ހަކުރުގެ ބަދަލުގައި ފޮނިކުރަން ބޭނުންކުރާ ސުކްރޯސްގައި ޑީއެންއޭ ހަލާކުވެ އަދި ގޮހޮރުގައި ބާހެދުމަށް މެދުވެރިކުރުވާ ކެމިކަލެއް އެކުލެވޭކަމަށް ދައްކައިފިއެވެ. އެމެރިކާގެ ނޯތު ކެރޮލައިނާގެ ސްޓޭޓް ޔުނިވަރސިޓީއިން ކުރި މިދިރާސާއަށްފަހު ސުކްރޯސް އާއްމުކޮށް ބޭނުންކުރުމުގެ ހުއްދަތައް އަނެއްކާވެސް އަލުން މުރާޖައާ ކުރަންޖެހޭކަމަށް ވެސް ވަނީ ފާހަގަ ކުރެވިފައެވެ.



އެހެންކަމުން، ސުކްރޯސްވެސް މިހާރު މިވަނީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައެވެ. ހަކުރުގެ ބަދަލުގައި ފޮނިކުރަން ބޭނުންކުރާ އެސްޕާޓޭމް ސްވީޓްނާއަކީ ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެއްކަމުގައި ކަނޑައަޅައި ރަސްމީކޮށް ސިއްހަތު ޖަމިއްޔާއިން މިމަހު އިއުލާން ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުކްރޯސް ބޭނުން ކުރުމުން ހަޖަމުކުރުމުގެ ތެރޭގައި ޖެނޯޓޮކްސިކް ނުވަތަ ޑީއެންއޭ ހަލާކު ކުރުވާ މާއްދާއެއް ހަށިގަނޑުގައި އުފެދޭކަމަށް ނޯތު ކެރޮލައިނާގެ ސްޓޭޓް ޔުނިވަރސިޓީއިން ކުރި ދިރާސާއިން ދައްކައެވެ. ސުކްރޯސްގައި ހިމެނޭ ސުކްރަލޯސް 6 އެސްޓޭޓްއަކީ ޖީނޯޓޮކްސިކް މާއްދާއެއްކަން ފާހަގަ ވެފައިވާކަމަށާއި އަދި އެމާއްދާއަށް ޑީއެންއޭ ސެލްތައް ހުށައެޅިގެން ދިއުމުން ސެލްތައް ވަކިވެގެންދިޔަކަމަށް މިދިރާސާގެ ކަރެސްޕޮންޑެންޓް ސުޒާން ޝިފްމަން ނިއުސް މެޑިކަލް ސައިންސަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

މިޓީމުން މީގެކުރިން ހޯދުނު ހޯދުންތަކުން ސުކްރޯސްއިން ގޮހޮރުގައި ފެޓް ސޮލިއުބަލް ކޮމްޕައުންޑްތަކެއް އުފައްދާކަމަށް ފާހަގަ ވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ސުކްރަލޯސް އާއި ސުކްރަލޯސް 6 އެސްޓެޓް ގޮހޮރުގައި ހުންނަ އެޕިތީލިއަލް ސެލްތަކަށް (އެޕިތީލިއަލް ސެލްއަކީ ގެއްލުންތަކުން ގުނަވަންތައް ރައްކާތެރިކުރުމަށް ވަށައިގެން އެތުރިފައިވާ ސްކިން ސެލްސްއެވެ.) އެކްސްޕޯޒް ކުރުމުން މިސެލްތައް ހަލާކުވެ ގޮހޮރު ފޫއެޅޭކަމަށް ފާހަގަކުރެވިފައިވެއެވެ. މިގޮތަށް ވުމުން 'ލީކީ ގަޓް' ނުވަތަ ގޮހޮރު ފޫއެޅި ބެކްޓީރިއާއާއި ކާތަކެއްޗާއި ޓޮކްސިންތައް ލޭ ހޮޅިތަކުން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފޯރައި މީހާ ބަލިކޮށްލައެވެ.

ހުރިހާ ޖީނޯޓޮކްސިކް ކެމިކަލްތައް ބޭނުންކުރުމުގައިވެސް ރައްކާތެރި ޑޯޒޭޖު ކަމަށް ޔޫރޮޕިއަން ފުޑް ސޭފްޓީ އޮތޯރިޓީއިން ބުނެފައިވަނީ މީހަކަށް ދުވާލަކަށް 0.5 މައިކްރޯ މިލިގްރާމެވެ. އެހެންނަމަވެސް، ސުކްރަލޯސް 6 އެސްޓެޓް ހުންނަ ބުއިމެއްގައި މިބުނާ ތްރެޝްހޯލްޑަށްވުރެ މާގިނައިން ހުންނަ ކަމަށާއި އަދި މިއީ މެޓަބޮލައިޒްވެގެން ހަށިގަނޑުތެރޭގައި އިތުރުވާ ސުކްރަލޯސް ލެވަލްތައް ނުލާ ހަމައެކަނި ބަންދުކޮށްފައިވާ ފުޅީގައި ހިމެނޭ ބައިގައި ހިމެނޭ މިންވަރުކަން ޝިފްމަންވަނީ ފާހަގަކޮށްފައެވެ.



އެހެންކަމުން ހަށިގަނޑަށް އެތައް ގެއްލުންތަކެއް މެދުވެރިކުރުވަފާނެ ސުކްރަލޯސް ހިމެނޭ ބުއިންތައް ބޭނުން ނުކުރުމަށާއި ކާތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ ޖަމިއްޔާތަކުން ސުކްރަލޯސްގެ ގެއްލުން ދިރާސާކޮށް އަލުން މިމާއްދާގެ އާއްމު ބޭނުންތައް ރެގިއުލޭޓް ކުރުމަށް ޝިފްމަންވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން