މަރިޔަމް ލަމްޙާ ރަޝީދު   18 ޖުލައި 2023 - 15:55
ތިޔަ މަސައްކަތްކުރަމުންދަނީ ވަކި ދުވަހަކަށް ބަނޑު ހިންދައިލެވޭތޯހެއްޔެވެ؟ ބަނޑުހިންދަން މަސައްކަތް ކުރާ ދުވަސްވަރުވެސް ގެއިން ބޭރުން، ހޮޓާ ރެސްޓޯރެންޓްފަދަ ތަންތަނުން ކާހިތުން ކެތްނުކުރެވިގެން އުޅޭމީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށްވެސް ގިނައެވެ. އެހެންނުންތޯއެވެ؟ އެފަދަ މީހުންނަށް މިއޮތީ އަޑުއަހާލަން ބޭނުންވާ ޚަބަރެވެ.

ތެދެކެވެ. ޑައެޓް ކުރަމުންވެސް ރެސްޓޯރަންޓް ފަދަ ތަންތަނުންވެސް ކެވިދާނެއެވެ. އެހެންނަމަވެސް ހުރިހާ އުފަލަކުން މަހުރޫމުނުވެ ޑައެޓުކުރަން ބޭނުންވާނަމަ، ރެސްޓޯރަންޓްތަކަށް ދިޔަޔަސް ކާތަކެއްޗާމެދު ހޭލުންތެރިވެ ތިރީގައި މިބަޔާން ކުރާ ކަންތައްތަކަށް ސަމާލުކަންދީ ކެއުމުގައާއި ކެއުމަށްފަހުގައިވެސް ޢަމަލުކުރުމެވެ.



1. ޕްލޭން ކުރުން

ބައެއް ރެސްޓޯރެންޓްތަކުގެ މެނޫ މިހާރު ފޭސްބުކުންނާއި އެތަންތަނުގެ ވެބްސައިޓުން ލިބޭނެއެވެ. އެހެންކަމުން ތިޔަ ކުރާ ޑައިޓާއި އެކަށީގެންވާ ޞިއްޙަތަށް ފައިދާހުރި އޮޕްޝަންތައް ޚިޔާރުކުރެވިދާނެއެވެ. ގްރިލްކޮށްފައި ނުވަތަ ބޭކްކޮށްފައި ހުންނަ އޮޕްޝަންތަކަކީ ދުޅަހެޔޮ ޞިއްޙަތާއި ރައްޓެހި ބާވަތްތެކެކެވެ. އެހެންކަމުން ކުރީބައިގައި ލިބެންހުރި ކާނާގެ ބާވަތްތައް ބަލައި ޕްލޭންކޮށްލުމަކީ ހައި ކެލޮރީ މެނޫ ފޮތުގެ ތެރެއިން ކާއެއްޗެއް ހޯދުމަށް ނަގާވަގުތު މަދުކޮށްލާނެ ކަމެކެވެ.



2. މެނޫ ކިޔާލައި ޑީކޯޑްކުރުން

ބިޒީކަމުން ކުރީބައިގައި މެނޫ ބަލާނުލެވުނު ނަމަވެސް އަދި މާޔޫސްނުވާށެވެ. އަވަސްއަރުވާލައިގެން އެންމެ ބޮޑަށް މަޝްހޫރު ކެއުން އޯޑަރުކޮށްލުމުގެ ބަދަލުގައި މެނޫގައި ހިމެނޭ ޞިއްޙަތަށް ފައިދާހުރި ބާވަތްތަކަށް ބަލާށެވެ. ފްރައިކޮށްފައި ނުވަތަ ރޯސްޓްކޮށްފައި ހުންނަ ބާވަތްތަކުގެ ބަދަލުގައި ގްރިލްކޮށްފައި ނުވަތަ ސްޓީމްކޮށްފައި ހުރި ބާވަތްތައް ބަލާށެވެ. އަދި ކުކުޅު، މަސް އަދި ޓޯފޫފަދަ ލީން ޕްރޮޓީންގެ ބާވަތްތަކުގެ ކާނާ ހޯދާށެވެ. އަދި ގިނައިން ތަރުކާރީ އެކުލެވޭ ބާވައްތަކަށް އިސްކަންދޭށެވެ. ހައިކެލޮރީ ހުންނަ ބާވަތްތައް ކަމަށްވާ، ކްރީމީ، ފްރައިޑް، ސޯޓޭޑް މިފަދަ ލަފްޒުތަކުން ސިފަކޮށްދީފައި ހުންނަ ބާވަތްތައް އޯޑަރު ކުރުމުން ދުރުވެލާށެވެ. ބޭނުންނަމަ ކުޑަކޮށް ލުއިގޮތެއް ހެދުމަށް ފައިދާހުރި ސޫޕެއްވެސް ޚިޔާރު ކުރެވިދާނެއެވެ.



3. ޕޯޝަން ކޮންޓްރޯލްކުރުން

ގެންނަ ކާތަށި މީރުކަމުން ކާލެވެނީ ކިހާވަރަކަށްކަމެއްވެސް ނޭނގޭ މިންވަރަށް ބައެއް ފަހަރު ކާލެވެއެވެ. މިއީ ތިޔަ ކުރާ ޑައެޓަށް އަސަރުކުރުވައި ކެލޮރީ އިތުރުވާނެ ކަމެކެވެ. އެހެންކަމުން އެކުގައިދާ ކުއްޖާއާއި އޯޑަރުކުރާ އެއްޗެއް ޝެއަރކޮށްލުމަކީ ކުރެވިދާނެކެމެކެވެ. ނުވަތަ ވެއިޓަރުކައިރީގައި ހާފް ޕޯޝަންއަކަށްވެސް އޯޑަރުދެވިދާނެއެވެ. ނުވަތަ ކާންފެށުމުގެ ކުރިން ދެބަޔަކަށް ބަހާލައި ޓޭކްއަވޭއަށް އެއްބައި ހެދިދާނެއެވެ. އޭރުން މާގިނައިން ކެއުމުން ދުރުކޮށްދިނުމަށް އެހީވެދޭނެއެވެ.



4. ސަބްސްޓިޓިއުޓް ކުރެވޭތޯ އެހުން

ކެއުމަށް އޯޑަރުކުރާ ބާވަތުގައި ހިމެނޭ ބައެއް އޮޕްޝަންތައް ފައިދާހުރި އެހެން ބާވަތްތަކަކަށް ބަދަލުކުރެވިދާނެތޯ އަހާށެވެ. މިސާލަކަށް ފްރެންޗް ފްރައިޒްގެ ބަދަލުގައި ސްޓީމްކޮށްފައި ހުންނަ ތަރުކާރީއަށް އޯޑަރުކުރެވިދާނެއެވެ. ނުވަތަ ބާގާއެއްޗެހި އަމިއްލަޔަށް ތައްޔާރުކުރެވޭ އޮޕްޝަންއޮތްނަމަ ބްރެޑް ގެންނައިރު ސޯސްއާއި ޑްރެސިން ސައިޑެއްގައި ގެނުއުމަށް ބުނެވިދާނެއެވެ. އޭރުން ތިބާ ބޭނުންވާ މިންވަރަކަށް ސޯސްއެޅުމުގެ އިޚްތިޔާރުލިބޭނެއެވެ. މިގޮތަށް ކުދިކުދި ބަދަލުގެނައުމުން ބޭރުން ކެއުމުގެ އުފާލިބި އަދި ހަށިގަނޑަށް އެތެރެކުރެވޭ ކެލޮރީ މަދުކުރެވިދާނެއެވެ.

5. ބުއިމަށް ގެންނަ ބާވަތާއިމެދު ސަމާލުވުން

ބުއިމަށް ގެންނަ ބާވަތަކީ އެންމެ ލަހުން ވިރުވައިލެވޭ ކެލޮރީ ހިމެނޭ ބާވަތެވެ. އެހެންކަމުން ހަކުރު ގިނައިން އަޅާފައި ހުންނަ އެކިޒާތްޒާތުގެ ނަންނަންކިޔާ ބުއިންތައް އޯޑަރުކުރުމުގެ ބަދަލުގައި ފެން އޯޑަރުކުރާށެވެ. ނުވަތަ ހަކުރުނާޅާ ސައިތައްޓެއް ޙިޔާރުކުރާށެވެ.

ކެއުމުގައި މިބާޔާންކުރެވުނު ކަންކަމަށް ސަމާލުވެ، ކާއިރު މަޑުމަޑުން ލަސްލަހުންކެއުމާއި ބަނޑުފުރެންދެން ނުކެއުންފަދަ ކެއުމުގެ އާދަތައް އިސްލާހުކުރުމުން ހަށިގަނޑަށް ފައިދާވެ، ކެއުމުގައި ހިތްހަމަޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން