މަރިޔަމް ލަމްޙާ ރަޝީދު   3 ޖުލައި 2023 - 15:5
އިނގިލިތަކުން އަޑު ގޮއްވުމަކީ ވަރަށް ގިނަ މީހުން ކުރާ ހިތްވާކަމެކެވެ. އަދި އަމިއްލަ އަތުގައިވާ އިނގިލިތަކުން އަޑު ގޮއްވައި ނިމުމުން ކައިރީގައިތިބޭ އެހެންމީހުންގެ އަތުންވެސް އަޑުގޮއްވާ ހިތްވާމީހުން އުޅެއެވެ.

އިނގިލިތަކުން އަޑު ގޮއްވުމަކީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބަލާލާއިރު، ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި އެގޮތަށް އިނގިލިތަކުން އަޑު ގޮއްވުމަކީ އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ޖެހުމަށް މެދުވެރިކުރުވާ މައިގަނޑު އެއް ސަބަބެވެ. އެހެންނަމަވެސް މިއީ އާތުރައިޓިސް ބަލި ސީދާގޮތުން މެދުވެރިކުރުވާ ސަބަބެއް ކަމަށް ނުބެލެވެއެވެ. އަތުގެ އިނގިލިތަކާއި ހުޅުތަކުން އަޑު ގޮއްވުމުން ވަގުތީ ގޮތުން އުނދަގޫތަކެއްވެ ޖޮއިންޓްތައް ބަލިވެ ތަކެތީގައި ހިފުމަށް އުނދަގޫވަނީއެވެ. އެހެންކަމުން އަތަށް ކަސްރަތު ހޯދުމަށް އިނގިލިތަކަށް ދަމައި ހުޅުތަކުން އަޑު ގޮއްވުމަށްވުރެ ރަނގަޅީ އަތުގެ ކަސްރަތުތައްކޮށް އަތަށް އަރާމު ހޯދުމެއެވެ.

އިނގިލިތަކުން އަޑު ގޮއްވާއިރު އެއަންނަ އަޑަކީ ހުޅުތަކުގެ ވަށައިގެންވާ ތަތް މާއްދާއަކުން އުފެދިފައި ހުންނަ ވައިގެ ބުބުޅިތަކެއް ފަޅައިގެން ދާއަޑެވެ. ތަތްކަން ހުންނަ މިމާއްދާއަލުން ގިނަވެ ބުބުޅިތައް އަލުން އިއާދަވެއެވެ. އެހެން ނަމަވެސް އާއްމުކޮށް މިގޮތަށް އަޑުގޮއްވުމުން ޖޮއިންޓުތައް ބަލިކަށިވެ ނުރައްކާވެއެވެ.

މީހުން އާއްމުކޮށް އިނގިލިތަކުން އަޑު ގޮއްވާ އެއް ސަބަބަކީ އަޑުގޮއްވުމުން އެ އިވޭ އަޑާ ގަޔާވުމެވެ. ހިތްގައިމުވުމެވެ. މަޖާވުމެވެ. އަދި އެއްފަހަރު އަޑު އިވުމުން އަނެއްކާވެސް އެހެން ހުރިހާ އިނގިލިތަކުން އަޑުގޮއްވާ ހިތްވުމެވެ. އެގޮތުން ގޭގައި ހުރިވަގުތެއްގައި ނަމަ އެމީހަކަށް އަޑުގޮއްވުން ހުއްޓާލެވޭނީ ދެފައިގެ އިނގިލިތަކުންވެސް އަޑު ގޮއްވާފައެވެ.

އަޑުގޮއްވުމަކީ ބައެއް މީހުންނަށް، އެންޒައިޓީ ނުވަތަ ހާސްވުމުން މީހާ ސަލާމަތްކޮށްދީ ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. އަޑުގޮއްވާ އެފަދަ މީހުންނަކީ ހާސްވާ ކަންކަމުގައި މީހާގެ ސަމާލުކަން ދުރުކޮށްލައި ސްޓްރެސް ކުޑަ ކުރުމަށް އިނގިލިތަކުން އަޑު ގޮއްވާ މީހުންނެވެ.

އެމީހުން ބުނެއުޅޭ ގޮތުގައި ކަންކަމާއިމެދު ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި އަތުން އަޑު ގޮއްވުމުން މީހާއަށް ހަމަޖެހުން ގެނެސްދެއެވެ. އެހެންކަމާއެކު މިކަމަށް ދެވިހިފައިވާ މީހުން ދުވާލަކު ފަސްފަހަރު އިނގިލިތަކުން އަޑު ގޮއްވާހަދައެވެ.

އިނގިލިތަކުން އަޑު ގޮއްވުމަކީ ސީދާގޮތުން އާތުރައިޓިސް ޖައްސުވާ ކަމެއް ނޫން ނަމަވެސް މާގިނައިން މިގޮތަށް އަތުން އަޑު ގޮއްވުމަކީ ކަށިތަކުގެ ދުޅަހެޔޮކަމަށް މުސްތަޤުބަލުގައި އަސަރު ކުރުވަފާނެ ކަމެކެވެ. އާއްމުކޮށް އިނގިލިތަކުން އަޑު ގޮއްވާނަމަ ކަށިތައް ބަލިކަށިވެ ސްޓްރެއިންވުމަކީ އެކަށީގެންވާކަމެކެވެ. އަދި ދުވަސްވާވަރަކަށް އަތުގެ ހަރަކާތްތެރިވުމަށް އަސަރުކުރުވައި އަތުގައި ރިއްސުމާއި ޖޮއިންޓުތައް ދުޅަވުން ފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

އެހެންކަމުން މިއީ އަޑު ގޮއްވާއިރު އަތަށް މާބޮޑު ބަދަލުތަކެއް ނާންނަ ކަމަކަށް ވީނަމަވެސް ފަހުން ދިމާވެދާނެ ނުރައްކަލަކަށްޓަކައި އަޑުގޮއްވުން ނޫންގޮތަކަށް އަތަށް އަރާމު ލިބިދެވޭ ކަސްރަތުތަކެއް ދެނެގަނެ އެފަދަ ކަސްރަތުތަކެއް ކުރަންވީ ވަގުތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން