ނަފްސާނީ ދުޅަހެޔޮކަމަށް މީހުންދޭ އަހައްމިއްޔަތު މިހާރު އިހަށްވުރެ ބޮޑެވެ. މިކަމަށް ހޭލުންތެރިވެ ތިމާއާއި އާއިލާގެ މެންބަރުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ގެންގުޅެންޖެހޭ ދިރިއުޅުމުގެ އާދަތައް ދެނެގަނެ ދަސްކުރަން ޖެހެއެވެ. ދިރިއުޅުމުގައި އަޑިގުޑަންތަކާއި ދިމާވުމުން އެކަންކަމުން އަރައިގަނެވޭނީ އޭރުންނެވެ.



އިންސާނާގެ ދިރިއުޅުމަށް އަސަރު ކުރުވާ ހިތާމަވެރިކަމެއް ދިމާވުމުން އާއްމުކޮށް މީހާ ވަރަށް ބޮޑަށް ބަލިކަށިވެއެވެ. މިއާއިއެކު އޭނާގެ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އާދެއެވެ. އެހެންނަމަވެސް، މިދުވަސްކޮޅުގައި އާދަހިފޭ ބައެއް ކަންކަމަކީ ދިރިއުޅުމުގައި މާޔޫސްކުރުވައި މީހާ ނަފްސާނީގޮތުން ބަލިކަށިކޮށްލުވާ ކަންކަމެވެ. ތިރީގައި މިވަނީ މިފަދަ އާދަތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަންކަމެވެ. މިއިން ކަމެއް ކުރެވޭނަމަ އެހީތެރިކަން ހޯދައި އެކަންކަމުން އަރައިގަންނަން މަސައްކަތް ކުރާށެވެ.

1. މުޖުތަމައިން އެކަހެރިވުން؛

ބޮޑު ކަމެއް ދިމާވުމުން، އެކަންކަމާއި އަމިއްލަޔަށް ކުރިމަތިލުމަށްޓަކައި ބައެއް ފަހަރު މުޖުތަމައާއި އެކަހެރިވެވެއެވެ. ގަސްދުގައި ނޫނަސް މިކަން މިގޮތަށް ކުރެވުމުން، މުޅި ދުވަހުހެން ސިކުނޑީގައި ހިނގާނީ އެއްކަލަ ކަންތަކުގެ ޚިޔާލުތަކެވެ. އަދި މިހެންވުމުން މިކަމުން ސަލާމަތްވުމަށް އުނދަގޫވެ މީހާ ހާސްކުރުވައި މާޔޫސްވާގޮތް ދިމާވެއެވެ. ކަމެއް ދިމާވުމުން އެކުވެރިންނާއި އާއިލާގެ މީހުންގެ ތެރޭގައި ތިބޭ އިތުބާރު ހިފޭ މީހުންގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކުވެރިންނާއިއެކު ވަގުތު ހޭދަކުރުމަކީ ސިކުނޑިއަށް ބާރު ކުރުވަމުންދާ ޚިޔާލުތަކާއި ދުރުވެ ސިކުނޑިއަށްވެސް ލުޔެއް ލިބިގެންދާނެ ކަމެކެވެ.

2. އަމިއްލަ ނަފްސުދެކެ ރުޅިއައުން؛

އެއްވެސް އިންސާނަކު ފުރިހަމައެއް ނުވާނެއެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް ކަމެއް އެންމެ ރަނގަޅު ނޫންގޮތުގައި ކުރެވިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަމާއިހުރެ އަމިއްލަ ނަފްސުކުށްވެރިކޮށް އެކަމާއި އަބަދުހެން ވިސްނައި ހެދުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި ބޭކާރު މީހެއް ކަމުގެ އިހުސާސް ކުރެވެންފަށައެވެ. އެހެންކަމުން މިއީ ތިބާގެ ދިރިއުޅުމުގައިވެސް ކުރެވޭ ކަމެއްނަމަ މިކަން ހުއްޓާލައި އަމިއްލަ ނަފްސަށް މާފު ކުރާށެވެ. އަދި ކުރިއަށް އޮތްތާނގައި ރަނގަޅު ކުރުމުގެ އަޒުމާއިއެކު ކުރިއަށްވުރެ ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް މަސައްކަތްކުރާށެވެ.

3. އެހެން މީހުންނާއި އަޅާކިޔުން؛

އެހެން މީހުންނަށް ލިބިފައިވާ މަޤާމާއި ހާސިލްވެފައިވާ ކާމިޔާބީތަކުގެ ވާހަކަތަކަށް އަބަދުހެން ބަލައި ތިމާއަށް އެފަދަ ކުރިއެރުންތަކެއް ނުލިބުނީ ކީއްވެހެއްޔޭ ސުވާލުކޮށް މާޔޫސްވުމަކީ ވަރަށް ނޭދެވޭ ކަމެކެވެ. މިހެން ހެދުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާނެއެވެ. އަދި އެހެން މީހުންނަށް ހަސަދަލެވި ހިތްނުބައި މީހަކަށް ތިމާ ބަދަލުވެގެން ހިނގައިދާނެއެވެ. އެހެންކަމުން، ކޮންމެ މީހެއްގެވެސް ހާލަތު ތަފާތުވާނެ ކަމަށް ވިސްނައި، ދިރިއުޅުމުގައި ތިބާ ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރާށެވެ. އަދި މާޔޫސްވާ ހިނދު ނަބަވީ އިރުޝާދުގައިވާ ފަދައިން ތިބާއަށްވުރެ ނިކަމެތި މީހާއަށް ބަލައި ތިބާއަށް ލިބިފައިވާ ނިޢުމަތްތަކުގެ މަތިން ހަދާންކޮށް ޝުކުރުވެރިވާށެވެ.

4. މުޖުތަމައުގައި ރީތި މާނަކުރާގޮތް

އެކިއެކި ފިލްމާއި ސީރީސްތަކަށް އަރާ ތަރިންނަކީ އެއިރެއްގެ ފެޝަނާއި ރީތިކަމުގެ 'ޓްރެންޑް' ފުޅާކޮށް ފެޝަން އިންޑަސްޓްރީ ކުރިއެރުވުމަށް ބޭނުންކުރާ ބައެކެވެ. ގިނަފަހަރު މިފަދަ ފެޝަންތަކާއި ބިއުޓީ ޓްރެންޑްތަކުގެ ސަބަބުން ބައެއް މީހުންގެ ދިރިއުޅުން މާޔޫސްވެއެވެ. މިފަދަ ކޮންމެ ޓްރެންޑަކަށް ފިޓުވުމަށް މަސައްކަތްކުރަން ހަދައިގެން މީހާއަށް މީހާ ގެއްލޭ ހިސާބަށް ދެއެވެ. އަނެއް ބަޔަކު އެފަދަ ކަންކަން ކުރުމުންވެސް ބޭނުންވާ ބިއުޓީ ސްޑެންޑަޑަށް ނުފެތުމުން މާޔޫސްވެ ކަންބޮޑުވެއެވެ. ނަމަވެސް، ހަނދާނުގައި ބަހައްޓަންވީ ކަމަކީ ރީތި މާނަކުރުމުގައި އެކިމީހުން ދެކޭގޮތް ތަފާތުވާނެއެވެ. ވަކިގޮތަކަށް ފިޓުވާން އުޅުމުން ތިބާއަށް ތިބާ ގެއްލިދާނެއެވެ. ތިބާއަށް އެންމެ ރަނގަޅުމީހާ ތިބާ ހުރި ސިފައެއްގައި ޤަބޫލުކުރާނެއެވެ. ފެޝަނަށް ބަދަލު އައިއައިހެން އެކަމަށް ފެތެން މަސައްކަތް ކުރުން ދޫކޮށްލާށެވެ.

5. މާގިނައިން މާފަށްއެދުން؛

މާފަށް އެދެންޖެހޭ ކަންކަމުގައި މާފަށް އެދުމަކީ ރީތި އާދައެކެވެ. އެހެންނަމަވެސް، ތިބާގެ ކުށެއްނެތް ކޫސަނި ކަންކަމުގައި އަމިއްލަޔަށް އިސްވެ މާފަށް އެދުމަކީ ތިބާ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭ ކަމުގެ ހެއްކެކެވެ. މިހެން ކަންތައް ކުރެވުމުން ދިމާވާ މީހުން ތިބާގެ ފައިދާ ރަނގަޅު ނޫންގޮތުގައި ހިފަން އުޅެފާނެއެވެ. ގަސްދުގައި ތިބާއަށް ގެއްލުން ދިނުމުންވެސް ކަންކަން ހޯދައިގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މާފުދީ އަނެއްކާވެސް އެފަދަ މަޅިއެއްގައި ބެދިދާނެއެވެ. އެހެންކަމުން، ބޭކާރު ކަންކަމުގައި މާފު ކުރާށޭ ބުނުމުގެ އާދަ ހުއްޓާލައި، ހަމައެކަނި ބުނަންޖެހޭ ތަންތަނުގައި ބުނުމަށް އާދަކޮށް ބަހުގެ އަގު ވަޒަން ކުރާށެވެ.

6. ކަންކަމާއި ކުރިމަތި ނުލުން؛

ލަނޑުދަނޑިއެއް ކަނޑައަޅަން ފަސޭހަވާނެއެވެ. ހަމަ މިގޮތަށް ތިބާއާއިމެދު މީހަކު ގޯސްކޮށް ކަމެއް ކުރިކަން ދެނެގަންނަން ފަސޭހަވެދާނެއެވެ. ނަމަވެސް މިދެކަންތަކާއި ޖެހިގެން ދެން ތިބާ ކުރަންޖެހޭ ކަންކަމަކީ ހިއްވަރާއިއެކު ކެރިހުރެ ކުރިމަތިލާންޖެހޭ ކަންކަމެވެ. ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ކުރެވެން ހުރި ކަމެއް ކުރުމަކީ އަމިއްލަ ނަފްސަން އޮންނަ އިތުބާރު ބޮޑުވެ، ކާމިޔާބީއަށް މަގުފަހިވާނެ ކަމެކެވެ. އަދި މީހަކު ގޯސްކޮށް ކަމެއް ކުރުމުން ދެވަނަފަހަށް ތިބާއާއި މެދު އެފަދަ ބޭއިހުތިރާމެއް ދެއްކުމުގެ ފުރުސަތު ނުދިނުމަށް އެކަމާއިމެދު އެމީހަކާއި ކުރިމަތިލައި ވާހަކަ ދައްކާށެވެ. ހިތުގައި ބާއްވައިގެން އުޅުމުން މާޔޫސްވުން ނޫންކަމެއް ނުވާނެއެވެ.

މިކަންކަން ކުރެވޭނަމަ ތިބާގެ ނަފްސު އިސްލާހު ކުރުމަށް މަސައްކަތް ކުރާށެވެ. އަދި އެކުވެރިންގެ މަޝްވަރާއާއި ޚިޔާލުހޯދައި ކަންކަމާއި ކުރިމަތިލާށެވެ. ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އައު ތަޖުރިބާތަކެއް ކުރެވޭނެއެވެ. މިއިން ކޮންމެ ކަމަކީ އައު ކަންތައްތަކެއް ދަސްކޮށް މީހާގެ ނަފްސު ކުރިއެރުވުމަށް އެހީތެރިވެދޭ ތަޖުރިބާއެއްގެ ގޮތުގައި ބަލައި ދިރިއުޅުމުމާއިމެދު ދެކޭގޮތް ފައްސިކޮށްލާށެވެ. އޭރުން ދިރިއުޅުމާމެދު މާޔޫސްވުން ކުޑަވެ އުފާވެރި އަދި ކާމިޔާބު ދިރިއުޅުމެއް ބިނާކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން