ޞާދިރު ޢަލީދީދީ   10 ޖުލައި 2020 - 14:55
ސަރާ
ސަރާ
އެޕިސޯޑް 21

...............

[ފަސްނުޖެހި ބުނޭ...ބޭބެ އެހީވެދީފާނަން...] އެމީހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ސަރާ އެދުނީ އޭނާ ނިމާލްމެންގެއަށް ގެންގޮސްދިނުމަށެވެ. އެއީ އޭނައަށް އެޑްރެސް އެނގޭ ގެއަކީވެސް. އެގެވީމައާއި ނިމާލް އޭނައަށް އެހީވާނޭ ކަމުގެ ޔަޤީންކަންވެސް އޮތަތީއެވެ. އެމީހާ ވަގުތުން ޓެކްސީއަކަށް ގުޅިއެވެ.

ކުރި މަސައްކަތް ކާމިޔާބުވީތީ އުފާވެފައި ހުރި ފަހީމާ އައިސް ކޮޓަރި ދޮރުމައްޗަށް އެރުމާއެކު މަލަކާ ވާހަކަ ދެއްކިއެވެ. މަލަކާ ގޮވައިގެން ފަހީމާ ދިޔައީ ބޭރަށެވެ. ބޭރަށް ނިކުމެ އޭނާ ހިންގި ކާމިޔާބު އޮޕަރޭޝަންގެ ވާހަކަ އޭނާ މަލަކާއަށް ކިޔާދީފިއެވެ.

ކާރު ނިމާލްމެންގޭ ކުރިމައްޗަށް މަޑުކުރުމާއެކު ސަރާ އެމުސްކުޅި މީހާއަށް ޝުކުރު އަދާކުރުމަށްފަހު ކާރުން ފައިބައިފިއެވެ.

[ބޭބެ ކޮށްދިން ހެޔޮކަމުގެ ބަދަލު މާތްރަސްކަލާނގެ ބޭބެއަށް ދެއްވާށި....ޝުކުރިއްޔާ ބޭބެ.....] ސަރާ ބޭބެއަށް ޝުކުރު އަދާކުރުމަށްފަހު ދޮރާށި ހުޅުވާފައި އެތެރެއަށް ވަނެވެ.

[އައްސަލާމް އަލައިކުމް....] އެތެރެއަށް ވަދެ ސަރާ ސަލާމް ގޮވާލިއެވެ. މާގިނައިރުތަކެއްނުވެ އެތެރެއިން ސަލާމް ބަލައިގަތް އަޑާއެކު އެނުކުތީ ނިމާލެވެ. ސަރާ ފެނުމާއެކު ނިމާލްގެ ދެލޯ ބޮޑުވިއެވެ.

[ސަރާ...މާހެނދުނަކާ އަނެއްކާ ކިހިނެއްވީ؟] ސަރާ އިށީންނަން ތަން ދެއްކުމަށްފަހު ނިމާލް އެއްސެވެ. ނިމާލް އެހެން އެހުމާއެކު ސަރާގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. އެވާހަކަ ސަރާއަށް ކިޔާދެވުނީ ނިމާލް އެވާހަކަ އަހާތާ އެތައްއިރެއްވީ ފަހުންނެވެ.

[ތީ ކާކު ރާވައިގެން ކުރިކަމެއް؟] ނިމާލް އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

[ޢިމްރާންގެ މަންމަ...އަހަރެންގެ ނަންބަރުވެސް ހިލޭ ފިރިހެނުންނަށް ދީގެން އަހަންނަށް އުނދަގޫ ކުރުވީވެސް އޭނަ.....އަޅެ ނިމާލް ކީއްވެތަ އެއެންމެން އަހަރެންދެކެ އެވަރަށް ރުޅިއަންނަނީ....އަހަރެންގެ ކުށަކީ ކޮބައިތަ؟] ސަރާގެ އަޑު ބެދިއްޖެއެވެ.

[އެންމެންނެއް ނޫން.....ތިޔަހެން ނުބުނެވޭނެ....ސަރާދެކެ ރުޅި އަންނަނީ ހަމައެކަނި ޢިމްރާންގެ ޢާއިލާއިން...ދެރަނުވޭ ސަރާ. އަހަރެން އަބަދުވެސް ސަރާއަށް އެހީތެރިވާނަން. ވިހަންދެން ސަރާ މިގޭގައި ހުރޭ. އަހަރެން ބޭބެ ގާތު ބުނެގެން ސަރާގެ މަންމަވެސް މާލެ ގެންނާނަން.] ނިމާލް ސަރާއަށް ހިތްވަރު ދިނެވެ.

[އަހަންނަށް އެހީވާން ނިމާލް ތީ އަހަރެންގެ ކާކުތަ؟] ސަރާ އަތުގެ ނުފުށުން ދެލޯ ފޮހެލައިފިއެވެ.

[ހީކޮށްލާ ހެޔޮއެދޭ މީހެއް ކަމަށް..އަބަދުވެސް އަހަރެން ސަރާއަށް ހެޔޮއެދޭނަން.] ނިމާލް ސަރާގެ ލޮލަށް ބަލަން ހުރެފައި މިހެން ބުނީމާ ސަރާ އިސްޖަހާލިއެވެ.

[މަންމަގެ ދަތުރުގެ ހުރިހާ ކަމެއްވެސް ހަމަޖެހިފައި ވަނިކޮށް ޢިމްރާންގެ މަންމައާއި ހަގުއަނބީގެ މިރޭވުމެއްގެ މަޅީގައި ޖެހި އަހަރެންގެ ދިރިއުޅުން ވިއްސިވިހާލިވީ...އަހަރެންގެ އެއްވެސް ކުށެއްނެތި.] ސަރާ ދެލޯ މަރާލިއެވެ.

މިހާރު މަލަކާ އެހުރީ ވަރަށް އުފާވެފައެވެ. އޭނާ ހީކުރެއެވެ. ދާއިމަށް ޢިމްރާން އޭނާގެ މިލްކަކަށްވީއެވެ. ދެން ޢިމްރާން ސަރާ ގާތަކަށް ނުދާނެއެވެ. މިހާރު ޢިމްރާން ހުންނަނީ ސަރާ މަތިން މާބޮޑަށްވެސް ފޫހިވެފައެވެ.

[ފެނުނު މަންޒަރުން މާބޮޑަށްވެސް ފޫހިވެއްޖެ. އޭނަ ކޮންމެތާކު އުޅުނަސް ވަރިހަމަ. އަހަންނެއް އޭނަ އުޅޭ ތަނެއް ހޯދާކަށް ނުދާނަން. އޭނައަކީ ވަރަށް ވިޔާނުދާ މީހެއް.] އިމްރާން ވާހަކަ ދެއްކީ ނިޔާޒާއެވެ. އެކަމަކު އެއީ ނިޔާޒް ގަބޫލުކުރާ ވާހަކައެއް ނޫނެވެ. ނިޔާޒްގެ ލޮލަށް ސީދާ އެފަދަ މަންޒަރެއް ފެނިގެން ނޫނީ ނިޔާޒެއް ގަބޫލެއް ނުކުރާނެއެވެ.

[ތިވާނީ ބައެއްގެ ރޭވުމަކަށް. އަހަންނެއް ގަބޫލެއް ނުކުރާނަން. އަހަންނަށް މާރަނގަޅަށްވެސް ސަރާ އެނގޭ.] ނިޔާޒް ފާޅުގައި ދެކޮޅުހެދިއެވެ.

[ނިޔާޒް ފާޅުގައި އަހަރެންގެ ލޮލަށްދޯ ތިގޮވަނީ؟] ހިތްހަމަނުޖެހިފައި ހުރެ ޢިމްރާން މިހެން ބުނީމާ އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ބުނެ ނިޔާޒް އުޅުނީ ހިނގައިގަންނާށެވެ.

[އަދި މަޑުކޮށްބަލަ....] ނިޔާޒް ހިނގައިގަތީމާ ޢިމްރާން ހުއްޓުވިއެވެ.

[ކީއްކުރަން، ޢިމްރާން ތީ އަމިއްލަ ނަފްސަށްވެސް އިތުބާރު ކުރާނޭ މީހެއް ނޫންކަން މިހާރު އަހަންނަށް އެނގިއްޖެ. ނިކަމެތި އަންހެން ކުއްޖަކު މާލެ ގެނެސް ތިހަދަނީ ހިތަށްއެރިހާ ގޮތެއް. މީގެކުރިން އަހަރެން ހިއެއްނުކުރަން، ޢިމްރާންތީ ތިހާ ރަޙުމެއްނެތް މީހެއް ކަމަކަށް.] ނިޔާޒް އަނެއްކާވެސް ހިނގައިގެންފިއެވެ. ތެދެކެވެ. އޭނާ ސަރާއަށް އިތުބާރު ކުރެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސަރާ ދުވަހަކުވެސް ޢިމްރާން އެބުނާފަދަ ވިޔާނުދާ މަގަކުން ނުހިނގާނެއެވެ. ނިޔާޒް ދިޔައީ ސީދާ އޭނާގެ ކޮއްކޮ ނިމާލްގެ ގެއަށެވެ. ސަރާ އެގޭގައި އިނދެދާނޭ ކަމަށް ވިސްނާފައެވެ.

ނިޔާޒް އެގެއަށް ދިޔައިރު ސަރާ އެކަނިމާއެކަނި ސިޓިންގރޫމްގައި އިނެވެ. ސަރާ ފެނުމާއެކު ނިޔާޒް އެތެރެއަށް ވަދެއްޖެއެވެ.

[ސަރާ! ކޮބާ ނިމާލް؟] ސަރާއިން ސޯފާގައި އިށީންނަމުން ނިޔާޒް އެއްސެވެ.

[އޮފީހުގަ...ނިޔާޒް ޢިމްރާނާ ދިމާވިތަ؟] މޮޅިވެރިކަމާއެކު ސަރާ ވާހަކަ ދެއްކިއެވެ.

[ދިމާވި....ސަރާ ކިޔާދީބަލަ، ވެގެންއުޅޭ ގޮތެއް.] ނިޔާޒް އެދުނެވެ. ކަންތައްވީގޮތް ނިޔާޒަށް ސަރާ ކިޔާދިނެވެ. ނިޔާޒްވެސް ނިންމީ އެއީ ސީދާ ޢިމްރާންގެ މަންމަގެ ރޭވުމުގެ މަތިން ހިނގާދިޔަ ކަމެއް ކަމުގައެވެ. ކުޑަދުވަސްކޮޅަކު މާރަނގަޅު މީހަކަށްވެގެން އުޅުނީ އެހެންވެގެން ކަމުގައިވެސް ނިޔާޒް ބުންޏެވެ.

[މިފަހަރު މާފަސޭހައިން ޢިމްރާނަށް މަޢާފް ނުކުރާތި...ސަރާއަށްވެސް ގޮތެއް ހުހެއްނުވާނެ. ކޮންމެހެން އެހެން މީހުން ޖަހާހާ ބެރަކަށް ސަރާ ނުޖެހޭނެ ނަށާކަށް....ސަރާ ބޭނުން ދުވަހެއް ވަންދެން ސަރާއަށް މިގޭގައި ހުރެވޭނެ.] ނިޔާޒްގެ ވާހަކަތަކުން ސަރާއަށް ހިތްވަރު ލިބުނެވެ. އެދުވަހު ނިމާލް އޮފީހުން އައީ ތަފާތު ވައްތަރުތަކުގެ މޭވާތަކާއި ޗޮކްލެޓްތައް ގަނެގެންނެވެ.

[ތީ ކީއްކުރާ އެއްޗިއްސެއް؟] ނިމާލް ކޮޓަރިއަށް އައިސް ވަނީމާ ސަރާ އެއްސެވެ.

[ސަރާއަށް މާބަނޑުދުވަސްވަރު ފައިދާހުރި ކާނާ ގެނެސްދޭންވާނެއެއްނު. މެންދުރު ކައިފިންތަ؟] ސަރާގެ ގާތުގައި އިށީންނަމުން ނިމާލް ބުންޏެވެ.

[ކައިފިން...ކީއްވެތަ ނިމާލް އަހަންނާ ދޭތެރޭ ވިސްނަނީ. ހަމަ އިންސާނިއްޔަތަށްޓަކައިތަ؟ ނިމާލްގެ ތިޔަ އޯގާތެރިކަމުގެ ބަދަލުގައި ދޭނޭ އެކައްޗެއްވެސް އަހަރެންގެ އަތުގައި ނެތްކަން ދަންނަންވާނެ....] ސަރާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

]ބަދަލުގައި އެކައްޗެއްވެސް ބޭނުމެއް ނޫން. ސަރާއަށް އުފާވެރި ދިރިއުޅުމެއް ލިބުނީމާ އަހަރެންގެ މަޤްޞަދު ޙާޞިލްވީ....] ނިމާލް ދެލޯ މަރާލިއެވެ.

[އުފާވެރި ދިރިއުޅުމެއް އަހަންނަށް ލިބޭނެތަ؟ ލޯބިވާ ފިރިމީހާއާއެކު އުޅޭތާ އަހަރުތަކެއް ފާއިތުވެދިޔައިރުވެސް އޭނައަކަށް އަހަރެން ދަހެއްނުވި. އަހަރެންގެ ދާއިމީ ޙާލަކީ މިއީކަންނޭނގެ. ނިކަމެތި ހާލުގައި ޢުމުރުގެ ބޮޑުބައި ހޭދަކުރިފަހުން ޢިމްރާނާ ދިމާވީމާ އަހަރެން ހީކުރިން ދާއިމީ އުފާވެރިކަމެއް ލިބުނިއްޔޭ. އެކަމަކު އެކަންވެސް ކާމިޔާބެއްނުވި.] ސަރާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

[ނުރޮއި ސަރާ. ސަރާގެ މުސްތަޤްބަލް ކުރިއަށް އެބައޮތް. އަހަންނަށް ސަރާގެ މުސްތަޤްބަލް އެބަފެނޭ. އެއީ އުފާވެރި މަންޒިލެއް. އެމަންޒިލުން ސަރާއަށް ދާއިމީ އުފާލިބޭނެ.] ނިމާލް ސަރާއަށް ހިތްވަރުދޭން ފަށައިފިއެވެ.

[މާނައަކީ ޢިމްރާނަށް ވިސްނިގެން އެނބުރި އަހަރެން ބަލާ އަންނާނެއޭތަ؟] ސަރާ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލައިފިއެވެ.

[ވެދާނެ ތިހެން ކަމަށްވެސް. އެކަމަކު އަހަރެންގެ ހިތަށްއަރަނީ ކައިވެންޏަށް މިހާދުވަސްވީއިރުވެސް ދަސްނުވި މީހަކަށް ދުވަހަކުވެސް ސަރާ ދަސްވާނެބާއޭ. އަހަރެން ސަރާ ގާތު ވާހަކައެއް ބުނަންތަ؟ ސަރާ މިއަދުން ފެށިގެން ޢިމްރާނާމެދު ތިވިސްނާ ވިސްނުން ހުއްޓާލަފާނަންތަ؟] ނިމާލް ދުރުދުރުން އޭނާގެ މަގަށް ސަރާ އެޅުވޭތޯ މަސައްކަތް ކުރިއެވެ.

[އެއީ އަހަރެން އެންމެ ފުރަތަމަ ލޯބިވި މީހާ. އެހަނދާންތަކުން މިންޖުވާން ފަސޭހައެއް ނުވާނެކަންނޭނގެ.] ސަރާ ބަނޑުގައި އަތްކާއްތާލިއެވެ.

ލިބުނު ކާމިޔާބީގެ އުފަލުގައި ތިބި ފަހީމާއާއި މަލަކާ މިހާރު ރާވަމުންދަނީ އެކަށް ސަރާ ޢިމްރާންގެ ދިރިއުޅުމުން ފައްސާލާނޭ ގޮތަކާ މެދުގައެވެ. އަބަދުވެސް ރަނގަޅު ވިސްނުން އަންނަނީ ތިމަންނަޔަށޭ ބުނަމުން ފަޚްރުވެރިވެފައި ހުރެ ފަހީމާ މިހާރު ވިސްނަމުން އެދަނީ ޢިމްރާންގެ އަންބެއްގެ މަގާމުންވެސް ސަރާ ބޭރުކުރުމަށެވެ. އޭރުން އެގޭތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނޯންނާނެ ކަމަށް އެމީހުން ދެކެއެވެ.

[ރަނގަޅު ޚިޔާލެއް އަތުވެއްޖެ. އެންމެމޮޅު ފަންޑިތަ ވިސްނިއްޖެ. ސިޓީއެއް ލިޔެލާނޭ މީހަކު ހޯދާ...ސިޓީ ލިޔަންވާނީ އަހަރެން ބުނާގޮތަކަށް....] މޭފުއްޕާލަމުން ފަހީމާ ބުންޏެވެ.

އެދުވަހު ޢިމްރާން ގެއަށް އައިއިރު ފަހީމާއާއި މަލަކާ މީހަކު ލައްވާ ސިޓީ ތައްޔާރު ކުރުވިއެވެ. އެސިޓީގައި އެވެރިން ލިޔެފައި ވަނީ ގިނަދުވަސްތަކެއް ވަންދެން އެކުގައި އުޅުނުއިރުވެސް ޢިމްރާނަށް ސަރާ ދަސްވެފައިވެސް ނުވާތީއާއި، ސަރާ މިހާރު ހިތާވެގެން އުޅޭ މީހާއާއެކު ދާއިމީ ދިރިއުޅުމެއް ބޭނުންވާތީ، އޭނާ މިނިވަންކޮށްދިނުމަށެވެ. އަދި އެސިޓީގައި އޭނާގެ ބަނޑުގައިވާ ދަރިފުޅަކީ ޢިމްރާންގެ ދަރިއެއް ނޫންކަމާއި، އެދަރިފުޅުގެ ބައްޕައަކީވެސް އެމީހާ ކަމުގައި ބަޔާންކޮށްފައިވެއެވެ.

[މަންމާ..ކާކު މިސިޓީ މިގެއަށް ގެނައީ؟] ސިޓީ ކިޔާ ނިމުމަށްފަހު އަސަރާއެކު ޢިމްރާން އެއްސެވެ.

[ނޭނގެ...އޭނަ ބުނި ސިޓީގެ ޖަވާބު ބަލައި މިރޭ އަންނާނެ ވާހަކަ. ކާކުގެ ސިޓީއެއްތީ!؟] ޙައިރާންވާ ފާޑު ދައްކަމުން ފަހީމާ ވާހަކަ ދެއްކިއެވެ.

[ސަރާ....ވަރިވާން ބޭނުމިއްޔޯ؟] ޢިމްރާން ދެފަރާތަށް ބޯހޫރާލިއެވެ.

[ވަރިޔަށްވެސް އެދުނީ؟ އޭނާގެ ޙަޤީޤަތް މހާރު ތިއޮތީ އެނގި ފާޅުވެފައެއްނު. ދަރިފުޅާ އަވަހަށް ތިކަމުން ސަލާމަތްވާން އުޅޭ....ތިއޮތީ ސަލާމަތްވާން ފުރްޞަތު ލިބިފައި.] ފަހީމާ ޢިމްރާންގެ ބޮލަށް ވަންނަން ފެށިއެވެ. ޢިމްރާން ނިކަން ބާރަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ވިހަގޮތަކަށް ހީނލަމުން ފަހީމާ ދެއަތަކަށް ބޯހޫރާލިއެވެ.

ކޮޓަރިއަށް ވަދެ ޢިމްރާންވީ ބައިގަޑިއިރެވެ. ސިޓީއާއެކު އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އޭރު ކޮޓަރި ދޮރުމަތީގައި ކަހަލަ ގޮތަކަށް އިތުރު ދެފިރިހެނަކާއި މަލަކާއާއި ފަހީމާމެން ތިއްބެވެ. ބޭރަށް ނުކުމެ ޢިމްރާން އެސިޓީ ދިނީ އޭނާގެ މަންމަ އަތަށެވެ. އަދި ވަރަށް މާޔޫސީ ގޮތަކަށް އޭނާގެ ދިރިއުޅުމުން ސަރާ ހިނގައްޖެއޭ ބުންޏެވެ.

[މަންމާ....އަހަރެން ސަރާ ވަރިކޮށްފިން. މިހާރު ސަރާއަކީ އަހަރެންގެ އަންބެއް ނޫން. މިސިޓީގައި މިއޮތް އެޑްރެހަށް މިސިޓީ ފޮނުވާލާ....ލަފާކުރެވެނީ ސަރާ ހުންނަނީ އެގޭގައި ކަމަށް. އެގޭގައި އުޅެންޏާ އެގެއަށް، ނޫޅެންޏާ އެރަށަށް ސިޓީ ފޮނުވާލާ.] މިހެން ބުނެފައި މަންމަމެންގެ ކުރިމަތީގައި މަޑުވެސްކޮށްނުލާ އޭނާ އެތަނުން ހިނގައްޖެއެވެ. ފަހީމާއާއި މަލަކާ އުފަލުން ފުމެގަތެވެ. ޢިމްރާން ބޭރަށް ނިކުމެ ސަރާގެ ފޯނަށް ގުޅިއެވެ. ސަރާ ވަރަށް އުފާވެފައިހުރެ ފޯނު ނެގީ ޢިމްރާނަށް އޭނާގެ ކުށެއްނެތްކަން އެނގިގެން ގުޅީ ކަމަށް ހީކޮށްފައެވެ.

[ސަރާގެ އެދުމުގެ މަތިން އަހަރެން ސަރާ ވަރިކޮށްފިން. މިވަގުތުން ފެށިގެން ސަރާތީ އަހަރެންގެ އަންބެއް ނޫން. ހަފްތާއެއްހާ ދުވަސްތެރޭ ވަރި ސާބިތުކޮށް ނިންމާނަން.] އިތުރަށް އެއްވެސް ވާހަކައެއް

ނުދައްކާ ޢިމްރާން ފޯން ކަނޑާލިއެވެ. އެއާއެކު ސަރާގެ ބޮލަށް އެނބުރުން އަރައިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ނިމާލަށް ވަދެވުނީ ސަރާ ބިންމައްޗަށް ވެއްޓުނުތަނާހެނެވެ.

ވަގުތުން ސަރާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ސަރާގެ ހޭވެރިކަމެއް ނެތެވެ. ސަރާ ހޭއެރީ ހޮސްޕިޓަލުން ފަރުވާދޭތާ ބައިގަޑިއިރު ފަހުންނެވެ. ސަރާ ހޭއެރިއިރު ނިޔާޒްވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ.

[އަހަރެން ވަރިއަކަށް ނޭދެން.....އެކަމަކު ޢިމްރާން އަހަރެން ވަރިކޮށްފި....އަހަރެން ވަރިކޮށްފި...އަހަރެން ކިހިނެއް ހަދާނީ....] ސަރާ ބާރުބާރަށް ރޯން ފަށައިފިއެވެ. ޙަޤީޤަތުގައި ސަރާއަށް މިހާރު އެވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ވަފާތެރި އަންހެނަކަށް މިފަދަ ދުވަހެއް އައުމަކީ އެއަންހެނަކަށް ބަރުދާސްތު ކުރަން ދަތި ހިތްދަތިކަމެއް އިޙްސާސް ކުރެވޭނޭ ވަގުތެކެވެ. މިހާރު ސަރާ އެއޮތީ އެހިތްދަތިކަން ބަރުދާސްތު ކުރަން ދަތިވާ ޙާލުގައެވެ. ޙަޤީޤަތުގައި ތެދުވެރި ޞާލިޙް އަންބަކު ލިބުމުން ޢިމްރާނަށް ބަލައިގަންނަން ނޭނގުނީއެވެ. ޖަވާހިރެއް ކީއްކުރަން ބޮޑު މާވަހަރެއް ލިބުނަސް އެބަލައިގަންނާކަށް ޢިމްރާންމެންފަދަ އަމިއްލަ ނަފްސަށްވެސް އިތުބާރު ނުކުރެވޭ ޒާތު މީހުންނަކަށް ނޭނގޭނެއެވެ.

[ޢިމްރާން ސަރާ ވަރިކުރީއޭ! އޭނައަކީ އެހާ ނުވިސްނޭ މީހެއްތަ؟] ނިޔާޒްގެ ދެލޯ ބޮޑުވިއެވެ. ސަރާ ގިސްލަ ގިސްލާފައި ރޮމުން ދަނީއެވެ.

[ހިތްވަރުކުރޭ ސަރާ...އިރާދަކުރެއްވިއްޔާ މިހާ ހިސާބުން ސަރާގެ މުސްތަޤްބަލް އަލިވެއްޖެ. ދެން އެއްވެސް އަނދިރިކަމެއް ނާންނާނެ. މިދުވަސްވަރު ބޮޑަށް ހިތާމަކޮށް ހަދަންޏާ ބަނޑުގައިވާ ދަރިފުޅަށް އަސަރު ކުރާނެ.] ނިޔާޒް ސަރާއަށް ހިތްވަރުދިނެވެ. އެވަގުތު ނިޔާޒް ޢިމްރާނަށް ގުޅިއެވެ.

[ސާބަސް ޢިމްރާނަށް. ޢިމްރާނުތީ އަހަރެން ހީކުރިފަދަ މީހެއް ނޫން. ޢިމްރާންގެ ދަރިއަކަށް ސަރާ ބަލިވެ އިންދާ ތިގޮތަށް ކަންތައް ކުރާކަށް ނުވާނެއެއްނު.] ނިޔާޒް ސަރާ އޮތް ކޮޓަރިން ނުކުތެވެ.

[އަހަރެންގެ ދަރިފުޅެއް އޭނަގެ ބަނޑަކު ނޯންނާނެ. އަހަރެން އިތުރަށް ތިވާހަކަ ދައްކާކަށް ބޭނުމެއްވެސް ނޫން. އޭނަގެ ދިފާޢުގައި ނިޔާޒް އަހަރެން ގާތު އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. މިވަގުތު އަހަރެން މިހުރީ ވަރަށް ޓެންޝަރުގައި، ބާއްވަނީ.] ޢިމްރާން ފޯން ކަނޑާލިއެވެ. އެހެން އެއްވެސް މީހެއްގެ ވާހަކަ އަޑުނާހާ ވަރަށް ޢިމްރާންގެ ސިކުނޑިއާ މަލަކާމެންވަނީ ކުޅެލާފައެވެ.

[އަދިކިރިޔާ މިހަމަޖެހިލެވުނީ. މިހާރު ޢިމްރާންގެ ފަރާތުންވެސް މަލަކާގެ ދަރިފުޅަށް ފުރިހަމަ ލޯބި ލިބޭނެ. އުފާކުރޭ ދަރިފުޅާ.] ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިން ކުޑަކުޑަ އިލާގެ ކޮލުގައި ލޯބިކޮށްލަމުން ފަހީމާ ވާހަކަ ދެއްކިއެވެ.

[ތީ ތެދެއް....މިހާރު ޢިމްރާން މާބޮޑަށް މިމަންޖެއާ ހެދި އުޅޭ....ގެއަށް ވަދެ އެންމެ ފުރަތަމަވެސް ބަލާނީ މިމަންޖެ ހޭލާ އުޅޭތޯ. ވަަރަށް ލޯބިވާހެން ހީވަނީ.] ފިސާރި ހިތްހަމަޖެހިފައި ހުރެ މަލަކާ ބުންޏެވެ.

ކުށެއްނެތް ނިކަމެތި އަންހެން ކުއްޖެއްގެ ބޮލުގައި ބަދުނާމު އަޅުވައި، އެފަކީރުގެ އުފާތައް ފޭރިގަނެ ހިތް ކުދިކުދި ކޮށްފައި ތިބެ، އެމީހުން އެ އުފާކުރަނީ ތަޤްދީރު ރޭވެމުންދާ ގޮތާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލުމެއްނެތިއެވެ. ހަމަގައިމުވެސް ތަޤްދީރުގެ ރޭވުމެއް އެވެރިންނަކަށް ބަދަލެއް ނުކުރެވޭނެއެވެ. ތަޤްދީރުގައި މަލަކާގެ ނަޞީބު ލިޔެވިފައި ވަނީ ކޮންގޮތަކަށްބާއެވެ؟ ސަރާގެ ނަޞީބަކީ ކޮބައިބާއެވެ؟

ހަމަގައިމުވެސް ދިރިއުޅުމުގައި ބޭނުންވާ މަންޒިލް މަޤްޞޫދަށް ދެވޭ މީހަކީ ނަޞީބުގެ ކުޅިފަސް ލިބޭ ފަރާތެވެ. އެފަރާތަކީ ކާކުބާއޭ ހިތަށް އަރައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޢިމްރާންގެ ޙަޔާތުން ސަރާ ބޭރުކުރިތާ މަހެއްވާން ކައިރިވިއިރު ޢިމްރާން ވަރިސާބިތުކޮށް ހުރިހާ ގޮތަކުންވެސް ސަރާ މިނިވަންކޮށްދީފިއެވެ. ނިމާލުގެ އޯގާތެރިކަން ލިބޭތީ މިހާރު ސަރާއަށް ހިސާބަކަށް ހިތްހަމަޖެހުން ލިބުނު ކަމުގައިވިޔަސް، އޭނާއަކަށް ޢިމްރާންގެ ހަނދާންތަކާ ދުރަކަށް ނުދެވެއެވެ.

[ސަރާ ދެން ތިގޮތަށް މާޔޫސްވެފައި ނުހުރެބަލަ. މިއަދު ސަރާ މަންމަވެސް އަންނާނެ. މިހާރު މަންމަ ބަލައި ދާގަޑި އެއޮއްޖެހެނީ. އަވަހަށް ތައްޔާރުވެގެން އާދޭ.] މާޔޫސްވެފައި ހުރި ސަރާގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ނިމާލް ވާހަކަ ދެއްކިއެވެ. ސަރާ ލުއިގޮތަކަށް ހީލަމުން ކޮޓަރިއަށްވަނީ ކުޑަކޮށް ނަލަހެދިލުމަށްޓަކައެވެ.

ނިމާލާއި ސަރާއަށް ތައްޔާރުވެލައިގެން ޖެޓީ ކައިރިއަށް ދެވުނު ވަގުތަކީ ނަޖްމާ އައި ބޯޓް ޖެޓީއަށް ލެފި ވަގުތެވެ. މާގިނައިރުތަކެއްނުވެ މީހުންވެސް ފައިބަން ފަށައިފިއެވެ. ބޯޓްތެރެއިން މަންމަ ފެނުނީމާ އުފާވެފައި ހުރި ސަރާ އަތްހޫރާލާ އަވަހަށް ފައިބާށޭ ބުނާފަދަ ޙަރަކާތެއް ކުރިއެވެ.

އުފާވެފައިހުރި ނަޖްމާ ބޯޓުން ފޭބި ވަގުތަކީ މަލަކާގެ ބައްޕަ ވަޖުދީވެސް އޭނާގެ ކާރުގައި އެތަނާ އަރާ ހަމަވި ވަގުތެވެ. ބޯޓުން ފޭބި ނަޖްމާ ފެނުމާއެކު ވަޖުދީއަށް ކާރުގެ ބުރަކި ޖައްސާލެވުނެވެ. އެވަގުތު ނަޖްމާއަށްވެސް ވަޖްދީ ފެނިއްޖެއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވިއެވެ. މަޑުމަޑުން އޭނާގެ ދޫ ޙަރަކާތް ކުރަންވެސް އުޅުނެވެ. ނަމަވެސް ދުލުގައި ބާރެއްނެތްފަދައެވެ.

[މަންމާ! އެއީ މަންމަ ދަންނަ މީހެއްތަ؟] ވަޖުދީ ފެނުމުން މަންމަގެ މޫނުމައްޗަށް އަރާފޭބި ކުލަވަރަށް ބަލަން ހުރެފައި ސަރާ އެއްސެވެ.

[ދަންނަން. ނޫން ދަންނަ މީހަކާ ވައްތަރުވި. ހިނގާ ގެއަށްދަމާ. ކޮބައިތަ ޢިމްރާން.] ނިމާލްގެ ކާރަށް އަރަމުން ނަޖްމާ އެއްސެވެ. އޭރުވެސް އެވެރިންނާ ދިމާއަށް ބަލަހައްޓައިގެން ކާރުތެރޭގައި ވަޖުދީ އިނެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ޒީނަ

10-Jul-2020

އެއްވެސް ކުށެއް ނެތި ސަރާ އަށް ހާދަ ދެރަ ގޮތެއް ތިހަދަނީ އިމުރާނޫ ތިޔައީތަ ކަލޭ ވާ ލޯތްބަކީ ކަލޭދެކެ މަވެސް މިހާރު ފޫހިވެއްޖެ ސަރާ ކަނބުލޯ ނިމާލް މާރަނގަޅު ވާނެ


20

ޝަމާ

10-Jul-2020

އަސްލުވެސް އެއްވެސް ފޫހިކަމެއް ނެތި ޝައުގާ އެކީ ކިޔާލެވޭ ވަރަށް ރީތި ހީވަނީ މަންޒަރުތެރޭ ތިބެވޭހެން އެކަމަކު މި އުޅޭ މަލަކާ އަކާ ފަހީމާ އެއްގެ ނުބައިކަން ހާދަ ބޮޑޭ


-4

ހަރީރާ

10-Jul-2020

މަގެ ހަޔާތުގަ ވެސް މަކީ އެެންމެ އަސަރުގަދަ އެންމެ ރީތި މޮަޅު ވާހަކަ އަސްލު ވެސަ ވަރަށް މޮޅު މި ވާހަކަ ގެނެސްދީފައިވށ ގޮރް



ޓްރެންޑިން