހަންނަށް ކެތްވާނެތަ؟ އަޅެ އަހަންނަށް މަޢާފްކުރޭ...ރައްޒާޤު...އަހަރެން ބޭނުން އަދިވެސް ރައްޒާޤާއެކު ގުޅުން ކުރިއަށް ގެންދަން. ރައްޒާޤުގެ މަތިން އަހަންނަކަށް ހަނދާން ނައްތައެއް ނުލެވުނު....] މަލަކާހުރީ ވަރަށް މާޔޫސްވެފައެވެ. އެއީ ރައްޒާޤު ބޭނުންވި ގޮތެވެ. ޙަޤީޤަތުގައި އޭނާ ޝީކާއާ ގުޅުނީވެސް އެބޭނުމުގައެވެ.

އޭނައާއި ޝީކާގެ ގުޅުން ބަލަން މަލަކާއަށް ކެތްނުވާނޭ ކަމަށް އެންމެ ފުރަތަމަވެސް އޭނާ ވިސްނިއެވެ. ވީވެސް އެހެންތާއެވެ.

[އަހަރެން ވަރަށް އުފާވެއްޖެ. ދެމީހުންނަށް ނީނދެވުނަސް ގުޅުން ކުރިއަށް ގެންދެވެންޏާ އަހަރެންގެ މައްސަލައެއް ނެތް. ދަރިފުޅާ ކޮބާ...އަހަންނާދޯ ވައްތަރީ....] ރައްޒާޤަށް ލިބުނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ.

[ދަރިފުޅު އެބައޮތް ނިދާފަ...މިހާރު މަންމަ ކިޔާ...އެކަމަކު އަދި ބައްޕައެއް ނުކިޔާ...އެކަމަކު ވަރަށް މަޖާ....ރައްޒާޤު...އަޅެ ނަމަނަމަ މިކަން މިގޭ އެއްވެސް މީހަކަށް ޝައްކުވިޔަދީގެން ނުވާނެ. ކޮންމެގޮތެއްވިޔަސް އަހަރެމެންނަކަށް ނީނދެވޭނެ. ގުޅުން ބޭއްވޭނީ ބޭރުތެރޭގަ....] މަލަކާ އޭނާގެ ސަލާމަތަށް ވިސްނައިގެން ވާހަކަ ދެއްކިޔަސް، އެއީ ރައްޒާޤު ބޭނުންވާ ގޮތެއް ނޫނެވެ. ރައްޒާޤު ބޭނުންވަނީ ދާއިމަށް މަލަކާ އޭނާގެ ޙަޔާތަށް އައުމެވެ. ފައިސާގެ ދަހިވެތި ކަމުގައެވެ. މުއްސަނދި ދިރިއުޅުމަކީ އަބަދުވެސް އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.

[ކީއްވެތަ އަހަރެމެންނަށް ނީނދެވެންވީ؟ އަހަރެން ބޭނުން ތިޔަ މުއްސަނދި ދިރިއުޅުމުގައި މަލަކާގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އުޅެން...ވަރަށް ކުޑައިރުއްސުރެންވެސް އަހަންނަކީ މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ މީހެއް...] ރައްޒާޤުގެ ޚިޔާލު ތަފާތެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


5

ސަނާ

08-Jul-2020

ވަރަށް ސަޅި



ޓްރެންޑިން