27 މާރިޗު 2020 - 13:44
15 ވަނަ އެޕިސޯޑް

==========

މިހާރު ޝިޔާންމެން އެދަނީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާނޭ ސާމާނު ހޯދަމުންނެވެ. ރެކިމަނިކު ދަނީ ކަމަކީ ބުރަ ބޮޑު ކަމަކަށްވުމާއެކު، ކުރިން ތަވީދުތައް ލިޔެ ތައްޔާރުވަމުންނެވެ. އެއީ މަސައްކަތުގެ ތެރޭގައި އަންދަންޖެހޭ ތަވީދުތަކެވެ.

ޝިޔާނާއި ވިޝާލް ދިޔައީ ކިޔެވެލި ކިޔަވަން އިތުރު މީހަކާއި މަސައްކަތަށް ބޭނުންކުރާނޭ އާލާތްތައް ހޯދާށެވެ.

ނަމަވެސް އެރެޔަކީ އެފަދަ މަސައްކަތަކަށް އެންމެ އެކަށީގެންވާ ރެޔަކަށް ނުވުމާއެކު، ރެކިމަނިކަށް މަޖުބޫރުވީ އެމަސައްކަތް ފަސްކުރާށެވެ.

[މިރެޔާއި މާދަމާރެޔަކީވެސް މިފަދަ ބޮޑު ކަމަކަށް އެކަށީގެންވާ ރޭތަކެއް ނޫން. މިދެރޭ ދޫކޮށްފައި މަސައްކަތް ފެށޭނީ.] ފާލު ބެލުމަށްފަހު ރެކިމަނިކު ބުންޏެވެ.

[އޭތި ސީދާ އަހަރެމެންގެ ކުރިމައްޗަށް ގެނެވޭނެތަ؟ އެކަން އަހަރެމެންނަށް ސާބިތުކޮށްދެވޭނީ އޭތި އަހަރެމެންގެ ސީދާ ކުރިމައްޗަށް ގެނެވިގެންދޯ؟] ޝިޔާން އެއްސެވެ.

[އާނ...އަހަރެންގެ މަސައްކަތް ރަނގަޅަށް ކުރިޔަށް ދިޔައްޔާ ކަށަވަރުންވެސް އަހަރެންގެ ބާރުގެ ދަށަށް އޭތި ގެނެވޭނެ. އަދި ހުރިހާ ވާހަކައެއް އޭތި އަމިއްލައަށް ކިޔައިވެސްދޭނެ.] ރެކިމަނިކު ބުންޏެވެ.

ރެކިމަނިކު މިހެން ބުނީމާ ޝިޔާންމެނަށް ވަރަށް ބޮޑަށް އުންމީދު އާވިއެވެ.

އެރޭގެ އިރާކޮޅުގެ ވަގުތެވެ. ރެކިމަނިކު އޭނާގެ އާދައިގެ މަތިން އަތިރިއަށް ފޭބުމަށްޓަކައި ހިނގައިގެންފިއެވެ. އޭނާ ރާއްޖެތެރޭގެ ކޮންމެ ރަށަކަށް ދިޔަސް، ޢާންމުކޮށް އިރާކޮޅުގެ ވަގުތު އަތިރިމައްޗަށް ދެއެވެ. އެއީ އޭނާގެ ޠަބީޢީ އާދައެކެވެ. އޭނާގެ އެންމެ ޅަޢުމުރުގައިވެސް އޭނާގެ އެ އާދަ ހުރެއެވެ. މިފަދަ ޙާލަތްތަކުގައި ނޫނީ އަތިރިއަށް ގޮސް އުޅުމުގެ ތެރޭގައި، އިދިކޮޅު ފަރާތަކަށް ކާމިޔާބު ހޯދުމަކީ ފަސޭހަ ކަމަކަށްވެސް ވެދާނެއެވެ.

އަރުފާން ދަނީ ކެނޑިނޭޅި ރެކިމަނިކަށް ފާރަލަމުންނެވެ. ރެކިމަނިކުގެ ކިބައިން އޭނާއަށް ސަލާމަތްވެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ. އެގޮތުގެ މަތިން އޭނާ މިހާރުވެސް އެދަނީ ރެކިމަނިކުގެ ފަސްފަހަތުން އޭނާޔަށް ފާރަލަމުންނެވެ. ކިރިޔާ ފުރްޞަތެއް ލިބުނަސް އޭނާ ރެކިމަނިކު އޭނާގެ ބާރުގެ ދަށަށް ގެންނާނެއެވެ.

ނަމަވެސް ރެކިމަނިކު އެވަރަށް ވިސްނައިގެން ހުރެއްޖެނަމަ، ހަމަގައިމުވެސް އޭނާޔަކަށް ރެކިމަނިކު އޭނާގެ ބާރުގެ ދަށަކަށް ނުގެނެވޭނެއެވެ.

[ކޮންތާކަށް ރެކިމަނިކުބެ ދިޔައީ؟] ކާން ހެދުމަށްފަހު ޝިނާ ޝިޔާން ގާތު އެއްސެވެ.

[އަތިރިޔަށްހެން ހީވަނީ. އޭނަ ބުނި ކޮންމެ ރަށަކަށް ދިޔަސް، އޭނާގެ އާދައެކޯ އަތިރިޔަށް ދިޔުމަކީ. މިހާރު ވަރަށްގިނައިރުވެއްޖެ ދިޔަތާވެސް.] ޝިޔާން ބުންޏެވެ.

[ރެކިމަނިކުބެ ފެނޭތޯ ނިކުންނަންވީ. ކޮންމެ ގޮތެއްގައިވެސް އަހަރެމެން ޖެހޭނެ، އޭނަޔަށް ވަރަށް ބޮޑަށް އަޅާލައި ކަމޭހިތަން. އޭނާ އައިސް އެހުރީ ސީދާ އަހަރެމެންގެ މަސައްކަތެއްގައި.] ޝިޔާނާއި ވިޝާލް ނިކުތެވެ. އެވަގުތަކީ ތާރާވެސް ފިހާރަޔަކަށް އެއްޗެއް ގަންނަން ދިޔުމަށްޓަކައި ބޭރަށް ނިކުތް ވަގުތެވެ. ވުމާއެކު ތާރާއަށް ޝިޔާން ފެނުނެވެ. ހަމައެޔާއެކު ޝިޔާންވެސް ހުއްޓުނެވެ. އިރުކޮޅެއް ވަންދެން ތާރާ ދެލޯ ބޮޑުކޮށްގެން ޝިޔާނަށް ބަލަން ހުއްޓެވެ. އެހިނދު އޭނާގެ ހަނދާނަށް އަންނަން ފެށީ އެދުވަހު އަރުފާން ދެއްކި ވާހަކައެވެ. އެމީހުންގެ ގުޅުމަށް ހުރަސްއަޅަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނި ވާހަކައެވެ.

[ޝިޔާން...އަހަންނަށް އެނގޭ...ވަރަށް ރަނގަޅަށް އެނގޭ....ޝިޔާން އަހަންނާ އަރުފާންގެ ގުޅުމަށް ހުރަސްއަޅަން މަސައްކަތް ކުރާކަން. ހަނދާންކުރާތި...ޝިޔާނަކަށް ތިކަމެއް ނުވާނެ.] ތާރާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

[ހަމަޖެހިބަލަ ތާރާ...އަހަރެން މަސައްކަތެއް ނުކުރަން...ތާރާއާއި އަރުފާންގެ ގުޅުމަށް ހުރަސްއަޅާކަށް. އަދި ފަހުން ތާރާއަށް ވިސްނޭނެ.] ޝިޔާން މަސައްކަތްކުރީ ތާރާ ހަމައަކަށް އަޅުވާށެވެ.

[ތިކަމާމެދު އެއްވެސްވަރަކަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫން. އާދޭސްކޮށްފައި އަހަރެން ބުނަން....ޝިޔާން އަހަރެމެންގެ އުފާވެރި ދިރިއުޅުމަށް ވިހަލާން ނޫޅޭ. ތިޔައީ ނުލާހިކު ޅަ ޒުވާން ކުއްޖެއް. ދެމަފިރިއެއްގެ ދޭތެރެއަށް ވަދެގެން ތިކުރަން އުޅޭ ކަމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން.] ތާރާ މިހެން ބުނެފައި ފިހާރަޔާ ދިމާއަށް ހިނގައިގެންފިއެވެ. ޝިޔާން އޭނާގެ ފަހަތުން ދާންވެސް އުޅުނެވެ. ނަމަވެސް އެވަގުތު ވިޝާލް އޭނާ ހިފެހެއްޓިއެވެ.

[އިހަށް އަޅާނުލާ...ތާރާ އެހުރީ ބޮޑު އޮޅުންގަނޑެއްގެ ތެރޭގައި. ދެން މާގިނަ ދުވަހެއްނުވެ ހުރިހާ ކަމެއްވެސް ވިސްނިދާނެ. ހިނގާ...ރެކިމަނިކުބެ ހޯދަން ދަމާ...ފަހަރެއްގައި އޭނާޔަށް ގެޔަށް އަންނަން ނޭނގިވެސްދާނެ.] ވިޝާލް ބުންޏެވެ.

އެމީހުނަށް ވަކިހިސާބަކަށް ދެވުނުތަނާހެން ރެކިމަނިކުބެ ވަރަށް ދުރުން ހިނގަމުން އަންނަނިކޮށް ޝިޔާނަށް ފެނުނެވެ.

އުފެދޭ ސުވާލަކީ ޙަޤީޤަތުގައިވެސް އެ އަންނަނީ ރެކިމަނިކުބެބާއެވެ. ޝިޔާންމެން މަޑުޖެހިލިއެވެ.

ރެކިމަނިކުބެ އަންނަނީ އެރަށު ފުއްޓަރު ފަރާތު އަތިރިޔާ ދިމާއިންނެވެ. ޝިޔާންމެން މަޑުކުރިއެވެ. ހަމަގައިމުވެސް އަރުފާނަށް ކިރިޔާ ފުރްޞަތެއް ލިބުނަސް، މިހާރު އެއަންނަނީ ރެކިމަނިކަކަށް ނުވާނެއެވެ.

[ތިކުދިން ކީއްތިކުރަނީ؟] ރެކިމަނިކު ޝިޔާންމެނާ އަރާހަމަކޮށް އެއްސެވެ.

[ރެކިމަނިކުބޭގެ އިންތިޒާރުގައި އަހަރެމެން މިތިބީ....ކޮންތާކުން ތިއައީ؟ ދޮންތަ ކާން ހަދައިގެން ހުންނަތާ ވަރަށްގިނައިރު ވެއްޖެ. ދޮންތަ ބުނެގެން އަހަރެމެން ނިކުތީ.] ޝިޔާން ގެޔާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.

ގެޔަށްދިޔަ މަގުމަތީގައި ތާރާއާ ދިމާވި ވާހަކައާއި އޭނާ ވަރަށް ބޮޑަށް ނުރުހުންވެގެން ވާހަކަތަކެއް ދެއްކި ކަމަށްވެސް ޝިޔާން ރެކިމަނިކުބޭ ގާތު ބުންޏެވެ.

[އޭނާ ކިތަންމެ އެއްޗެހި ކިޔަސް އަޅާލައިގެން ނުވާނެ. އަހަރެމެން ޖެހޭނީ އަދި އަޅާނުލާ ތިބެން. އަހަރެމެންނަށް އަދި މަސައްކަތް ފެށޭނީ ދެދުވަސް ފަހުން. އެހެންވީމާ އަހަރެމެން ޖެހޭނެ ވަރަށް ކެތްތެރިކަމާއެކު މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އަހަރެން އެޖިންނި ހަމަބިމަށް ތިރިކުރާނަން.] ގެޔަށް ވަންނަމުން ރެކިމަނިކު ބުންޏެވެ.

އޭރުވެސް އެމީހުންގެ ފަހަތުން ފާރަލަމުން އަރުފާން ދިޔައެވެ. އަރުފާން ބަލަނީ އޭނާޔަށް ކިރިޔާވެސް ފުރްޞަތެއް ލިބޭތޯއެވެ.

[އަހަރެމެންނަށް މިކަން ކާމިޔާބު ކުރެވޭނެކަން ޔަޤީންދޯ؟] މިފަހަރު ވާހަކަ ދެއްކީ ވިޝާލެވެ.

[އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ޔަޤީން. އަހަރެން މުޅި ރަށުގެ ރައްޔިތުންނަށްވެސް ސާބިތުކޮށްދޭނަން އެއީ އިންސާނެއް ނޫންކަން.] ރެކިމަނިކު ބުންޏެވެ.

ވަގުތު ކުޑަތަންވަމުންދާ ވަރަކަށް އަރުފާންގެ ހާސްކަމާއި ނުތަނަވަސްކަން ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އޭނާއަށް ހަމަޖެހިލައިގެން އެއްވެސް ކަމެއް ނުކުރެވެއެވެ.

އޭނާޔަށް މިހާރު ލޯމަތިން ފެންނަމުންދަނީ ކުރިޔަށް އޭނާގެ ޙަޔާތުގައި ވާންހުރި ކަންތައްތަކެވެ. އެ ނާމާން މަންޒަރު އޭނާއަށް ފެންނަމުންދަނީ އޭނާގެ އުފާވެރި ޙަޔާތަށް އަންނަ ބޮޑު ޠޫފާނެއްގެ ގޮތުގައެވެ.

ޙަޤީޤަތަކީވެސް އެއީއެވެ. މާގިނަ ދުވަސްތަކެއްނުވެ އޭނާގެ ޙަޔާތަށް އެޠޫފާން އަންނާނެއެވެ. އެޠޫފާނުން އޭނާގެ ޙަޔާތުގެ ހަވޭލި ބިމާ ހަމަވެ، ބޯހިޔާ ގެއްލި، އުފާތަކުން މަޙްރޫމްވާނެއެވެ.

އޭނާގެ ހާސްކަމަކީ އެއީއެވެ. އޭނާގެ ހުރހިާ ވިސްނުމަކީ މިހާރު އެއީއެވެ. ރެކިމަނިކުގެ ކިބައިން އޭނާގެ ދިރިއުޅުން ސަލާމަތްކޮށް، އަމާން އައްސޭރިއަކަށް ގެންދިޔުމަކީ އޭނާ އެންމެބޮޑަށް ވިސްނާ ކަންތަކެވެ.

[އަރުފާން...މިރޭ ނުވެސް ނިދާ ރެއެއްތަ؟ އައިސްބަލަ މިތާ އޮށޯންނަން. އަހަރެން މިއަދު ދުށިން ޝިޔާން. އަހަރެން އޭނަޔަށް ވަރަށް އެއްޗެހި ކިއިން. އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ނުވަނުމަށް އަހަރެން ނަޞޭޙަތްތެރިވިން.]

[އަހަރެންވެސް ދުށިން މިރޭ ގެޔަށް އައި މަގުމަތިން. އެކަމަކު އެމީހުންނަކަށް އަހަރެން ނުފެންނާނެ. އަހަރެންގެ ހިތަށްވެސްއެރި އެއްޗެހި ކިޔައިގެންފާނަމޭ.] އަރުފާން ތާރާ އޮތް އެނދުގެ މަގަތުގައި އޮށޯތެވެ.

[އެމީހުން އައިސްގެން އުޅެނީ ކީއްކުރަންބާ؟ އެހެން ރަށެއްގެ ސޮރަކުވެސް އޭނަޔާއެކު ހުރި.] ތާރާ ބުންޏެވެ.

[އެމީހުން އައިސްގެން އުޅެނީ ސީދާ ތާރާ ޙާޞިލް ކުރަންވެގެން. އެމީހުން މިހާރުވެސް އެބަ ފަންޑިތަ ހައްދާ. އަހަންނަށް މިހާރު އިޙްސާސް ކުރެވޭ...އަހަރެމެންގެ ދެމެދުގައި ވަރަށްބޮޑު ދުރުކަމެއް އުފެދޭކަމަށް.] އަރުފާން ތާރާއާ ގާތަށް ޖެހިލިއެވެ.

[ތީ މިހާރު އަރުފާނުގެ ހިތް....އަހަރެމެންގެ ދެމެދަށް އެއްވެސް މީހަކަށް ނުވަދެވޭނެ. އަހަންނަކަށް އެއްވެސް ދުރުކަމެއް އިޙްސާސެއް ނުކުރެވޭ.] ތާރާ މިހެން ބުނެފައި އަރުފާންގެ މޭގައި ބޯއަޅާލިއެވެ.

[ތާރާ...ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، އަހަންނާ ވަކިނުވާތި...އަހަންނަށް ތާރާއާނުލާ މިދުނިޔެއަކު ނޫޅެވޭނެ.] އަރުފާންގެ ލޮލުން ކަރުނަހިލުނެވެ.

[އަރުފާން ދެރަނުވޭ...އަރުފާން ތިވަރަށް ކަންބޮޑުވަނީ އެމީހުން އަހަރެމެން ދުރުކުރަން ފަންޑިތަ ހަދަން އުޅޭކަމަށް ހީކުރެވޭތީދޯ؟ އަޅެ ދެން ޝިޔާން ކީއްވެތަ އަހަރެމެންގެ ދެމެދަށް ހުރަސްއަޅަންވީ؟] ތާރާ އަރުފާންގެ ލޮލުގައި ހުރި ކަރުނައިގެ ތެތްކަން ފިލުވާލިއެވެ.

[ތާރާ...އަހަންނަށް ހީވަނީކީ ނޫން...އެމީހުން އެމަސައްކަތް އެބަކުރޭ...މިހާރުވެސް އެދަނީ ތައްޔާރުވަމުން. ކޮންމެވެސް ރަށެއްގެ ފަންޑިތަ ހަދާ މީހަކުވެސް ގެނެސްގެން އެއުޅެނީ. މަންމަ ގާތު ބުނެގެން އެމީހުންގެ މަސައްކަތް މާދަމާ ހުއްޓުވާތި.] އަރުފާނަށް އެހެން ގޮތެއް ނެތުމުން، ތާރާގެ މަންމަ ޞަފޫރާގެ އެހީ ހޯދުމަށް އޭނާ ތާރާ ގާތު އެދުނެވެ.

[މާދަމާ އަހަންނާ މަންމަ އެގެޔަށް ދާނަން. އަހަރެމެން ގޮސްގެން ނުހުއްޓައިފިއްޔާ ފުލުހުން މެދުވެރިކޮށް އެމަސައްކަތް ހުއްޓުވާނަން.] ތާރާގެ މިވާހަކައިން އަރުފާނަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނަސް އެއީ ދާއިމީ ހަމަޖެހުމެއް ނޫނެވެ.

އެހެން ނަމަވެސް ޞަފޫރާމެން މާދަމާ އެގެޔަށް ގޮސްފިނަމަ ރެކިމަނިކު އަރުފާނާބެހޭ ހުރިހާ ވާހަކައެއް ކިޔައިދީ، އެވަގުތުން ފެށިގެންވެސް އޭނާގެ ދިރިއުޅުމަށް ހުރަސްއަޅާފާނެ ކަމަށް އޭނާއަށް ވިސްނުނީ ދެނެވެ. ވަގުތުން އޭނާގެ ޚިޔާލު ބަދަލުވިއެވެ.

[ދޮގެއް...މަންމަ ގާތުވެސް ބުނާނެ ކަމެއްނެތް. އަހަރެން އަމިއްލައަށް އެމީހުންގެ މަސައްކަތް ހުއްޓުވާނަން. ތާރާ އެކަމާ އެއްވެސްވަރަކަށް އަޅާލާނެ ކަމެއްނެތް.] އަރުފާން ތާރާގެ ގައިގައި ފިސާރި ލޯތްބާއެކު ބައްދާލަމުން ބުންޏެވެ.

އެރޭ އޭނާ ވިސްނީ އެހެން ގޮތަކުންވިޔަސް ރެކިމަނިކުގެ މަސައްކަތް ހުއްޓުވާށެވެ. އެގޮތުން ރެކިމަނިކުގެ ޢާއިލާގެ މެމްބަރުންނަށް ފުރައްސާރަކޮށްގެން އެކަން ހުއްޓުވުމުގެ ވިސްނުން އޭނާއަށް އައީ އެރެއެވެ.

ވަގުތުން އޭނާ ތެދުވިއެވެ. އޭނާ މިޞްރާބުޖެހީ ރެކިމަނިކުގެ އަންހެނުންނާ ދިމާކުރާށެވެ. ނޫނީ ރެކިމަނިކުގެ ދަރިއަކަށް ޙަމަލަދީގެންވިޔަސް، އޭނާގެ އަމިއްލަ ސަލާމަތް އޭނާ ބޭނުންވެއެވެ.

ނިދިފައި އޮތް ތާރާއަށް އެރޭ ދަންވަރު ހޭލެވުނީ ދަރިފުޅު ރޮއިގަތް އަޑަށެވެ. ހޭލެވުމާއެކު އޭނާއަށް ޙައިރާންކަން ލިބުނީ އަރުފާން ނެތީމައެވެ. ރޮއިރޮއި އޮތް ދަރިފުޅަށް ބުއްފުޅިދީ ދަރިފުޅު ލޮއްސުމަށްފަހު، (މަސަލަސް ކުރުމަށްފަހު) ތާރާ ބޭރަށް ނިކުތެވެ.

އަރުފާން މަދުން ނަމަވެސް އެގޮތަށް ފިނިކޮށްލަން ބޭރަށް އެގަޑީގައި ނިކުމެއުޅޭތީ ބޭރުގައި ހުސްނުހީނާ ގަސް ކައިރީގައި ހުރިތޯ ބަލާށެވެ.

ނަމަވެސް ގެޔާއި މުޅި ގޯތިތެރެ ތާރާ ހޯދިއިރުވެސް އަރުފާނެއް ނުފެނުނެވެ. އަނެއްކާ އަރުފާން ދިޔައީ ކޮންތާކަށްބާއެވެ؟

[އަރުފާން...އަރުފާން....] ތާރާ މަޑުމަޑުން އަރުފާނަށް ގޮވަމުން ބޭރަށްވެސް ނިކުތެވެ. މަގުމަތިންވެސް އަރުފާންގެ ހިލަންވެސް ނުވިއެވެ. އޭނާ ދޮރާށި ކައިރީގައި މަގުމަތީގައި ގަޑިއެއްހާއިރު ވަންދެން ހުއްޓެވެ. ނަމަވެސް އޭނާ ގެޔަށް ވަނީ ވަރުބަލިވީމައެވެ.

އަރުފާންގެ ފޯނަށް ގުޅަން އޭނާއަށް ވިސްނުނީ ކޮޓަރިއަށް ވަދެވުމުންނެވެ. އޭނާ އަރުފާނަށް ގުޅަން ފެށިއެވެ. ރިންގްގެ އަޑު އިވުނީ ކޮޓަރިތެރެއިންނެވެ. ފޯނުއޮތީ އެނދުގެ ސައިޑްކަބަޑް މަތީގައެވެ.

[މިގަޑީގައި ފޯނުވެސް ބާއްވާފައި ކޮންތާކަށްބާ އެދިޔައީ...މީ ދެން މީހުން ބޭރަށްދާ ގަޑިތަ؟] ތާރާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ އޮށޯތެވެ. އެއަށްފަހު އޭނާ ސައިޑްކަބަޑް މަތީގައި ހުރި ގަޑިއަށް ބަލައިލިއެވެ.

ގަޑިން ތިނެއްޖަހާ ބޮޑުވިއެވެ. އެވަގުތެވެ. އަރުފާންގެ މިޞްރާބު އެހުރީ ރެކިމަނިކުގެ ޢާއިލާ މާލޭގައި ދިރިއުޅެމުންދާ ގެޔާ ދިމާއަށެވެ.

ރެކިމަނިކުގެ އަނބިމީހާ މުއުމިނާއާއި އެދެމަފިރިންގެ ފަސްކުދިން ދިރިއުޅެމުންދަނީ އެގޭގައެވެ.

އަރުފާން ބޭނުންވަނީ ރެކިމަނިކު އޭނަޔަށް ހުރަސްއަޅަމުންދާތީ ބަދަލުހިފާށެވެ.

އެރޭ ރެކިމަނިކުގެ ތިންވަނަ އަންހެން ދަރިފުޅު އަފްރާ ކޮޓަރިއަށް ވަނީ އޭނާގެ މަންމަ މުއުމިނާއާ ޒުވާބުކޮށްފައި ރޭގަނޑު ނުވެސްކައެވެ. އަފްރާއާއި އޭނާގެ މަންމަ ޒުވާބުކުރީ އަފްރާ އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް ޢައްޔަން ކުރަން އުޅޭ އޭނާގެ ލޯބިވެރިޔާ ފިޔާޒާމެދު ޢާއިލާއިން ހިތްހަމަނުޖެހޭތީއެވެ.

އެރޭ އަފްރާ އޭނާގެ މަންމައާ ދިމާޔަށް ބުނެފައިވަނީ ފިޔާޒް ނޫން މީހަކު އޭނާގެ ޙަޔާތަށް ގެންނަން ބޭނުންނޫން ކަމަށާއި، ފިޔާޒްގެ ލޯބި ނުލިބޭ ދުނިޔެއެއްގައި އޭނާ އުޅެންވެސް ބޭނުންނުވާ ކަމަށެވެ.

އެރޭ މުއުމިނާ ބުނީ އަފްރާ ކިތަންމެ ރުޅިއަޔަސް ފިޔާޒްފަދަ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވަމުންދާ ޒުވާނަކާ އަފްރާ ނުދެވާނެ ކަމަށާއި، އެރެއިން ފެށިގެން އެގުޅުން ކަނޑާލުމަށެވެ.

ނަމަވެސް މަންމަގެ އެވާހަކައަށް އަފްރާ ދިނީ ބީރު ކަންފަތެކެވެ. އަފްރާ ބުނީ ފިޔާޒް މަސްތުވާތަކެތި ބޭނުންކުރިޔަސް އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް ޚިޔާރުކުރަން ބޭނުންވަނީ ފިޔާޒް ކަމަށާއި، ފިޔާޒް އަނބުރާ މުޖްތަމަޢަށް ބޭނުންހިފޭ މީހެއްގެ ގޮތުގައި ގެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެރޭ އަފްރާގެ ދައްތައާއި ބޭބެވެސް އަފްރާއަށް ވިސްނައިދޭން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެއިން މީހެއްގެ އަޑެއްވެސް އަފްރާ ނޭހިއެވެ.

ކޮޓަރިއަށް ވަނުމުގެ ކުރިން އެންމެފަހު ބަހެއްގެ ގޮތުގައި އޭނާ ބުނީ ފިޔާޒްދެކެ އޭނާ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި، އޭނާއާއި ފިޔާޒްގެ ލޯތްބަށް ހުރަސްނޭޅުމަށެވެ.

އެރޭ ރޮއިރޮއި އެތައްއިރަކު ކޮޓަރިތެރޭގައި އޮތުމަށްފަހު އަފްރާއަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ. މުޅިމީހާ އޮތީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެރޭ އެގޮތަށް ނިދިޖެހިފައި އޮތް އަފްރާއަށް ހޭލެވުނީ އޭނާގެ ހަށިގަނޑުގައި މީހަކު މަސްތީ ބީހުންތަކެއް ބީހެމުން ދިޔުމާއެކު އޭނާގެ އެތެރެހަށްޓަށް އާދަޔާ ޚިލާފު ހޫނުކަމެއް އިޙްސާސްވީމައެވެ.

އޭނާއަށް ހޭލެވުމާއެކު އޭނާއަށް ލިބުނީ އިންތިހާއީ ޙައިރާން ކަމަކާއެކު ބޮޑު ޝޮކެކެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. ލިބުނު ސިހުމާއެކު އޭނާ ފުންމައިގެން ތެދުވެއްޖެއެވެ.

އެހެން ނަމަވެސް މަންމަމެންނާ އަރާރުންވެފައި ހުރުމުގެ ސަބަބުން ބޭރަށް ނިކުންނާކަށްވެސް އޭނާ ބޭނުމެއްނުވިއެވެ.

ހަމަގައިމުވެސް އޭނާޔަށް ޔަޤީނެވެ. އޭނާ އޮށޯތީ ފޭރާމާ އެކުގައެވެ. އޭނާ ނިދާ ހެދުމެއްވެސްނުލައެވެ.

[ކާކު!؟ މިތާނގައި ކާކުތަ ހުރީ؟] އަފްރާ ބެޑްޝީޓް ހަށިގަނޑުގައި އޮޅާލަމުން ތެދުވިއެވެ.

އެޔާއެކު ފާޚާނާގެ އިސްކުރުން ފެންދޫވި އަޑު އަފްރާއަށް އިވިއްޖެއެވެ. އަފްރާ ބޮޑަށް ބިރުގަތީ އެހާ ހިސާބުންނެވެ.

[ކާކު؟ ކާކުތަ މިކޮޓަރިއަށް ވަދެގެން އުޅެނީ؟] އަފްރާ ބެޑްޝީޓް އޮޅާލައިގެން ތެދުވެއްޖެއެވެ. އެވަގުތު ފާޚާނާއިން އެ ނިކުތީ ފިޔާޒެވެ.

[ފިޔާޒް...ފިޔާޒްތަ؟ އަހަރެންގެ...!] އަފްރާ ފިސާރި ޙައިރާންކަމާއެކު ދެލޯ ބޮޑުކޮށްގެން ހުރެ އެއްސެވެ.

ފިޔާޒް ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި އަފްރާއާ ގާތަށް ޖެހެން ފެށިއެވެ. ގަނޑުވެފައި ކަހަލަ ގޮތަކަށް އަފްރާ ހުރީއެވެ. ނޫނީ ޤަބޫލުކުރަން ދަތިވެފައި އޭނާ ހުރީއެވެ.

[ފިޔާޒް...އަޅެ ކީއްތިކުރީ...އަހަރެންގެ ޒުވާންކަން.] އަފްރާއަށް ރޮއިގަނެވުމާއެކު އެނދުމައްޗަށް ވެއްޓިގަނެވުނެވެ.

[އަފޫ...ލަދުނުގަނޭ އަފޫ....އަހަރެންގެ ފަރާތުން އަފޫއަށް ދެރައެއް ނުލިބޭނެ. އަފޫ އަހަރެންދެކެ ލޯބިވާވަރަށް އަހަރެންވެސް އަފޫދެކެ ލޯބިވަން.] ފިޔާޒް އަފްރާގެ ހަށިގަނޑުގައި ބައްދާލިއެވެ. އެހާ ހިސާބުން އަފްރާގެ ލަދުވެތިކަން ކަޝްފުވެ، ޢިއްފަތްތެރިކަމުގެ ފަރުދާ ކެހިގެން ހިނގައްޖެއެވެ.

އަންހެން ކުއްޖެއްގެ ޢިއްފަތްތެރިކަމަކީ އެކުއްޖެއްގެ މިލްކުގައިވާ އެންމެ އަގުހުރި މުދަލެކެވެ. ކައިވެނީގެ އިމުން ބޭރުގައި ޢިއްފަތުގެ މީރުކަން އެހެން މީހަކާއެކު ޙިއްޞާ ކުރުމަކީ އަންހެނެއްގެ މުޅި ޙަޔާތުގައިވެސް ކުރެވޭނެ އެންމެ މޮޔަ ޢަމަލެވެ.

އެއީ ގެއްލިއްޖެނަމަ އަލުން އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ޒަމާނުގެ ބައެއް އަންހެން ކުދިންނަށް ޢިއްފަތްތެރިކަމުގެ އަގު ވަޒަނެއް ނުކުރެވެއެވެ.

ފުރާވަރުގެ ޢުމުރާއެކު ޒަމާނުގެ ގިނަ ކުދިން އެއްވެސް ފިކުރެއްނެތި ތިމާގެ ޢިއްފަތް ނަގާލާކަމީ ހިތާމަހުރި ކަމެކެވެ.

ލޯބިވެރިޔާގެ މަސްތީ ބީހުންތަކާއެކު މިހާރު އަފްރާއަށްވެސް އެވަނީ ޢިއްފަތްތެރިކަމުގެ އަގު ހަނދާންނެތިފައެވެ.

އަފްރާގެ ޒުވާންކަން ނަގާލުމަށްފަހު ފިޔާޒް އެކޮޓަރިތެރޭގައި ހިނދުކޮޅަކަށްވެސް މަޑެއްނުކުރެއެވެ. އަފްރާއާ ދިމާއަށް ބަލައިވެސްނުލާ އޭނާ ކޮޓަރިން ނިކުމެއްޖެއެވެ.

އެކަމާ އަފްރާ ވަރަށް ބޮޑަށް ޙައިރާންވިއެވެ. އަފްރާގެ ބަނޑަށް އާދަޔާ ޚިލާފަށް އުނދަގޫވާން ފެށީ ފިޔާޒް ނިކުމެގެންދިޔުމާ އެކުގައެވެ.

އަފްރާ ބަނޑުގައި އަތް އަޅައިގެން ކޮޓަރިން ނިކުތީ ވޭނަށް ކެތްނުކުރެވޭވަރުވީމައެވެ. އޭނާގެ މަންމަ މުއުމިނާއާއި ބޭބެ އާސިރާއި ދައްތަ އަސްރާއަށް ހޭލެވުނީ އަފްރާ ބާރުބާރަށް ރޯއަޑަށެވެ.

[އަފްރާ....ކިހިނެއްވ؟] އަސްރާއާއި މުއުމިނާ އަފްރާގެ ގައިގައި ހިފެހެއްޓިއެވެ. ވާހަކަ ދެއްކޭ ވަރަށްވުރެންވެސް އޭނާގެ ބަނޑުގައި އަޅަމުންދިޔަ ވޭން މާބޮޑެވެ.

[ދަރިފުޅާ...ބަނޑުގައި ރިއްސަނީތަ؟] މުއުމިނާއާއި އާސިރު އަދި އަސްރާ އަފްރާ އަތުލަފިކޮށްގެން ގޮސް ކޮޓަރިއަށް ވަނެވެ.

[މަންމާ...ބޭބޭ...ދައްތާ...އަހަރެން މަރުވަނިއްޔޭ...އަހަރެންގެ ބަނޑުތެރޭގައި އެއްޗެއް އޮވެ އެތެރެހަށިކަމުންދާހެން ހީވަނީ....އައްދިއްޔޯއި...އާއި....] އަފްރާ ބަނޑުގައި އަޅާ ވޭނަށް ކެތްނުކުރެވިގެން އެނބުރެމުން ދަނީއެވެ. ވަގުތުން އަފްރާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ހަމަ އެވަގުތެވެ. ތާރާ އަދިވެސް އެއޮތީ އަރުފާންގެ އިންތިޒާރުގައެވެ. އަރުފާން ގެޔަށް އައިސް ވަނީ ފަތިސްވާން އުޅެނިކޮށެވެ.

[އަރުފާން! ކޮންތާކުން ތިއައީ...މިގަޑީގައި...] އަރުފާން ކޮޓަރިއަށް ވަނުމާއެކު ތާރާ އެއްސެވެ.

ހަދާނެ ދޮގަކާމެދު އަރުފާން ފުރަތަމަ ވިސްނާލިއެވެ.

[ޝިޔާންމެން ހޭލާތިބެ މަސައްކަތް ކުރާތީ ފާރަލީ...އެމީހުން މަސައްކަތް ހުއްޓާލާފައި ނިދަން އޮށޯތީމާ އަހަރެންވެސް މިއައީ. ތާރާ ތިއޮތީ ހަމަ އަހަރެން ގެއްލިގެންތަ؟] އަރުފާން ހީލިއެވެ.

[އެހެންތަ...އަހަރެންގެ ހޫނު ފޯރާ ހިސާބުގައި އަރުފާން ނެތިއްޔާ ނިދަން އަހަންނަށް ވަރަށް އުނދަގޫވޭ. އެހެންވެ އަންނަންދެން އޮވެވެނީ.] އަރުފާން އޮށޯތުމުން ތާރާ އަރުފާންގެ މޭގައި ބޯއަޅާލިއެވެ.

ހޮސްޕިޓަލަށް ގެންދެވުމާއެކު އަފްރާ ތަފާތު ޓެސްޓްތައް ކުރަން ފެށުނެވެ. އޭނާގެ ބަނޑުގައި އަޅަމުންދާ ވޭނަށް ލުޔެއް ލިބޭތޯ ޑޮކްޓަރުން އިންޖެކްޝަނެއްވެސް ޖެހިއެވެ. ނަމަވެސް ވީ އެއްވެސް ކަމެއް ނެތެވެ.

[އަޅެ މަންމާ...ޑޮކްޓަރުން މިކުރާ އެއްވެސް ކަމަކުން އަހަންނަކަށް ލުޔެއް ނުލިބެޔޭ. އަޅެ އަހަރެންގެ އެތެރެހަށި ކައި ހުސްކުރަނީޔޭ...މަންމާ...ބައްޕަ ކޮބައިތަ...އަޅެ އަދިވެސް ބައްޕަ ނާދޭތަ؟] އަފްރާ ބަނޑުގައި ހިފަހައްޓައިގެން އެނބުރެމުން ދަނީއެވެ.

ބައެއްފަހަރު ފަންކާއެއްހެން އެނދުމަތީގައި އެނބުރިގަނެއެވެ. އެފަދަ ވަގުތުތަކުގައި އެއްވެސް މީހަކަށް އޭނާ ނުހިފެހެއްޓެއެވެ.

މުއުމިނާ ރެކިމަނިކަށް ގުޅީ އަފްރާގެ ޙާލަތު މާބޮޑަށް ގޯސްވެ، އަފްރާވެސް ތަކުރާރުކޮށް ބައްޕަ ގެނެސްދިނުމަށް އެދުމުންނެވެ.

ވުމާއެކު ޖެހިގެން އައި ދުވަހުގެ މެންދުރު ފްލައިޓުން އެނބުރި މާލެ ދިޔުމަށް ރެކިމަނިކަށް މަޖުބޫރުވިއެވެ. މަސައްކަތް މެދުކަނޑާލުމަށްފަހުގައެވެ.

[އަހަރެން ވަރަށް އަވަހަށް އަންނާނަން. އަފްރާގެ ބަލި ރަނގަޅުވިހާ އަވަހަކަށް އަންނާނަން.] ފުރަން އެއަރޕޯޓަށް ދަމުން ރެކިމަނިކު ވާހަކަ ދެއްކިއެވެ.

ރެކިމަނިކަށް މާލެދެވި ހޮސްޕިޓަލަށް އާދެވުނުއިރު އަފްރާ ތަފާތު ޓެސްޓްތަކަކާއެކު ސްކޭންވެސް ހަދައިފިއެވެ. އެކި ޑޮކްޓަރުންގެ ޚާއްޞަ ޓީމަކުންނެވެ.

[އަފްރާ ބަނޑު ބޮޑު...ބަނޑުގައިވަނީ އާދަޔާ ޚިލާފު ދަރިއެއް...ބަނޑުގައި ވޭން އަޅަނީ އެހެންވެ.] ޑޮކްޓަރ ޢަރޫޝާގެ މިޚަބަރަކީ މުޅި އެ ޢާއިލާއަށް ލިބުނު ޝޮކެކެވެ. އެއީ އަފްރާގެ ބައްޕަވެސް އައިސް އެތަނަށް ހުއްޓުނު ވަގުތެވެ.

[ކީކޭ! އަފްރާ ބަނޑު ބޮޑޭ...ބުނޭ ތީ ދޮގެކޭ...އަފްރާ ބަނޑުބޮޑެއް ނުވާނެ. އަހަރެންގެ ދަރިފުޅު އެފަދަ ކަމެއް ނުކުރާނެ. އަހަރެން އަފްރާއަށް އިތުބާރު ކުރަން. ޑޮކްޓަރު އަލުން ޓެސްޓް ކޮށްފައި ބަލަންވީނު.] ރެކިމަނިކު އޭނާގެ ދަރިފުޅަށް އިތުބާރު ކުރެއެވެ.

[އަޅުގަނޑުމެން ބޮޑު ޓީމަކުން އަފްރާއަށް ފަރުވާދެމުން މިދަނީ. މިޓީމްގައި އުޅެނީ އެއް ޑޮކްޓަރ ދެޑޮކްޓަރެއް ނޫން.] ޑޮކްޓަރ ޢަރޫޝާ ބުންޏެވެ.

[އެކަމަކުވެސް ތިވާހަކަ އަހަންނަކަށް ޤަބޫލެއް ނުކުރެވޭނެ. އަފްރާ ބަނޑުބޮޑުވާންވީ ކީއްވެ؟] ރެކިމަނިކުގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.

[ތިވާހަކަ އަހަންޖެހޭނީ އަފްރާ ގާތު. އަފްރާގެ ބަނޑުގައި ވަނީ އާދަޔާ ޚިލާފ ކުއްޖެއް. އޭނައަށް އުނދަގޫވަމުން ދަނީ އެކުއްޖާގެ ސަބަބުން. އަހަރެމެން މިހާރު މިއުޅެނީ އިތުރު ސްކޭނެއް ކުރަން.] ޑޮކްޓަރ އަރޫޝާ އިތުރަށް ކިޔައިދިނެވެ.

އޭރު އަދި ރެކިމަނިކަކަށް އޭނާގެ ދަރިފުޅެއް ނުފެނެއެވެ.

ހަމަގައިމުވެސް ދަރިފުޅުގެ ޙަރަކާތްތައް އޭނާޔަށް ފެނުނުނަމަ، ވެގެން އުޅޭގޮތް އޭނަޔަށް އެނގުނީހެވެ.

[އަހަރެން ބޭނުން އަފްރާއާ ސުވާލުކުރަން. ސްކޭންކޮށް ނިންމާފައި އަފްރާ އަވަހަށް ބޭރަށް ނެރެދީ.] ރެކިމަނިކު ބުންޏެވެ.

އޭރު ސްކޭން ޑޮކްޓަރު، އަފްރާ ސްކޭން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީއެވެ. ޑޮކްޓަރ އަރޫޝާއަކީ މާބަނޑު މީހުންގެ ޚާއްޞަ ޑޮކްޓަރެކެވެ.

މިފަހަރު ނެގި ސްކޭނަށްފަހު ޑޮކްޓަރުންނަށް ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އަފްރާގެ ބަނޑުގައިވަނީ ވަރަށް ބޮޑަށް އާދަޔާ ޚިލާފު ކުއްޖެކެވެ. ދުވަސް ފުރެންދެން އެދަރިފުޅު އަފްރާގެ ބަނޑުގައި އޮވެއްޖެނަމަ، އެކަން ވެގެންދާނީ އަފްރާއަށް ލިބޭނެ ވަރަށްބޮޑު ވޭނަކަށެވެ.

ސްކޭންކޮށް ނިމި ޑޮކްޓަރުން އަފްރާ ބަލަމުންދަނިކޮށް އަފްރާ އެނދުން މައްޗަށް ހިއްލެން ފެށިއެވެ. ހީވީ ފަންކާއެއް އެނބުރިގަތްހެންނެވެ. އެނދަށްވުރެން ހަތަރު ފޫޓް މައްޗަށް އެރުމަށްފަހު ބާރު ހަޅޭކަކާއެކު އަފްރާ އެނބުރެން ފެށިއެވެ.

އެހާ ހިސާބުން ޑޮކްޓަރުންގެ ޓީމްވެސް ބިރުގަތެވެ. އެތަނުން އެކަކު އަފްރާގެ ބައްޕައަށް ގޮވައި އެމަންޒަރު ދެއްކުމަށްޓަކައި ވެއްދިއެވެ.

[ދަރިފުޅު....އަފްރާ...!؟] ފެނުނު މަންޒަރާއެކު ރެކިމަނިކު ދެލޯ ބޮޑުވިއެވެ. ވަގުތުން އޭނާއަށް ވެގެން އުޅޭގޮތް ވިސްނުނީކަންނޭނގެއެވެ. އޭނާ މަޑުމަޑުން ކިޔަވަން ފެށިއެވެ. އޭނާ ކިޔަވަމުން ކިޔަވަމުން އަފްރާއާ ކައިރިއަށް ޖެހެން ފެށިއެވެ. އޭނާ ކިޔަވަން ފެށިތާ މިނިޓެއްގެއިރުތެރޭ އަފްރާ އެނދުމައްޗަށް ތިރިވެއްޖެއެވެ.

[އަހަންނަށް މިހާރު އެނގޭ ވެގެން އުޅޭގޮތް. އެމަންޖެއަށް ޖިންނި ކަންތައްގަނޑެއް ލައިގަނެގެން އެއުޅެނީ. އަހަރެން ބޭނުންވަނީ އަފްރާ ގޮވައިގެން ގެޔަށްދާން.] ރެކިމަނިކު ޑޮކްޓަރުން ގާތު ބުންޏެވެ.

[އެޙާލުގައި އޮތް ބަލިމީހަކު ދޫކޮށްލާކަށް ނުކެރޭނެ. މިތާނގައި ކޮޓަރިތައް އެބަހުރި. ކޮޓަރިއެއްގައި އެޑްމިޓް ކުރެވިދާނެ.] ޑޮކްޓަރ އަރޫޝާ އަފްރާ ގެޔަށް ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ.

މިހާރު އަރުފާން އެހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. މިހާރު އޭނާ އެދަނީ ތާރާއާއި ދަރިފުޅު ގޮވައިގެން އެހެން މީހުންނާ ދުރަށް ދިޔުމަށްޓަކައި ތައްޔާރުވަމުންނެވެ. އޭނާ ބޭނުންވަނީ ފުރްޞަތުގެ ބޭނުންކޮށް އަވަހަށް ތާރާ ގޮވައިގެން އޭނާޔަށް ބާރުފޯރުވޭ ހިސާބަށްދާށެވެ.

އުފެދޭ ސުވާލަކީ އޭނާ ދާނީ ކޮންތަނަކަށްބާއެވެ. އަނެއްކާ އިންސާނުން ނޫޅޭ ފަޅު ސަރަޙައްދަކަށްބާއެވެ. ގައިމުވެސް އެހެން ވެއްޖެނަމަ، ތާރާއަކަށް ދިރިއުޅޭކަށް ފަސޭހައެއް ނުވާނެއެވެ.

އަރުފާނަށް އިންސާނުންނާއެކު ހަމަޖެހިލައިގެން ނޫޅެވޭގޮތަށް އެނޫން ބަޔަކާއެކު ދިރިއުޅޭކަށް ތާރާއަށްވެސް ފަސޭހައެއް ނުވާނެއެވެ.

[އަހަރެން އެބަ ޤަޞްދުކުރަން...ކުޑަ ޗުއްޓީއެއް ހަދާލަން ކޮންމެވެސް ރަށަކަށް ޖައްސާލަން. ތާރާ ޤަބޫލުތަ....އަހަރެން މިވިސްނަނީ އުތުރުގެ ރަށަކަށް ނޫނީ ސިލޯނަށް ދާން ކަމަށް.] އަރުފާން ބުންޏެވެ.

[އަހަންނަށް ފެންނަނީ ރާއްޖެއިން ބޭރަށް ދާން. ރާއްޖޭގެ ރަށްރަށަކަށް އަހަރެން އެހާ ދާހިތެއްނުވޭ. އެކަމަކު ރާއްޖެއިން ބޭރަށް ދެވޭނީ ހާދަ ފައިސާއެއް ޚަރަދުކޮށްގެނޭ.] ތާރާ ބުންޏެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން