މަރިޔަމް ލަމްޙާ ރަޝީދު   16 ޖުލައި 2023 - 14:24
މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކޮންމެވެސް ކަހަލަ ރޫޓިންއެއް އެންމެންވެސް ގެންގުޅެއެވެ. ބައެއް މީހުންނަކީ ނިދުމުގެ ކުރިންނާއި ހޭލުމަށްފަހު މޫނު ދޮވުމުން ފެށިގެން އެކިއެކި މޮއިސްޗުރައިޒަރއާއި ސިރަމްތައް ބޭނުންކުރާ ބައެކެވެ. އަނެއް ބައި މީހުން އެހައި ގިނަ ތަކެތި ބޭނުން ނުކުރިޔަސް ނިދުމުގެ ކުރިންނާއި ހޭލުމަށްފަހު މޫނު ދޮވެ ސާފުކޮށްލައެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ތިބާ ކިތަންމެ ގިނަ މިންވަރެއް ނުވަތަ މަދުމިންވަރަކަށް ހަންގަނޑަށް އަޅައިލި ކަމުގައިވީނަމަވެސް ބައެއް އާދަތަކުގެ ސަބަބުން ހަންގަނޑަށް ގެއްލުންވެދާނެއެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ މޫނު ފޮހެމަށާއި އަދި މޫނުގައި ނަގާ ބިހި ފަޅާފައި ސާފުކުރުމަށް ތުވާލި ބޭނުން ކުރުމެވެ. ތިރީގައި މިވަނީ މިގޮތަށް ތުވާލި ބޭނުން ކުރުމުގެ ގެއްލުންތަކެވެ.

މޫނު ފޮހުމަށް ތުވާލި ބޭނުން ކުރުން ރަނގަޅުނޫނީ ކީއްވެ؟

އިންޑިއާގެ ނިއުސް 9 ލައިވް އޮންލައިން ނޫހުގައި ޝާއިއުކޮށްފައިވާ އާޓިކަލްއެއްގައިވާގޮތުން މޫނު ފޮހުމަށް ތުވާލި ބޭނުންކުރުމަކީ ގެއްލުން ހުރިކަމެކެވެ. މިގޮތުން މިއީ މޫނު ދޮވެ ސާފުކޮށްފައި އަނެއްކާވެސް މޫނަށް ބެކްޓީރިއާ ވާސިލްކުރާނެ ކަމެއްކަން ތަޖުރިބާކާރުން ބުނާކަމުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ފާޚާނާގައި ބަހައްޓާފައި ހުންނަ 90 އިންސައްތަ ތުވާލީގައި ކޮލިފޯމް ބެކްޓީރިއާ ހިމެނޭ ކަމަށް ރިޕޯޓުކުރެވެއެވެ. މިއީ މީހާ ބަލިކޮށްލައި އަދި މަރުވުމަށްވެސް މަގުފަހި ކުރުމާ ބެކްޓީރިއާއެކެވެ. އަދި މިބެކްޓީރިއާތައް މޫނަށް އަރައި މޫނު އިންފެކްޓްކޮށް ބިހިނެގުމަށްވެސް މަގުފަހި ކުރުވައެވެ. އަދި މޫނު ފޮހޭއިރު މާގަދައަށް ބާރަށް މޫނުގައި ތުވާލި ހާކާނަމަ މޫނުގެ ހަންގަނޑުގެ އެކި ތަންތަނުން މައިކްރޯ ޓިއަރ ނުވަތަ ނުފެންނަވަރަށް ހަންގަނޑުގެ އެކިދިމަދިމާލުން ވީދި ހަލާކުވެއެވެ.

ތުވާލިން ހަނގަނޑަށް ގެއްލުންވަނީ ކިހިނެއް؟

ތުވާލި ތައްޔާރުކޮށްފައި ހުންނަނީ ތަންތަނުން ފެން ހިއްކައި ސާފުކުރުމަށް އެކަށޭނަގޮތަށެވެ. އެހެންކަމުން މޫނު ފޮހުމަށް ތުވާލި ބޭނުންކުރުމުން މޫނުގައި ހުންނަންޖެހޭ ގުދުތަރީގޮތުން ހުންނަ ތެތްކަންވެސް އެއްކޮށް ނެތިގޮސް ހަންގަނޑު ހިކިކުރަކިވުމަށް މަގުފަހި ކުރުވައެވެ. އެހެންކަމުން އެންމެ ރަނގަޅީ މައިކްރޯފައިބަރ ތުވާލި މޫނު ފޮހުމަށް ވަކިކޮށްފައި ބެހެއްޓުމެވެ. ނޫންނަމަ އެއްފަހަރާބޭނުކޮށް އެއްލާލެވޭފަދަ ޓިޝޫ ބޭނުންކޮށްގެން މޫނުގައި މަޑުމަޑުން ހާކާލައި ފޮހެލުންވެސް ރަނގަޅުވާނެއެވެ. ނަމަވެސް އެންމެ ރަނގަޅީ އަމިއްލަޔަށް ހިކެންދެން އެހައި ބޮޑަށް ނުފޮހެ ދޫކޮށްލުމެވެ.

މޫގުގައި ނަގާ ބިހި ސާފުކުރާނީ ކިހިނެއް؟

އެންމެ ރަނގަޅުގޮތަކީ މޫނުގައި ނަގާބިހި ނުކޮށްޓައި ދޫކޮށްލުމެވެ. އަދި މިއީ މޫނު ތެޔޮވުމުން ދިމާވާ ކަމެއްނަމަ މޫނު އަބަދުވެސް ސާފުކޮށްފައި ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. މޫނުގައި ނަގާ ބިހި ފެޅުމުން އޭގައި ޖަމާވެފައި ހުންނަ ބެކްޓީރިއާތައް މުޅި މޫނަށް ފެތުރި ހަންގަނޑު އިތުރަށް ހަލާކުވެދެއެވެ. އަދި އަތުގެ ނިޔަފައްޗާއި އިނގިލިތަކަށް ބެކްޓީރިއާ ވާސިލްވެ މޫނުގައި އަތްލެވޭ އެހެން ސަރަހައްދުތަކަށްވެސް ބެކްޓީރިއާ ވާސިލްވެދެއެވެ. އަދި މިގޮތަށް ބިހި ކޮއްޓުމުން މޫނު ފާރުވެ ލަކުނުލާގޮތްވެސް ދިމާވުން އެކަށީގެންވެއެވެ. ބިހި ފެޅުމުގެ ބަދަލުގައި އެލޮވީރާ ޖެލް ނުވަތަ ކޮންމެވެސް އެކްނީ ކްރީމްއެއް އުނގުޅައި ބިހިތައް ނެގުން ކޮންޓްރޯލް ކުރުމަކީ ކުރެވިދާނެކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން