ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުމުގެ ޚާއްސަ ސިޔާސަތެއް އެކުލަވާލައްވައި ތަންފީޒުކުރައްވަން ފެށްޓެވުމެވެ.

އެގޮތުން މުޖުތަމަޢުގެތެރޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ގެއްލިފައިވާ ފުރުސަތުތައް ހޯއްދަވައިދެއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހަކަށްވީތީ އެއްވެސް ދާއިރާއަކުން މީހަކު ބާކީވިޔަ ނުދެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވި ކަމެކެވެ.

ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ހަމަ މިއެވެ. މީގެކުރިން ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވަރަށްބޮޑަށް އެކަހެރިކޮށްފައިވާ ބައެކެވެ. އެއީ ޤައުމަށް، މިރާއްޖެއަށް މާބޮޑުކަމެއް ކުރެވިދާނެ ބައެއްކަމަކަށް ކުރީގެ ސަރުކާރުތަކުން ނުދެކެއެވެ.

މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ޤައުމު ބިނާކުރުމުގައި އެކިދާއިރާތަކުގައި ބައިވެރިވެއެވެ. ޤައުމަށް ރީތިނަމާއި ޝަރަފް ހޯދުމަށް ބައިނަލްއަޤުވާމީ މައިދާންތަކުގައި ވާދަކުރެއެވެ. ނަތީޖާވެސް އެހާމެ ފޮންޏެވެ.

އެންމެފަހުން ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ބައިވެރިވި ދިވެހި އެތްލީޓުންވަނީ ރަމްމެޑެލް ހޯދާފައެވެ. ދިވެހިރާއްޖޭގެ ނަން ރަނުން ފަވާލާފައެވެ.

ރާއްޖެއަށް ރަންވަނަތައް ހޯދައިދިނުމަށްފަހު މެޑެލްތަކާއެކު އެ އެތުލީޓުން ރާއްޖެއައުމުން މަރުޙަބާ ވިދާޅުވީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިންނެވެ. މިއީ މީގެކުރިން މިރާއްޖެއިން ފެނުނު މަންޒަރެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުން ދަތި އުނދަގުލުގައި އަމިއްލައަށް މަސައްކަތްކޮށްގެން ވަނައެއް ހޯދިޔަސް ސަރުކާރަކުން އެކަމަކާ މާބޮޑު ސަމާލުކަމެއް ދިންތަނެއް މީގެކުރިން ނުފެނެއެވެ.

ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ އެފަރާތްތަކުގެ ބެލެނިވެރިންނާއި އަދި ޑެލިގޭޝަނުގެ މެންބަރުންނާއި ރައީސްގެ ދެކަނބަލުންނާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހަމައެކަނި ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވީއެއް ނޫނެވެ. އެ އެތުލީޓުން މާލެއައުމުން މާލޭ ރަސްމީ ފާލަމުން ފެށިގެން ރައީސް އޮފީހާ ހަމައަށް އެތުލީޓުންނަށް މަރުޙަބާ ވިދާޅުވުމުގެ ރަސްމިއްޔާތު އޮތެވެ. ސްޕެޝަލް އެތުލީޓުންނަށް ޚާއްސަކުރި ބައްދަލުކުރެއްވުން އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖޫން 17 އިން 25 އަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ރާއްޖޭގެ ޓީމުން ވަނީ 2 ރަންމެޑަލްއާ 1 ލޯ މެޑެލް ހޯދާފައެވެ.

ސްޕެޝަލް އެތުލީޓުންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ޙާޞިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި ޚާއްޞަކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްއާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުންކަމާއި ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާފައި ވަނީ ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަށްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ދުނިޔޭގެ އެތައް ޤައުމަކުން 6500އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ ވާދަކޮށްފައިވެއެވެ.

ރައީސް ޞާލިޙުގެ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުމުގެ ޚާއްސަ ސިޔާސަތަށް ސާބަހެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަޙްމަދު

11-Jul-2023

ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙް އަކީ ރާއްޖޭގެ ތާރީޚްގައިވެސް މަދުން ނޫނީ ނުއުފެދޭފަދަ ޙިކުމަތްތެރި ރޭވުންތެރި ބަހާއިޢަމަލުފުޅުތައް ދިމާވާ ވެރިއެއް . ނިކަމެތިންގެ އިޙްސާސް ވަރަށް ރަނގަޅަށް އަޑުއައްސަވާވެރިއެއް.އަޅުގަނޑަކީ ވާހަކަނުދެއްކޭ ނުހިނގާ އަމިއްލައަށް އެއްވެސްކަމެއްނުކުރެވޭ ކުއްޖެއްގެ ބައްޕައެއް .ދަރިފުޅުގެ ޢުމުރުން 21 އަހަރުގައި އެފަދަ ކުދިންގެ އިޙްސާސްތަކާއި އެކުދިންގެ މައިންބަފައިންގެ އިޙްސާސްތަކަށް ޢަމަލީގޮތުން ޖަވާބު ދެއްވި ވެރިއެއް ރާއްޖޭގެ ތާޚްގައިވެސް ނެތްކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ .ޢިއްޒަތްތެރި ޙިކުމަތްތެރި އޯގާތެރި ރައީސް .މިއަދު އަޅުގަނޑުގެ ދަރިފުޅުފަދަ ކުދިންނަށް ދެއްވާ އެލަވަންސް ބޮޑުކޮށް ދެއްވައިފި .އެއީ އެކަންވާނެ ކަމަށް ޚުދު އަޅުގަނޑުމެންނަށް ހުވަފެނުންވެސް ނުފެންނަ ފަދަ ކަމެއް. އެކުދިންގެ ހިތްތައް އުފަލުން ފުރާލަދެއްވައިފި .މަނިކުފާނުގެ ޚިދުމަތްތަކަށް އިންޞާފުވެރި ކަމާއި އެކުގައި މާރކްސް އެއްދޭނަމަ ސަތޭކަ އިން ސަތޭކަ މާރކްސް ދޭންޖެހޭ



ޓްރެންޑިން