އެޕިސޯޑް 19
...............
މިހާރު އޭނާގެ ހިތަށް އަރައެވެ. އަލުން ރައްޒާޤާ ގުޅެންވީބާއެވެ؟ އެނޫން ގޮތެއް ނެތްކަމީ ޔަޤީން ކަމެކެވެ. މިޚިޔާލު ސިކުނޑިއަށް ވެރިވުމާއެކު އޭނާ ރައްޒާޤަށް ގުޅައިފިއެވެ.
[ކިހިނެއްވީ ބިރުގަތީތަ؟] ފޯން ނަގަމުން ރައްޒާޤު ވާހަކަ ދެއްކިއެވެ.
[އަޅެ ސޮރީ...ރައްޒާޤު...ރައްޒާޤު ހީނުކުރާތި އަހަރެން ރައްޒާޤާ ޝީކާގެ ގުޅުން ފަނިކޮށްލީއޭ. ބުނެބަލަ ރައްޒާޤު މިގޭ އެހެން ކުއްޖަކާ ރައްޒާޤު ގުޅިގެން އުޅޭތަން ދެކެން އަހަންނަށް ކެތްވާނެތަ؟ އަޅެ އަހަންނަށް މަޢާފްކުރޭ...ރައްޒާޤު...އަހަރެން ބޭނުން އަދިވެސް ރައްޒާޤާއެކު ގުޅުން ކުރިއަށް ގެންދަން. ރައްޒާޤުގެ މަތިން އަހަންނަކަށް ހަނދާން ނައްތައެއް ނުލެވުނު....] މަލަކާހުރީ ވަރަށް މާޔޫސްވެފައެވެ. އެއީ ރައްޒާޤު ބޭނުންވި ގޮތެވެ. ޙަޤީޤަތުގައި އޭނާ ޝީކާއާ ގުޅުނީވެސް އެބޭނުމުގައެވެ.
އޭނައާއި ޝީކާގެ ގުޅުން ބަލަން މަލަކާއަށް ކެތްނުވާނޭ ކަމަށް އެންމެ ފުރަތަމަވެސް އޭނާ ވިސްނިއެވެ. ވީވެސް އެހެންތާއެވެ.
[އަހަރެން ވަރަށް އުފާވެއްޖެ. ދެމީހުންނަށް ނީނދެވުނަސް ގުޅުން ކުރިއަށް ގެންދެވެންޏާ އަހަރެންގެ މައްސަލައެއް ނެތް. ދަރިފުޅާ ކޮބާ...އަހަންނާދޯ ވައްތަރީ....] ރައްޒާޤަށް ލިބުނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ.
[ދަރިފުޅު އެބައޮތް ނިދާފަ...މިހާރު މަންމަ ކިޔާ...އެކަމަކު އަދި ބައްޕައެއް ނުކިޔާ...އެކަމަކު ވަރަށް މަޖާ....ރައްޒާޤު...އަޅެ ނަމަނަމަ މިކަން މިގޭ އެއްވެސް މީހަކަށް ޝައްކުވިޔަދީގެން ނުވާނެ. ކޮންމެގޮތެއްވިޔަސް އަހަރެމެންނަކަށް ނީނދެވޭނެ. ގުޅުން ބޭއްވޭނީ ބޭރުތެރޭގަ....] މަލަކާ އޭނާގެ ސަލާމަތަށް ވިސްނައިގެން ވާހަކަ ދެއްކިޔަސް، އެއީ ރައްޒާޤު ބޭނުންވާ ގޮތެއް ނޫނެވެ. ރައްޒާޤު ބޭނުންވަނީ ދާއިމަށް މަލަކާ އޭނާގެ ޙަޔާތަށް އައުމެވެ. ފައިސާގެ ދަހިވެތި ކަމުގައެވެ. މުއްސަނދި ދިރިއުޅުމަކީ އަބަދުވެސް އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.
[ކީއްވެތަ އަހަރެމެންނަށް ނީނދެވެންވީ؟ އަހަރެން ބޭނުން ތިޔަ މުއްސަނދި ދިރިއުޅުމުގައި މަލަކާގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އުޅެން...ވަރަށް ކުޑައިރުއްސުރެންވެސް އަހަންނަކީ މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ މީހެއް...] ރައްޒާޤުގެ ޚިޔާލު ތަފާތެވެ.
[ރައްޒާޤު...ރައްޒާޤުގެ އަނބިމީހާ ކިހާ ރަނގަޅު...ދެން ލޯބި ލޯބި ހަތަރު ކުދިން. ރައްޒާޤު ނިކަން ވިސްނާލަބަލަ. ދެމަފިރިން ވަކިވީމާ އެކުދިން އުޅޭނެ ބިކަޙާލާ ދޭތެރޭ...އެކުދިންނަށް ރައްޒާޤު ކިތަންމެ ފައިސާއެއް ޚަރަދުކުރިޔަސް، އެކުދިންނަށް ބައްޕައާއި މަންމަގެ ލޯބި އެއްވަރަށް ނުލިބެންޏާ ހަމަޖެހުމެއް ނުލިބޭނެ.] މަލަކާ ބޭނުންވަނީ ރައްޒާޤަށް ވަރީގެ ސަބަބުން ޢާއިލާއަށް ޚާއްޞަކޮށް، ކުދިންނަށް ކުރާނޭ ނޭދެވޭ އަސަރާ ބެހޭގޮތުން ވިސްނައިދޭށެވެ.
[ތިއީ ރަނގަޅު ވާހަކައެއް. އަހަންނަށްވެސް އެނގޭ، ދެމަފިރިން ވަކިވީމާ ކުދިންނަށް، އޭގެ ނޭދެވޭ އަސަރު ކުރާނޭކަން. އެކަމަކު އަހަރެން އެންމެ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހަދާނީ ކިހިނެއް...] މިހާރު ރައްޒާޤު ބޭނުންވަނީ އެހެން މަޤްޞަދެއް ޙާޞިލު ކުރާށެވެ.
[އަހަރެން ގޮތެއް ކަނޑައަޅާފަ ގުޅާނަން.] މަލަކާ ފޯނު ބޭއްވުމަށްފަހު ރައްޒާޤުގެ ކިބައިން މިންޖުވާނޭ ގޮތަކާ ދޭތެރޭ ވިސްނާލިއެވެ.
ފަހީމާ އަދިވެސް ވިސްނަމުންދަނީ ސަރާ އެޢާއިލާއިން ބޭރުކުރާނޭ ގޮތަކާ ދޭތެރޭގައެވެ. އަދިވެސް އޭނާ ގަބޫލުކުރާ ގޮތުގައި އެޢާއިލާގެ ހަމަޖެހުން ނަގާލި މީހަކީ ސަރާއެވެ. ސަރާގެ ސަބަބުން މަލަކާއަށް ޢިމްރާނާއެކު އުފާވެރި ހަޔާތެއް ވޭތުނުކުރެވޭނޭ ކަމަށް އޭނާދެކެއެވެ.
ބައްދަލުވުން ނިންމާލުމަށްފަހު ޢިމްރާންމެނަށް ގެއަށް އާދެވުނީ ގާތްގަނޑަކަށް މެންދަމުން އަނބުރާ ދޭއްޖަހާ އެހާކަންހާއިރުއެވެ. ޢިމްރާން ދިޔައީ ސަރާގެ ގާތަށް ސަރާގެ ކޮޓަރިއަށެވެ. އޭނާ ކޮޓަރިއަށްދިޔަ ވަގުތު އެކޮޓަރިއާ ދިމާއަށް ކުރިން ދުވަހަކުވެސް އޭނަ ދެކެފައިނުވާ ފިރިހެނަކު އަންނަނިކޮށް ދިމާވިއެވެ.
[ކާކު؟ ކީއްކުރާ މީހެއް؟] ޢިމްރާން މާދަންވަރު ދުވަހަކު ނުވެސްދެކޭ ޒުވާނަކު އެގޭތެރޭން ފެނުނީމާ ޙައިރާންވެފައި ހުރެމެ އެއްސެވެ.
[މީހަކާ ބައްދަލުކޮށްލީ.] ހަމައެކަނި މިހެން ބުނެލާފައި އެޒުވާނާ ނުކުމެއްޖެއެވެ. ޢިމްރާން ދެފަރާތަށް ބޯހޫރާލުމަށްފަހު ގޮސް ކޮޓަރިއަށް ވަންއިރު ސަރާ އޭނާގެ އިންތިޒާރުގައި ހޭލާ އޮތެވެ.
[މިއޮއް ދަންވަރު މިގޭތެރޭން ކުރިން އަހަރެން ދުވަހަކުވެސް ނުދެކޭ ޒުވާނަކު ނުކުމެގެން ހިނގައްޖެ. އަހަރެން ކީއްކުރާ މީހެއްހޭ އަހާލީމާ ބުނީ މީހަކާ ބައްދަލުކޮށްލީއޭ...ކާކާ ބައްދަލުކޮށްފަބާ އޭނަ އެދިޔައީ...] ސަރާގެގާތުގައި އިށީންނަމުން ޢިމްރާން ވާހަކަ ދެއްކިއެވެ.
[ނޭނގެ...ވެދާނެއެއްނު...މިގޭ މަސައްކަތު މީހަކާ ބައްދަލުކުރަން އައި މީހަކަށްވެސް. ދެން އެކަމާ ނުވިސްނާ، އާދޭ ނިދަން...] ސަރާ ތެދުވިއެވެ. ޢިމްރާން ތެދުވެ ހެދުން ބަދަލުކޮށްލިއެވެ.
[ކައިގެންތަ ތިއޮތީ....މިދުވަސްވަރު ފައިދާހުރި ކާނާ ބޭނުންކުރަންޖެހޭނެ. އަހަރެން ދަމުން ބުނިން ރުމާލީ ގާތު މިކޮޓަރި އައިސްއަލަމާރިއަށް ފުރުޓްލާށޭ. އޭނާ ފުރުޓް ގެނައިތަ.] ސަރާގެ ގާތުގައި އޮށޯންނަމުން ޢިމްރާން ވާހަކަ ދެއްކިއެވެ.
[އާނ، އަޅެ މިތަނަށް ނުގެނަޔަސް އެކެވިދާނެއެއްނު. އިމޫ ކޮންދުވަހަކުންތަ މަންމަ ގެންނަނީ.] ސަރާ ޢިމްރާންގެ މޭގައި ބޯއަޅާލިއެވެ.
[އަދިވެސް ތަނެއް ހަމަނުޖެހިގެން. އަވަސް އަރައިގަނެގެން ކޮންމެ ކަހަލަތަނެއް ނުހިފޭނެއެއްނު. އަހަރެން ގަސްދުކުރަނީ ރަނގަޅު ފެންވަރެއްގެ ގެއެއް ހޯދަން. ނިޔާޒްކުރީ ދުވަހުވެސް ތަނެއް ހޯދަން ވަރަށް މަސައްކަތްކުރި....] ޢިމްރާން ސަރާގެ ހަށިގަނޑުގައި ވަރަށް ލޯތްބާއެކު ބައްދާލިއެވެ. ލިބުނު ހިތްހަމަޖެހުމާއެކު ސަރާ ޢިމްރާންގެ އަތުގެ ތެރެއަށް ރަނގަޅަށް ބޮނޑިވެލިއެވެ.
[ޢިމްރާންގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. އެއޮތްގޮތަށް އޮވެ އަތް ދިއްކޮށް ސައިޑް ކަބަޑްމަތީގައި އޮތް ފޯން ޢިމްރާން ނެގިއެވެ. ގުޅީ މަލަކާއެވެ.
[ޢިމްރާން...ކޮންތާކު...އަދިވެސް ނާދެވޭތަ؟] މަލަކާ އެއްސެވެ.
[ގޭގަ މިއޮތީ، އައިތާ އަދި މާގިނައިރެއްނުވޭ ކިހިނެއްވީ؟] ޢިމްރާން ވާހަކަ ދެއްކީ ނިދި މޫޑު ފާޑަށެވެ. މަލަކާއަށް އޮޅުވާލުމުގެ ގޮތުންނެވެ.
[ކިހނެއްވީހޭ؟ ދަރިފުޅު ވަރަށް ބޮޑަށް ހުންއައިސްފަ މިއޮތީ. ވަރަށް އަވަހަށް އައިސްބަލަ....މަންމަވެސް މިތާ އެބައިން...] މިހެން ބުނެފައި މަލަކާ ފޯނު ބާއްވައިފިއެވެ. ޢިމްރާން ނުހަނު ލޯތްބާއެކު ސަރާގެ ގާތުގައި ދަރިފުޅު ބަލިވެގެން މިދަނީއޭ ބުނެފައި ހިނގައިގެންފިއެވެ. ހެދުންވެސް ބަދަލުނުކޮށް ނިދާ ހެދުމުގައެވެ.
ޢިމްރާން މަލަކާގެ ކޮޓަރިއަށް ދިޔައިރު ކުޑަކުޑަ އިލާ އަރާމް ނިންޖެއްގައި އޮތެވެ. މަލަކާ ތުނިތުނި ހެދުމުގައި އެނދުގައި އޮތެވެ. ޢިމްރާން އެތެރެއަށް ވަނުމާއެކު މަލަކާ ތެދުވިއެވެ.
ކޮބާ މަންމަ....އެމަންޖެވެސް އެއޮތީ ނުލާހިކު ރީތިކޮށް ނިދާފަ...ހުމެއްވެސް ނެތް. ކީއްވެތަ ދޮގުހަދަނީ...] މަލަކާ ދޮގުހެދީތީ ޢިމްރާންގެ ގާތަށް ނިކަން ރުޅިއަތުވެއްޖެއެވެ.
[ސޮރީ...އަޅެ އައިސްބަލަ....] މަލަކާ ޢިމްރާންގެ ފަހަތުން ބައްދާލިއެވެ. އެރޭ މަލަކާގެ ކިބައިން ޢިމްރާނަށް ސަމާލަތްވެވުނީ ފަތިސްވާން އުޅެނިކޮށެވެ. ހަތަރުގަޑިބައިވާން އުޅެނިކޮށް ސަރާގެ ގާތަށްދާން ދިޔައިރު އަނެއްކާވެސް ކުރިން ފެނުނު ގޮތް ނޭނގޭ ޒުވާނާ ސަރާގެ ކޮޓަރި ހުރަސްކުރިތަން އޭނައަށް ފެނުނެވެ. މިފަހަރު އެޒުވާނާ އޭނާ ގޮވީމާވެސް މަޑެއް ނުކުރެއެވެ. އޭނާ އެޒުވާނާގެ ފަހަތުން ހިސާބަކަށް ދިޔަވެސްމެއެވެ. ނަމަވެސް އެޒުވާނާ ވަކިހިސާބަކަށް ގޮސް ދުއްވައިގަތުމުން އޭނާއަށް އެޒުވާނާ ގެއްލުނެވެ.
ޢިމްރާނަށް ސަރާގެ ކޮޓަރިއަށް ދެވުނުއިރު ސަރާއަށް އޮތީ ނިދިފައެވެ. އެހެންވުމާއެކު ޢިމްރާން ސަރާއަށް އުނދަގޫނުކޮށް އޮށޯތެވެ. އެނދުގައި އޮވެގެންވެސް އޭނާ ވިސްނީ ކުޑަހިނދުކޮޅެއްގެ ކުރިން އެފެނުނު ޒުވާނާއާ މެދުގައެވެ.
އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެއީ ކާކާ ބައްދަލުކުރަން އައިސްގެން އުޅޭ ޒުވާނެއްބާއެވެ. އޭނާގެ މަޤްޞަދަކީ ކޮބައިބާއެވެ.
[އެއީ ކީއްކުރަން މިގެއަށް ވަދެގެން އުޅުނު މީހެއްބާ؟] ދެވަނަފަހަރު ދުވެފިލީ، ވެދާނެ ވައްކަން ކުރަން ވަދެއުޅުނު މީހަކަށްވެސް.] ޢިމްރާން އެމީހާއާ ބެހޭގޮތުން ވާހަކަ ދެއްކީ ހެނދުނު ނާސްތާ ކުރަން އިނދެއެވެ. އޭރު އެތާނގައި ޢިމްރާންގެ މަންމައާއި ބައްޕަގެ އިތުރުން މަލަކާއާއި ސަރާއާ ދެމީހުންވެސް ތިއްބެވެ.
[މަންމައަށް ފެނުނުނަމަ، މަންމަ ތިޔަ މީހެއްގެ ޙަޤީޤަތް ހޯދީމުސް.] ފަހީމާ ވަށްކަޅިން ސަރާއާ ދިމާއަށް ބަލައިލުމަށްފަހު ބުނެލިއެވެ. ސަރާ އިސްޖަހާލިއެވެ.
[ދަރިފުޅާ...މިހާރު ސަރާ އެއިނީ ބަލިވެ...މިދުވަސްވަރު އޭނާގެ މަންމަގެ އޯގާތެރިކަންވެސް އޭނާއަށް ބޭނުންވާނެއެއްނު.....] ކުއްލިއަކަށް ފަހީމާ ދެއްކި ވާހަކައަކުން އެންމެނަށްވެސް ޝޮކެއް ލިބުނެވެ.
[މަންމަ ތިބުނަނީ ސަރާ މަންމަގެ ގާތަށް ރަށަށް ފޮނުވާލާށޭތަ؟] މަންމަގެ ވާހަކައިން ޢިމްރާނަށް ދޭހަވީ ނުބައި މާނައެކެވެ.
[ތިޔަހެނެއް މަންމަ ނުބުނަމެއްނު...މަންމަ ބުނަން މިއުޅެނީ ސަރާގެ މަންމަ މާލެ ގެންނާށޭ.] ފަހީމާ މަޑުމަޑުން ހިނގާފައި ގޮސް ސަރާއާ ދާދި ގާތަށް ހުއްޓި ސަރާގެ ބޮލުގައި އަތްކާއްތާލިއެވެ. އެހިނދު ސަރާއަށް ލިބުނީ ބަޔާންކުރަން ވެސް ދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ. ޢިމްރާންގެ މަންމަގެ ފަރާތުން އެފަދަ އޯގާތެރިކަމަކަށް އޭނާ އެދޭތާ ލައްކަ ދުވަސްވެއްޖެއެވެ.
ލިބުނު އުފަލާއެކު ސަރާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އަތުވެއްޖެއެވެ.
[ރަނގަޅު. ގެއެއް އަދި ހަމަނުޖެހޭތީ މަންމަ ނުގެނެވިގެން މިއުޅެނީ...ދެން މާލަހެއްނުވެ މަންމަ ގެނެވޭނެ.] މަންމަގެ ކުއްލި ބަދަލާމެދު ޙައިރާންވާ ޙާލުގައި ހުރެމެ ޢިމްރާން ވާހަކަ ދެއްކިއެވެ.
[މިމަންޖެއާ ދޭތެރޭ ކަންތައް ކުރެވޭގޮތުން މަންމަ ވަރަށް ދެރަވޭ. ކަނބުލޯ މަންމައަށް މަޢާފްކުރޭ.] ފަހީމާ ސަރާގެ ލޮލުން ފައިބަމުންދިޔަ އުފާވެރި ކަރުނަތައް ފޮހެދޭން ފެށިއެވެ.
[މަންމާ އަހަރެން ވަރަށް އުފާވެއްޖެ. މިއަދު އަހަރެންގެ ހިތުގައި މަންމައާ ދޭތެރޭ އެއްވެސް ބުރަކަމެއް ނެތް....] އުފަލުން ސަރާއަށް އަދިވެސް ރޮވެނީއެވެ.
[ދެން ނުރޮއޭ...މިމަންމަ ދެން އަބަދުވެސް ކަނބުލޮޔާއެކުވާނަން. އަވަހަށް ނާސްތާކޮށްގެން އަރާމު ކުރަންދޭ...] މިހެން ބުނެފައި ފަހީމާ ކާގެއިން ނުކުމެއްޖެއެވެ. ސަރާ މަޑުމަޑުން އައިސް ޢިމްރާންގެ މޭގައި ބޯއަޅާލިއެވެ.
[އަހަރެން ބުނީމެއްނު، މަންމައަށް ވިސްނޭނޭ...މިއޮތީ އެދުވަސް އައިސް ބޯމަތިވެފައި. ދެން އަވަހަށް ސައިބޮއިގެން ކޮޓަރިއަށްދޭ...މިއަދު އޮފީސްވެސް ވަރަށް ބިޒީވާނެ...ފަހަރެއްގައި ގެއަށް އާދެވިދާނެ ތަންކޮޅެއް ލަހުންވެސް.] ޢިމްރާން ސަރާގެ އަތުގައި ހިފައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. އެއަށްފަހު ދަނީއޭ ބުނެފައި އޭނާ ނުކުމެއްޖެއެވެ.
ޙަޤީޤަތުގައި މިހާރު ހިތްހަމަޖެހި އުފާވެފައިވަނީ ސަރާ އެކަންޏެއް ނޫނެވެ. މަންމަގެ ކުއްލި ބަދަލުގެ ސަބަބުން ޢިމްރާނަށްވެސް ވަނީ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިފައެވެ.
[އަހަރެން ބުނި ދުވަސް މިއޮތީ އައިސްފައި. ޙަޤީޤަތުގައިވެސް އަހަރެން ވަރަށް އުފާވެއްޖެ.] އުފާވެފައި ހުރި ޢިމްރާން ހުރީ ނިޔާޒާ ދިމާނުވެގެނެވެ. ނިޔާޒް ފެންނައިރަށް އޭނާ އެވާހަކަ ކިޔާދީފިއެވެ.
[ތިވާނީ ފަހީމާއްތައަށް ވިސްނުނީ ކަމަށް. ރަނގަޅުތާ. އެކަމަކު މަލަކާ އެއްގަލަކަށް އަރާނެބާ.] ނިޔާޒް ބުންޏެވެ.
[އެއްގަލަކަށް ނާރަންޏާ ޖެހޭނީ އަހަރެންގެ ދިރިއުޅުމާ ދުރަށް ދާން. މަންމަގެ ރުހުން ސަރާއަށް ލިބުނީމަ އަހަރެން ހިތްހަމަޖެހިއްޖެ. މިހާރު މިހުރީ ހިތްވަރު ލިބިފައި.] އެވަގުތު ޢިމްރާންގެ މޯބައިލް ފޯނަށް މަންމަ ގުޅައިފިއެވެ.
[ކީކޭ މަންމާ....] ދުވަހަކުވެސް ނުވާވަރަށް އުފާވެފައި ވުމުގެ ސަބަބުން ޢިމްރާންގެ ވާހަކައިގެ ރާގުވެސް ތަފާތެވެ.
[ދަރިފުޅާ ވާހަކައެއް ދައްކާލަންވެގެން. ސަރާގެ މަންމަ ދެން ކޮންމެހެން މިވަގުތަކު ގެންނާނެ ކަމެއްނެތް..މަންމައަށްވެސް ސަރާއަށް ކަންތައްތައް ކޮށްދެވޭނެއެއްނު. ސަރާ މަންމަ ގެންނާނީ ވިހާދުވަސް ކައިރިވީމާ، ކިހިނެއްވާނެ މިގޮތް....] ފަހީމާ ބުންޏެވެ.
[އެންމެ ރަނގަޅު...މަންމައަށް ފެންނަގޮތެއް. މަންމަ ހާދަ ރަނގަޅޭ...މިހާރު ތަނެއްވެސް ލިބިއްޖެދޯ ނިޔާޒް....] ޢިމްރާން މަންމައާ ދޭތެރޭ ފަޚްރުވެރިވަމުން ނިޔާޒަށްދޯ ދިނެވެ.
އެދުވަހު ޢިމްރާން އޮފީސް ނިންމާފައި ގެއަށް އައިއިރުވެސް ފެނުނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. މުޅިންވެސް ގޭތެރޭގެ މާޙައުލުވަނީ ބަދަލުވެފައެވެ. ފަހީމާ ކިރުތަށްޓަކާއެކު ކޮށާފައި ހުރި ފުރުޓްތަކެއް ހިފައިގެން އައިސް ސަރާގެ ކޮޓަރިއަށް ވަންނަ މަންޒަރުވީ ޢިމްރާނަށް ވަރަށްބޮޑު ޙައިރާންކަމެއް ލިބުނު މަންޒަރަކަށެވެ.
[އަވަހަށް މި ކިރުތަށި ބޯލާ. ފުރުޓްކޮޅުވެސް އެކަށް ހުސްކޮށްލަންވާނެ. މިދުވަސްކޮޅު ކޭ އެއްޗެއްގެ ފައިދާ އެންމެ ރަނގަޅަށް ބަނޑުގައިވާ ދަރިފުޅަށް ކުރާނީ.] ފެންނަ ފެނުމުގައި ފަހީމާގެ ހެޔޮކަން މިހާރު އިންތިހާއެވެ.
[ތެދެއް ސަރާ އަވަހަށް ތިޔަތަށި ހުސްކޮށްލާ.]
[ދަރިފުޅާ ޢިމްރާން، އެމަންޖެ ގާތަށް އެކޮޓަރިއަށް ވަދެލިންތަ؟[ ސަރާ އިން އެނދުގެ މަގަތުގައި އިށީންނަމުން ފަހީމާ މިހެން ބުނީމާ އެފަރާތަށް ޖެހިލާފައި އެބަ އަންނަމޭ ބުނެފައި ޢިމްރާން ކޮޓަރިން ނުކުމެއްޖެއެވެ.
ޖެހިގެން އައި ދުވަހު ނިޔާޒް ޢިމްރާން ބޭނުންވާ ފެންވަރުގެ ގެއެއް ހޯދައި، އެޑްވާންސް ދައްކައި ހުރިހާ ކަމެއް ފުރިހަމަކުރިއެވެ. އަދި އެގެއާމެދު ސަރާ ހިތްހަމަޖެހޭތޯ ސަރާއަށް އެގެ ދެއްކިވެސްމެއެވެ. އެއީވެސް ކުޑަވަރެއްގެ ގަނޑުވަރެއްހެން ހަދާފައި ހުރި ހިތްގައިމު ގެއެކެވެ.
[ކީއްކުރަންތަ މިހާ ބޮޑު ގެއެއް ހޯދީ.] ގޭގެ އެކިތަންތަނަށް ނަޒަރު ހިންގާލަމުން ސަރާ ބުންޏެވެ.
މިހާރު މިއީ ސަރާއާއި ޢިމްރާންގެ ދިރިއުޅުމުގެ ބަހާރު މޫސުމުގެ ދުވަސްވަރެވެ. މިހާރު ސަރާގެ މޫނުމަތިން އިހު ހުންނަ ހިތާމަވެރި އަސަރު އެއްވެސް ގޮތަކަށް ނުފެނެއެވެ. އެމޫނުމަތިން މިހާރު އަބަދުވެސް ފެންނަމުންދަނީ އުފާވެރިކަމާއެކު ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ނުވެސް ދަންނަ ނަންބަރަކުން ސަރާއަށް ފޯނު އަންނަން ފެށީ މިއުފާވެރި ކަމުގައި ހަފްތާއެއްހާ ދުވަސް ފާއިތުވީ ފަހުންނެވެ. އެފޯންކޯލް އައި ވަގުތަކީ ޢިމްރާންވެސް ގޭގައި ނޫޅޭ ވަގުތެކެވެ.
[ކީއްތިކުރަނީ؟] ސަރާ ފޯން ނެގުމާއެކު އެކޮޅުން ވާހަކަ ދެއްކި ފިރިހެން މީހާ ކުރީ ސުވާލެކެވެ. އެމީހާ ވާހަކަ ދެއްކި ގޮތުން އެއްވެސް ވަރަކަށް ބީރައްޓެހި ގޮތެއް ނެތެވެ. ހީވަނީ ސަރާއަކީ މާކުރިއްސުރެވެސް އޭނާ ދަންނަ ރައްޓެއްސެއް ހެންނެވެ.
[ކާކުތީ؟] ސަރާ ޙައިރާންވެފައި ހުރެމެ އެއްސެވެ.
[އަދި ސަރާއަށް އަހަންނެއް ނޭނގޭނެ. އެކަމަކު އަދި ފަހުން މާރަނގަޅަށްވެސް އަހަރެން އެނގޭނެ. އަހަންނަށް ސަރާ....ވަރަށް ކަމުދޭ....] ސަރާ އިތުރަށް އެމީހާ ވާހަކަ ދައްކާކަށް ފުރްޞަތެއް ނުދެއެވެ. އޭނާ ޕަސްލާފައި ފޯން ކަނޑާލައިފިއެވެ. އިރުކޮޅެއްނުވެ އެމީހާ އަނެއްކާވެސް ގުޅައިފިއެވެ. އެފަހަރު ރިންގް ކެނޑުނުއިރުވެސް ސަރާ ފޯނެއް ނުނެގިއެވެ. [ކިހާ ބޮޑުކަމެއްތަ.]
ނަމަވެސް މާބޮޑަށް ބޮލަށް އުނދަގޫވާން ފެށީމާ އޭނާ ފޯނު ނަގާފައި ނިކަން ރުޅިއައިސްފައި ބުންޏެވެ. އެއަށްފަހު އޭނާ ފޯން އޮފް ކޮށްލައިފިއެވެ. ދެން ރިންގުވާން ފެށީ ކޮޓަރިތެރޭގައި ހުރި އާދައިގެ ފޯނެވެ. ސަރާ ދެފަރާތަށް ބޯހޫރާލުމަށްފަހު މޯބައިލް އޮންކޮށްލުމަށްފަހު ޢިމްރާނަށް ގުޅާފައި މީހަކު ޖެއްސުންކުރާ ވާހަކަ ބުނެފިއެވެ. ޢިމްރާން ބުނީ ފޯނުގެ ރިންގް އޮފް ކޮށްލުމަށާއި، މޯބައިލްވެސް ސައިލެންޓަށްލާފައި ބޭއްވުމަށެވެ.
އެދުވަހު ވިއްސަކަށްފަހު އެމީހަކު ސަރާގެ މޯބައިލަށާއި ކޮޓަރި ފޯނަށް ގުޅިއެވެ. ޢިމްރާން ގެއަށް އައިސް އެނަންބަރަށް ގުޅިއިރު ވީ އެއީ މާލޭގެ ކޮންމެވެސް ސަރަޙައްދެއްގައި ހުންނަ ފޯނު ބޫތަކަށެވެ.
[އަޅާނުލާ...އެމީހަކު ކިތަންމެ ގުޅިޔަސް ސަރާ ވާހަކަ ނުދެއްކީމަ ރަނގަޅުވާނެ.] ޢިމްރާން ސަރާގެ ހިތްހަމަޖައްސާލަދިނެވެ.
[އެކަމަކު ކިހިނެއްތަ އެމީހަކަށް އަހަރެންގެ ނަންބަރު އެނގުނީ.] ސަރާ ޝައްކު ކުރަނީ މަލަކާގެ ރޭވުމެއް ކަމަށެވެ. އެހެން ނަމަވެސް އޭނާއެއް އެހެނެއް ޢިމްރާން ގާތަކު ނުބުނެއެވެ.
[ނަންބަރު ހޯދަން އުޅޭ މީހަކު ހޯދަފާނެ. އެކަމާ ވިސްނުމުގެ މާނައެއް ނެތް. އެމީހަކު ކިތަންމެ ގުޅިޔަސް ސަރާ އަޅާނުލާ.] ޢިމްރާން ބުންޏެވެ.
އެރޭ ދަންވަރުވެސް އެމީހަކު ގުޅިއެވެ. ނަމަވެސް މިފަހަރު ފޯނު ނެގީ ޢިމްރާނެވެ. ޢިމްރާން ހުރީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންވެސްމެއެވެ.
[ކާކުތަ މޮޔަވެގެން ތިއުޅެނީ...ކެރިގެން ތިވަރަށް ޖެއްސުން ކުރަން ހުރިއްޔާ މިގެއަށް އައިސްބަލަ.] ފޯނު ނަގަމުން ޢިމްރާން ވަރަށް ރުޅިއައިސްފައި ބުންޏެވެ. އެމީހާ ފޯނު ބޭއްވި އަޑު އިވުނެވެ.
[ފޯން ބާއްވައިފި. އެމީހަކީ މިގޭގެ އާދަކާދަ ރަނގަޅަށް ދަންނަ މީހެއްހެން ހީވަނީ.] ޢިމްރާން އެނދުގައި އޮށޯވެލިއެވެ.
ޖެހިގެން އައި ދުވަހު ޢިމްރާން ސަރާއަށް މުޅިން އާ ނަންބަރެއް ނަގައިދިނެވެ. އަދި ކޮޓަރި ނަންބަރުވެސް ބަދަލުކުރިއެވެ.
އުނދަގޫކުރާ މީހާގެ ފުށުން ސަލާމަތްވެވުމުން އެދުވަހު ސަރާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ޢިމްރާން އޭނާދެކެ ލޯބިވާވަރާއި އަދި އޭނާއާ ދޭތެރޭ ވިސްނާވަރު އޭނައަށް އިޙްސާސް ކުރެވުނީމާވެސް އޭނާ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާވެފައެވެ.
މިހާރު ފެންނަ ފެނުމުގައި މަލަކާ ފިޔަވައި ހުރިހާ މީހުންގެ ރުހުންވެސް އޭނާއަށް ވަނީ ލިބިފައެވެ.
އެންމެންގެ ރުހުމާއި އޯގާތެރިކަން ސަރާއަށް ލިބެމުންދާ މަންޒަރު ފެނުނު ކަމުގައިވިޔަސް، މަލަކާ އެކަމަކާ އެއްވެސް ވަރަކަށް ނުވިސްނައެވެ. ހީވާ ކަހަލައެވެ. އޭނައަށް އެގޭތެރޭގައި ހިނގާ ކަންތައްތަކުގެ ދެފުށްވެސް ފެންނަނީއެވެ. ނޫނީ އެންމެންގެ ރުހުންވެސް ރަނގަޅު ގޮތުގައި ލިބޭނީ އޭނާއަށް ކަމަށް އޭނާ ގަބޫލު ކުރަނީއެވެ. ނުވަތަ ރައްޒާޤުގެ ކިބައިން ސަލާމަތްވާނޭ ގޮތަކާ ދޭތެރޭ ވިސްނާތީ، އެހެނިހެން ކަންތައްތަކާ ވިސްނުމަށް އޭނާއަށް ވަގުތު ނުލިބެނީއެވެ.
މިހާރު ރައްޒާޤު ބޭނުންވަނީ މަލަކާގެ މުދަލުން ބައެއް ލިބިގަންނާށެވެ. އޭނާ އެކަން ކުރާނެވެސްމެއެވެ. އެވަރުގެ ބާރު އޭނާގެ ކިބައިގައިވެއެވެ. މިއަދު އޭނާ އެދޭ ކޮންމެ ކަމެއްވެސް ކޮށްދިނުމަށް މަލަކާއަށް މަޖްބޫރުވާނެއެވެ.
[ކޮބާ މިހާރު ވިސްނައިފިންތަ؟] ރައްޒާޤު މަލަކާއަށް ގުޅާފައި އެއްސެވެ. އޭރު މަލަކާވަނީ އެކަމަށް ގޮތެއް ކަނޑައަޅާފައެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު