ރާއްޖެއަކީ ނިސްބަތުން އެންމެ ވަރި ގިނަ އެއްގައުމެވެ. ރާއްޖޭގައި ކުރެވޭ ވަރީގެ ތެރޭގައިވެސް ފިރިމީހާ އިތުރު އަންބެއް އިޚްތިޔާރުކުރަން އުޅުމުން އަނބިމީހާ އެކަމަށް ދެކޮޅުހަދައި އަމިއްލައަށް ފިރިމިހާކައިރިން ވަރިވާންއެދިގެން ކުރެވޭ ވަރި ހިމެނެއެވެ.

ދިވެހި ގިނަ އަންހެނުން ފިރިމީހާ އިތުރު ކައިވެންޏެއް ކުރުމަށް ނުރުހިގެން އެމީހުންގެ ފިރިންގެ ކިބައިން ވަރިއަށް އެދޭއިރު، މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމާއި އިސްލާމް ދީނުގައި ފިރިހެނުންނަށް 4 އަނބިން ހުއްދަކަން ނޭނގެނީކީނޫނެވެ. އެ އަންހެނުންނަށް ކެތްކުރަން ކުޅަދާނަ ނުވަނީއެވެ. ވަކިން ޚާއްސަކޮށް މިޒަމާނުގައި މިފަދަ ދިރިއުޅުމެއް ބަޔަކު އުޅޭތަން ފެނުމުންވެސް ޤަބޫލުކުރަން ގިނަބަޔަކަށް ދަތިވާނެއެވެ. އަދި ދެއަނބިން އުޅެނީ ހަމަ އުފަލުގަތޯ ގިނަބަޔަކަށް ހިތުން ނަމަވެސް ސުވާލު އުފެދޭނެއެވެ.

އެހެންނަމަވެސް، މިކަން އެންމެ ގަދަޔަށް ކޮށް އުޅުނު ޒަމާނުގައި ފިރިހެނެއްގެ ހަތަރު އަންބަށްވުރެ ގިނަ އަނބިންވެސް ތިއްބެވެ. އިސްލާމްދީނުގައި ހަތަރަކަށް މިއަދަދު ތިރިކޮށްފައިވީއިރު އަންހެނުންގެ މެދުގައި މިކަމާއިމެދު ގިނަ ސުވާލުތަކެއްވަނީ އުފެދިފައެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ ކަނޑައެޅުއްވި އިލާހީ ޤާނޫނަށް ފުރިހަމައަށް ތަބާވާ ކަނބަލުންވެސް އެފަދަ ދިރިއުޅުމުގައި އުޅޭ އަންހެނުންގެ ޖަޒުބާތުތަކާއި ބެހޭގޮތުން ސުވާލު އުފައްދައެވެ. އަދި އަންހެނުންގެ ހިތުގެ ހާލަތު ދެނެވޮޑިގެންވާ ﷲ މިފަދަކަމެއް ހުއްދަ ކުރެއްވުމުގެ ހިކުމަތަކީ ކޮބައިކަމާއިމެދުވެސް ވިސްނާލެވެއެވެ.

މިމައުޟޫޢާ ގުޅޭގޮތުން މީސްމީޑިއާގެ އެކި މަންސަތަކުގައި ހުންނަ ލިޔުންތަކުގެ ކޮމެންޓުތަކަށް ބަލާލުމުންވެސް މިމައުޟޫޢާއި ބެހޭގޮތުން އާއްމުން ދެކޭގޮތް ހާމަވެގެންދެއެވެ. ވަކިން ޚާއްސަކޮށް ބައެއް އަންހެނުން މިކަމާއި ސީދާ ދެކޮޅު ހަދައެވެ. އަދި ބައެއް ފަހަރު ފިރިހެނުން މިއީ އެމީހުންގެ އަނބިމީހާ ދެރަކޮށްލުމަށް ބޭނުންކުރެވޭ ހަތިޔާރަކަށްވެސް ހަދައެވެ.

ނަމަވެސް އިހުސާންތެރިވުން އޮންނަނީ ހަމަހަމަކޮށެވެ. އަނބިމީހާ ދެރަކޮށްލުމަށް ހަތިޔާރެއްހެން ދެވަނަ މީހަކާއި އިންނާނަމޭ ބުނުމަކީ އިންސާފުތޯ ސުވާލު އުފެދެއެވެ. އަދި ހަމައެއާއިއެކު ފިރިމީހާއަށް ﷲ ދެއްވާފައިވާ ހައްޤަކަށް އިންކާރު ކުރުމުގެ ހައްޤު އަނބިމީހާއަށް ލިބެނީ ކިހިނަކުންތޯވެސް ހަމައެއްނޭވާއަކުން ސުވާލު އުފައްދަންޖެހެއެވެ.

ދީނީގޮތުން ބަލާއިރު އެއް އަންބަށްވުރެ ގިނަ އަނބީން ހުއްދަވަނީ، އެފިރިހެނާއަކީ މާލީ ގޮތުންނާއި ޞިއްޙީގޮތުން އެފަދަ ކުޅަދާނަކަމެއް ލިބިގެންވާ މީހަކުކަމުގައިވާ ނަމައެވެ. އަދި އެއްވެސް ހާލަތެއްގައި ދެއަނބިން ނުވަތަ ހަތަރު އަނބިންގެ މެދުގައި ފަރަޤު ކުރުމުގެ ހުއްދައެއް މިހުއްދައިގައި އެމީހުންނަށްވެސް ލިބިގެން ނުވެއެވެ. ވަގުތުވެސް ދޭން އޮންނަނީ ވަކި ގޮތަކަށް އެންމެނަށް ހަމައަށް ބެހިގެންނެވެ. އަދި ޚަރަދު ކުރުމުގައިވެސް އެންމެނަށް އެއްވަރަކަށް ދޭންވާނެއެވެ. ނަމަވެސް، އެއިން މީހަކު ބަލިވެގެން ނުވަތަ ކިޔަވާތީ ނުވަތަ އެހެން މުހިންމު ބޭނުމެއްގެ ސަބަބުން ކުރަންޖެހޭ ޚަރަދެއް ނަގައި އެހެން އަނބިންނަށް ދޭކަށް ނުޖެހެއެވެ.

ހަމަހަމައަށް ކަންތައް ކުރާނަމަ އެއް ފިރިއަކާއިއެކު އުޅެން އެހައި އުނދަގުލީ ކީއްވެގެންތޯއޭ ބައެއް ފިރިހެނުން ސުވާލު ކުރެއެވެ. ގިނަ އަންހެނުން ބުނަނީ އަމުރުކުރައްވާފައިވާ މިންވަރަށް ހަމަހަމައަށް ކަންތައްތައް ކުރާނަމަ އެކުގައި އުޅެން ހިތައް އުނދަގޫވިޔަސް ޝަކުވާއެއް ނުކުރާނެކަމަށެވެ.

އެހެންނަމަވެސް، ގިނަފަހަރު ދިމާވާގޮތަކީ ދެވަނަ އަންބަކު އައުމުން އޭނާއަށް މާގިނަ ވަގުތު ދީ ފުރަތަމަ އަނބި ފިރިމީހާ މަތިން މުޅިން ފޫހިވާގޮތަށް އަމަލު ކުރެވުމެވެ. ވަގުތު ދިނުމުގައި އިހުމާލުވުމެވެ. މުޖުތަމަޢުގައި ދިމާވާ މިފަދަ ގިނަ މައްސަލަތަކަކީ މިފަދަ ކައިވެނިތަކަށް އަންހެނުން ނޫނެކޭ ބުނާއެއް ސަބަބެވެ.

ދެވަނަ އަންބަކަށް ވުމަށް މީހަކާއި އިނުމާއި ގިނަ މީހުން ދެކޮޅު ހަދަނީ ފުރަތަމަ އަނބީގެ ފަރާތުން އަތުވެދާނެ ދަތި ކުރުން ތަކަކާއި ހުރެއެވެ. މިހެން ދިމާވަނީ ފިރިމީހާ ދެކެ ލޯބިވާތީ ފުރަތަމަ އަނބިމީހާއަށް މިކަމަށް ކެތްކުރަން އުނދަގޫވުމުންނެވެ.

އަދި މިއީ ހަމައެކަނި މިޒަމާނުގައި ވާކަމެއް ނޫނެވެ. ރަސޫލާގެ ބައެއް އަނބިކަނބަލުންގެ ފަރާތުންވެސް 'ޖެލަސް'ވުމުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެއް އަންބެއްގެ ދުވަހުގައި ރަސޫލާއަށް ފަރިއްކުޅުއްވުމަށް ކާއެއްޗެއް ފޮނުއްވުމުން ތަށި ވައްޓުވާލައްވާފައި އެބަހުއްޓެވެ. މިކަމާއި ގުޅިގެން ނަބިއްޔާ ކަންތައް ކުރެއްވީ އިހުސާންތެރިކޮށެވެ. އެކަލޭގެފާނު ހިނިފުޅު ވަޑުއްވައި ތަށިން ވެއްޓުނު އެއްޗެހި ނެންގެވިއެވެ. އަދި ހަލާކުވި ތަށީގެ ބަދަލުގައި އެގެއިން އެހެން ތައްޓެއް ކާތަކެތި ފޮނުއްވި އަނބިކަނބަލުންނަށް ދެއްވިއެވެ.

އަންހެނުންނަކީ ޖެލަސްވާ ބައެކެވެ. އެހެންކަމުން، މިކަމާއި ކުރިމަތިލެވޭނީ އަންހެނުންގެ ގޮތް އެނގި އަދި އަންހެނުންގެ ފަރާތުން އަތުވެދާނެ ކަމަކާއި ކުރިމަތިލެވޭ މީހުންނަށެވެ. ބައެއް މީހުން ބުނާގޮތުގައި އޭރު މީހުން 4 އަންބަށް ކައިވެނި ކުރުން ހުއްދަވީ ހަނގުރާމައިގައި ފިރިމަރުވެދިޔަ އަންހެނުންނާއި އެމީހުންގެ ދަރިންނަށް އަޅާލާނެ ގޮތެއް ހޯދައިދިނުމަށްޓަކައި ކަމަށެވެ. އެހެންކަމަށްވާނަމަ، ދެވަނަ އަންބަކު ރަނގަޅު ނިޔަތެއްގައި ޚިޔާރުކުރާނަމަ ފިރިހެނުން ޚިޔާރު ކުރަންވީ ހުވަފަތްވެފައި ނުވަތަ ވަރިވެފައި ދަރިންތިބި މީހުންނެވެ. އުމުރުން އެހައި ހަގު މީހުނާއި ނޫންކަމަށް ގިނަ އަންހެނުން ބުނެއެވެ. އެމީހުން ދެވަނަ އަންބަކަށް އުމުރުން ހަގު ރީތި މީހުން ހޯދަނީ ހަމައެކަނި ވަކިކަމެއް ހާސިލް ކުރަންވެގެން ކަމަށްވެސް ގިނަ އަންހެންވެރީން ސިފަކުރެއެވެ.

މިއާޚިލާފަށް ފިރިހެންވެރިން ބުނަމުންދަނީ ޤުރުއާނުގައިވަނީ ފިރިހެނާ ބޭނުން މީހުންގެ ތެރެއިން ދޭ، ތިނެއް ނުވަތަ ހަތަރު އަނބިން ހުއްދަވެގެންނެވެ. އަދި މިފަދަ ޒަމާނެއްގައި ހެޔޮ ނިޔަތުގައި ދެވަނަ ކައިވެންޏެއް ކުރިކަމުގައި ވީނަމަވެސް، ކައިވެންޏެއް ކުރާނަމަ ކުރެވޭނީ ތިމާ އިއްފަތްތެރިވުމަށް ކަމުން، ރީތި މީހެއް ޚިޔާރުކުރުމަކީ އެމީހުންނަށްވެސް ލިބިގެންވާ ހައްޤެއް ކަމަށެވެ.

ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރުމަށް އަނބިމީހާ ޤަބޫލުނުވުމަކީ ކޮންކަހަލަ ކަމެއްތޯ ޝެއިޚް އާސިމް އަލްހަކީމްއާއި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ މިއީ އަންހެނުންގެ ޠަބީއަތް ކަމަށެވެ. އަދި އެއީ އެމީހުންގެ އީމާންތެރިކަން ދަށްވެގެން ވާކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކައިވެންޏެއް ކުރަން ބޭނުންވާމީހަކު ނަމަ އެކަމަށް ތައްޔާރުވެ އިތުރު ކައިވެންޏެއް ކުރުމުގެ ފައިދާއާއި ގެއްލުން ރަނގަޅަށް ވަޒަންކޮށްފައި ނޫނީ ކައިވެނި ކޮށްގެން ނުވާނެކަމަށްވެސް ޝެއިޚް އާސިމް ނަސޭހަތްތެރިވެއެވެ. މީގެ އިތުރުން ފުރަތަމަ އަނބި ނުރުހުނު ނަމަވެސް، އިތުރު ކައިވެންޏެއް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި ފުރަތަމަ އަނބިމީހާގެ ފަރާތުން އަތުވެދާނެ ކަމަކަށް ކެތްތެރިވެ އެކަމާއި ކުރިމަތިލުމުގެ ޤާބިލުކަން އެމީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށްވެސް އޭނާގެ ސުވާލާއި ޖަވާބު ސެޝަންތަކުގައި ކުރެވޭ ސުވާލުތަކާއި ގުޅިގެން ނަސޭހަތްތެރިވެއެވެ.

އަންހެނުންނަކީ ޠަބީޢަތުގައި ޖެލަސް ބައެކެވެ. ދެޖިންސުގެ މީހުންގެ މެދުގައި މިބަހުސްގައި ޚިޔާލު ތަފާތުވުން ހުންނާނެއެވެ. އެހެންނަމަވެސް، ފިރިހެނާއަކީ ހަތަރު އަނބިން ގެންގުޅެވޭ ކުޅަދާނަކަން ހުރި މީހެއް ނަމަ އެއީ އޭނާއަށް ލިބިގެންވާ ޙައްޤެއްކަމުގައި އެންމެންވެސް ޤަބޫލުކުރާނެއެވެ. ކޮންމެ ބައެއްގެ ކައިވެނީގެ ހަޔާތްވެސް ތަފާތު ވާނެއެވެ.

ރާއްޖޭގައި ބައެއްފިރިން ދެވަނަ އަނބެއް ޙިޔާރުކުރާއިރު ދޮށީ އަނބިން ނިކަނެތިކުރާތަންވެސް ފެނެއެވެ. ދަރިން ލިބި އެކުދިން ބޮޑެތިވާފަހުންވެސް އެހެން އަންހެނެއްގެ އަވައިގައިޖެހި އާޢިލާ ވަގުތު ނުދީ އެއްވެސް އަޅާލުމެއްނެތި އެ އަނބިމީހާ ދަރީންގެ އެންމެހައި ޚަރަދުބަރަދު ބަލަހައްޓާތަންވެސް ފެނެއެވެ.

އެހެންކަމުން، މިމައުޟޫޢަކީ ދެމަފިރިންގެ މެދުގައި ވާހަކަ ދެކެވެންޖެހޭ މައުޟޫޢެކެވެ. އަދި ކޮންމެ ގޮތަކަށް ނިންމިނަމަވެސް، މުޖުތަމައުގެ އެންމެންވެސް އެފަދަ ދިރިއުޅުމެއް އުޅޭ އެފަދަ އާއިލާތަކަށް ބަސްބުނުމާއި ދުރުހެލިވާންވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު