މަރިޔަމް ލަމްޙާ ރަޝީދު   23 ޖުލައި 2023 - 11:57
ވަނދުކޭލަކީ ހަކުރު ހިމެނޭ ނިންވަރު ނުވަތަ ގްލައިސީމިކް އިންޑެކްސް ކުޑަ މޭވާއެކެވެ.
ވަނދުކޭލަކީ ހަކުރު ހިމެނޭ ނިންވަރު ނުވަތަ ގްލައިސީމިކް އިންޑެކްސް ކުޑަ މޭވާއެކެވެ.
ދޮންކޭލަކީ ވަރަށް މީރު އަދި ރާއްޖޭގައި ގިނައިން ހެއްދޭ ބާވަތެކެވެ. އަދި މިއީ ވިޓަމިންސްއާއި މިނަރަލްސް ގިނަ ބާވަތެއްވެސް މެއެވެ. ގިނަ މީހުން ދޮންކެޔޮ ކައި އުޅެނީ އެއްކޮށް ދޮންވީމައި ކަމުގައިވިޔަސް ވަނދުކޭލަކީވެސް ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ.

ދޮންކެޔޮ އެއްކޮށް ދޮންނުވަނީސް ކެއުމުން ބަރުދަން ލުއިވުމަށް އެހީތެރިވެދީ ހަކުރު ކޮންޓްރޯލް ކުރުމަށްވެސް އެހީތެރިވެދެއެވެ.

އިންޑިއާ ޑޮޓް ކޮމް ނޫހުގައި ނިއުޓްރިޝަނިސްޓް ލަވްނީތު ބަތުރާ މައުލޫމާތު ދީފައިވާ ގޮތުގައި ހަފްތާއަކު 3 ނޫނީ 2 ވަނދު ކެޔޮ ކެއުމަކީ ބަރުދަން ލުއިކޮށްދޭނެ ކަމެކެވެ. ތިރީގައިމިވަނީ ވަނދުކޭލުން ލިއްބައިދޭ ފައިދާތަކެވެ.

1. ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުން

ކާނާގެ ބާވަތްތަކުގެ ތެރެއިން ވަނދުކޭލަކީ ފެނޮލިކްސް ކޮމްޕައުންޑް އެންމެ ގިނައިން އެކުލެވޭ އެއްބާވަތެވެ. މިކޮމްޕައުންޑްގެ ސަބަބުން ހަށިގަނޑުގައި ބެކްޓީރިއާއާއި ފަންގަސްއާއި ދެކޮޅަށް މަސައްކަތްކުރާ ފައިޓޯ ކެމިކަލް ރިލީސްކޮށްދެއެވެ.

2. ހިތުގެ ދުޅަހެއުކަން

ވަނދުކޭލަކީ ހިތުގެ ދުޅަހެއުކަމަށް ބޭނުންވާ ނިއުޓްރިއެންޓްސްވެސް ލިއްބައިދޭ މޭވާއެކެވެ. ޕޮޓޭސިއަމް ގިނައިން ލިއްބައިދޭ މިބާވަތަކީ ހިތުގެ މަސްތައް ކޮންޓްރެކްޓްވެ ލޭދައުރުވުމަށް އެހީތެރިވެދީ ހިތުގެ ހިނގުން ނުވަތަ ރިދަމް މެއިންޓެއިން ކޮށްދޭ އެއްޗެކެވެ.

3. ހަކުރު ބަލި ކޮންޓްރޯލް ކޮށްދިނުން

ވަނދުކޭލުގައި ހުންނަ ޕެކްޓިން ރެސިސްޓެންޓް ސްޓާޗްއަކީ ކެއުމަށްފަހު ވަނދުކޭލެއް ކެއުމުން ހަކުރު ލެވަލް ކޮންޓްރޯލްކޮށްދޭނެ އެއްޗެކެވެ. ވަނދުކޭލަކީ ހަކުރު ހިމެނޭ މިންވަރު ނުވަތަ ގްލައިސީމިކް އިންޑެކްސްވެސް ކުޑަ މޭވާއެއްކަމުން މިއީ ހަކުރު ބަލި ހުންނަ މީހުން ކެއުމަށް ރަނގަޅު މޭވާއެކެވެ.

4. އެންޓިއޮކްސިޑެންޓްސް

ވަނދުކޭލުގައި އެންޓިއޮކްސިޑެންޓްސް ހިމެނޭ މިންވަރު ގިނަވުމުން މިއީ ހަށިގަނޑުގައި ދައުރުވާ ގެއްލުންދެނިވި ފްރީ ރެޑިކަލްސް ދުއްވާލައި ސެލްތަކުގެ ސިއްޙަތު ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެއްކަމުގައިވެއެވެ. އަދި މިމޭވާގައި ހިމެނޭ ވިޓަމިން ސީ، ބީޓާ ކެރޮޓިން، ލޫޓެއިން އާއި ޒީޒަންތިން ކިޔާ ފައިޓޯނިއުޓްރިއަންޓްސްއަކީ އިންފްލެމޭޝަންވެސް ދަށްކޮށްދޭ މާއްދާތަކެކެވެ.

5. ބަރުދަން ލުއިކޮށްދިނުން

ވަނދުކޭލުގައި ސްޓާޗްއާއި ޕެކްޓިންފަދަ ފައިބަރތައް ހިމެނުމުން މިއީ އަވަހަށް ބަނޑު ފުރޭ އިހުސާސްކޮށްދޭ މޭވާއެއްކަމުގައިވެއެވެ. އެހެންކަމުން މިއީ ބަރުދަން ލުއިކޮށްލުމަށްވެސް އެހީތެރިވެދޭނެ މޭވާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން