ފިރިހެނުންގެ އުމުރު 40 ން މައްޗަށް ދިއުމުން ތަފާތު ބަދަލުތައް ހަށިގަނޑަށް އާދެއެވެ. މިބަދަލުތައް އެއްފަހަރާއި ނައައިނަމަވެސް އެކި މީހުންނަށް ޞިއްޙީގޮތުން ދިމާވާ ކަންކަން ތަފާތުވެދާނެއެވެ. އެހެންނަމަވެސް، އުމުރުން މަތިވާ ވަރަކަށް ފިރިމީހާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިއުމުރުގެ މީހުން ސަމާލުވުމަށް އިންޑިއާގެ މަންޑެތާ ހޮސްޕިޓަލުގައި މަސައްކުރާ އެތެރެ ހަށީގެ ޑޮކްޓަރު ޕްރަބާތު ޖާ ފާހަގަ ކޮށްފައިވާ 10 ކަމެއް ތިރީގައި ހިމަނާލާނަމެވެ.

1. އެރެކްޓައިލް ޑިސްފަންގްޝަން؛

މިއީ ޖިންސީގޮތުން ގުޅުން ހިންގުމަށް އުނދަގޫވާ ފިރިހެނާގެ ޖިންސީ ގުނަވަނަށް ދިމާވާ ބައްޔެކެވެ. ރިޕޯޓްތަކުން ދައްކާގޮތުގައި އުމުރުން 40 އަހަރުން މަތީގެ %50 މީހުންނަށް މިމައްސަލަ ދިމާވެއެވެ. މިއީ ހަށިގަނޑުގައި ހުރި އެހެން ބައްޔަކާއި ގުޅިގެންނާއި ނަފްސާނީގޮތުން ދިމާވާ އެކިއެކި ކަންކަމާއި އަދި ސްޓްރެސްގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި ޑޮކްޓަރ ޕްރަބާތު ފާހަގަކުރެއެވެ. އަދި މިހެން ދިމާވުމުން ދަރިން ލިބުމަށްވެސް އުނދަގޫވެދާނެ ކަމަށް އޭނާ ބުނެއެވެ. އެހެނަކަމުން މިހާލަތު ދިމާވެއްޖަނަމަ، ޑޮކްޓަރަށް ދައްކައި ހަށިގަނޑުގައި އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް މެޑިކަކް ޗެކަޕެއް ހެދުމަކީ ވަރަށްވެސް މުހިންމުކެމެކެވެ.

2. ހިތުގެ ބަލިތައް؛

ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ ކަންކަމުގެ ދިރިއުޅުމުގައި ހަރަކާތްތެރިވުން ކުޑަވުމާއި ލޭގެ ޕްރެޝަރު މަތިވުމާއި ފަލަވުން އަދި ހަކުރު ބަލި ހިމެނެއެވެ. އެހެންކަމުން މިއުމުރުގައި ފިރިމީހާއާއި އަދި ތިމާގެ ކެއުމުގެ އާދަތައް ރަނގަޅުކޮށް ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ހިމެނުމަކީ މުހިންމު ކެމެކެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށްލުމަށްވެސް އިސްކަމެއް ދޭންވާނެއެވެ.

3. ޕްރޮސްތޭޓް އެންލާޖްމަންޓް؛

މިއީ ފިރިހެނާގެ ކުރިމަތިފަރާތް ދުޅަވެ ގަނޑުލައި އަދި ބައެއް ހާލަތްތަކުގައި ކެންސަރަށް މަގުފަހި ކުރުވާ ބައްޔެކެވެ. ޕްރޮސްޓޭޓް ގްލޭންޑަކީ ބްލެޑާގެ ތިރީގައި ހުންނަ ސީމަން އުފައްދާ ތަނެވެ. އަދި އުމުރުން ދޮށި ވާވަރަކަށް މިގުވަން ބޮޑުވެއެވެ. ޕްރޮސްޓޭޓް ބޮޑުވުމުން ކުޑަކަމު ދިއުމަށް އުނދަގޫވެއެވެ. އަދި ބައެއް ފަހަރު ބްލެޑާ އަދި ޔުރިނަރީ ޓްރެކްޓް އިންފެކްޝަން އާއި ކިޑްނީ މައްސަލަތައްވެސް މިކަމުގެ ސަބަބުން ދިމާވެއެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވެ، ޤަވައިދުން ޑޮކްޓަރަށް ދައްކައި ޗެކަޕް ހެދުމަކީ މުހިންމު ކަމެކެވެ.

4. ހަކުރުބަލި

އުމުރު މަތިވާވަރަކަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ކާތަކެތީގައި މާގިނައިން ހަކުރު ނުހިމެނުމާއި ރަނގަޅު ވަރެއްގައި ބަރުދަން ބެހެއްޓުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ޤަވައިދުން ހަކުރު ޓެސްޓު ކުރުމަކީވެސް މިއުމުރަށް ދިއުމުން ކުރަން ނުހަނު މުހިންމު ކެމެކެވެ.

5. އޮސްޓިއޯއާތުރައިޓިސް

މިއީ ކަށިތަކާއި ޖޮއިންޓުތައް ބަލިކަށިވާން ފެށުމުން ދިމާވާކަމެކެވެ. މިހެން ދިމާވަނީ ކަށިތައް ގުޅިފައިވާ ޖޮއިންޓުތަކުގައި ހުންނަ މަޑުކަށި ނުވަތަ ކާޓިލޭޖު އުމުރު މަތިވާވަރަކަށް ގޭނި ތުނި ވަމުން ދިއުމާގުޅިގެންނެވެ. އާއްމުކޮށް މިކަމާއި ގުޅިގެން އެންމެ ބޮޑަށް އަސަރު ކުރަނީ އަތްތިލައާއި ކަކޫ އުނަގަނޑު އަދި މައިބަދައަށެވެ. އެހެންކަމުން، ފިރިމިހާގެ ޞިއްހަތަށް ސަމާލުވެ ކެއުމުގައި ކަށިތަކަށް ފައިދާހުރި ބާވަތްތައް ހިމަނައި ކަސްތަރު ކުރުމަށް ބާރު އަޅާށެވެ. އަދި ފިޒިއޮތެރަޕީ ނަގަން ޖެހޭނަމަ، ޤަވައިދުން ސެޝަންތަކަށް ފޮނުވާށެވެ.

6. ސްލީޕް އެޕްނިއާ؛

މިއީ ނިދުމުގެ ތެރޭގައި ނޭވާލާން އުނދަގޫވެ ނިދާފައި އޮންނަ އިރު ދޭތެރެއަކުން އެއްކޮށް ނޭވާ ރަނގަޅަށް ނުލެވުމަށް ކިޔާ ނަމެކެވެ. ގަޑި ހަމަކޮށް ނިދާފައި ހޭލާއިރުވެސް ވަރުބަލިވެފައި ހުރުމަކީ މިހެންވާ މީހުންނަށް ދިމާވާ ގޮތެކެވެ. މީގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ބާރަށް ގުގުރި ދަމައި މާގިނައިން ނިދިއައުމާއި ހޭލުމަށްފަހުވެސް ވަރުބަލިވުން ފަދަ ކަންކަން ދިމާވާނަމަ ފިރިމީހާ ޑޮކްޓަރަށް ދެއްކުމަށް ބާރުއަޅާށެވެ.

7. ކެންސަރު ބަލި؛

ކެންސަރަކީ ކޮންމެ އުމުރެއްގައިވެސް ދިމާވެދާނެ ކަމެކެވެ. އެހެންނަމަވެސް، މިއުމުރުގައި ޓެސްޓިކިއުލަރ ކެންސަރއާއި ޕްރޮސްތޭޓް ކެންސަރފަދަ ބަލިތަކަށް ސަމާލުވެ ހަށިގަނޑަށް އަންނަ އެއްވެސް ބަދަލަކާއިމެދު ފަރުވާ ކުޑަނުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ޤަވައިދުން ޑޮކްޓަރަށް ދެއްކުމަކީވެސް ނުހަނު މުހިންކު ކަމެކެވެ.

8. ނަފްސާނީ މައްސަލަތައް؛

ދިރިއުޅުމުގެ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ވާސިލްވާއިރު ގިނަ ކަންކަމަކާއި ކުރިމަތިލާނެއެވެ. އަދި ހާސިލް ނުކުރެވި ހުރި ކަންކަމާއި ދޫކޮށްލެވިފައިވާ ކަންތައްތަކެއްގެ ސަބަބުން މާޔޫސްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ބައިވެރިޔާގެ ދިރިއުޅުމުގައި ވިސްނާ 'ޑިޕްރެސް' ކުރުވާފަދަ ކަމެއް ހުރިތޯ އަހައި ކަންކަމުގައި އެކުގައި ކުރިއަށް ދިއުމުގައި ހިއްވަރުދޭށެވެ. އަދި އިތުރު އެހީތެރިކަން ބޭނުންވާނަމަ ސައިކޮލޮޖިސްޓަކަށް ދެއްކުމަކީވެސް މިކަންކަން ދިމާވުމުން ކޮށްދެވޭނެ މުހިންމު ކަމެކެވެ.

9. ފަލަވުން؛

އުމުރުން ދުވަސްވާ ވަރަކަށް ބިޒީ ދިރިއުޅުމުގެ ސަބަބުން ހެލިފެލިވެ އުޅުން މަދުވެއެވެ. އަދި ކެއުމުގެ އާދަތަކަށް ސަމާލުކަން ނުދެވި މިގޮތަށް އުޅެން ޖެހުމުގެ ސަބަބުން މީހާ ފަލަވާގޮތް ދިމާވެއެވެ. އެހެންކަމުން ލައިފްސްޓައިލްއަށް ބަދަލުތަކެއް ގެނެސް ދުޅަހެޔޮ ޞިއްޙަތެއް ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ.

10. އުނަގަނޑުގައި ރިއްސުން؛

40 އަހަރުން މަތީގެ މީހުން، ހެލިފެލިވެ ނޫޅުމުގެ ސަބަބުން އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ އުނަގަނޑުގައި ރިއްސުމެވެ. އަދި ސީދާކޮށް ހަށިގަނޑު ނުބެހެއްޓުމާއި ދުވަސްވުމުން ކަށިތަކުގެ ވަރު ދެރަވުމަކީ މިކަން ދިމާވުމަށް މެދުވެރިވާ ކަންކަމެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ކަސްރަތު ކުރުމަށް ވަގުތު ކަނޑައަޅައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމަކީ މުހިންމު ކަމެކެވެ.

ހަމަޖެހޭ ދިރިއުޅުމެއް ބޭނުންނަމަ ދެމަފިރިންވެސް ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއް އެދޭނަމަ ކުރެވޭނެ އެންމެ މުހިންމު ކަމަކީ، މުޅިއާއިލާގައިވެސް ގެންގުޅޭ ކެއުމުގެ އާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި އިސްލާހު ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން