ބަނޑުހަރުވެ ފާޚާނާ ނުކުރެވުމަކީ މުޅި ދުވަހު އުނދަގޫވާ ކަމެކެވެ. އަދި ފާޚާނާ މަތީގައި އެތައް އިރެއް ހޭދަކުރެވި ބަނޑަށް ލުއި ނުލިބި މީހާ ވަރުބަލިކޮށްލާފަހަރުވެސް އާދެއެވެ. އެހެންނުންތޯއެވެ. އެނގޭހެއްޔެވެ؟ މޭވާގެ ގިނަ ބާވަތްތަކުން މިކަމަށް ހައްލު ލިއްބައިދެއެވެ.

ތިރީގައިމިވަނީ ބޮޑުކަމުދާ ނިޒާމްގެ މަސައްކަތްތައް ރެގިއުލޭޓްކޮށްދީ ފާޚާނާ ކުރުމަށް އެހީވެދޭނެ މޭވާގެ ބައެއް ބާވަތްތަކެވެ.

1. ފަޅޯ

ފަޅޮލަކީ ވަރަށް ފަސޭހައިން ލިބެންހުންނަ އެހައިމެ މީރު މޭވާއެކެވެ. ފަޅޮލުގައި ހުންނަ ޕަޕައިން ކިޔާ އެންޒައިމްއަކީ ޕްރޮޓީން ކުދިކޮށް، ހަޖަމުކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ފަޅޮލުގައި ސޮލިއުބަލް އަދި އަންސޮލިއުބަލް ދެބާވަތުގެ ފައިބަރ ހިމެނުމުން ބޮޑުކަމުދާތަކެތި ދައުރުވެ ބަނޑު ހުސްކޮށްލަން ފަސޭހަކޮށްދެއެވެ. މީގެ އިތުރުން ފަޅޮލުގައި މިމާއްދާތަކާއިއެކު، ގިނައިން ފެނުގެ މިންވަރު އެކުލެވިފައި ހުރުމުން ބޮޑުކަމުދާތަކެތި މާބޮޑަށް ހަރުވުމުން ސަލާމަތްކޮށްދީ ބަނޑު ހުސްކުރަން ފަސޭހަވެއެވެ.

2. އޮރެންޖު

އޮރެންޖަކީ ވިޓަމިން ސީ ގިނައިން އެކުލެވޭ ހަންގަނޑާއ ދިފާއީ ނިޒާމަށް ފައިދާކުރަނިމި މޭވާއެކެވެ. އަދި މީގެ އިތުރުމުން މިއީ ބޮޑުކަމުދާ ނިޒާމުގައިވެސް އެހީތެރިވެދޭ މުހިންމު މޭވާއެކެވެ. މިގޮތުން އޮރެންޖުގައި ހިމެނޭ ކުޑަކަމުދާތަކެތި ދިޔައިކޮށްލާ ސޮލިއުބަލް ފައިބާއެއް ކަމުގައިވާ ޕެކްޓިން ނަމަކަށްކިޔާ މާއްދާއަކީ ފެން އެބްޒޯބްކޮށް ހަޖަމުވަމުންދާ ކާތަކެތި ޖެލްވައްތަރުގެ އެއްޗަކަށް ބަދަލުކޮށްދޭ މާއްދާއެކެވެ. މީގެ ސަބަބުން ބޮޑުކަމުދާތަކެތި ހަރުވުމުން ސަލާމަތްކޮށްދީ ފަސޭހައިން ފާޚާނާކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން އޮރެންޖުގައި ހިމެނޭ ޤުދުރަތީ ހަކުރުގެ މާއްދާއަކީވެސް ބަނޑުހުސްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

3. ދޮންކެޔޮ

ރާއްޖޭގައި އެންމެ ގިނައިން ހެއްދޭ އެއްބާވަތުގެ މޭވާއަކީ ދޮންކޭލެވެ. ދޮންކޭލުގައި ފައިބަރ ގިނައަދަދަކަށް އެކުލެވިގެންވެއެވެ. ފައިބަރއަކީ ހަޖަމުކުރުމަށް ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާއެކެވެ. މި މޭވާގައި ސޮލިއުބަލް އަދި އިންސޮލިއުބަލް ފައިބާ އެކުލެވިގެންވެއެވެ. ސޮލިއުބަލް ފައިބާއަކީ ބަނޑުގައިވާ ކާތަކެތިން ފެން އެބްޒޯބްކޮށް ހަރުކޮށްދޭ ފައިބަރއެކެވެ. އަދި އިންސޮލިއުބަލް ފައިބާއަކީ ބޮޑުކަމުދާ ތަކެތި ދިޔައިކޮށްދޭ އެއްޗެކެވެ. އެހެންކަމުން ދެވައްތަރުގެ ފައިބާއެކުލެވުމުން، ބަނޑުހުސްކޮށްލައި ފަސޭހައިން ފާޚާނާކުރުމަށް ބޭނުންވާ ގޮތަށް ކާތަކެތި ހަޖަމުވެއެވެ. މީގެއިތުރުން ދޮންކޭލުގައި ހިމެނޭ ފްރުކްޓޯޒްއަކީ ގޮހޮރުގައި ކާތަކެތި ހަޖަމުކުރުމަށް ދަތުރުކުރުމަށް އެހީވެދޭ އެއްޗެކެވެ.

4. އާފަލު

އާފަލަކީ ސޮލިއުބަލް އަދި އިންސޮލިއުބަލް، ދެވައްތަރުގެ ފައިބާ އެކުލެވޭ މޭވާއެކެވެ. ސޮލިއުބަލް ފައިބާގެ ސަބަބުން ކާތަކެތިން ފެން އެބްޒޯބްކޮށް ޖެލީ ވައްތަރަށް ކާތަކެތި ހަޖަމުކުރެއެވެ. އަދި އާފަލު ތޮށީގައި އެކުލެވޭ އިންސޮލިއުބަލް ފައިބާއިން ބަނޑު ދިޔާކޮށްދެއެވެ. އެހެންކަމުން މިދެބައި އެއްވުމުން ބަނޑުގައި ހުންނަ ކާތަކެތި ފަސޭހައިން ދައުރުވާ ފަދަ ކޮންސިސްޓެންސީއެއް ހުރެއެވެ. އަދި ފަސޭހައިން ފާޚާނާ ކުރުމަށް އެހީތެރިވެދެއެވެ.

5. ކިވީ

ކިވީއަކީ ފައިބަރއާއި ވިޓަމިން އަދި މިނަރަލްސްތައް ގިނައިން އެކުލެވޭ ހަށިގަނޑަށް ނުހަނު ފައިދާހުރި މޭވާގެ ބާވަތެކެވެ. މިމޭވާގައިވެސް ސޮލިއުބަލްއާއި އިންސޮލިއުބަލް ފައިބަރ އެކުލެވެއެވެ. އެހެންކަމުން މިއީވެސް ހަށިގަނޑަށް ކާތަކެތި ރަނގަޅަށް ހަޖަމުކޮށްދީ އަދި ފަސޭހައިން ފާޚާނާކުރުމަށް އެހީތެރިވެދޭނެ ބާވަތެކެވެ. މީގެއިތުރުން ކިވީގައި އެކްޓިނިޑިން ކިޔާ ބަނޑުހަރުވުމުން ސަލާމަތްކޮށްދޭ އެންޒައިމްއެއްވެސް އެކުލެވިގެންވެއެވެ.

6. ޕިއާޒު

ޕިޔާޒްއަކީ ފައިބަރ ހިމެނޭ މިންވަރު އިތުރު އަދި ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކަށް ހައްލުހޯދުމަށް ޑޮކްޓަރުންނާއި ޑައިޓީޝަނުން ލަފާދެއްވާ މޭވާގެ ބާވަތެކެވެ. މިލިސްޓުގައި ހިމެނޭ ގިނަ ބާވަތްތައް ފަދައިން މިބާވަތުގައިވެސް ސޮލިއުބަލްއާއި އިންސޮލިއުބަލް ފައިބާއެކުލެވެއެވެ. އެހެންކަމުން ބަނޑުހުސްކޮށްލުމަށް އެހީތެރިވެދޭ ބާވަތެއްކަމުގައި ޕީއާޒުވެސް ވެގެންދެއެވެ. އަދި ޕިއާޒުގައި ފެން އެކުލެވޭ މިންވަރު ގިނަވުމުން ހައިޑްރޭޓްކޮށްދީ ބަނޑު ދިޔައިކުރުމަށްވެސް އެހީތެރިވެދެއެވެ.



7. ތީނި

ތީނި ނުވަތަ ފިގަކީ ޤުރުޢާނުގައި ނަންގަނެވިފައިވާ މޭވާގެ ބާވަތެކެވެ. އަދި މިއީ ޒަމާނުއްސުރެ ބަނޑުހަރުވުމުގެ މައްސަލައަށް ހައްލުހޯދުމަށް މީހުން ބޭނުންކުރަމުންއައި މޭވާއެކެވެ. މިމޭވާގައި ފައިބަރގެ މިންވަރުވެސް ގިނައެވެ. ވަކިން ޚާއްސަކޮށް ބަނޑުގައި ހުންނަ ކާތަކެތި ދިޔާކޮށްދޭ އިންސޮލިއުބަލް ފައިބަރ ތީނީގައި ގިނައިން އެކުލެވިގެންވެއެވެ. އަދި ޤުދުރަތީ 'ލެކްސްޓޭޓިވް' ނުވަތަ ބަނޑުދިޔާކޮށްދޭ މާއްދާއެއް ކަމުގައިވާ ސޯބިޓޯލް ކިޔާ މާއްދާއެއްވެސް މިމޭވާގައި އެކުލެވިގެންވެއެވެ. އަދި މިއީވެސް ފެން ގިނައިން އެކުލެވޭ ބާވަތަކަށްވުމުން ފަސޭހައިން ފާޚާނާ ކުރުމަށްވެސް އެހީތެރިވެދެއެވެ.

މިބާވަތްތައް، ކެއުމުގައި ބޭނުންކުރާއިރު ފްރެޝް ޖޫސްގެ ގޮތުގައި ނުވަތަ ހުހާ ކެއުމަކީ އެންމެ ރަނގަޅުގޮތެވެ. އަދި ބަނޑުދިޔައިކުރުމަށް ބޭނުންވާނަމަ މިމޭވާތައް ކެއުމުގެ އިތުރުން ރަނގަޅަށް ފެން ބުއިމަށްވެސް ސަމާލުކަންދޭށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން