ދަރިވަރެެއް ކުލާހުގައި ބަލިވެގެން: ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް
ދަރިވަރެެއް ކުލާހުގައި ބަލިވެގެން: ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް
ދަރިފުޅު ސްކޫލަށް ދޫކޮށްލައިފައި ގެއަށްދާ މައިމީހާ ގިނަފަހަރު ދަރިފުޅުގެ ކިޔެވުމުގެ ފެންވަރު ބަލައި އެސެސްކުރަނީ ޓާމެއް ނިމިގެން އެ ގެންނަ ނަތީޖާއަށް ބަލައިގެންނެވެ. ކޮންމެދިރާސީ އާ އަހަރެއް ފެށަނީ ދަރިފުޅު މޮޅުކުއްޖަކަށްވަނޭ ކަމުގެ ވަރަށް ބޮޑު އުއްމީދަކާއެކުގައެވެ. ދެން މައިންބައިން އިންތިޒާރު ކުރާނީ ޓާމްނިމި ރިޕޯޓްދޭ ދުވަހަށެވެ.

އެހެންކަނާއެކު މައިންބަފައިންނަށް އަބަދުވެސް ސަމާލުކަން ދެވެނީ ސްކޫލް ޓެސްޓް ދުވަސްވަރާއި އެޓެސްޓެއްނިމި އެ ގެންނަ ނަތީޖާއަށެވެ. ޓެސްޓުގެ ކުރިން، ކިޔެވުން ފެށިގެން ޓާމްޓެސްޓާ ދޭތެރޭ ކިޔެވުމުގައި އެ ހޭދަކުރާ ދުވަސްތަކުގައި ކުދީން އުޅޭ ނޫޅޭ ގޮތް ބަލައި ކުދިންގެ ކިޔެވުމާއި ގުޅޭގޮތުން ޓީޗަރުންނާއި ވާހަކަ ދައްކައި އޮޅުންފިލުވާ މައިންބަފައިން ވަރަށްވެސް މަދެވެ. ވަކިން ޚާއްޞަކޮށް ގްރޭޑް 6 އިން މަތީގެ ކުދީގެ ބެލެނިވެރިން ދެކޭގޮތުގައި މިހާރު ބޮޑެތި ކުދިންނެވެ. އެކުދިން މިހާރު ޖެހޭނީ އަމިއްލައަށް ޒިއްމާ އުފުލާށެވެ. ކިޔަވާށޭ ދަސްކުރާށޭ ތިމަންނަމެންނަށް ބުނެވޭނީ އެވެ. ތެދެކެވެ. ކިޔަވަން ޝަޢުޤުވެރިކަން ހުންނަ ކުދިންނާ ކިޔެވުމަށް މޮޅުކުދިންވެސް ތިބެއެވެ. ހުރިހާ ކުދިން އެއްގޮތެއްވެސް ނުވާނެއެވެ.

ސްކޫލުގެ ތެރެއިން ބައެއް ކުދިންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދެއެވެ. މިގޮންޖެހުންތަކުގެ ސަބަބުން ކުއްޖާގެ އުޅުމަށާއި ކިޔެވުމަށް ވަރަށްބޮޑަށް އަސަރުކުރެއެވެ. އޭގެތެރެގައި ކުއްޖާ ނަފްސާނީ ގޮތުން ބަލިކަށިވުމައި، އުޅުންގޯސްވުމާއި، ކިޔެވުމަށް ޝައުޤުވެރިކަން ނެތުމާއި ސްކޫލަށްދާން ހިތްނުވުންފަދަ ކަންކަން ހިމެނެއެވެ. އެހެންކަމުން ދަރިފުޅު ސްކޫލުން ގެއަށް އަންނަ ވަގުތު ކުއްޖާއަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން ދަރިފުޅު ގެއަށް އައިސް ވަންނަ ވަގުތު އޯގާތެރިކަމާއެކު ވާހަކަ ދައްކަންވާނެއެވެ. ސްކޫލުމާހައުލުގައި ދިމާވެދާނެ ގޮންޖެހުންތައް ތަހައްމަލް ކުރާނަމަވެސް ފަސޭހައިން ދެނެގަނެވޭނެއެވެ. ސްކޫލުގައި ބައެއް ދަރިވަރުންނަށް ދިމާވާ އުދަގޫ ކަންތައްތަކުން އެކުދީންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ފެންނާނެ ޢަލާމަތްތަކެވެ.

1. ކިޔެވުމުގެ ނަތީޖާ؛

ރަނގަޅަށް ކިޔަވަމުން އަންނަ ދަރިވަރަކު ކުއްލިއަކަށް ނަތީޖާ ދައްވުމަކީ ދަރިފުޅު ސްކޫލްގައި ކިޔެވުމަށް އެކަށިގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭ ކަމުގެ އަލާމާތެކެވެ. އެހެންކަމުން ދަރިފުޅު އެހެން ސްކޫލަކަށް ބަދަލުވާ ހިސާބުން ނުވަތަ ގުރޭޑް ބަދަލުވާ ހިސާބުން ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެނަމަ އެކަން ދިމާވީ ކީއްވެތޯ ބެލުމަށް މަސައްކަތް ކުރަންވާނެއެވެ. ސްކޫލް މާހައުލުގައި ކުދިންނާއި ދިމާވާ ކަންކަމާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ބުރުއަރައި އެކުދިން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން މިފަދަ ގޮތްތައް ވަރަށް ގިނައިން ދިމާމެއެވެ.

2. ކިޔެވުމުގެ ޝައުޤުވެރިކަން ނެތުން؛

ކުއްލިޔަކަށް ކިޔެވުމަށް އޮންނަންޖެހޭ ސަމާލުކަން ނުދީ ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ހިތްނުވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ނުނިންމުމާއި ފިލާވަޅު ދަސްކުރުމަށް ވަގުތު ނުދިނުމަކީ ބައެއް ފަހަރު ކުދިންގެ ފަރާތުން ފެންނަ ކަމެކެވެ. މިފަދަ ގޮތަކަށް ދަރިފުޅުގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭނަމަ އެކުގައި އުޅޭ ކުދިންނަކީ ކޮބައިތޯ ބަލައި އަދި ސްކޫލްގައި ހަނގާކުރުންފަދަ ކަމެއް ހިނގިތޯ ބެލުމަށް ދަރިފުޅާއި ސުވާލުކުރާށެވެ. މިއީ ވަރަށް 'ސެންސިޓިވް' ކަމަކަށް ވުމުން ފުރަތަމަވެސް ބާރަށް އަޑުލައި ނުހަދައި ރީތިކޮށް ދަރިފުޅުގެ ސްކޫލްގައި މިފަދަ ކަމެއް ހިނގާތޯ އޮޅުން ފިލުވާށެވެ.

3. ތަރުތީބުކަން ކުޑަވުން؛

ސްކޫލުން ހަވާލުކުރެވޭ އެސައިންމެންޓުފަދަ ތަކާއި މަސައްކަތްތަކުގެ ވަގުތު ފަހަނައަޅައިދާ ހިސާބުން މަސައްކަތް ހަވާލުކުރުމާއި ގެންގުޅޭ ތަކެތި ގެއްލުމާއި، ފޮތްތަކާއި ގެންގުޅޭ ފަންސުރު ފަދަތަކެތި އެއްވެސް ތަރުތީބު ކަމެއްނެތި ގޭގައިވެސް އަދި ސްކޫލް ދަބަހުގައިވެސް މިތަކެތި ގެންގުޅޭއިރު ސާފުތާހިރު ކަމަށްވެސް ސަމާލުކަން ނުދީ ހުރިހާ ކަމެއް ވަރިހަމަހެން ގެންގުޅެން ފަށައިފިނަމަވެސް ވަރަށް ގާތުން ކަން ހިނގާގޮތް ބަލަން ވާނެއެވެ. ޚާއްސަކޮށް މިކަންކަމަށް ފަރުވާތެރިކޮށް އުޅުނު ކުއްޖެއްނަމަ، މިފަދަ ކަންކަމަށް ސަމާލުކަން ކުޑަވުމަކީ ކޮންމެވެސް އެހެންކަމެއް ސްކޫލް މާހައުލުގައި އެކުއްޖާއަށް މުހިންމުވުމުން ނުވަތަ ސްކޫލުގައި ސްޓްރެސްވާ އެހެން ކަންކަން ހިނގާނަމަ ވެދާނެ ކަމެކެވެ.

4. އަޚްލާޤީ ގޮތުން ބަދަލުތަކެއް އައުން؛

ސްކޫލްގައި މާބޮޑަށް ސްޓްރެސްވާނަމަ ދަރިފުޅުގެ ފަރާތުން ބަދަލުތަކެއް ފެނިދާނެއެވެ. މީގެ ތެރޭގައި އަވަހަށް ރުޅިއައުމާއި ރުޅިގަދަވުމާއި އަބަދުވެސް ރުންކުރުވެފައި ހުރުމާއި ގޭގައި އުޅޭ މީހުންނާއި މުޢާމަލާތު ކުރުމުން ދުރުހެލިވެ އެކަހެރިވެ އުޅުމަށް ބޭނުންވުން ހިމެނެއެވެ. ސްކޫލްގައި އުނގަންނައި ދިނުމުގައި އަދި އެކިއެކި ހަރަކާތްތައް ހިންގުމުގައި ދަރިފުޅުގެ ޅަސިކުނޑިއަށް ނުއުފުލޭވަރަށް ބުރަވެއްޖެނަމަ ދަރިފުޅުގެ ސިކުނޑި ވަރުބަލިކޮށްލައި ކުއްޖާ ހާސްކޮށްލައެވެ.



5. ސްކޫލާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވުން؛

ސްކޫލް ކިހިނެތްތޯ ނުވަތަ މިއަދު ސްކޫލުން ކިޔަވައިދިނީ ކޯއްޗެއްހެއްޔޭ ސުވާލުކޮށްލުމުން ' ކިޔައިވައިދޭ އެއްޗެއްސޭ' ނުވަތަ ސްކޫލް ރަނގަޅޭބުނެ ކުރު ޖަވާބެއްދީ ސްކޫލުގެ ކިޔެވުމުގެ ކަންތަކާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަންބޭނުންނުވެ ނިއްމާލުމަކީ ސްކޫލްގައި ހިނގާ ކަންކަމުގެ ވާހަކަ ދައްކަން ބޭނުން ނުވުމުން ދަރިފުޅު ބުނެފާނެ ޖަވާބުތަކެކެވެ. މިއީ ސްކޫލްގައި ދަރިފުޅު ދަތި އުދަނގުލެއް ތަހައްމަލްކުރަމުންދާ ފުރިހަމަ ހެއްކެކެވެ. މިފަދަ ހާލަތްތަކުގައި މައިންބަފައިން ނޫނީ ބެލެނިވެރީން ދަރިފުޅާއި ކައިރިވެ ބޭނުންވާ ލޯތްބާއި އަޅާލުންދީ އެކުދިންނަށް ވާހަކަ ހިއްސާކުރެވޭނެ މާހައުލެއް ޤާއިމުކުރާށެވެ. ދަރިފުޅުގެ މާކުސް ދަށްވެގެން ނުވަތަ އުޅުމަށް ބަދަލު އަތުވެގެން އަބަދުހެން އެއްޗެތި ގޮވާ ހަދަމުން ގެންދަނިކޮށް ކުއްލިޔަކަށް ދަރިފުޅުގެ ސްކޫލުން ކަމެއް ދިމާވިނަމަވެސް މައިންބަފައިންނާ އެކަމެއް ހިއްސާކުރުމަށް ދަރީން ފަސްޖެހޭނެއެވެ. ބެލެނިވެރިންނަށް ދަރީންގެ އިތުބާރު އޮންނާނީ މައިންބަފައިން އަބަދު ދަރީން ގޯސްކޮށް ރުޅިއައިސް އަޑުލައި ހެދުމުން ދުރުހެލިވެ، ދަރިންނަށް އޯގާތެރިކަމާއެކު ވާހަކަދައްކައި އެކުދީންނަށް އިހުސާސްކުރެވޭވަރަށް ލޯބިދީގެންނެވެ.

6. ސްކޫލަށް ސަލާމްބުނާ ދުވަސްތައް ގިނަވުން؛

ސްކޫލަށް ޤަވައިދުން ހާޒިރުނުވުމާއި ގަޑިއަށް ސްކޫލަށް ނުދިއުމަކީ ސްކޫލް މާހައުލުން ދިމާވާ ކޮންމެވެސް މީހަކާއި ނުވަތަ ދިމާވާ ކަމަކާއި ކުރިމަތިލާން ބޭނުންނުވުމުން ދިމާވެދާނެ ކަމެކެވެ. އެހެންކަމުން ދަރިފުޅު ސްކުލަށް ދާން ބޮޑާހާކާނަމަ ވީކިހިނެއްތޯ އޮޅުން ފިލުވާށެވެ. އަދި މުދައްރިސުންނާއިވެސް ވާހަކަ ދައްކައި ސްކޫލްގައި ކަމެއް ހިނގިތޯ ބަލާށެވެ.

7. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން؛

ސްކޫލްގައި ކުރިން ދަރިފުޅު އެންމެ ކުރިއަރައިދިޔަ އިތުރު ހަރަކާތްތަކާއި ބައިވެރިވަމުންދިޔަ ކުޅިވަރުތަކަށް ސަމާލުކަން ކުޑަވެ ނަތީޖާދަށްވާނަމަ އެކުދިންނަށް ކިޔެވުމުގައި ދަތިތަކެއް ދިމާވާކަމުގައި ވެދާނެއެވެ. އެއީ މިހެން ދިމާވުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ ސްކޫލްގެ އެހެން ކަންކަމުންވެސް ކުރިއަށް ދެވިދާނެކަމުގެ އުއްމީދު ކެނޑިގެން ދިއުމުން ދިމާވެދާނެ ކަމެކެވެ.

8. ގައިގައި ރިއްސާތީ ބުނުން؛

ޚާއްސަކޮށް ސްކޫލް ދުވަސްދުވަހާއި ދިމާކޮށް، ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމުގެ ޝަކުވާ ކުރާނަމަ، އެއީ ސްކޫލުގައި އެކުދިންނަށް ސްޓްރެސްވެ އެންޒައިޓީވާނަމަ ދިމާވެދާނެ ކަމެކެވެ. އަދި މިގޮތަށް ބުނެ އެކުދިން ގޭގައި މާގިނައިން މަޑުކުރަން ބޭނުންވުމަކީ ބައެއް ފަހަރު ސްކޫލަށް ނޮގޮސް ގޭގައި މަޑުކުރުމަށް ބޭނުންވުމުން ދައްކާ ބަހަނާއަކަށްވެއެވެ. އެހެންނަމަވެސް މިކަން ދިމާވާ ސަބަބު އޮޅުން ފިލުވުމަކީ ބެލެނިވެރިންގެ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

9. ކިޔެވުމަށް ސަމާލުކަން ނުދެވުން؛

އެސައިންމަންޓުތަކާއި ފިލާވަޅުތައް ނިންމުމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމަކީ ކިޔެވުމަށް ދަރިފުޅަށް އުނދަގޫތަކެއް ހުރިކަމުގެ އަލާމާތެކެވެ. އެހެންކަމުން ދަރިފުޅު ފިލާވަޅު ނިންމަން އިންނަ ވަގުތުގައި ރުޅިގަދަވެ ބައެއްފަހަރު ރޮވި ކަންތައްވާނަމަ އެއީ ފިލާވަޅު ރަނގަޅަށް ނަގައިނުގަނެވުމުން ހަވާލުކުރެވުނު މަސައްކަތް ކުރަން ސްޓްރެސްވެގެން ދިމާވެދާނެ ކަމެކެވެ.

10. މުދައްރިސްގެ ފަރާތުން ޝަކުވާކުރުން؛

މުދައްރިސުންގެ ފަރާތުން ދަރިވަރު ކްލާސް ރޫމުގައި އުޅޭ ގޮތާއި ކުއްޖާގެ ނަތީޖާއާއި ބެހޭ ވާހަކަތަކުގެ ޝަކުވާ ލިބުމަކީ ސަމާލުވާންޖެހޭ ކަމެކެވެ. ސްކޫލްގައި ދަރިވަރު އުޅޭގޮތް ގާތުން ފެންނާނީ މުދައްރިސުންނަށެވެ. އެހެންކަމުން މުދައްރިސުން ޝަކުވާއެއް ކޮށްފިނަމަ ރަނގަޅަށް އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަންނާވެ.

މިދެންނެވި އެއްވެސް ކަމެއް ދަރިފުޅަށް ދިމާވާނަމަ، ހަޅޭލައި އެއްޗެތި ކިޔުމުން އިސްލާހުވާނެ ކަމަށް ދެކިގެން ނުވާނެއެވެ. މީގެ ތެރޭގައި ދަރިފުޅަށް ސްކޫލް މާހައުލުން ދިމާވާ ސްޓްރެސްވާ ކަންކަންވެސް އަދި ނަފްސާނީގޮތުން ގެއްލުންވާ ކަންކަންވެސް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިގޮތަށް ހަޅޭލައި ހެދުމުން އެކުދިން މައިންބަފައިންނާއި އޮންނަ އިތުބާރު ކުޑަވެ ކަންކަން ހިއްސާކުރުމަށް މައިންބަފައިން ދޫކޮށްލައި އެކުވެރިންތެކެއް ޚިޔާރުކޮށްފާނެއެވެ. އަދި އުނގެނުމުގެ މައިދާނުގައި އެންމެ މަތީ ނަތީޖާ ހޯދުމަށް މަޖުބޫރުކުރުވައި އަބަދުހެން އެކަމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދޭށެވެ. ކުދިންނާއިއެކު ވަގުތު ހޭދަކޮށް، މައިންބަފައިން ދަރިންދެކެ ލޯބިވަނީ ހަމައެކަނި މޮޅުމީހަކަށް ވެގެން ނޫންކަން އިހުސާސްކޮށްދިނުމަކީވެސް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން