ޗެރީ އިން ކޮލެޖިން އުފެއްދައިދީ ހަންގަނޑު އަލިކޮށްދޭ
ޗެރީ އިން ކޮލެޖިން އުފެއްދައިދީ ހަންގަނޑު އަލިކޮށްދޭ
ޗެރީއަކީ ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މާއްދާތަކުން ފުރިފައިވާ މޭވާއެކެވެ. މީގައި ހިމެނޭ އެންޓި އޮކްސިޑެންޓްތަކުން ހަންގަނޑު ތާޒާކޮށްދީ އަލިކޮށްދެއެވެ. އަދި ހަންގަނޑު ހަލާކުކޮށް އަވަހަށް ރޫޖައްސާލާ ފްރީ ރެޑިކަލްތަކުން ސަލާމަތްކޮށްދީ ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށްވެސް އެހީތެރި ވެދެއެވެ.

ތިރީގައި މިވަނީ ޗެރީއިން ހަންގަނޑަށް ލިއްބައިދޭ ބައެއް ފައިދާތަކެވެ.

1. ހަންގަނޑު އަލިކޮށްދނުން

ހައިޑްރޯ ސިނަމިކް އެސިޑަކީ ހަންގަނޑު އަލިކޮށްދީ އަދި ހަންގަނޑުގައި އެކިދިމަދިމާލުގައި ހުންނަ ކަޅުވެފައި ހުންނަ ތަންތަން އަލިކޮށްދޭ މާއްދާއެކެވެ. މިއީ ޗެރީގައި ހިމެނޭ މާއްދާއެއް ކަމުން، އާއްމުކޮށް ޗެރީ ކާނަމަ، ހަންގަނޑުގައި ހުންނަ ލައްތަކާއި އަނދާފައި ހުންނަ ތަންތަން ރަނގަޅުކޮށްދީ ހަންގަނޑު ސާފުކޮށްދީ އަލިކޮށްދޭނެއެވެ.

2. ކޮލަޖިން އުފެއްދުން

ޗެރީއަކީ ވިޓަމިން ސީ ލިއްބައިދޭ މޭވާއެކެވެ. މިއީ ކޮލަޖިން އުފެއްދުމަށް ބޭނުންވާ މުހިންމު މާއްދާއެކެވެ. ކޮލަޖިންއަކީ ހަންގަނޑު ދޫވުމުން ރައްކާތެރިކޮށްދޭ ހަންގަނޑުގެ ޒުވާންކަން ދަމަހައްޓައިދޭ ޕްރޮޓީންއެކެވެ. ކޮލަޖިން އުފެއްދުމަށް ބޭނުންވާ އެމީނޯ އެސިޑްގެ ތެރޭގައި ވިޓަމިން ސީ ހިމެނުމުން ޗެރީފަދަ ވިޓަމިން ސީ ލިއްބައިދޭ މޭވާތަކުން ކޮލަޖިން އުފެއްދުމަށް އެހީތެރިވެދެއެވެ.

3. ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދިނުން

ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް އަބަދުވެސް ތެތްކޮށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. މާބޮޑަށް ހަންގަނޑު ހިކިފައި ކުރަކިވާނަމަ ހަންގަނޑުގެ އުޖާލާކަން ގެއްލި، ލޯކައިރި ކަޅުވެ އަދި ހަންގަނޑަށް ދިމާވާ މަސައްލަތައް ޖެހެން މެދުވެރިވެއެވެ. އެހެންކަމުން ހަންގަނޑު ތެތްކޮށް ބެހެއްޓުމަކީ މުހިންމު ކެމެކެވެ. ޗެރީގައި ފެން ހިމެނޭ މިންވަރު އިތުރުވުމުން، މިއީ ހަންގަނޑަށް ބޭނުންވާ ތެތްކަން ގެނުވައިދޭ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މޭވާއެއް ކަމުގައިވެއެވެ.

4. އެންޓި އިންފްލެމޭޝަން

ހަށިގަނޑު ތެރޭގައި އިންފްލެމޭޝަން ވުމަކީ ދިމާވާ ގެއްލުމަކުން ސަލާމަތްކޮށްދިނުމަށް ނުވަތަ ބެކްޓީރީއާ ފަދަ ހަށިގަނޑަށް ގެއްލުންދެނިވި ބެކްޓީރިއާއަށް ހަމަލާދިނުމަށް ފޮނުވާ ސެލްތައް ފުނިޖެހި ތަނެއް ދުޅަވެ ރަތްވުން ފަދަ ކަމެކެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ތެރޭގައި ހިނގާ މަސައްކަތެކެވެ. ނަމަވެސް މާގިނަ ދުވަހަށް މިގޮތަށް އިންފްލެމޭޓްވެ ދުޅަވުމަކީ ހަނިގަނޑަށް ގެއްލުން ހުރިކަމެކެވެ. މީގެ ސަބަބުން ހަންގަނޑަށް އެކްޒިމާ، ބިހިނެގުން އަދި ސޯރިއާސިސްފަދަ ބަލިތައް ޖެހެއެވެ. ޗެރީއަކީ އިންފްލެމޭޝަންއާއި ދެކޮޅަށް މަސައްކަތްކޮށްދޭ އެންޓި އިންފްލެމޭޓަރީ މާއްދާ އެކުލެވޭ މޭވާއެއްކަމުން މިފަދަ ކަންކަން ދިމާވުމުން ހަންގަނޑު ސަލާމަތްކޮށްދޭ މޭވާއެއް ކަމުގައިވެއެވެ.

5. އެންޓި އޮކްސިޑެންޓް

އެންތޮސަޔަނިންއާއި ވިޓަމިން ސީ އަކީ ޗެރީގައި ހިމެނޭ އެންޓި އޮކްސިޑެންޓް މާއްދާތަކެކެވެ. މިމާއްދާތަކުން، ހަންގަނޑު ހަލާކުކޮށް ހަންގަނޑަށް ސްޓްރެސްގެނުވައި ހަންގަނޑު މާއަވަހަށް ރޫޖައްސާލާ ފްރީ ރެޑިކަލްތައް މަދުކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށްވެސް ޗެރީއަކީ އާއްމުކޮށް ބޭނުން ކުރުން ރަނގަޅު މޭވާއެކެވެ.

މިހުރިހާފައިދާއެއް ލިބިގަތުމަށް ކެއުމުގައި ޗެރީ ހިމަނާއިރު ރަނގަޅު ޑައެޓަކާއި 'ސްކިން ކެއަރ ރޫޓިން' އެއް ގެންގުޅުން ސަމާލުކަންދިނުން ވަރަށް މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން