އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި ހިންގޭ ފެމިނިޒަމްގެ ހަރަކާތްތަކުގެ ނަތީޖާއަކަށްވެގެން ދިޔައީ ފިރިހެނުންނާއި އެއްހަމައެއްގައި އަންހެނުންވެސް މަސައްކަތްކުރަންފެށުމެވެ. މީގެތެރޭގައި މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން މަސައްކަތަށް ނިކުތުމަށް މަޖުބޫރުވެފައިވާ އަންހެނުންނާއި، ފިރިމީހާގެ ތަނަވަސްކަން ހުރި ނަމަވެސް ގޭގައި އިންނަން ފޫހިވެގެން ވަޒިފާއަށްދާ އަންހެނުން ހިމެނެއެވެ. ދަރިންތިބި އަންހެނުން ވަޒީފާއަށްދަނީ ގިނަފަހަރަށް އުމުރުން ދުވަސްވީ އެމީހުންގެ މައިންބަފައިންނާ ޙަވާލުކޮށްފައެވެ. ފިރިމީހާގެ ތަނަވަސްކަންހުރި ނަމަ ދަރީންބަލަން އިތުރު އަންހެނަކު ރާއްޖެއިންވިޔަސް އަދި ރާއްޖެއިންބޭރުވިޔަސް ގެންނަނީއެވެ.

އަންހެނުން ގެއިންބޭރުގައި ވަޒީފާ އަދާކުރުމަކީ ދިރިއުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. ދަރީންނަށް ދޭންވާ އަޅާލުމާއި ލޯބި ނުދެވޭއިރު، ފިރިމީހާއަށް ދޭންވާ ލޯތްބާއި އަޅާލުން ނުދެވި ދެމަފިރިންގެ ދެމެދު މައްސަލަޖެހި ފިރިމީހާއަށް އިތުރު އަންހެނެއްގެ ލޯބި ހޯދަންޖެހޭ ހިސާބަށްދެއެވެ. ނަތީޖާއަކަށްވެގެންދަނީ ދެމަފިރިންވަކިވެ، ދަރީންނަށް ބައްޕަ ނޫންނަމަ މަންމަގެ ލޯތްބާއި އަޅާލުމުން މަޙްރޫމްވެ އެކުދިން ބިކަވުމެވެ. ޒަވާޖީ ޙަޔާތް އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ މިފަދަކަންކަމާއި ދެމަފިރިން ވިސްނާލުން ވަރަށް މުހިންމެވެ.



އިނގިރޭސި ވިލާތުގެ އެސް-ޓޫ.ޖޭ ނިއުސްގައި ޝާއިއުކޮށްފައިވާ ޕޯލްއެއްގެ ނަތީޖާއިން ދައްކާގޮތުގައި ވަޒީފާއަށްދާ އަންހެނުންނަށްވުރެ ގޭގައި ތިބޭ އަންހެނުން މާއުފާވެރިކަމަށެވެ. މިއީ އިނގިރޭސިވިލާތުގެ އަންހެނުންގެ މެދުގައި ނެގިފައިވާ ޕޯލްއެކެވެ. މީގައި ބައިވެރިވި %78 އަންހެނުން ބުނެފައިވަނީ ފިރިމީހާގެ މައްޗަށް މާލީގޮތުން ބަރޯސާވެ ގޭގައި ހުރުމަށް އެދޭކަމަށެވެ. އަދި އެހެން ދިރާސާއަކުން ދައްކާގޮތުގައި މިހާރުގެ އަންހެނުންށަށްވުރެ 1970 ގެ އަންހެނުން މާއުފާވެރިއެވެ. އޭރު އަންހެނުންގެ އެހައި ގިނަ އިންސައްތައެއް ގެއިން ބޭރުގައި ވަޒީފާ އަދާނުކުރެއެވެ.

މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ރަސޫލާގެ އެންމެ ލޯބިފުޅުވާ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުގެފާނަކީ ވިޔަފާރިވެރިއެއް ކަމުގައި ބުނެ އަންހެނުންވެސް ވަޒީފާ އަދާކޮށް ފައިސާހޯދާނެ ކަމަށް 'ދަލީލު' ދައްކައެވެ. އަންހެނުންނަށްވެސް ފައިސާ ހޯދުމުގެ ގޮތްތައް ދީނުގައި ބަންދެއް ނުވެއެވެ. އަދި މެޑިކަލް ފީލްޑްއާއި ކިޔަވައިދިނުމުގެ ފީލްޑަށް އަންހެނުން ދިއުމަކީ މަސްލަހަތުވެސް އޮތްކަމެކެވެ. އެހެންނަމަވެސް، ޚަދީޖަތުގެފާނު ވިޔަފާރި ކުރެއްވީ އެހެން މީހުން ފޮނުއްވައިގެންނެވެ. އަދި އެކަމަނާ އިންނެވީ އިއްޒަތާއި ކަރާމަތްތެރި ކަމާއެކު ގޭގައެވެ. މިޒަމާނުގައި އެކަމަނާގެ ނަންފުޅު ހިމަނައި، މާލީގޮތުން ދަތިކަމެއް ނެތްނަމަވެސް ދަރިން ދޫކޮށްލާފައި ފުލްޓައިމް ވަޒީފާ އަދާކުރުމަށް ބޭރަށް ދާދިއުން، މިސާލު ޖައްސާ މީހުން އެކަމަނާއަށް ނިސްބައްކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އަދި އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ނޫނީ ހީކުރެވެނީ އަންހެނުން ކިޔަވައިގެން ވަޒީފާއަށް ނުގޮސް، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ގޭގައިވ ހުރުމަކީ ހަޑި ކަމެއް ކަމަށެވެ. މިބައި މީހުން ގަބޫލު ކުރާގޮތުގައި ގޭގައި ކުދިން ބަލަން ބޭނުންވެގެން މަޑު ކުރާ އަންހެނުންނަކީ ނުކިޔަވާ މީހުންނެވެ.



ހުޅަނގުގެ ވިސްނުމަށް ޣަރަޤުވެފައިތިބޭ ނުބައި ވިސްނުމުގެ މިމީހުންނަށް ރަސޫލާގެ އަނބިއަނބި ކަނބަލުން އުޅުއްވި ފަދައިން، ގޭގައި ދަރިން ބަލަން އަންހެނުން މަޑު ކުރުމަކީ 'ނުކިޔަވާތިބުމުގެ ސަބަބުން ގޮތެއް ނެތިގެން' މަޑުކުރާ ބަޔަކަށް ހަދައި މަސައްކަތް ކުރަމުންދަނީ މަޖުތަމަޢުގައިބ އެފަދަ އަންހެނުން ބާކީކޮށް އެކަހެރިކުރުމަށެވެ. އެހެންނަމަވެސް، ވަޒީފާ އަދާކުރަމުން ބޮޑު ސްޓްރެސްއެއް ބޮލަށްލައިގެން ގޭތެރެއާއި ފިރިމީހާއާއި ދަރިންގެ ކަންކަން ރަނގަޅަށް ނުބެލެހެއްޓޭ އިރުވެސް މިފަދަމީހުން، ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ދަރީންނާއެކު ރެއާއިދުވާލު ގޭގައި ތިބޭ އަންހެނުންނަށް ބަދުބަސްބުނަނީ ކިހިނަކުން ބާއޭ ސުވާލު އުފެދެއެވެ.



ފެމިނިޒަމްގެ ސަބަބުން އަންހެނުން ބާރުވެރިކުރުވައި އިގްތިޞާދީ، އިޖުތިމާއީ އަދި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުންމިވަނީ ބޮޑުތަނުން ކުރިއަރާފައެވެ. އެހެންނަމަވެސް، މިހާރު އަންހެނުންގެ ތެރޭގައި އުފާވެރިކަމުގެ މިންވަރު އިތުރުވުމުގެ ބަދަލުގައި ދަނީ ދަށަށެވެ. އިނގިރޭސިވިލާތުގެ ނޭޝަނަލް ބއުރޯ އޮފް އިކޮނިމިކް ރީސާޗް (ކެމްބްރިޖް، އިންގްލޭންޑް) އިން ވަނީ ޖެނަރަލް ސޯޝަލް ސާވޭއިން ހޯދިފައިވާ 35 އަހަރުގެ ދިރާސާގެ ނަތީޖާ އެއްކޮށް މިކަން ދެނެގަނެފައެވެ. މިއީ 1972-1993 އަކަށް 1500 ބައިވެރިންގެ ފަރާތުން މައުލޫމާތު އެއްކޮށްފައިވާ ދިރާސާއެކެވެ. އަދި 1993 އަށްފަހު ކޮންމެ އަހަރަކުވެސް 3000 މީހުންގެ މައުލޫމާތު ހޯދައި މިސާވޭ ކުރަމުން ގެންދެއެވެ. މިދިރާސާއިން ދައްކާގޮތުގައި މިހާރުގެ އަންހެނުންގެ ދިރިއުޅުން އުފާވެރިކުރުމުގައި މާގިނަ ކަންކަން ހިމެނި އުފާވެރިކަން ހޯދުމަށް އުނދަގޫވެފައިވެއެވެ. އަދި މީގެ ކުރީގައި އަންހެނުނަކީ އެމީހުންގެ ގޭތެރޭގެ ކަންކަން ހަމަޖެހުމުން އުފާވެރި ދިރިއުޅުމެއް ހާސިލްކުރެވި، މިހާރުގެ މީހުންނަށްވުރެ މާއުފާވެރި ދިރިއުޅުމެއް އުޅުނު ބައެއްކަންވެސް ފާހަގަ ކުރެވިފައިވެއެވެ.



2013 ވަނަ އަހަރު އިނގިރޭސިވިލާތުގެ ފެޝަން މެގަޒިންއެއްކަމަށްވާ 'މައި ސެލެބްރިޓީ ފެޝަން' އިން 1582 އަންހެނުން ޖަވާބުދީފައިވާ ޕޯލްއެއްގައި %62 އިންސައްތަ އަންހެނުން ބުނެފައިވަނީ އެމީހުންވެސް އަސްލު ބޭނުންވަނީ ގޭގައި މަޑުކުރަންކަމެވެ. އެހެންނަމަވެސް އެހެން އަންހެނުންނާއި މުޖުތަމައުގެ ޕްރެޝަރާއިހެދި ވަޒީފާތަކުގައި މަސައްކަތްކުރަނީކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ހާވާޑް ބިޒްނަސް ރިވިއުއިން ޝާއިއުކޮށްފައިވާ އެގްޒެކެޓިވް ވުމެން އެންޑް ދަ މިތު އޮފް ހެވިންގ އިޓް އޯލް ކިޔާ ދިރާސާއަކުން ދައްކާގޮތުގައި އެޤައުމުގައި ވަޒީފާ އަދާކުރާ 41 އަހަރާއި 55 އަހަރުގެ %33 އަންހެނުންގެ ދަރިން ނުތިބެއެވެ. އަދި ވަޒީފާގެ މާހައުލުގައި ކުރިއަރައިދާ އަންހެނުންގެ ތެރެއިން ކައިވެންޏެއްގެ މަތީގައި ތިބީ %62 އަންހެނުންނެވެ.

އަދި އެމެރިކާގެ ޔުނިވަރސިޓީ އޮފް ޓެކްސަސް އިން ޝާއިއުކޮށްފައިވާ ފައިނަލް ސީސީއެޕް ޖެންޑަރ މިލެނިއަލް ކިޔާ ދިރާސާއަކުން ދައްކާގޮތުގައި %58 ހައިސްކޫލް ކުދިން ބުނަނީ އެންމެ ހިތްހަމަޖެހޭ އާއިލާއަކީ ބައްޕަ ވަޒީފާ އަދާކޮށްފައި މަންމަ ގޭގެ ކަންކަން ބެލެހެއްޓުމަށް މަޑު ކުރާ އާއިލާތައް ކަމަށެވެ.

އެމެރިކާއާއި އިނގިރޭސި ވިލާތުގެ އެކްޓެރެސްއިން ބުނަމުންދަނީ 'ވޯކްލައިފް ބެލެންސަކީ އަންހެނުންނަށް އޮންނަ އެއްޗެއް ނޫން ކަމަށެވެ. "އާއްމުކޮށް ބުނާނަމަ އަންހެނުނަކަށް ވޯކް ލައިފް ބެލެންސެއް ނެތް. މަސައްކަތް ކުރިއަށް ނެރެންޔާ ދަރިފުޅު ފަހަތަށް ޖައްސާލެވޭނެ، ދަރިފުޅު ނޫނީ ވަޒީފާ، އަބަދުވެސް ކޮންމެވެސް އެކައްޗަކަށް އޮންނާނީ ބުރަވެފަ، މިއެއް ބެލެންސެއް ނުކުރެވޭނެ، މީއަހަރެން ދެކޭގޮތް، އެއްވެސް ބެލެންސެއް އަސްލު ނުލިބޭނެ" ހޮލީވުޑްގެ މިލާ ކުނިސް ބުނެފައިވެއެވެ.

އަދި ސްކާލެޓް ޖޯހެންސަންވެސް ބުނެފައިވަނީ އަމިއްލަ ކާމިޔާބީ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އާއިލާއަށް ވަގުތު ހޯދުމަކީ ވަރަށް ސްޓެސްވާ ކަމެއްކަމުގައެވެ. މިގެ އިތުރުން ޓެނިހުގެ ސުޕަރ ސްޓަރ ސެރީނާ ވިލިއަމްސް ވެސް ވަނީ އޭނާ ދަރިފުޅު ބެލުމުގެ ކަންކަން ކުރުމުގައި އެކަހެރިކޮށްލެވޭ އެތައް ކަމަކާއި ދެރަވާކަމަށް ބުނެފައެވެ.





ހައިރާންވާކަމަކީ މިހާރު ފެމިނިޒަމް ކުރިއަރުވައި ފެމިނިސްޓުންގެ ފަހަތުގައި އަޑު އުފުލަމުން ގެންދިޔަ އެތައްބަޔަކުވެސް ވާހަކަ ދައްކާ ރާގު ބަދަލުވާން ފަށައިފިކަމެވެ. ފެމިނިޒަމްގެ 'ސެކަންޑް ވޭވް މަދަރ" ކަމުގައި މަޝްހޫރުވި ޖާމައިން ގްރީއަރ އޭނާގެ ކުރީގެ މަސައްކަތްތަކުގައި ބުނެފައވަނީ ދަރިން ލިބުމަކީ ވަޒީފާގެ ކުރިއެރުމަށް ބުރުއަރާ އަދި މިނިވަން އަންހެނަކަށް އޭނާގެ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމެއްކަމުގައެވެ. ނަމަވެސް މިހާރު އޭނާވެސް އާއިލާއެއް ބިނާވެފައި ނެތުމުން މާޔޫސްވެ ދެރަވާކަމަށް އިނގިރޭސިވިލާތުގެ ވޮޝިންޓަން ޕޯސްޓަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ. އަދި ޓައިމްސް މެގަޒިންގެ އެޑިޓަރ ހެނާ ބުނެފައިވަނީ އަމިއްލަ އާއިލާއެއް ހުރިނަމަ ތިމަންނަވެސް ވަޒީފާ ދޫކޮށްލައި ދާނެކަމަށެވެ.

އެހެންކަމުން މިހުރިހައި ކަމެއް އެނގެން ހުރިއިރު، އަމިއްލަޔަށް ވަޒީފާ އަދާނުކޮށް ގޭގައި މަޑުކުރަން އެދޭ އަންހެނުންނަށް ބަދުބަސް ބުނުމުގެ ޙައްޤެއް އޮންނާނީ ކިހިނެއްތޯއެވެ؟ ގޭގެ ކަންކަން ތަރުތީބުކޮށް ބަލަހައްޓައި ދަރިފުޅަށް ދޭންވާ ތަރުބިއްޔަތު އަމިއްލަޔަށް ގޭގައި ހުރެގެން ދިނުމަކީ އޭނާއަށް ލިބޭ ފަޚުރެއްކަމުގައި ދެކޭއިރު، ގިނަ ލާރި ހޯދުމަށް ތިބާ ވަޒީފާއަށް ދާފަދައިން އޭނާ ދިއުމަށް މަޖުބޫރު ކުރުވާގޮތަށް ވާހަކަ ނުދައްކާށެވެ.

ކާމިޔާބު އަންހެނަކަށް ވެވޭނީ ޒަވާޖީ ހަޔާތަށް ދޭންޖެހޭ ސަމާލުކަންދީ ދަރިންގެ ކަންކަމާއި ގޭތެރޭގެ ކަންކަން ހަމައަކަށް އަޅުވައިގެންނެވެ.



ދެމަފިރިން ވަޒީފާއަށް ދަނީ މަޖުބޫރުވެގެން ކަމަށްވާނަމަ، މިކަންކަމާއި ދެމީހުން އެއްވަރަކަށް ހިއްސާވުމަކީވެސް މުހިންމު ކަމެއްކަމުގައި ފާހަގަކޮށްލަންޖެހެއެވެ. އާއްމުކޮށް ވަޒީފާއަށްދާ އަންހެނުންގެ އެންމެ ބޮޑު ސްޓްރެސްއަކަށްވަނީ ފިރިމީހާގެ ފަރާތުން އެހީތެރިކަން ނުލިބުމެވެ. އުފާވެރި ހަޔާތަކަށް ބޭނުންވަނީ ދަރިންގެ ކަންކަމާއި ގޭތެރޭގެ ކަންކަމާއި މާލީގޮތުން ކުރަންޖެހޭ ޚަރަދުތަކުގެ ޒިންމާތައް ބަހާލައި ކޮންމެ މީހަކު އަދާކުރުމަށްވެސް ވަކިކަންކަމެއް ކަނޑައެޅިފައި އޮތުމެވެ. އެއީ ފިރިމީހާއަށް މާލީ ޒިންމާތައްދީ އަނބިމީހާ ގޭގައި މަޑުކުރުމެވެ. ނުވަތަ ގޭތެރޭގެ ކަންމަކުގައި ދެމީހުން ހިއްސާވާގޮތަށް ދެމީހުންވެސް ލާރި ހޯދުމަށް މަސައްކަތްކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން